...

Support Us

ކޮލަމް: ސައީދުގެ ތުލަ

މާލެސިޓީ ކައުންސިލް… ޕީޕީއެމްގެ ބޮޑު އިމްތިޙާނު

ލޯކަލް ކައުންސިލްގެ އިންތިޚާބު ބޭއްވިގެން ދިޔައީ، ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެ، ރައްޔިތުން މާޔޫސްވެފައިވާ ދުވަސްވަރެއްގައެވެ. މިހާރުގެ ސަރުކާރުން ވެރިކަމަށް އައުމަށް ވީ ވައުދުތައް ނުފުއްދުމާއި، ކަންކަން ބޮއްސުންލާފައިވުމުގެ ސަބަބުން، ސަރުކާރުގެ މަތިން ޢާއްމުން ތިބީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުގައި ބައިވެރިވީ މަދު ޢަދަދެއްގެ ބައެކެވެ. ވޯޓުލާން ދިގު ކިއުގައި ތިބެގެންވީ ކަމެއް ނެތުމުން، އެކަމުގެ ރުޅިވެރިކަމާއި މާޔޫސްކަން ދުއްވާލީ ވޯޓުލުމުގައި ބައިވެރިނުވެއެވެ.

މާލެއަކީ ޒަމާނުއްސުރެ، އެމްޑީޕީގެ މައި މަރުކަޒުގެ ގޮތުގައި ބެލެވޭ ތަނެކެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް "ބެޓްލް ގްރައުންޑް" އަކީ މާލެއެވެ. ޕީޕީއެމްވެސް އަދި އެމްޑީޕީގެވެސް އެންމެ ބޮޑު އަމާޒެއް އޮތީ، މާލެސިޓީ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރުމަށެވެ. އިންތިޚާބު ކާމިޔާބުކުރުމަށް ސަރުކާރަށް ކުރެވޭނެ ކަންކަން ހުންނާނެއެވެ. އެކަންކަން ދިޔައީ ސަރުކާރުން ކުރަމުންނެވެ. ނަމަވެސް ނަތީޖާ ދިޔައީ ވަރަށް ތަފާތު ގޮތަކަށެވެ. މާލެސިޓީ ކައުންސިލްގެ އަގްލަބިއްޔަތު ލިބުނީ މިހާރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށެވެ. މާލެސިޓީގެ ފުރަތަމަ އިންތިޚާބީ މޭޔަރަކީ ޑޮކްޓަރ މުޙަންމަދު މުޢިއްޒެވެ. މިއީ ވެސް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ބޭފުޅެކެވެ.

ޑޮކްޓަރ މުޙަންމަދު މުޢިއްޒަކީ، ފާއިތުވީ ދުވަސްތަކުގައި ޢުމްރާނީ ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫޢުތައް ހިންގަވާފައިވާ ބޭފުޅާ ކަމަށްވާތީ، ގިނަ ރައްޔިތުން ދެކޭގޮތުގައި، މާލެއަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް، މޭޔަރ ޑރ. މުޢިއްޒަށް ޙައްލު ހޯއްދަވައިދެއްވޭނެއެވެ. ނަމަވެސް މިކަން ކުރުމަށް އެމަނިކުފާނަށް ވަފާތެރި އަދި ހިންގުންތެރި ޓީމެއް ބޭނުންވާނެއެވެ.

މާލެސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މިހާރުވެސް ތިން ބޭފުޅެއް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް މީޑިއިން ޚަބަރުފަތުރާފައިވެއެވެ. އޭގެން ކޮންމެ ބޭފުޅަކީވެސް، ރައްޔިތުންގެ ޙައްގުގައި މަސައްކަތްކުރުމުގެ ޤާބިލްކަން ހުރި ބޭފުޅުންނެވެ. ނަމަވެސް، އެއް ޖާގައަށް ތިން ބޭފުޅުން ވާދަކުރެއްވުމުން، ބާކީވާ ބޭފުޅުންގެ މަސައްކަތަށް ހީނަރުކަން އަންނާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މާލެސިޓީ ކައުންސިލް އަދި އެހެނިހެން ކައުންސިލްގައި ތިއްބެވި ޕީޕީއެމް، ޕީއެންސީ މެމްބަރުންގެ އެންމެ މުހިއްމު ވާޖިބަކީ، އެ މެމްބަރުންނަށް ރައްޔިތުން ކުރި އިތުބާރު ދެމެހެއްޓެވުމެވެ. ނަތީޖާ ނެރެދެއްވުމެވެ.

މާލެއަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުން ޒިޔާރަތްކުރާ ތަނަކަށްވާތީ، މާލޭގައި ހުރި މައްސަލަތައް އިންތިހާއަށް ގިނައެވެ. ކޮންމެ މައްސަލައެއް ޙައްލުކުރުމުގައި އިންތިހާއަށް ވިސްނާން ޖެހޭނެއެވެ. ސިކުޑި ސުމަކަށް ދާ ފަހަރު މަދެއްނުވާނެއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ މެމްބަރުން، އިދިކޮޅުގައި ތިބެގެން ދެއްކި ވާހަކައަކީ، ސަރުކާރުގެ ނާގާބިލް ކަމުގެ ވާހަކައެވެ. ނަމަވެސް، މިހާރު ތިއޮތީ ފުރުސަތު ލިބިފައެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ.

މާލެސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ އިންތިޚާބު ވެގެންދާނީ، ޕީޕީއެމް، ޕީއެންސީ ކޯލިޝަނަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަށެވެ. ނަތީޖާ ދައްކާ ގޮތަކުން، ނުކުންނަ މާޔޫސްކަމަކީ، ކައުންސިލްގެ މަސައްކަތަށް އެޅޭ ހިޔަންޏެއް ކަމަށްވާނަމަ، ރައްޔިތުންގެ މާޔޫސްކަން ބޮޑުވާނެއެވެ. އިތުބާރު ގެއްލޭނެއެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި، ޕީޕީއެމް ޕީއެންސީ މެމްބަރުންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، ރައްޔިތުންގެ ލޯބި ހޯދުމަށް މަސައްކަތްކުރުމާއެކު، މިވަގުތު ޖަލު ޙުކުމެއް ތަންފީޒުކުރައްވާ، ޕާޓީގެ ލީޑަރު، ރައީސް ޔާމީން މިނިވަންކުރުމަށް މަސައްކަތް ކުރުމެވެ. އަދި 2023 އަށް ބޭނުންވާ ވޯޓު ހޯދުމެވެ. މި މަސައްކަތް ކާމިޔާބު ކުރެވޭނީ، މާލެސިޓީ ކައުންސިލުން އެކަށީގެންވާ ނަތީޖާއެއް ނެރެވިގެންނެވެ. ޕީޕީއެމް، ޕީއެންސީއަކީ ނަތީޖާ ނެރެދޭ، ތަރައްގީކޮށްދޭ ޕާޓީއެއްކަން ސާބިތުކޮށްދީގެނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13

One Response

  1. ކައުންސިލްގެ ޑެޕިޔުޓީ މޭޔަރަކަށް ވުން އެންމެ ޙަޤުކަން ބޮޑީ ޝުޖާޢު. ދެގޮތެއް ނެތި ޕީޕީއެމަށް އެންމެ ގިނަ ޚީދުމަތްތަކެއް ކުރެއްވި އެއް ބޭފުޅަކީ އޭނާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *