...

Support Us

ދުނިޔޭގެ ޕައިލެޓުން ދިވެހިރާއްޖެއަށް އުދުހޭހިތްވާކަން އެނގޭތަ؟

ދިވެހިރާއްޖޭގެ ރަނގަޅު އެތައް ސިފަތަކެއްގެ ވާހަކަ ބޭރުގެ ސައްޔާޙުންގެ ލިޔުންތަކުން ފެންނަން ހުރެއެވެ. އަމާންކަމުގެ ކިއްލާގެ ގޮތުގައެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ގޮތުގައެވެ. ދިވެހީންގެ މެހުމާނުދާރީކަމެވެ. ސާފުތާހިރުކަމެވެ. ލޭފަވެތިކަމެވެ. މި ފަޚުރުވެރި މާތް ސިފަތައް މިހާރު ދިވެހީންގެ ތެރެއިން ނެތެމުން ދާކަމަށް ބައެއް މީހުން ބުނި ނަމަވެސް މިއަދު ވެސް ދިވެހިރާއްޖެއާމެދު ވަރަށް ފަހި ނަޒަރުން ދެކޭ ބޭރުގެ މީސްމީހުން ވެސް މަދެއް ނޫނެވެ. ރާއްޖޭގެ އަގުވައްޓައިލާން ބޭރުންނާއި އެތެރެއިން ކުރާ ތަފާތު މަސައްކަތްތައް ކިތަންމެ ގިނަ ކަމުގައި ވީ ނަމަވެހެވެ.

ވައިގެ މަގުން ރާއްޖެ އަންނަ މީހުންނަށް އެންމެ ފުރަތަމަ ފެއިބޭނެ މަންޒިލަކީ ވެލާނާ އިންޓަރނޭޝަނަލް ވައިގެ ބަނދަރުކަމާމެދަކު ޝައްކެއް ނެތެވެ. ރާއްޖެއަށް ދަތުރުކުރާ ސައްޔާޙުންގެ ސަމާލުކަން، މަތީންދާ ބޯޓު މާގަކުރަމުން އަންނަ އިރު، ފުރަތަމަ ލިބޭނީ އެއަރޕޯޓަށެވެ. ބޯޓުޖައްސަނީކަމާއި ގޮނޑީކަމަރު އުނަގަނޑަށް ބާރުކޮށް، ގޮނޑިތައް ތެދަށް ނަގައި މޭޒުތައް ލައްޕާށޭ ގޮވައިލުމުން ފަސިންޖަރުންތައް ކުޑަދޮރުތަކުން ބޭރުބަލައިލައެވެ. އޭރު އަދި ބޯޓު ޖައްސާން ދިހަވަރަކަށް މިނިޓް ހުންނާނެއެވެ. ފަސިންޖަރުންނަށް ބޭރު ބަލައިލުމުން ފެންނާނީ ހާމަ ބިޔަ ކަނޑެވެ. އަލަށް ރާއްޖެ އަންނަ ސައްޔާޙުންނަށް ލިބެނީ ޞަރީޙަ ޙައިރާންކަމެކެވެ. ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. ކަނޑަށް ޖައްސަނީކަމަށް ހީކޮށް ރޮއިގަންނަނީ ވެސް ކިތަންމެ ބަޔެކެވެ. ނަމަވެސް ރާއްޖެ އާދެވުމާއެކު އެންމެންނަށް އަމާންކަމުގެ އިޙުސާސްކުރެވެއެވެ.

ދިވެހިރާއްޖޭގެ ބައިނަލްއަޤުވާމީ އެއަރޕޯޓަށް މާގަކުރާން އަދި ބޯޓް ޖައްސާން ފަސޭހަވާ ސަބަބަކީ ރާއްޖޭގެ އެއަރޕޯޓްތަކުގެ ވަށައިގެން ކަނޑު އޮވެފައި ރާއްޖޭގައި ފަރުބަދަ ނުހުންނާތީއެވެ. އެހެންކަމުން މާ ދުރުން ވެސް ބޭނުންވަރަކަށް ތިރިކޮށްގެން އާދެވޭނެއެވެ. އެހެން ޤައުމުތަކުގައި މީހުން ދިރިއުޅޭ ސަރަހައްދުގެ މަތީންނާއި ފަރުބަދަތަކުގެ މަތީން ދަތުރުކުރާންޖެހެއެވެ. އަދި ބައެއް އެއަރޕޯޓްތަކުގައި ވައި ގަދަކަމާއި ދުންފިނީގެ ސަބަބުން ފެންނަ ފެނުން ކުޑަވުމާއި މިފަދަ އެތައް ކަމެއް ދިމާވާނެއެވެ. ނަމަވެސް ﷲގެ ދީލަތިވަންތަކަމާއެކު މި ފަދަ ޠޫފާނީ ވަޔެއް ދިވެހި އެއަރޕޯޓަށް ޖައްސާ ކެޕްޓަނުންނަށް ތަޖުރިބާކުރާކަށް ނުޖެހެއެވެ.

ހުޅަނގު މޫސުމުގައި ހާލަކުން ފަހަރަކު ވިއްސާރައިގެ ކޮޅިގަނޑަކާ ދިމާވިޔަސް މިއީ ﷲގެ ރަޙުމަތްފުޅުން ނުރައްކާވާ ވަރުގެ ވަޔަކަށް ނުވެއެވެ. ﷲއަށް ޙަމްދުހުއްޓެވެ. މި ފަދަ އެތައް ސަބަބުތަކަކަށް ޓަކައި ރާއްޖޭގެ ބައިނަލްއަޤްވަމީ ވައިގެ ބަނދަރަށް މާގަކުރުމަކީ ދުނިޔޭގެ ހުރިހާ ޕައިލެޓުންނަށް ވެސް ވަރަށް ފަސޭހަ ކަމެކެވެ. ރާއްޖެއަންނާން ގިނަ ފައިލެޓުން ހިތްހަމަޖެހޭ އެއް ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ.

ނަމަވެސް ރާއްޖެއަންނާން ގިނަ ޕައިލެޓުން ލޯބިކުރަނީ ހަމައެކަނި އިސްވެ ދެންނެވި ސަބަބުތަކާހުރެ ނޫންކަން ބައެއް ކެޕްޓަންގެ ވާހަކަތަކުން އެނގެއެވެ. ގިނަ މީހުން ރާއްޖެ އަންނާން ލޯބިކުރަނީ ރާއްޖޭގެ މާޙައުލުގެ ސާފުކަމާއި ތިމާވެށީގެ ވިސަޑުކަމެއް ނެތުމާއި ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ސަބަބުންނެވެ.

ޗައިނާގެ ބެއިޖިންގެ އެއަރޕޯޓްގެ ހިތްގައިމުކަމުގެ ވާހަކަ ބުނަމުން، ބްރިޓިޝް އެއަރވޭޒްގެ ކެޕްޓަން ޖެއޯފް ލީސްކް ބުނެފައިވެއެވެ. "އަހަރެން ޝައުޤުވެރިވާ އަނެއް މަންޒިލަކީ އެ ތަނެއްގައި ދުނިޔޭގެ އެހެންތަނަކުން ނުފެންނާނެ ފަދަ އެންމެ ހިތްގައިމު މުރަކައިގެ އަތޮޅުތަކުގެ މަންޒަރުތައް އަދިވެސް އެ ތަނަކުން ފެންނަ ދިވެހިރާއްޖޭގެ މާލެއެވެ." އެންމެ ހިތްގައިމު މަންޒިލްތަކާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމަކަށް ކޮމެންޓްކުރި ކްރިސް ޖޯންސް ކިޔާ މީހަކު ބުނެފައިވަނީ "އެއީ ދިވެހިރާއްޖޭގެ މާލެ ނޫންހެއްޔެވެ؟ އެހާ ހިތްގައިމު ކުޑަކުޑަ އެއަރޕޯޓެކެވެ."

"މަތީން މާގަކުރާން އެންމެ ރީތި އެއަރޕޯޓްތައް" މި ސުރުޚީގެ ދަށުގައި ޓްރެވަލްއެންޑްލެއިޜަރ ޑޮޓްކޮމްގައި ލިސްޓްކޮށްގައިވާ 15 އެއަރޕޯޓެއްގެ ތެރެއިން 3 ވަނައިގައި ވަނީ އެއީ "ދިވެހިރާއްޖޭގައި އޮންނަ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް"ކަމުގައެވެ.

އެ ޢުންވާނުގެ ދަށުގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަޢާރަފުގައި ލިޔެފައިވެއެވެ. "ދިވެހިރާއްޖޭގެ ހުޅުލޭ އަތޮޅުގައި އޮންނަ ހުދާއި މަޑު ނޫކުލައިގެ ފަރުތަކާއި ގޮނޑުދޮށްތަކާއި، އެކި ގޮތްގޮތަށް ތަރުތީބެއްނެތި އަތުރައިލެވިފައިވާ ދިވެހި ރުއްތަކުން ވަށައިލެވިފައިވާ މާލޭ އެއަރޕޯޓް ފެންނަނީ ހިންދު ކަނޑުގެ ފެންމަތީގައި އޮންނަ ކުޑަކުޑަ ސުވަރުގެއެއް ހެންނެވެ. އިނބަގެ ނަސީބު ރަނގަޅު ނަމަ، ތިރީން ކޯމަހާއި އެ ނޫން ވެސް ކަނޑުގެ ދިރުންތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ."

އަދި މި ނޫނަސް ދިވެހިރާއްޖޭގެ ރީތިކަމަށް ދުނިޔޭގެ މަޝްހޫރު އެތައް ތަރީންނެއް ތަޢުރީފުކޮށް މީސްމީޑިއާގައި ފޮޓޯ ވެސް ޙިއްސާކުރަމުން ގެންދެއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ލިބިފައިވާ ރީތި ނަން ދަމަހައްޓާން މަސައްކަތްކުރުމަކީ ކޮންމެ ދިވެހިރައްޔިތަކު ކުރާންޖެހޭނެ ކަމެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ނުވަތަ ހަމަ އެއްވެސް ޙާލަތެއްގައި ރާއްޖޭގެ އަގުވައްޓައިލާން މަސައްކަތްކުރުމަކީ ދިވެހި ޤައުމަށް ހެޔޮއެދޭ އެއްވެސް ބަޔަކު ކުރާނެ ކަމެއް ނޫނެވެ. އުތުރުކަރައާއި ސީނުކަރަ ފަދަ ޤައުމުތަކުން އެ މީހުންގެ ޤައުމާއި ޤައުމިއްޔަތު ދެކެ ވާ ލޯތްބަކީ ނަމޫނާއަކަށް ބަލައި ދިވެހީންގެ ހިތްތަކުގައި ޤައުމުދެކެ ލޯބިވުމުގެ ރޫޙު އުފައްދައި އަލާކުރުމަކީ ތަޢުލީމުގެ ޤައުމީ މަންހަޖުގެ ތެރެއިންނާއި ޤައުމީ ސިޔާސަތުގެ ތެރެއިން އަބަދު ވެސް ޢަމަލީ ގޮތުން ތަންފީޒުކުރާންޖެހޭނެ ޤައުމީ ވާޖިބެކެވެ.

 

މަޢުލޫމާތު:

https://www.traveller.com.au/worlds-best-airports-according-to-pilots

https://www.travelandleisure.com/travel-tips/worlds-most-beautiful-airport-approaches