Support Us

ރިކީ އޭނާގެ ކޮފީ ޝޮޕްގެ ޖޯލީގައި އިނދެގެން ކޮފީއެއް ބޯލަނީ  -އަދިވެސް ފޮޓޯ:

މިއީ ކޮން ކަހަލަ އަޖައިބެއް؟ ހަ ބުރީގެ ސްޓެލްކޯ މަތިން ވެއްޓި ކުޑަ ޒަޚަމެއް، ހަ ފޫޓުގެ ހަރުގަނޑަކުން ވެއްޓި ބޮޑު ޒަޚަމެއް

އެއީ ކޮން ފަދަ ބޮޑު އަޖަައިބެއްހެޔެވެ؟ މީގެ 18 އަހަރު ކުރިން، އޭނާ ބިންމައްޗަށް ވެއްޓުނީ ސްޓެލްކޯގެ ހަ ބުރި އިމާރާތުގެ އެންމެ މަތިންނެވެ. އެކަމަކު ކުދިކުދި ޒަޚަމްތަކަކާއެކު ސަލާމަތްވިއެވެ. ނިތްކުރިން ތަންކޮޅެއް ފަޅައިގެން ދިއުމާއި ބުރަކަށިން ތަންކޮޅެއް ހަލާކުވުން ނޫން ކަމެއް އެ ދުވަހަކު ނުވެއެވެ. އެކަމަކު، އޭގެ 18 އަހަރު ފަހުން، ހަ ފޫޓުގެ ހަރުގަނޑަކުން ވެއްޓި، ދެ އަތް ބިނދި، މީހާ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

ރިކީ އޭނާގެ ކޮފީ ޝޮޕްގެ ޖޯލީގައި އިނދެގެން ކޮފީއެއް ބޯލަނީ  -އަދިވެސް ފޮޓޯ:

ނ. ވެލިދުއަށް އުފަން އަބްދުﷲ އިސްމާއީލް، 46، (ރިކީ) އަކީ އިމާރާތްތަކުގައި ކުލަ ލުމާއި، ޕުޓީ އެޅުމާއި ޓެކްސްޗަރ ހެދުމާއި ވޯޓަރޕްރޫފިން އަދި ޑެކަރޭޓިންގެ މަސައްކަތް ކުރުމުގައި ރާއްޖޭގައި އެންމެ މަޝްހޫރު އެކަކެވެ. "ފައިނަލް ޓަޗް"ގެ ނަމުގައި 2001 ގައި ލިޔެލި ކުޑަކުޑަ ނަމެއް، މިހާރު ވަނީ "ފައިނަލް ޓަޗް ޕްރައިވެޓް ލިމިޓެޑްގެ" ނަމުގައި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، ވިޔަފާރި ފުޅާކޮށްފައެވެ. 

(އަބްދުﷲ އިސްމާއީލަށް ރިކީ ކިޔަނީ، އޭނާ ޒުވާން ދުވަސްވަރު، މަޝްހޫރު ލަވަކިއުންތެރިޔާ ރިކީ މާޓިންއާ އޭނާ ވައްތަރު ކަމުންނޭ ބުނެ އޭނާގެ ރައްޓެހިންނެވެ. މިހާރު އޭނާ އަށް އެންމެން ވެސް ކިޔަނީ ރިކީއެވެ.)

ފާއިތުވީ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި 587 ޕްރޮޖެކްޓުގައި "ފައިނަލް ޓަޗް" އިން ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި ގާކޮށި ފްލެޓާއި އޭޑީކޭ ޓަވަރާއި ސްޓެލްކޯ ހެޑް އޮފީހާއި އޭޑީކޭ ބިލްޑިންގާއި ޗަމްޕާ ސެންޓްރަލް ހޮޓެލާއި ޝަހީދު ހުސެއިން އާދަމް ބިލްޑިންގާއި އިސްލާމީ މަރުކަޒާއި ޓެލެކޮމް ބިލްޑިންގާއި އެމް.ޕީ.އެލް ހެޑް އޮފީހާއި ކަސްޓަމްސް އިމާރާތާއި އިސްކަންދަރު ޕޮލިސް ބިލްޑިންގު ފަދަ އެތައް އެތައް ތަނެއް ހިމެނެއެވެ. މިހާރު ވެސް ގިނަ ޕްރޮޖެކްޓް ތަކެއްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި 14 ބުރީގެ ނަސަންދުރާ ބިލްޑިންގާއި ހުޅުމާލޭގައި އެންސިސް އިން ހަދާ 10 ބުރީގެ "އައިރާ" ދެ ޓަވަރު ހިމެނެއެވެ.

ކުންފުނީގެ މެނޭޖިން ޑައިރެކްޓަރ ނަމަވެސް، ރިކީ އަކީ "ބޮސް" ހެދިފައި މޭޒުދޮށުގައި އިންނަން ބޭނުންވާ މީހެއް ނޫނެވެ. އެހެން މުވައްޒަފުންނެކޭ އެއްގޮތަށް މަސައްކަތުގައި ވެސް ބައިވެރިވެ، މަސައްކަތްތައް އޭނާ ލީޑުކުރެއެވެ.

ކުލަ ލުމާއި ޓެކްސްޗަރ ހެދުމުގެ މަސައްކަތުގައި ވަލުން އަރައި ފޭބުމަކީ، ކުރިން އެމް.އެން.ޑީ.އެފްގައި ޓާސްކްފޯސް ޓްރޭނިން ހަދައިފައި ވުމުގެ ސަބަބުން ރިކީ އަށް އެއްވެސް ކަމަކަށް ނުވެއެވެ. ވަލުން ފައިބައިގެން ކުލަލުމުގެ މަސައްކަތް ކުރަމުން ގޮސް، ވަރުބަލިވުމުން، ވަލެއްގައި އެލިގަނެގެން އޮވެ ވެސް އޭނާ ވަރުބަލި ފިލުވާލުން އެއީ ރިކީގެ އާދައެކެވެ.

ވަލުން ފައިބަމުން ރިކީ އަރާމުކޮށްލަން މަޑުކޮށްލައިގެން

ސްޓެލްކޯ ޓެރަސް މަތިން ރިކީ ވެއްޓުން

ރިކީގެ އާދަޔާޚިލާފު އެ ހާދިސާއާ ބެހޭ ގޮތުން، ދެ ހާހުގެ ކުރީކޮޅު ރާއްޖޭގައި ނުކުތް އެންމެ މަގުބޫލް މަޖައްލާ "ހުވާސް"ގެ 2003 އޯގަސްޓް މަހުގެ އަދަދުގައި "ބޮޑުވެގެންވާ އަޖާއިބެއް" މި ސުރުޚީގެ ދަށުން އަހުމަދު އަބްދުﷲ އާއި އާދަމް ހަލީމު ލިޔެފައިވެއެވެ؛

"ހަ ބުރި އިމާރާތެއްގެ މަތިން ވެއްޓޭ މީހަކަށް ބޮޑެތި އަނިޔާތަކެއް ނުވެ ސަލާމަތްވެދާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ތިޔަ ހީކުރީ މުޅިން ރަނގަޅަށެވެ. އެއީ ވަރަށް ނާދިރު ކަމެކެވެ. އެހެން ނަމަވެސް ފޮޓޯތަކުން އެ ފެންނަ އަބްދުﷲ އިސްމާއީލަކީ މީގެ 11 ދުވަސް ކުރިން ސްޓެލްކޯގެ ހަ ބުރި އިމާރާތުގެ އެންމެ މަތިން (ގާތްގަނޑަކަށް 75 ފޫޓު އުހުން) ވެއްޓި، އަޖައިބެއް ފަދަ ގޮތަކަށް ސަލާމަތްވެފައިވާ ޒުވާނެކެވެ. ނ. ވެލިދުއަށް އުފަން އުމުރުން 29 އަހަރުގެ މި ޒުވާނާގެ ހަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި އަދި ނަސީބުން ފުރިގެންވާ މި ހާދިސާގެ ވާހަކަތައް އޭނާ ކިޔައިދީފައި ވަނީ ހަމައެކަނި "ހުވާސް" އަށެވެ.

ސްޓެލްކޯ މަތިން ރިކީ ވެއްޓުނު ހާދިސާގެ ވާހަކަ "ހުވާސް"ގެ 2003 އޯގަސްޓް މަހުގެ އަދަދުގައި

އެއީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހެވެ. އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރުމަށްޓަކައި އަމިއްލަ ކުންފުންޏެއް ހަދައިގެން މަސައްކަތް ކުރާ އަބްދުﷲގެ އަމަލުތައް އެ ދުވަހު ހުރީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށެވެ. އެކަން އޭނާއަށް އިހުސާސް ކުރެވެނީ މިހާރުއެވެ.

އޭނާގެ ކުންފުނި، "ފައިނަލް ޓަޗް"ގެ މަސައްކަތްތަކުގައި ބޭނުން ކުރުމަށް ސީގަލް ސްޓޯރުން އާ ވަލެއް ގަނެގެން ގެންގޮސް ގޭގެ ގުދަނަށް ލިއެވެ. އެއަށްފަހު އަނބިމީހާގެ އަތުން ފިނި ފެންތައްޓެއް ބޯލިއެވެ. އަދި ބޭރަށް ދިއުމުގެ ކުރިން ތިން އަހަރަށްދާ އަންހެން ދަރިފުޅު ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. މޫނަށް ދޮނެއް ދިނެވެ.

ގެއިން ނުކުމެގެން ގޮސް، ކުންފުންޏަށް އަލަށް ލިބިފައި ހުރި ބައެއް މަސައްކަތްތައް ފެށުން ހަފުތާއަކަށް މަޑުޖައްސާލުމަށް ހަމަޖެއްސިއެވެ. އެއްވެސް މަގުސަދެއް ޕްލޭނެއް ނެތިއެވެ. ދެން ވެސް ކުރީ އޭނާ ދުވަހަކު ވެސް ނުކުރާ ކަމެކެވެ. އެއީ މުވައްޒަފުންގެ މަސައްކަތް ހުއްޓުވައިފައި ގެނެސް އެމީހުންނަށް ނަސޭހަތް ދިނުމެވެ.

ނުވަ މުވައްޒަފުންނަށް އޭނާ ހަނދާންކޮށްދިނީ އޭނާ އަބަދު ކައިރީގައި ނުހުރެވޭނެ ކަމެވެ. އަދި އޭނާ ނެތް ތަނެއްގައި ވެސް ފަރުވާތެރިކަމާއެކު ޒިންމާދާރު ބައެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެދުނެވެ.

ދެން ދިޔައީ ގެއަށެވެ. އެއީ ހަވީރުގެ ވަގުތެވެ. ގޭގެ ގުދަނަށް ލި ވާ ހިފައިގެން ސްޓެލްކޯއަށް ދިޔައީ އެ އިމާރާތުގެ މަސައްކަތެއް ކުރާށެވެ. އިމާރާތުގެ އެންމެ މައްޗަށް އަބްދުﷲ އެރި އެވެ. އަދި ވާ ނިއުޅާލުމަށް ފަހު އިމާރާތުން ތިރިއަށް ކޮޅު ވައްޓާލި އެވެ.

"އެދިމާލަށް (ސްޓެލްކޯ އިމާރާތުގެ ހުޅަނގު ދެކުނު ފަރާތް) ވާ ބާލާފައި ހިތަށް އެރީ މި ދިމާލަށް ވެއްޓި މަރުވިޔަސް މީހަކަށް ނުފެންނާނެއޭ. އެހެންވެ މިތަނަކަށް ނޫނޭ ފައިބާނީކީ،" ހާދިސާ ހިނގި ގޮތް އޭނާ ކިޔައިދިނެވެ.

ދެން އޭނާ ވާ ނަގައިގެން ދިޔައީ ހުޅަނގު އުތުރު ފަރާތަށެވެ.

"އިމާރާތް ސާފުކުރަން ތިބި ދެ މީހުން (އޭނާގެ ދެ މުވައްޒަފުން) ދޭތެރެއިން ވާ ބާލާފައި ފައިބަން އުޅުނީ. ޓެރަސްގައި ބަނޑު އަޅާފައި ދެފައި ބާލާފައި ހަމަ ވަލުގައި ހިފިތަނުން އަތުން ދޫވެއްޖެ. އެވަގުތު ފައިގެ ލޮކު ވެސް ނެއްޓިއްޖެ. އެހިސާބުން އެނގިއްޖެ މި ދެން ދުވަސް މި ދިޔައީ ކަން." އެންމެ ބިރުވެރި ވަގުތުކޮޅުގެ ވާހަކަ އޭނާ ފެށިއެވެ.

ބަރުދަނުގައި 58 ކިލޯ ހުންނަ އަބްދުﷲ އިމާރާތުގެ މަތިން ވެއްޓެމުން އައީ އާދަޔާ ޚިލާފު ބާރަށެވެ. އެ ޕްރެޝަރުގައި ހަތަރު ވަނަ ބުރިއާ ހަމައިން ކަންފަތުންނާއި ނޭފަތުން ލޭ އަންނަން ފެށިއެވެ.

"އެވަގުތު ޝަހާދަތް ކިޔާލެވުނު. އަޝްހަދު އައްލާއިލާހަ އިއްލަﷲ، ކިރިޔާ ކިޔާލެވޭ ވަރުވީ، އައިސް ބިންމަތީގައި ޖެހިއްޖެ. ފަސްވަނަ ބުރީގައި ދޮރުތައް ސާފުކުރަން ތިބި ދެ ކުދިން ވެސް ބަލައިލިކަން އެނގުނު،" އަބްދުﷲ ބުންޏެވެ.

އިމާރާތުން ވެއްޓި ބިމުގައި ޖެހުމާ ދެމެދު ހޭދަވީ ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތެވެ. އެވަގުތުކޮޅުގެ ތެރޭގައި އޭނާގެ ބޯ ދަގަނޑެއްގައި ޖެހުނެވެ. އެއީ ސްޓެލްކޯގެ މުވައްޒަފުންގެ ބައިސްކަލާއި ސައިކަލް ފަދަ އެއްޗެހި ހިޔާކުރުމަށް ހަދާފައިވާ ދަގަނޑު ފުރާޅެވެ. އުސްމިނަކީ ފަސް ފޫޓެވެ. އަދި އިމާރާތުގެ ކުޑަ ދޮރަށް ކަނޑާފައި ހުރި ގޮޅީގައި ކޮނޑު ކަށިގަނޑު ވަރަށް ބާރަށް ޖެހުނެވެ. އެވަރުން ނިމުނީކީ ނޫނެވެ. ކުޑަ ދޮރަށް ކަނޑާފައި ހުރި ގޮޅީގައި ކޮނޑު ކަށިގަނޑު ޖެހުނުލެއް ބާރުކަމުން އަބްދުﷲ އަރިއަޅާލި އެވެ. އެއާއެކު ބޯ ގޮސް ޖެހުނީ އިމާރާތުގެ ތަނބެއްގައެވެ. އެހިސާބުން އޭނާގެ ހެއަށް ގޮތްވިއެވެ. ހޭވެރިކަން ނެތް ހާލު އޭނާ ވެއްޓުނީ ބިންމަތީގައި ބަހައްޓާފައި ހުރި ދަގަނޑުތަކެއްގެ މައްޗަށެވެ.

"ތަނެއްގައި އެއްޗެއް ޖެހުނު އަޑަށް އަހަރެން ބަލައިލިއިރު އަބްދުﷲ ވެއްޓެނީ،" އެ މަންޒަރު ދުށް ހަމައެކަނި ދެ މީހުންގެ ތެރެއިން އެކަކު ކަމުގައިވާ ޒުލާލު ބުންޏެވެ.

ހައިރާންކަން ބޮޑުވާން ޖެހެނީ އަބްދުﷲ އަށް ލިބުނު ކުޑަ ގެއްލުންތަކުންނެވެ. އެ ހާދިސާގައި އޭނާގެ ހަށިގަނޑުން ހަލާކުވެފައި ހުރީ ފަސް ތަނެކެވެ. ދަގަނޑުގައި ޖެހުނު ތަން ނިތްކުރިން ހަލާކުވެފައި ހުއްޓެވެ. ތަނބުގައި ޖެހުނީ ބޮލުގެ ފުއްކިބައެވެ. އެތަން ފަޅައިގެން ދިޔައީ ވަރަށް ކުޑަކޮށެވެ. ކަނާއަތުގައި ހަ އިންޗިއެއްހާ ތަން މަށައިގެން ގޮސްފައި ހުއްޓެވެ. އެއީ ވަލުގައި ކޭއްތުމުގެ ސަބަބުން އުފެދުނު ހޫނުގައެވެ. ބުރަކަށީގައި ކޮންމެވެސް ވަރެއްގެ ޒަހަމެއް ފެންނަން ހުއްޓެވެ. އެކަމަކު ދެ އިންޗިއަށްވުރެ ބޮޑެއް ނުވާނެއެވެ. އޭގެ އިތުރުން ބައެއް ތަންތަނުން ތެޔޮހަން ކެނޑިފައި ހުއްޓެވެ. އެހެން ނަމަވެސް އެހުރިހާ ތަނަކުން އެއް ޕައިންޓުގެ ލޭ ބޭރުވިއެވެ.

ކޮން ފަދަ ނަސީބެއް ހެއްޔެވެ؟ ކޮން ފަދަ އަޖައިބެއް ހެއްޔެވެ؟ އަބްދުﷲ އަށް ލިބިފައިވާ އަނިޔާތަކަށް ބެއްލެވުމަށްފަހު ޑޮކްޓަރަށް ވެސް ލިބިވަޑައިގަތީ އާދަޔާ ޚިލާފު ހައިރާން ކަމެކެވެ.

"ވަރަށް އާދަޔާ ޚިލާފު ކަމެއް މިއީ. އެކްސްރޭތަކުގައި ވެސް އެއްވެސް މައްސަލައެއް ނެތް. ކަށިގަނޑެއް ބިނދި، ރެނދުލާފައެއް ވެސް ނެތް،" އޭޑީކޭގެ އޮޕަރޭޝަން ޑޮކްޓަރު، ޝައިސްތާ ޕަޓޭލް ވިދާޅުވި އެވެ. "އެމް.އާރު.އައި ވެސް ހަދައިފިން. ހަމަ މުޅިން ނޯމަލް. ލޭ ގަނޑުވުން ކަހަލަ ކަމެއް ވެސް ނެތް. މިއީ ވަރަށް ދިމާނުވާ ކަހަލަ މައްސަލައެއް."

ޑޮކްޓަރު ވިދާޅުވީ، އެހާ އުހުން ވެއްޓި ޖެހޭ މީހެއްގެ ކަށިގަނޑެއް ނުބިނދި އަދި ރެނދެއް ވެސް ނުލައި ސަލާމަތްވުމަކީ ހައިރާންވާންޖެހޭ ކަމެއް ކަމަށެވެ. މިފަދަ ހާދިސާތަކުގައި އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ސިކުނޑިއަށް ގެއްލުން ލިބުމާއި ހަނދާން ނެތުމާއި ހަށިގަނޑު ޕެރަލައިސްވުމެވެ. އެއިން އެއްވެސް ނުރައްކަލެއް އަބްދުﷲ އަކަށް ކުރިމައްޗެއް ނުވެއެވެ.

މީގެ ދެތިން ދުވަސް ކުރިން އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު މީހަކު މާގިނަ ވަގުތު ތަކެއް ނުވެ، ސިކުނޑިއަށް ލޭ އަރައިގެން މަރުވި އެވެ. އޭގެ ހަ މަސް ދުވަސް ކުރިއަށް ޖެހިލާއިރު ހެންވޭރުގައި ހުރި ފަސްބުރި އިމާރާތެއްގެ މަތިން ވެއްޓުނު މީހާގެ އުނގަނޑާއެކު މައިބަދަ ބިނދުނެވެ. އެ ވޭންތަކަށް ކެތްނުކުރެވިގެން އެންމެ ފަހުން އެމީހާ ވެސް ވީ މަރެވެ. އެފަދަ ހާދިސާތަކުގައި ޕެރަލައިޒް ވެފައިވާ މީހުންނާއި ތަންތަން ބިނދިފައިވާ މީހުންގެ ލިސްޓް ވަރަށް ދިގެވެ. އެހެން ނަމަވެސް އިމާރާތަކުން ވެއްޓި މާ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވެފައިވާ މީހަކު ވަރަށް މަދުން ނޫނީ ނުފެނެއެވެ.

"އަދިވެސް އަހަންނަކަށް ގަބޫލެއް ނުކުރެވޭ އޭނާ ވެއްޓުނީ ހަ ބުރި އިމާރާތެއްގެ މަތިން ކަމެއް. އެވަރުގެ ހާދިސާއެއްގައި ދެތިން ތަން ހަލާކުވުމަކީ އަސްލުގައި ގެއްލުމެއް ނޫން. ތަނެއް ބިންދައިގެން ދިއުން، ޕެރަލައިޒްވުން ނޫނީ މަރުވުން ފަދަ ކޭސްއެއް އެއީ،" ޑރ. ޝައިސްތާ ވިދާޅުވިއެވެ.

އަބްދުﷲ ހޮސްޕިޓަލަށް ގެންދަން އުފުލާލި ވަގުތު އޭނާ ހޭއެރިއެވެ. ވާހަކަ ވެސް ދައްކަން ފެށިއެވެ. "އަހަރެން ބުނިން އޭޑީކޭއަށް ގެންދާށޭ. އަދި އެތާ ހުރި މީހަކަށް ގޭގެ ނަންބަރު ދީފައި ބުނިން ގެއަށް ގުޅައިފައި އަންހެނުން ކައިރީގައި ބުނާށޭ، އަހަރެން ހޮސްޕިޓަލަށް ގެންގޮސްފިއޭ."

އޭނާ އޭޑީކޭގައި އެޑްމިޓްކޮށްފައި އޮތީ ތިން ދުވަސް ވަންދެނެވެ. އެއަށްފަހު އޭނާ އާދަވެ އުޅޭ ގޮތަށް ހިނގާބިނގާވެ އުޅެންފެށިއެވެ. "ހުވާސް" އަށް އިންޓަވިއު ދޭން އޭނާ "ހުވާސް"ގެ އިދާރާއަށް އައީ ވެސް ހިނގައިފައެވެ.

އޭނާ އަދިވެސް ހުރީ ވަރަށް ބޮޑު ޝޮކެއްގައެވެ. އަޖައިބެއްގެ ތެރޭގައެވެ. އެފަދަ ނުރައްކާތެރި ހާދިސާއަކުން ސަލާމަތްވި އާދަޔާ ޚިލާފު ގޮތުންނެވެ.

"މިއީ ހެއްދެވި ފަރާތަށް ދާއިމީ ޝުކުރު ކުރަންޖެހޭ ވަރުގެ ކަމެއް. އަހަރެން ވެސް މަރުވާނެ ކަމަށް ނިންމައިގެން ޝަހާދަތް ކިޔުނީ. އެހެންވެ އެވަރު ވާނެ ކަމަށް ގަބޫލެއް ވެސް ނުކުރެވޭ،" އޭނާ ބުންޏެވެ.

އުސް އިމާރާތްތަކުގެ ފިނިޝިން މަސައްކަތް ކުރުމުގައި އަބްދުﷲ އަކީ ވަރަށް ތަޖުރިބާކާރު މީހެކެވެ. އެ މަސައްކަތުގައި އޭނާ އުޅޭތާ މިހާރު ހަ އަހަރު ވެއްޖެ އެވެ. އެހެންކަމުން އޭނާ މަސައްކަތަށް ގެންގުޅެނީ ސަލާމަތީ ގޮތުން އެންމެ ރަނގަޅު ރެޕަލިން ސިސްޓަމެކެވެ.

"އަހަރެމެން ވާނެ އެންމެ ސޭފްޓީ ރަނގަޅު ބަޔަކަށް. އެކަމަކު ހެދުނު ކުޑަ މިސްޓޭކަކުން މިކަން މިވީ،" ކަސްޓަމްސްގެ އާ އިމާރާތާއި އޭޑީކޭ ޓަވަރުގެ 10 ބުރި އިމާރާތުގެ އިތުރުން ޓެލެކޮމް ބިލްޑިންގުގެ ފިނިޝިން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު މަސައްކަތްތެރިޔާ ބުންޏެވެ. އޭނާ ބުނަނީ އަޖައިބުން ފުރިފައިވާ މި ހާދިސާއަކީ މާތްﷲ ކުޅަދުންވަންތަކަމުގެ މިސާލެއް ކަމަށެވެ. އަދި އޭނާއަށާއި އެހެން މީހުންނަށް ލިބުނު "ވޭކަޕް ކޯލެއް" ކަމަށެވެ."

އުސް އިމާރާތެއްގެ ބޭރުގައި އެހެން މީހުން މަސައްކަތް ކުރަމުންދިޔައިރު ރިކީ ވަލެއްގައި އެލިގަނެގެން އޮވެ އަރާމުކޮށްލަނީ

އެ ހާދިސާއަށް މިހާރު ވަނީ 18 އަހަރުވެފައެވެ. އެ ހާދިސާއާ ގުޅޭ އިތުރު ވާހަކަތައް ވެސް "އަދިވެސް" އަށް އޭނާ މިއަދު ހިއްސާކުރިއެވެ.

"އޭޑީކޭގައި އެޑްމިޓްކޮށްފައި ތިން ދުވަހު ބާއްވައިފައި ދޫކޮށްލުމުން، އަނެއް ދުވަހު ސްޓެެލްކޯ އަށް އަހަރެން ދިޔައިން. ގޮސް ނުނިމި ހުރި މަސައްކަތެއް ނިންމާލުމަށް ވަލުން ފޭބިން (ފުރަތަމަ ބުރިއާ ހަމައިގައި ހުރި) ޖޯއްޔަށް (އިމާރާތްތަކުގައި ކުލަ ލުމުގެ މަސައްކަތް ކުރާއިރު އަރައި ތިބޭ އެއްޗެއް) ޑަބަލް ސޭފްޓީ އަޅުވައިގެން. އެކަމަކު ސްޕްރޭކުރަން (ޖޯލީގައި) ހުއްޓާ އަހަރެން އަނބުރައިގެންފި. އެހެންވެ އަވަހަށް ތިރިއަށް ބޭލީ،" އޭނާގެ "ފައިނަލް ޓަޗު" އޮފީހާ އިންވެގެން ހަދައިފައި ހުރި ކުޑަކުޑަ ކެފޭގައި އިނދެ "އަދިވެސް" އަށް ދިން އިންޓަވިއުއެއްގައި ރިކީ ބުންޏެވެ.

ރިކީ ބުނީ 2003ގެ ހާދިސާއާ ގުޅިގެން މެޑިކަލް ޗެކަޕެއް ހެދުމަށް އޭނާ ބެންކޮކަށް ވެސް ދިޔަ ކަމަށެވެ. ބެންކޮކުން ޓެސްޓްކޮށްފައި ބުނީ ސިކުނޑީގެ ނާރެއްގައި ގަނޑު ލޭކޮޅެއް ހުރި ކަމަށެވެ. އެހެންވެ ސިންގަޕޫރަށް ގޮސް އޮޕަރޭޝަންކޮށް އެ ލޭކޮޅު ދުއްވާލީއެވެ. އެ ހިސާބުން އަނެއްކާ ވެސް ހުރިހާ ކަމެއް ކުރިއެކޭ އެއްގޮތަށް ބަދަލުވިއެވެ. ރިކީ ބުނާ ގޮތުން އޭނާގެ ވަރަށް ކުޑައިރުގެ ހަނދާންތައް ވެސް އަންނަންފެށިއެވެ.

"ގާތްގަނޑަކަށް ހަތް އަހަރު އަށް އަހަރުގައި އަހަރެން ކިޔެވި ދުރޫސުލް އަޚުލާގު ފޮތް ވެސް ހަމަ ހިތުދަސް މިހާރުވެސް. އާހަތްތަކަށް ދަންދެން ހަމަ ހިތުދަސް ފިލާވަޅު އެއްކޮށް އެނގޭނެ މިހާރުވެސް. މަންމަމެންނަށް ބުނެދޭން ނޭނގޭ އެއްޗެހި ވެސް އަހަރެން މިހާރު ހަނދާންހުރޭ،" ރިކީ ބުންޏެވެ. "ޝިގެއްލާ ދުވަސްވަރުގެ ހަނދާންތައް ވެސް މިހާރު އެއްކޮށް ހަނދާންހުރޭ. ކުރިން ހަނދާނެއް ނުހުރޭ."

ހަ ފޫޓުގެ ހަރުގަނޑުން ރިކީ ވެއްޓުނު ގޮތް (ސީސީ ޓީވީ ފުޓޭޖް)

ހަ ފޫޓު ހަރުގަނޑަކުން ރިކީ ވެއްޓި ޒަޚަމްވުން

އެއީ މީގެ ތިން މަސް ކުރިއެވެ. ފެބްރުވަރީ 10 ވަނަ ހަވީރު 3:36 އެވެ. ހުޅުމާލޭގައި ހަދަމުންދިޔަ ޝީޝާ ގެސްޓްހައުސްގެ ބޭރުގައި ހަ ފޫޓުގެ ހަރުގަނޑެއް ބަހައްޓައިފައި އޭގެ މައްޗަށް ރިކީ އަރެވެ. ހަތަރު ވަނަ ހަރުފަތަށް އެރުމާއެކު ހަރުގަނޑު އަރިއަޅާލައިގެން ރިކީ ބިންމައްޗަށް ވެއްޓެއެވެ. ވެއްޓެންދިޔައިރު އޭނާ ދެ އަތް ބިންމަތީގައި ޖައްސައެވެ. އެއާއެކު ދެއަތުގެ ކުޑަހުޅުން ބިނދި، ނިތްކުރިން ވެސް ތިން އިނގިލި ވަންނަވަރުގެ ތަނެއް ފަޅައިގެންދިޔައެވެ. ޓްރީ ޓޮޕުން ދެ އަތުގެ ބޮޑު އޮޕަރޭޝަނެއްކޮށް، ދަގަނޑު ލައްވައި ޕްލާސްޓަރު އެޅުމުން، ކަމެއް ނުކުރެވި އެތައް ދުވަހަކު ރިކީ ގޭގައި އޮންނަންޖެހުނެވެ.

ހަ ފޫޓުގެ ހަރުގަނޑުން ވެއްޓި ރިކީ ޒަޚަމްވެގެން ފަރުވާދެނީ

"އަހަރެންގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު އެންމެ ހިތްދަތި ހާދިސާ މިއީ. މިކަމުން ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވައިފި،" މީގެ ތިން މަސް ކުރިން ހިނގި އެކްސިޑެންޓުގެ ވާހަކަ ކިޔައިދެމުން، ދެ ކުދިންގެ ބައްޕަ ބުންޏެވެ. "މިއަށްވުރެ ބޮޑެއް ނުވާނުން. ބޯ އެ ވަރަށް ފަޅައިގެން ގޮސްފައި. ދެއަތް ބިންދައިގެން ގޮސްފައި. މީހާ ނުކުޅެދޭ ހާލަތަށް ދިޔައީނުން. ގައިން ތާހިރު ނުވެވި، ދެއަތް ބަނދެވިފައި މި ގޮތަށް ގޭގައި އޮންނަން ޖެހުނީމާ ކިހާބޮޑު ވޭނަކަށް ވާނެ؟"

އޭގެ ފަހުން މިހާރު ތިން މަސް ވީއެވެ. އަތް އަދިވެސް މުޅިން ރަނގަޅެއް ނުވެއެވެ. އެހެން ނަމަވެސް ރިކީ މިހާރު މަސައްކަތަށް ވެސް ނުކުމެ އުޅެއެވެ. ރިކީގެ ހިތްވަރު މާ ގަދަފަދައެވެ.

"ކެފޭ ޑި ފައިނަލް ޓަޗް" ގައި ރިކީ ކޮފީ ތައްޔާރުކުރަނީ -އަދިވެސް ފޮޓޯ

ރިކީ ދާދި ފަހުން ވަނީ އޭނާގެ ގޭ ކައިރީގައި ކުޑަކުޑަ ކޮފީ ޝޮޕެއް ވެސް ހުޅުވައިފައެވެ. "ކެފޭ ޑި ފައިނަލް ޓަޗް" ހުންނަނީ އޭނާގެ އޮފީހާ އިންވެގެންނެވެ. ރިކީ ބުނާ ގޮތުން، ކޮފީ ބޯން ޖޯލިފަތީގައި ތިބެވޭ ގޮތަށް ހަދާލި އެ ތަނަކީ އޭނާ ހިތްހަމަޖައްސައިލައި، ރައްޓެހިންނާ ބައްދަލުކޮށްލުމުގެ ބޭނުމުގައި ހަދާލި ތަނެކެވެ. އެތަނުގައި އެކި ފާޑުގެ ކޮފީ ގިރުމުގައި އިސްކޮށް އުޅެނީ ވެސް ރިކީއެވެ.

"ކެފޭ ޑި ފައިނަލް ޓަޗް" ގައި ރިކީ ހަރަކާތްތެރިވަނީ -އަދިވެސް ފޮޓޯ

"މިއިން ކޮންމެ ކަމަކީ އިބުރަތެއް. ފައިނަލް ޓަޗުގެ ހަޔާތުގައި މިދިޔަ ތޭވީހަކަށް އަހަރުގެ ތެރޭގައި ކުރިމަތިވި ދެ އެކްސިޑެންޓުވެސް ކުރިމަތިވި މިވީ ސީދާ މަށަށް. އެއީ ހަމަ ވޭކަޕް ކޯލެއް. އިލާހީ ހިމަތްތަކެއް އޭގައި ވާނެ. އަހަރެންގެ ސަބަބުން އެހެން ބަޔަކަށް އެކަމުން ރަހުމަތެއް ލިބުން ނޫނީ އާޚިރަތަށްޓަކައި ކޮންމެވެސް ރަނގަޅު ކަމެއް އަހަންނަށް މިންވަރު ކުރެއްވުން،" ރިކީ ބުންޏެވެ.

އިސްލާމީ މަރުކަޒު ގުއްބުގައި ސްޕްރޭކުރުމުގެ މައްސަކަތް ރިކީ ކުރަނީ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
42
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *