Support Us

ކޮލަމް: އޮލަނބު

އޮތީ އަނދިރި އެންމެ ދައުލަތެއްތަ؟

މުޖުތަމައެއްގެ ހަމަޖެހުމާއި އަމަންއަމާންކަން ބިނާވަނީ އެތަނެއްގައި ދިރިއުޅޭ އާންމު ރައްޔިތުންގެ މިނިވަންކަމާއި ހަމަހަމަކަމުގެ މައްޗަށެވެ. ފަރުދުންެ މެދުގައި ތަފާތުކުރުމެއް ނެތް ކުށްމަދު މުޖުތަމައެއް ބިނާކުރުމަށްޓަކައި އެތަނެއްގައި ފުރިހަމަ އަދުލުއިންސާފެއް ޤާއިމުކުރުމަކީ ލާޒިމު ކަމެކެވެ. އަހަރުމެންގެ މިކުޑަކުޑަ ރާއްޖެއަކީ އެއްބައިވަންތަކަމާއި އެކުވެރިކަމުގައި ދުނިޔެއަށް ނަމޫނާ ދައްކަމުން އައި ބަޔެކެވެ. ސުލްހަމަސަލަސްކަމާއި އަމާންކަމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ޤައުމެކެވެ. އެހެނަސް އެ ތަސްވީރުގެ ކުލަ މިއަދު މިވަނީ ވަރަށް ބޮޑަށް ފަނޑުވާން ފަށާފައެވެ. ސަބަބެއް ކަމަށް އިސްވެރިން ބުނާތީ އަޑުއިވެނީ ހަރުކަށި ފިކުރެއްގެ ވާހަކައެވެ. ހައްދުފަހަނައެޅި އަނދިރި ދައުލަތެއްގެ ވާހަކައެވެ. ހިތުގައި އުފެދޭ ސުވާލަކީ މި އަނދިރި ދައުލަތަކީ ކޮބައިތޯއެވެ؟ އަދި ހަރުކަށި ކިތައް ފިކުރު މިކުޑަ މުޖުތަމައުގައި އެބައޮތްތޯއެވެ؟

އަނދިރި ދައުލަތެކޭ ކިޔެނީ އަޑި ނޭނގޭ، ނުރައްކާތެރި ބޮޑެތި ނެޓްވޯކުތަކަށެވެ. މިކަހަލަ ނެޓްވޯކުތަކުގެ ބޮޑުންނަށް މިނިވަންކަމާ އެކު އުޅުމުގެ ފުރުސަތު ފަހިވެފައި އޮންނަނީ ކޮންމެވެސް ހިސާބަކުން، ޤައުމުގައި ބަސްވިކޭ ނުފޫޒު ގަދަ ފަރާތްތަކުގެ ހިމާޔަތް ލިބިފައި އޮންނާތީއެވެ. ހަރުކަށިކަމާއި ހައްދުފަހަނައަޅާ ދިޔުމަކީ މުޖުތަމައެއްގެ ހަލާކުކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މިފަދަ އަނިޔާވެރި ފިކުރުތަކުގެ މީހުން ހިފާ ހައްޔަރުކޮށް ހަރުކަށި އަދަބު ނުދެވޭނަމަ މިބިރުވެރިކަމުން ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެއެވެ. މިދުވަސްވަރަކީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރާ ދެކޮޅަށް ނުހަނު ބޮޑެތި މަސައްކަތްތަކެއް ކުރެވޭ ދުވަސްވަރެކެވެ. މަޖިލީހުގެ ތަޅުމުގައާއި އަމަން ބަލަހައްޓާ މުއައްސަސާތަކުގެ ނަޒަރު މިވަގުތު ހުއްޓިފައި ހުރީ މިކަމަށެވެ. ދެން އުފެދޭ ސުވާލަކީ ހަރުކަށި ފިކުރަކަށް އޮތީ ދީނީގޮތުން ހައްދުފަހަނަ އަޅާ ދިއުން އެކަނިތޯއެވެ؟ ކަމައެކަނި މިމަގުން މަސައްކަތް ކޮށްގެން އަލިމަގެއް ފެންނަން އެބައޮތްތޯއެވެ؟ ޖަވާބު ވަރަށް ކުރުވެފައި ސާފެވެ. ޖަވާބަކީ ނޫނެކެވެ.

ޤަބޫލުކުރަން ކިތަންމެ ދަތިވިއަސް އަހަރުމެންގެ މުޖުތަމައުގައި އިސްލާމްދީނާއި ދެކޮޅުވެރި ފިކުރުގެ ހައްދުފަހަނަ އެޅި "މިނިވަން ފިކުރު"ގެ ބަޔަކުވަނީ ވަކިހިއްޕާލާފައެވެ. އެބައިމީހުންގެ ގޮވާލުމަކީ އިސްލާމީ ޝަރީއަތާ ޚިލާފު އިސްލާމަކަމާ ދެކޮޅުވެެރި ގޮވާލުމެކެވެ. އެބައިމީހުން ސީދާ ގޮތެއްގައްޔާއި ނުސީދާ ގޮތެއްގައި ދީނަށް ފުރައްސާރަކުރަމުން ދާއިރުވެސް މިކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތައްވަނީ ނުކުޅެދިފައެވެ. މިކަމުން ސާފުވަނީ މިފިކުރުގެ މުގުލުގައި ވަރުގަދަ، ނުފޫޒުގަދަ ބަޔަކު ތިބިކަމެވެ. އިސްރާއާއި މިއުރާޖުގެ ވާހަކައަކީ ފުލޯކެއް ކަމަށް ބުނެ، އަހަރުމެންގެ ކީރިތި ރަސޫލާ ﷺ އަށް ބޮޑެތި ފުރައްސާރަކޮށް ނެރުނު އެމްޑީއެންގެ ލާދީނީ ރިޕޯޓުގެ މައްސަލައިގަވެސް ކުށްވެރިވީ ޖަމިއްޔާގެ ނަމެވެ. އުތެމަ ކިޔާ ޖަމިއްޔާއަކުންވެސް ވަނީ ބިރުގަންނަން ޖެހޭވަރުގެ ލާދީނީ ވާހަކަތަކެއް ހިމަނޭ ރިޕޯޓެއް އާންމުކޮށްފައެވެ. އެމްޑީއެންގެ ބޮޑުންގެ ގޮތުގައި މަސައްކަތްކުރި މީހުން މިއަދު ތިބީ ބޮޑެތި މަޤާމުތަކުގައެވެ. ޓުވިޓަރ ފަދަ ސޯޝަލް މީޑިޔާތަކުގައި އެބައިމީހުން ހާލި ހަދައިގެން ތިބެ ކެނޑިނޭޅި އިސްލާމްދީނަށް ހަޖޫޖަހަމުންދާއިރުވެސް ކުރެވޭ ހަމަ އެއް ކަމެއްވެސް ނެތެވެ. އަހަރުމެންގެ ދީނަށާއި ލޮބުވެތި މާތް ނަބިއްޔާއަށް ފުރައްސާރަކުރާ ބަޔަކަށްވުރެ ހަރުކަށި އެހެން ބަޔަކު ވާނެތޯއެވެ؟ މިސުވާލުގެ ޖަވާބުގައިވެސް ހޫރުވާލަން ޖެހެނީ ބޮލެވެ.

ދެން އޮތީ ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދާ މަސްތުވާތަކެތީގެ ނެޓްވޯކުތަކުގެ ވެރިކަން ކުރާ ގޭންގުތަކުގެ ވާހަކައެވެ. މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ނުހަނު ފުޅާކޮށް ހިންގާ އެތައް ނެޓްވޯކެއް މީގެ ކުރީގައިވެސް ފުލުހުން ހޯދާފައިވެއެވެ. އެހެނަސް މައްސަލަތައް ނިމިގެން ދަނީ ފަނުފުލުންނެވެ. "ރިސްކް" ނަގާ ޒުވާނަކު ނުވަތަ ދެތިން ޒުވާނަކު ޤުރުބާން ކޮއްލުމަށްފަހު ބޮޑެތިން ސަލާމަތްވެއެވެ. ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މައްސަލަތަކުގެ ސަބަބުން ގޭންގުތަކުގެ މެދުގައި ސިލްސިލާ ހަނގުރާމަކުރެވިފައި އެބަހުއްޓެވެ. މި ހަނގުރާމަތަކުގައި އެތައް ބަޔަކު ކަތިލައިފައި ވަނީ މަގުތައްމަތީގައި މީހުންނާއި ސީސީޓީވީ ކެމެރާތައް ކުރިމަތީގައެވެ. އެހެންނަމަވެސް މިފަދަ މައްސަލަތަކަށްވެސް އިންސާފުގެ އަތްފޯރާ ކަމަކަށް ނުވެއެވެ. ކޮށާ ކުދިކޮށްލެވުނު އެތައް ޒުވާނެއްގެ މައިންބަފައިން ތިބީ މިއަދުވެސް ރޯލަރޯލައެވެ. އިންސާފަށް އެދި ކަރުހިތްކައިގަނެފައެވެ. ރޯމާ ދުވާލު ޖެހިލުމެއް ނެތި މަގުތައް މައްޗަށް އެތައް ބަޔަކު މަރާ ވައްޓާލާއިރު ގޭންގުތަކުގެ އަޑި ކޮނެލެވޭވަރުގެ މުއައްސަސާއެއް ނުވަތަ ވެރިޔަކު ނެތެވެ. ވައްކަމާއި ފޭރުމާއި ޖިންސީ އަނިޔާއާއި ގެވެށި އަނިޔާ ފަދަ ބޮޑެތި މައްސަލަތަކުގެ އަސްލު ކަމުގައިވާ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުން ހަރުކަށި ފިކުރަކަށް ނުވޭތޯއެވެ؟ ބިރެއްނެތި މީހުންގެ ފުރާނަ ދުއްވާލާ މާރަމާރީ ހިންގުން ހައްދުފަހަނަ އަޅާ ދިއުމަކަށް ނުވޭތޯއެވެ؟ ނޫނެކެވެ! މީވެސް ކަނޑައެޅިގެން ސަރުކާރުތަކުގެ ލޮލަށް ނުފެންނަ އަނދިރި ދައުލަތެކެވެ.

އެންމެފަހު ކަމަކަށް އޮތީ ދޫކޮށްލާ ވަރަށްވުރެ ނުރައްކާތެރި ފިކުރެއްގެ ވާހަކައެވެ. މީ މުޖުތަމައުގައި ހުރި ހުރިހާ ނުބައެއްގެ އަސްލެވެ. މީ މަކަރުވެރިކަމާއި ހީލަތްތެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ ބައެއްގެ ވާހަކައެވެ. ރައްޔިތުންގެ ހެވާއި ލާބައަށް ކަމަށް ބުނެ ލޯތަކަށް އޮޅުވާލައިގެން މިއުޅޭ ސިޔާސީންގެ ވާހަކައެވެ. މިބައިމީހުން ޕާޓީތަކެއް ހަދައި ރައްޔިތުންގެ މެދުގައި އޮތް އަޚުވަންތަކަން ނަގާލައިފިއެވެ. ސިޔާސަތުތަކުގެ އަވާގައި ޖައްސާ އާއިލާތަކުގެ ތެރޭގައި ފިތުނަ އުފައްދާ ރަހިމުގެ ގުޅުންތައް ކަނޑުވާލައިފިއެވެ. މިބައިމީހުންގެ ފިކުރަކީ މީހުން ވާވެއްދުމެވެ. ތިމާމެންގެ ޕާޓީގެ ސިޔާސަތުތައް ނޫން އެހެން ގޮތެއް ޤަބޫލުކުރާ މީހުންގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލައި ނަފުރަތު އުފެއްދުމަކީ މި ފިކުރުގެ މީހުންނަށް ފެންފޮދެއް ބޯލުން ފަދަ ކަމެކެވެ. މިއަދާއި ހަމައަށްވެސް ހަޤީގަތް ހޯދިފައިނުވާ ސިޔާސީ އެކިއެކި ސިއްރުތައް ފޮރުވުމަށްޓަކައި މީހުންގެ ފުރާނަ ދުއްވާލާފައި އެބަހުއްޓެވެ. ވީނުވީއެއް ނޭނގި މީހުން ގެއްލުވާލާފައި އެބަހުއްޓެވެ. މި ފިކުރުގެ ނުރައްކާތެރިކަމަކީ ޤައުމުގެ ހުންގާނުގައި އަބަދުވެސް ތިބެނީ މިމީހުން ކަމަށްވުމެވެ. އެކިފަހަރު އެކި ކުލައިގައެވެ. މިބައިމީހުން އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ރައްޔިތުންގެ ރައުސުލްމާލުން ވައްކަން ކުރެއެވެ. އިސްވެ ދެންނެވުނު ހުރިހާ ފިކުރެެއްގެ ޗާޓު ކުރަހާ ނިންމާލަން ޖެހެނީ މި ސިޔާސީ ވެރިންނާއި ހަމައިންނެވެ. މި ހުރިހާ ކަމެއް އެނގި ތިބެވެސް ސިޔާސީ ވަބާގައި ޖެހިފައި ތިބި ރައްޔިތުންނަށް ހަމަ ޗުއްޕުވެސް ބުނެލަން ނުކެރޭ ވަރަށް އެމީހުން ތިބެނީ ވާވަދެފައެވެ. ޕާޓީ ފިކުރުގެ ރައްޔިތުންނަށް ހަމައެކަނި އޮންނަނީ އިދިކޮޅު ޕާޓީއަށް އެއްޗެތި ގޮވުމާއި ޒުވާބުކުރުމާއި ވެރިން އަންގާ ގޮތަކަށް އަޅުވެތިވެގެން މަގުތައް މަތީގައި މުޒާހަރާ ކުރުމެވެ. ކޮންމެ ވެރިކަމެއްވެސް ނިމިގެންދާއިރު ހުރިހާ ޤުރުބާނީއެއްވާ ރައްޔިތު މީހާ ހުންނަނީ އިހު ހުރި ހާލުގައި ނިކަމެތިކަން މަތީގައެވެ. ދައުރު ނިންމާލާފައި ސިޔާސީން ދަނީ އެމީހުންގެ ޖީބުތައް ފުރާލައިގެންނެވެ. އެތައް މިލިއަނަކުން ރައްޔިތުންނަށް ދަރާފައިވާ މި ފިތުނަވެރި ފިކުރު ހަރުކަށި ފިކުރަކަށް ނުވޭތޯއެވެ؟ މީ ހައްދުފަހަނަ އެޅުން ކަމުގައި ނުވާނަމަ ދެން ހައްދުފަހަނަ އެޅުމަކީ ފަހެ ކޮބާހެއްޔެވެ؟

މިކަންކަން މިހާ ސާފުކޮށް ފެންނަން އޮއްވާ ހަރުކަށި ފިކުރަކީ އެންމެ ފިކުރެކޭ ބުނެ ނިންމާނުލާށެވެ. އަނިޔާވެރިކަމާއި ހައްދުފަހަނައެޅުމުން އެެއްކިބާވެފައިވާ ސުލްހަވެރި އުފާވެރި މުޖުތަމައެއް ބިނާކުރެވޭނީ މި ހުރިހާ ފިކުރުތަކަކުންވެސް ސަލާމަތްވެވިގެންނެވެ. ލާދީނިއްޔަތަށް ނޫނެކޭ ބުނެ ދީނީގޮތުން ހައްދުފަހަނައަޅައި ދިއުމަށް އޮތް ދޮރުތައް ބަންދުކުރެވިގެންނެވެ. ސިޔާސީ އަޅުވެރިކަމުން މިނިވަންވެ ގޭންގުތަކާއި ދެކޮޅަށް ރައްޔިތުން މަސައްކަތް ކޮށްގެންނެވެ. އެކިއިރު އެކި ކޮޅުކޮޅަށް ހުންގާނު އަނބުރާ އޮޑިއެއްގައި ދަތުރުކޮށްގެން ދުވަހަކުވެސް އަމާން ބަނދަރަކަށް ވާސިލު ނުވެވޭނެއެވެ. ހަޤީޤީ ހިތްހަމަޖެހުމާއި އިންސާފު ލިބޭނީ އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފައިގެންނެވެ. ފުރިހަމަ އަދުލު އިންސާފެއް ޤާއިމު ކުރެވޭނީ އިސްލާމީ ޝަރީއަތް ތަންފީޒުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
194121

7 Responses

  1. މުޙައްމަދު ޝަހުޒާން، ވަރަށް ބޮޑު ހަގީގަތެއް! ޕްލީޒް ކީޕް ރައިޓިންގ! ވީ ވިލް ރީޑް އެންޑް ފޮލޯ ޔޫ! ތޭންކް ޔޫ!

  2. ދިވެހިރާއްޖެ އަބަދުވެސް އޮންނަންވާނީ އުތީމް ބޮޑުތަކުރުފާނު ޤައުމު ބިނާކުރި ޕުރިންސިޕަލް މަތީގައި ދިވެހިން އެޕުރިންސިޕަލް ކުރިއަރުވަން މަސައްކަތްވެސް ކުރަންޖެހޭނެ.
    އުތީމް ބޮޑުތަކުރުފާނު ޕުރިންސިޕަލް :
    1/ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން.
    2/ ދިވެހިންނަކީ ސުންނީ މުސްލިމުން.
    3/ ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިލު އިސްލާމީ ޤައުމެއް.
    4/ ދިވެހިންގެ ބަހަކީ ޢަރަބިތާނަ ދިވެހިބަސް.

  3. ްކިތައްމެ ބައެއްގެ ދުލުން ބުނަން މިއަދު ބޭނުންވާ ވާހަކައެއް. ތީ އަސްުލު ހަގީގަތ.

    1. ވަރަށް ފުރިހަމަ! ވަރަށް ރަނގަޅު ބުރަދަންހުރި ވާހަކަތަކެއް. ����

  4. ވަރަށް ފުރިހަމަ ލިޔުމެއް. އަނދިރި ދައުލަތަކީ ވަކި ބައެއްކަން ދައްކަން މީހަކު ނުވަތަ ބަޔަކު މަސައްކަތް ކުރަނީ އެމީހުންގެ އަޑި ނޭނގޭ އެހެނަސް އެނގެމުންދާ އަނދިރި ދައުލަތުގެ ޙަޤީޤަތް ރައްޔިތުންނަށް އެނގުނަ ނުދޭން. އަންނި އޭ ސީޕީ ހަމީދޭ ކިޔައިގެން އުފާ ބުނި އެއްޗެއް ވެސް ހަނދާން ކޮށްލުން ރަނގަޅު

  5. އެހެނަސް އެ ތަސްވީރުގެ ކުލަ މިއަދު މިވަނީ ވަރަށް ބޮޑަށް ފަނޑުވާން ފަށާފައެވެ. މި އަށްވުރެ މާބޮޑުވެފައި. ފަނޑުކޮށް ގެއްލުވާލައިފި

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *