...

Support Us

ދުނިޔޭގައި އެންމެ ގިނަ މީހުން ވާހަކަދައްކާ، އަދި އެންމެ މުހިންމު ބަހަކީ ކޮބާ؟

ވާހަކަދައްކާ ބަސްބަހުގެ ތެރެއިން އެންމެ މުހިންމު ބަހަކީ، އަދި ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ބަހަކީ ކޮބައިތޯ ތިޔަ ބޭފުޅުންގެ އަރިހު ސުވާލެއް ދަންނަވައިފި ނަމަ، ގިނަ ބޭފުޅުންގެ ޖަވާބަކަށް ވާނީ "އިނގިރޭސި ބަސް" ކަމާ މެދަކު ޝައްކެއް ނުކުރަމެވެ. މި ދިވެހި މުޖުތަމަޢުގައި އެ ބަހަށް ދެވިފައިވާ ބޮޑު އަހުމިއްޔަތުކަމެއްގެ ސަބަބުންނެވެ. ދެވަނައަށް އެންމެ މުހިންމީ ކޮންބަހެއްތޯ ދަންނަވައިފި ނަމަ، އެއީ ޢަރަބިބަހޭ ވިދާޅުވާނެ ބޭފުޅުން ވެސް މި މުޖުތަމަޢުގައި ވަރަށް ގިނަވާނެއެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް އެއީ އުރުދޫއާއި ހިންދީ ކަމަށް ވެސް ވެދާނެއެވެ. އަޅުގަނޑު ފަދަ މައް ދިވެހީންނަށް އެ ސުވާލުގެ ޖަވާބަކަށް ވާނީ ދިވެހިބަސްކަން ކަށަވަރެވެ.

އާދޭހެވެ! އަޅުގަނޑުވެސް އެއްބަހެވެ. ދުނިޔޭގައި އިންސާނުން ބަސްމޮށެ އުޅޭ ކޮންމެ ބަހަކީ ވެސް މުހިންމު ބަހެކެވެ. ވަރަށް މުހިންމު ބަހެކެވެ. އެހެނީ  ކޮންމެ ބަހެއް ވެސް ދެމި އޮންނަނީ ސަގާފީ، އިޖްތިމާޢީ، ތާރީޚީ އަދި ނަފްސާނީ އަމިއްލަވަންތަ “މުދާތަކެއް” ހިފައިގެންނެވެ. މާދަރީބަސްތައް ޙިމާޔަތްކުރާން ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރެވެނީ މި ސަބަބުތަކާ ހުރެއެވެ. ބަހެއް މަރުވެއްޖެ ނަމަ، ބަހެއް ނެތިގެން ހިނގައްޖެ ނަމަ، އިސްވެ މި ދެންނެވި ހުރިހާ އެއްޗެއް ގެއްލިގެން ދާނެތީއެވެ. ވީމާ ކޮންމެ ބަހަކީވެސް އެ ބަހަކުން ވާހަކަދައްކާ ބަޔަކަށް އަދި މުޅި ދުނިޔެއަށް ވެސް މުހިންމު، ހަމަ ވަރަށް މުހިންމު ބަހެކެވެ.

"މުހިންމު"ގެ މާނައަކީ ކޮބައިތޯއެވެ؟ މި ލިޔުމުގެ ބޭނުމަށް ޓަކައި "މުހިންމ"ގެ މާނައަކީ "ނުފޫޒުގަދަ"ކަމަށް ބެއްލެވުން އެދެމެވެ. މި ގޮތަށް މާނަކުރައްވައިފި ނަމަ މި މައުޟޫޢާއިގެން ކުރިޔަށް ވަޑައިގަންނަވާން ފަސޭހަފުޅުވާނެއެވެ. އެންމެ ރަނގަޅެވެ. ރަނގަޅު ޙައްލެކެވެ. އެހެންވީއިރު އެންމެ މުހިންމު ބަސްބަހަކީ ނުވަތަ ނުފޫޒު ގަދަ ބަސްތަކަކީ ކޮބައިތޯއެވެ؟ އެ ބަސްތައް މުހިންމު ކަމަށް ނުވަތަ ނުފޫޒު ގަދަކަމަށް ލިސްޓް ކުރާނީ ކޮން މިންގަނޑަކުން ކޮން އުޞޫލަކުން ކޮން ހަމައަކުން ނުވަތަ ކޮން ފޯމިއުލާ އެއް ބަލައިގެންތޯއެވެ؟ މުހިންމު ސުވާލެކެވެ.

ބަހުގެ ނުފޫޒު ގަދަކަން ބެލުމަށްޓަކައި ބަސްވާރުން ބައެއް ފޯމިއުލާތައް ބޭނުންކޮށްފައި ހުރެއެވެ. އެންމެ މަޤްބޫލު މިންގަނޑެއް ކަމަށް ބެލިފައި އޮންނަނީ އަންނަނިވި ނުކުތާތަކަށް ބަލައިގެން ޕޮއިންޓް ދޭ އުޞޫލެވެ. ކޮންމެ ބައެއްގައި އެ ވަނީ އެ ބައަކަށް އެންމެ މަތީން ޕޮއިންޓް ލިބޭނެ ޢަދަދެވެ.

މިސާލަކަށް:

  • މާދަރީ ބަހެއްގެ ގޮތުގައި އެ ބަހަކުން ވާހަކަދައްކާ މީހުންގެ ޢަދަދު: 4 ޕޮއިންޓް
  • ދެވަނަ ބަހެއްގެ ގޮތުގައި ވާހަކަދައްކާ މީހުންގެ ޢަދަދު: 6 ޕޮއިންޓް
  • އެ ބަހެއް ބޭނުންކޮށްގެން ޤައުމުތަކުގެ އިޤްތިޞާދީ ބާރު: 8 ޕޮއިންޓް
  • އިންސާނީ ޙަރަކާތްތަކުގެ ދާއިރާގައި އެބަހެއް ބޭނުންކުރެވޭ މިންވަރު: 8 ޕޮއިންޓް
  • ބަސް ބޭނުންކުރާ ޤައުމުތަކުގެ އާބާދީ: 7 ޕޮއިންޓް
  • ބަހުގެ އިޖްތިމާޢީ އަދި އަދަބީ އިސްކަން: 4 ޕޮއިންޓް

އިސްވެ ދެންނެވުނު އުޞޫލުން ޕޮއިންޓް ދީގެން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ބަސްތަކަކީ ކޮބައިތޯ ބަލާއިރު ނުފޫޒު ގަދަކަމުގެ ނިސްބަތް ތަރުތީބުކުރެވިފައިވަނީ އަންނަނިވި ގޮތަށެވެ. އާދޭހެވެ! އެންމެ މުހިންމު ދިހަ ބަސްކަމަށް ބަލަނީ މި ދަންނަވާ ބަސްބަހެވެ. ދެންނެވިފައިވާ ތަރުތީބުންނެވެ.

1- އިނގިރޭސި ބަސް: 37 ޕޮއިންޓް
2- ފަރަންސޭސިބަސް: 23 ޕޮއިންޓް
3- އިސްޕޭނު ބަސް: 20 ޕޮއިންޓް
4- ރޫސީބަސް: 16 ޕޮއިންޓް
5- ޢަރަބި ބަސް: 14 ޕޮއިންޓް
6- ޗައިނާ ބަސް: 13 ޕޮއިންޓް
7- ޖަރުމަނުބަސް: 12 ޕޮއިންޓް
8- ޖަޕާނު ބަސް: 10 ޕޮއިންޓް
9- ފުރެތިކާޅު ބަސް(ބްރެޒިލު): 10 ޕޮއިންޓް
10- އުރުދޫ/ހިންދީ: 9 ޕޮއިންޓް

މި ލިސްޓް ކޮށްލެވުނީ ބަސްވާރުންގެ ނަޒަރުގައި ދުނިޔޭގައި އެންމެ ނުފޫޒު ގަދަ 10 ބަހެވެ. މި ބަސްތަކަށް ބަލާއިރު ގިނައީ ވިލާތާއި އޭޝިޔާ ބައްރުގެ ޤައުމުތަކުގައި ވާހަކަދައްކާ ބަސްތައްކަން ފާހަގަކުރެވެއެވެ. އެހެންވީ އިރު، ދިވެހިބަސް އޮންނާނީ ކިހާ ހިސާބެއްގައިތޯ ފިކުރުކޮށްލަމާތޯއެވެ!

ބަހެއް މުހިންމު ވުމާއި ނުފޫޒުގަދަ ބަހަކަށް ވުމަކީ ތަފާތު ދެކަމެކެވެ. މިސާލަކަށް މުސްލިމުންނަށް އެންމެ މުހިންމު ބަހަކަށް ވާނީ ޢަރަބި ބަހެވެ. އެހެނީ އިސްލާމް ދީނުގެ އަޞްލުބަހަކީ ޢަރަބި ބަހެވެ. ނަމަވެސް އެއީ ހުޅަނގާ ބީރައްޓެހި އުޞޫލުތަކެއް ކަމަށް ވާތީ އެ މީހުންނަކަށް އެ ބަހެއް މުހިންމެއް ނުވާނެއެވެ.

އިސްވެ މި ދަންނަވައިލެވުނީ ދުނިޔޭގައި އެންމެ ނުފޫޒު ގަދަ ކަމަށް ބެލެވޭ 10 ބަހެވެ. ނަމަވެސް އެންމެ ގިނަ މީހުން ވާހަކަދައްކާ 10 ބަސް ލިސްޓްކޮށްފި ނަމަ މި ނިސްބަތް ތަފާތުވާނެއެވެ. ދުނިޔޭގެ އާބާދީގެ 20.7 އިންސައްތަ މީހުން ޗައިނާ ބަހުން ވާހަކަދައްކައެވެ. ދުނިޔޭގެ އާބާދީގެ އެހާ މަތީ އިންސައްތައެއް ޗައިނާ ބަހުން ވާހަކަދައްކާ ކަމަށް ފާހަގަކުރެވެނީ އެއީ ދުނިޔޭގެ ނިސްބަތުގައި ވެސް އާދަޔާ ޚިލާފު ބޮޑު އާބާދީއަކަށް ޗައިނާ ވާތީއެވެ. އަދި މެލޭޝިއާ އާއި ސިންގަޕޫރުގެ ބޮޑު އާބާދީއެއްގައި ވެސް މި ބަހުން ވާހަކަދއްކައި އުޅޭތީއެވެ. އެހެން ނަމަވެސް އެ ބަސް ނުފޫޒު ގަދަ ބަސްތަކުގެ ތަރުތީބުން ލިސްޓްގައި ހިމެނެނީ ހަވަނަ އަށެވެ. އެހެން ސަބަބުތަކާ ހުރެއެވެ.

ދެން މި ދަންނަވައިލަނީ ދުނިޔޭގައި އެންމެ ގިނަ މީހުން ވާހަކަދައްކާ 10 ބަހާއި ދުނިޔޭގެ އާބާދީގައި އެ ބަހުން ވާހަކަދައްކާ މީހުންގެ ނިސްބަތެވެ.

  1. ޗައިނާ ބަސް %20.7
  2. އިނގިރޭސި ބަސް %6.2
  3. އިސްޕޭނު ބަސް %5.6
  4. އުރުދޫ/ހިންދީ(ދެބަސް) %4.7
  5. ޢަރަބިބަސް %3.8
  6. ބަންގާޅީ ބަސް %3.5
  7. ފުރެތިކާލު ބަސް (ބްރެޒިލުގައި) %3.0
  8. ރޫސީވިލާތު ބަސް %3.0
  9. ޖަޕާނު ބަސް %2.3
  10. ޖަރުމަނު ބަސް %1.8

މި ލިސްޓަށް އަޅުގަނޑުމެން ބަލައިލައިފި ނަމަ، އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ ނުފޫޒު ގަދަ ބަސްތަކުގެ ލިސްޓުގެ ދެވަނައިން ޖާގަ ހޯދައިފައިވާ ފަރަންސޭސި ބަހަށް މި ލިސްޓުން އެއްވެސް ޖާގައެއް ނުލިބުނު ކަމެވެ. އެހެންވީމާ އެ ބަހަކުން އެންމެ ގިނަ މީހުން ވާހަކަދެއްކުމާއި އަދަބީ ގޮތުން ނުވަތަ ޢިލްމީ ގޮތުން މުއްސަނދިވުމާއި އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ނުފޫޒު ގަދަވުމަކީ ތަފާތު ތިން ކަމެއްކަން އެބަ ދޭހަވެ އެވެ.

މި ތިން މިންގަނޑަށް ބަލާއިރު ބަހެއްގެ މުހިންމުކަން ވަޒަންކުރާނީ ކިހިނެއްތޯއެވެ؟ ވަރަށް ބޮޑު ސުވާލެކެވެ. މި ސުވާލަށް އަޅުގަނޑު ދޭ ޖަވާބަކީ ވަކި ބޮޑަށް މުހިންމު އެއްވެސް ބަހެއް ނެތޭއެވެ. އެކި ނަޒަރުން އެކި ގޮތަށް ވިސްނާ އިރު ކޮންމެ ބަހަކީ ވެސް އެއްވެސް އިސްތިސްނާއެއް ނެތި ހަމަ ވަރަށް މުހިންމު ބަހެކެވެ. ދިވެހިބަހަށްވުރެ މުހިންމު ބަހެއް އަޅުގަނޑަކަށް ނެތެވެ. ދިވެހީންނަކަށް ނޯންނާނެއެވެ. ހަމަ އެފަދައިން ޢަރަބިބަހުގެ މުހިންމުކަން ވަކި ކުޑަތޯއެވެ؟ އިނގިރޭސިބަހަށް އަޅުގަނޑުމެން ދޭންޖެހިފައިވާ އަހުމިއްޔަތުކަމަށް ވިސްނަވާށެވެ! މުނިފޫހިފިލުވުމުގެ ދާއިރާގައި ދިވެހިންނަށް ހިންދީބަހުގެ މުހިންމުކަން ކުޑަތޯއެވެ! އެކި މުތަރުޖިމުންނަށް އުރުދޫބަހުގެ މުހިންމުކަން ކިހާ ބޮޑުތޯއެވެ! ހައްތާވެސް މުހިންމު ބަސްތަކެވެ. މުހިންމުވާ ސަބަބު ތަފާތީއެވެ. އެހެންކަމުން ހުރިހާ ބަހަކީ ވެސް ހަމަ އެންމެ މުހިންމު ބަހެއް ކަމަށާއި އެންމެ ނުފޫޒުގަދަ ބަހަކީ އިނގިރޭސިބަސް ކަމަށާއި ދުނިޔޭގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއްގެ މީހުން ވާހަކަދައްކާ ބަހަކީ ޗައިނާބަހޭ ދަންނަވައިލަމުން ނިންމައިލަމެވެ.

މަޢުލޫމާތު:

ޖިއޯފްރޭ ކިންގސްކޮޓް (2008). ލޭންގުއޭޖް ޓްޑޭ
ޖޯރޖް ވެބަރ (1995).
ލެންގްއޭޖް މަންތުލީ (1997). 18-12: 3 . ISSN 1369-9733
//http://www.andaman.org