...

Support Us

ގާނޫނީ ވަކީލުގެ ދިފާއުގެ ވާހަކަ

ވައްކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރެވުނެވެ. އަދި، މައްސަލަ ތަހުގީގުކުރުމަށް ފަހު، ވައްކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވުނު މީހާ ޝަރީއަތަށް ހާޒިރުކުރެވުނެވެ.

ތުހުމަތުކުރެވުނު މީހާގެ ދިފާއުގައި އޭނާގެ ވަކީލު ވަރަށް ދިގުކޮށް ވާހަކަ ދެއްކިއެވެ. އޭނާގެ ވާހަކަ ބިނާކުރީ ތުހުމަތުކުރެވޭ މީހާ ކުށުން ބަރީއަކުރުމުގެ މައްޗަކަށް ނޫނެވެ. އޭނާގެ އަދަބު ލުއިކުރެވޭތޯއެވެ. އެ ގޮތުން ވަކާލާތުކޮށް ވައްކަމުގެ ތުހުމަތުކުރެވޭ މީހާގެ އަދަބު ކުޑަކުރަންވީ ކީއްވެގެންކަން އޭނާ ބަޔާންކޮށްދިނެވެ.

ވަކީލު ވިދާޅުވީ ވައްކަމަށް ތުހުމަތުކުރެވޭ މީހާ އެކަމަށް އިއުތިރާފުވާ ކަމެވެ. ނަމަވެސް އެ އަމަލު ހިންގީ އޭނާގެ ކަނާތްކަމެވެ. އޭނާގެ އެހެން ގުނަވަންތައް އެކަމުގައި ބައިވެރިނުވާކަމެވެ. އެހެންވީމާ އަދުލު އިންސާފު ނިޔާކުރަނީ ކުށްކުރި ފަރާތަށް އަދަބު ދިނުމަށެވެ. ކުށް ނުކުރާ ބަޔަކަށް ކުށުގެ އަދަބު ދިނުމަކީ އިންސާފުވެރި ގޮތަކަށް ނުވާނޭ ކަމެވެ.

ކޮންމެ އަކަސް ދިފާއީ ވަކީލުގެ ވާހަކަތައް އަޑު އެއްސެވުމަށް ފަހު، ގާޒީ ކުޑަކޮށް ހައިރާންވެވަޑައިގަތެވެ. ވަކީލުގެ ވާހަކަތައް ވާނީ ސަމާސާ ވާހަކަތަކެއް ކަމަށް ގާޒީ ހީފުޅުކުރެއްވިއެވެ. ދެން، ކޮންމެއަކަސް، ގާޒީ ނިންމެވީ، ދިފާއީ ވަކީލު އެދިލެއްވި ގޮތުގެ މަތިން ކުށްވެރިޔާގެ އަދަބު ލުއިކޮށްދެއްވާށެވެ.

ހުކުމް އިއްވަމުން ގާޒީ ވިދާޅުވިއެވެ. ޝައްކެއްނެތެވެ. ކުށްވެރިޔާ ވައްކަން ކުރި ކަމަށް އެއްބަސްވީ އިރު، އެ ވައްކަން ކުރީ އޭނާގެ ކަނާއަތެވެ. އޭނާގެ ވާއަތެއް އަދި އެނާގެ އެނޫންވެސް އެހެން އެއްވެސް ގުނަވަނެއް ވައްކަމުގައި ބައިވެރިވެފައި ނެތްކަމުގައެވެ. އެހެންވެ، އަހުރެން ހުކުމު ކުރަނީ ކުށްވެރިޔާގެ ކުށަށް އޭނާގެ ކަނާއަތް، ބުރަ މަސައްކަތާއެކު ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭނާގެ އެހެން ގުނަވަންތައް އޭނާގެ ކަނާއަތާ އެކުގައި ޖަލަަށް އަޔަސް ނުވަތަ ނަޔަސް އެންމެ ރަނގަޅެވެ.

ދެން އެންމެނަށް ވެސް ހައިރާންކަން ލިބުނީ ކުށްވެރިޔާ އެއް ފަރާތަކަށް ޖެހިލާފައި އޭނާގެ މަސްނުއީ ކަނާއަތް ނައްޓާލި ތަނެވެ. ދެން، އެއަތް އޭނާ ހައްޔަރުކޮށްގެން ގެންދަން ތިބި ޖަލު ސިފައިންނާ ހަވާލުކުރުމަށް ފަހު، ކޯޓުގެ ހާޒިރުވެ ތިބި އެންމެނާ މުޚާތަބުކޮށް ސަލާން ކިޔުމަށް ފަހު، ނިކުމެގެން ދިޔައެވެ.

އާދެ، ކޯޓުތަކުގައި ވަކާލާތުކުރާ ވަކީލުންނަކީ ފަހަރެއްގައި ވެސް، ހުރިހާ އިރަކު، ހައްގު ހޯދަން އުޅޭ ބައެއް ނޫނެވެ. އަދި ހައްގުގެ ދިފާއުގައި ތެދުވާ ބައެއް ވެސް ނޫނެވެ. ގިނަ ފަހަރު، ވަކީލުންނަށް ހިއްވަރުދީ، އެމީހުން މަސައްކަތްކުރުވާ ބާރަކީ އެމީހުންގެ އަމިއްލަ މަސްލަހަތެވެ. އެމީހުންނަށް ލިބެން އޮންނަ މާއްދީ ފައިދާއެވެ. އެހެންވެ، ކޯޓުތަކުގެ ނިޔާއަކީ ބައެއް ފަހަރު އަނިޔާއަށް ވެސް ވެއެވެ. އަދި ކޯޓުތަކުގެ އިންސާފަކީ ބައެއް ފަހަރު ބޭ އިންސާފަކަށް ވެސް ވެއެވެ. އަދި، އެހެންވެ، ކޯޓުތަކުގެ ނިންމުމުގެ މައްޗަށް ނިންމުން ނިންމަން ޖެހޭ އުޚްރަވީ ކޯޓެއް އޮތުން ލާޒިމުކުރުވައެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.