...

Support Us

ކޮލަމް: ވިނަވި

ޣިޔާޘުއްދީން ރަދުންނާއި އޭނާގެ ދަރިކަލުން   

އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީނަކީ ދިޔަމިގިލީ ދަރިކޮޅުގެ އެންމެފަހު ރަދުންނެވެ. އޭނާގެ ބައްޕާފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 2 އެވެ. ޣިޔާޘުއްދީން ރަސްކަމަށް އިސްވެވަޑައިގަތީ 1 ފެބުރުވަރީ 1767 ގައެވެ. ކޮލީ ނަންފުޅަކީ ސިރީ ކުލަ ސުންދަރަ މަހާރަދުންނެވެ. ރަސްކަމަށް އިސްވުމުގެ ކުރިން އޭނާގެ ނަންފުޅަކީ މުޙައްމަދު މަނިކުފާނެވެ. މުޙައްމަދު އިމާދުއްދީނު 3 ގެ ރަސްކަމުގައި އޭނާއަކީ ރަދުންގެ ވަލީ އަހުދެވެ.

މަލާބާރީން 1752 ޑިސެމްބަރު 20ގައި ރާއްޖެއަށް ހަމަލާދީ، މުކައްރަމް މުޙަންމަދު ޢިމާދުއްދީން 3 ރަދުން ހައްޔަރުކޮށްގެން ގެންދިޔައިރު، އެ މީހުން ދިޔައީ މުޙައްމަދު މަނިކުފާނުވެސް ގޮވައިގެންނެވެ. އެއަށްފަހު، 6 އެޕްރީލް 1753 ގައި ދޮންބަންޑަރައިން ރާއްޖެ ސަލާމަތް ކުރެއްވުމާ ހަމައަށް އެ ބޭފުޅުން ތިއްބެވީ ލަކަދީބުގައި ޤައިދުވެފައެވެ. ޢިމާދުއްދީން ރަދުން ބަހައްޓާފައި ހުރީ ކާވްރަތީގައެވެ. މުޙައްމަދު މަނިކުފާނު އަންދްރޮތުގައެވެ. އެބޭފުޅުން ސަލާމަތް ކުރަން ދޮން ޙަސަން މަނިކުފާނު އެ ދެ ރަށަށް ބަޔަކު ފޮނުއްވިއެވެ. އެހެނަސް އެކަން ކާމިޔާބެއް ނުވިއެވެ.

މި ނާކާމިޔާބު ދަތުރާ ގުޅިގެން އެދެބޭފުޅުން ކަންނައްނޫރަށް ގެންގޮސް ކިއްލާއެއްގައި ޤައިދު ކުރެވުނެވެ. ދުވަސްކޮޅެއް ފަހުން ޢިމާދުއްދީން މަލިކަށް ބަދަލުކުރެވުނެވެ. އޭނާ އަވަހާރަވީ އެ ރަށުގައި 5 ޖުލައި 1757 ގައެވެ. ޢިމާދުއްދީން އަވަހާރަވުމުން ދިވެހި ތަޚްތު ހުސްވެފައިވާތީވެ، ދޮން ހަސަން މަނިކުފާނު ރަސްކަމާ ހަވާލުވުމަށް އެންމެ ފަހުން އެއްބަސްވެވަޑައިގަތެވެ. ދެން 6 ޑިސެމްބަރު 1759 ގައި ދޮން ބަންޑާރައިން ރަސްކަމަށް އިސްވެވަޑައިގަތީއެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، ދޮން ބަންޑާރައިން، ވަރަށް މަސައްކަތް ކުރައްވައިގެން މުޙައްމަދު މަނިކުފާނު ރާއްޖެ ގެންނެވިއެވެ. އެމަނިކުފާނު ރަސްމީ ޢިއްޒަތުގައި މާލެއަށް ބާލުއްވައި ވަރަށް ޤަދަރާއި ޢިއްޒަތުގައި ދޮންބަންޑާރައިން ގެންގުޅުއްވިއެވެ. އަދި 1 ފެބްރުވަރީ 1767 ގައި ރަދުން އަވަހާރަވަމުން މުޙައްމަދު މަނިކުފާނާ ރަސްކަން ހަވާލުކުރެއްވިއެވެ.

ޣިޔާޘުއްދީނުގެ ރަސްކަމަކީ އެހާ އަމާން އޮމާން އަހަރުތަކެއް ނޫނެވެ. ތަކުރާރުކޮށް މަލާބާރީންނާ ހަނގުރާމަ ކުރައްވަން ޖެހުނެވެ. އޭގެ އިތުރުން އެތެރޭގެ ހަމަނުޖެހުންތަކާ ވެސް ކުރިމަތި ލައްވަން ޖެހުނެވެ. މި ހަމަނުޖެހުމުގައި އިސް ދައުރެއް ކުޅުއްވީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު މަނިކުފާނެވެ. (ފަހުން މުޙައްމަދު ޝަމްސުއްދީން 1 ރަދުން)ނެވެ. އޭނާ، ދޮން ބަންޑާރައިންގެ ދެ ދަރިކަލުން ކަމަށްވާ މުޙައްމަދު މަނިކުފާނާއި އަލި މަނިކުފާނު ވެސް އެ ބަޔަށް ހައްލައިލިއެވެ. ޣިޔާޘުއްދީނަށް މަޖުބޫރުވީ އެ ބޭބޭފުޅުން އަތޮޅު ތެރެއަށް އަރުވާލައްވާށެވެ.

މި ހަމަނުޖެހުންތަކާއެކު ވެސް ޣިޔާޘުއްދީން ވަނީ މުހިއްމު ޢިލްމީ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ ތެރެއިން އެއް ކަމަކީ އެ މަނިއްޕުޅު މަލާބާރީންނާ ކުރެއްވި ހަނގުރާމައިގެ ތާރީޚެއް ލިޔުއްވުމެވެ. ދެވަނަ ކަމަކީ ރާއްޖޭގެ ފުރަތަމަ ބަސްފޮތް (ފުރޭފު) އެކުލަވާލެއްވުމެވެ.

ޣިޔާޘުއްދީނު ރަދުން 1773 ގައި ހައްޖަށް ފުރާވަޑައިގަތެވެ. ރަސްކަން ހިންގެވުން ހަވާލުކުރެއްވީ އެއްބަފައި އާމިނާ މަނިކުފާނާއި އެ ކަމަނާގެ ފިރިކަލުން އަލީ ޝާހުބަންދަރާއެވެ. އޭގެ ހަތަރު ދުވަސް ފަހުން އަލީ ޝާހު ބަންދަރު ރަސްކަމުގެ މައްޗަށް އަތްގަދަ ކުރެއްވިއެވެ. އެ އުފެދުނު ހަމަނުޖެހުމުގެ ފާއިދާ ނަންގަވައިގެން މުޙައްމަދު މަނިކުފާނު ވެރިކަން މިލްކު ކުރައްވައި، އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީނު 2 ގެ ނަމުގައި ރަސްކަމަށް އަރާވަޑައިގަތެވެ.

އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ މަހާނަ ގާ

ރަސްކަމަށް އަރާވަޑައިގަތުމަށްފަހު ޝަމްސުއްދީން ކުރެއްވި އެއްމެ ފުރަތަމަ ކަމަކީ ޣިޔާޘުއްދީނުގެ ގަނޑުވަރު ރޫޅާލައްވައި ދިޔަމިގިލީ ދަރިކޮޅުގެ ބޭބޭފުޅުންގެ ގެކޮޅުތަކާއި މުދަލާއި ވަޤުފު ބިންތައް އަތުލެއްވުމެވެ. ދެން އަރުވާލެވިފައި ތިއްބެވި ދޮން ބަންޑާރައިންގެ ބޭފުޅުން މާލެއަށް ގެންނަވައި އޭގެ ތެރެއިން މުޙައްމަދު މަނިކުފާނަށް، މުޙައްމަދު މުޢިއްޒުއްދީނުގެ ނަމުގައި، ރަސްކަން ދެއްވިއެވެ.

ޣިޔާޘުއްދީނު، 1774ގެ އޮކްޓޯބަރުގައި ރާއްޖެ ވަޑައިގަތެވެ. އެ މަނިކުފާނު ރަސްމީ ޢިއްޒަތުގައި މާލެއަށް ބޭލެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ ބަހަނާ ދައްކަވައިގެން ޣިޔާޘުއްދީނު މާލެ އަރާވަޑައިގަތަ ނުދީ ޝަމްސުއްދީނު (އެ އިރު މުޙައްމަދު ފާށަނާ ކިލެގެފާނު) އޭނާ ކަނޑުމަތީގައި ބެހެއްޓެވިއެވެ. ޣިޔާޘުއްދީނު މާލެއަށް ފައިބައިވަޑައިގެން ރަންޖެހި ގަނޑުވަރުގައި އެބަހުންނެވިއޭ ވިދާޅުވެ ރައްޔިތުންނަށް ވެސް އޮޅުވާލެއްވީއެވެ. ދެން ބަޔަކު ފޮނުއްވައިގެން ޣިޔާޘުއްދީނު ހިލިހިލާ ޖަހައިފައި ކަނޑު ފެއްތީއެވެ. އެއީ 10 އޮކްޓޯބަރު 1774 ގައެވެ.

މި ހާދިސާއާ ގުޅިގެން ޣިޔާޘުއްދީންނަށް ހަމްދަރުދީ ލިބި ޝަހީދު ކުޅަ ބަންޑާރައިން (ނުވަތަ ހާޖީ ބަންޑާރައިން)ގެ ނަމުގައި މަޝްހޫރު ވެގެން ދިޔައެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން ކަނޑުމަތިން ހާޖީ ބަންޑާރައިންގެ ޤަބުރުފުޅު ފެންނަކަމަށް ވެސް ކިޔައި އުޅުނެވެ. އަދި ބައެއް ރަށްރަށުގެ އެއްގަމުން ވެސް ރޭގަނޑު ފެނިފައިވާ ކަމަށް ކިޔައި އުޅުނެވެ. އަދި އެހެން ފެންނަ ތަންތަނުގައި މަޤާމްފުޅުތައް ހަދައި ނަދުރު ބުނެ އުޅުނެވެ.

މި ކަންކަމުން ޣިޔާޘުއްދީނުގެ އާއިލާއަށް ސިޔާސީ މަޤްބޫލުކަން ލިބިގެން ދިޔުމާ ގުޅިގެން ރަސްކަމުގެ ފަރާތުން ބޭނުންފުޅުވީ އެ އާއިލާ ނައްތާލާށެވެ. އެގޮތުން ރަށްރަށުގައި ހުރި މަޤާމުފުޅުތައް ރޫޅާލަން އަމުރު ނެރުއްވިއެވެ. އެހެނަސް ބައެއް ފަޅުރަށް ރަށުގައި ދާދި ފަހަކާ ޖެހެންދެން މަޤާމުފުޅުތައް ހުއްޓެވެ. މިހާރު ވެސް ހދ. ކޭލަކުނުގައި އެއިން މަޤާމެއްގެ އާޘާރު ފެންނާން އެބަހުއްޓެވެ.

ޣިޔާޘުއްދީންގެ ދަރިފަސްކޮޅު ދެމިގެން އައިސްފައި ވަނީ އެ މަނިއްޕުޅުގެ ތުއްޕުޅު ދަރިކަލުން ޢަބްދުއްﷲގެ ފަރާތްޕުޅުންނެވެ. ބައްޕާފުޅު ޝަހީދުވިއިރު އެ ދަރިކަލުންގެ އުމުރުން ފަސް އަހަރު ވެސް ނުވެއެވެ. ނަސީބަކުން އަބްދުﷲ އަށް ފުވައްމުލަކަށް ވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތެވެ. އެ ފުރުޞަތު ލިބުނު ގޮތާމެދުގައި އެ ރަށުގައި ތުންތުން މަތިން ކިޔަމުން އަންނަ ވާހަކައެއް އޮވެއެވެ.

ޣިޔާޘުއްދީން ޝަހީދުވިއިރު ފުވައްމުލަކު ދައިގަނޑި ގަނޑުވަރު އަހުމަދު މަނިކުފާނާއި އޭނާގެ އަނބި ދިގަލަގެދަރު ފާތުން އެދުރީފާނު ތިއްބެވީ އަމިއްލަ ބޭނުމަކަށް މާލެ ގޮހެވެ. އެއިރުގެ ރަދުން، ކަޅުބަންޑާރައިންނަކީ އެ ދެމަފިރިންގެ ގާތް އަދި ކޮންމެވެސް އާއިލީ ގުޅުމެއް އޮންނަ ބޭފުޅެކެވެ. އެހެން ކަމުން އެ ދެމަފިރިން ތިބީ ރަދުންގެ ގަނޑުވަރުގައި ބައިތިއްބަވައިފައެވެ.

އެހެން ތިއްބަވަނިކޮށް ތުއްޕުޅު އަބްދުﷲ ގަނޑުވަރުން ބޭރުކޮށް ރަށަކަށް އަރުވާލަން އުޅޭ ޚަބަރު އެ ދެމަފިރިންގެ ކަންފަތުގައި ޖެހުނެވެ. އެ ދެމަފިރިންނަކަށް ދަރިޔަކު ލިބިފައެއްނެތެވެ. އެހެންކަމުން ތުއްޕުޅު އަބްދުﷲ ދަރިއެއްގެ ގޮތުގައި ބަލައި ބޮޑުކުރުމުގެ ޝައުގު އެ މީހުންގެ ހިތުގައި އުފެދުނެވެ. އެ ދެ މީހުން ރަދުންނަށް ދެންނެވިއެވެ. އަޅުގަނޑުމެންނަށް އެ ކުއްޖާ ދެއްވާށެވެ. އަޅުގަނޑުމެން އެ ދަރިކަލުން ރަށަށް ގެންގޮސްގެން އެ ކުއްޖާ ދަރިއެއްހެން ބަލައިފާނަމެވެ. ފުވައްމުލަކަކީ ޤައިދެއް ކަހަލަ ރަށެކެވެ. އޭނާގެ ފުށުން ދިވެހި ރަސްކަމަށް އެއްވެސް އުނދަގުލެއް ނުފޯރާނޭހެން އަޅުގަނޑުމެން އެ ރަށުގައި އޭނާ ގެންގުޅެފާނަމެވެ. ރަދުން އެގޮތް ޤަބޫލު ކުރައްވައި އެ ދެމަފިރިންނާއެކު އެ ކުއްޖާ ފޮނުއްވިއެވެ. ފުވައްމުލަކުގައި އެ ދެމަފިރިންގެ ލޯބި ލިބިގެން އަބްދުﷲ ބޮޑުފުޅުވިއެވެ. ފަހުން އޭނާއަށް ކިޔައި އުޅުނީ އިބްރާހިމް ފާމުލަދޭރި ކިލެގެފާނެވެ.

ކިލެގެފާނު ބޮޑުފުޅުވެ ފިރި ފުރާވަރަށް އެރުމުން އޭނާއާއި ކަރައްޔެ ހައްވާ މަނިކުފަނާ ދެވިއެވެ. ހައްވާ މަނިކުފާނަކީ ފާތުން އެދުރީފާނުގެ ކޮއްކޮއެވެ. ހައްވާ މަނިކުފާނާއި ކިލެގެފާނަށް ބޭފުޅަކު ނުލިބެއެވެ. އަދި ހައްވާ މަނިކުފާނު ނިޔާވަންދެން ކިލެގެފާނު އެހެން ކައިވެންޏެއް ނުކުރައްވައެވެ. އަވަހާރަވަމުން ހައްވާ މަނިކުފާނުގެ ކަރައްޔަގެ ކިލެގެފާނަށް ދެއްވިއެވެ. ފަހުން އެ ގެއަށް ކިޔައި އުޅުނީ ކަރައްޔަ ގަނޑުވަރެވެ.

ހައްވާ މަނިކުފާނު ނިޔާވި ފަހުން ކިލެގެފާނު ހަ ބޭކަނބަލުންނާ ކައިވެނި ކުރެއްވިއެވެ. އެ ބަނޑުބަނޑަށް 12 ބޭފުޅުން ކިލެގެފާނަށް ލިބި ވަޑައިގަތެވެ. އޭގެ ތެރެއިން މަޝްހޫރީ އައިސާ ދީދީ (ދޮށީ ދީދީ) އާއި ދޮންދީދީއާއި އާމިނާ ދީދީއާއި މޫސާ ދީދިއާއި އަހުމަދު ދިދީއާއި މުހައްމަދު ދީދީއާއި ހަސަން ދީދީއެވެ. މި ބޭބޭފުޅުން ހުވަދޫއާއި ފުވައްމުލަކާއި އައްޑޫން ކައިވެނި ކުރައްވައި އެތަންތަނުގައި ބޭފުޅުން ތިއްބެވިއެވެ. އަދި އެ ބޭފުޅުންގެ ދަރިފަސްކޮޅު ވަނީ މުޅި ރާއްޖެއަށް ފެތުރިފައެވެ. އެ ދަރިކޮޅުގެ ބޭފުޅުން ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި ތަޢްލީމީ ދާއިރާގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރި ވެއެވެ.

ކިލެގެފާނަށް، މަތީ މަޤާމުތަކަށް މާލެ ވަޑައިގަތުމަށް ފުރުޞަތު ލިބިވަޑައިގަތެވެ. އެހެނަސް އޭނާ ވިދާޅުވީ ތިމަންނަ ބޮޑަށް ހިތްޕުޅު ހަމަޖެހެނީ އޮޅުއަލަ ފަރިއްކުޅުއްވައިގެން ފުވައްމުލަކުގައި ހުންނަވާށެވެ. ކިލެގެފާނު އަވަހާރަވީ އެހެން ހުންނަވައި އެ ރަށުގައެވެ. ފަސްދާނުލެވުނީ އެ ރަށު ހުކުރު މިސްކިތު ޤަބުރުސްތާނުގައެވެ.

އެޑިޓަރުގެ ނޯޓް:

އަލްމަރުހޫމް ޑރ. އަބްދުﷲ ވަހީދުގެ 19 މެއި 2021ގެ މި ލިޔުއްވުމުގެ 13 ވަނަ ޕެރެގްރާފާއި 15 ވަނަ ޕެރެގްރާފުގައި ސައްހަ ނޫން ނަންފުޅެއް ވާ ކަމަށް ތާރީޚު ދިރާސާކުރައްވާ ބައެއް ބޭފުޅުން މިއަދު ވަނީ ފާހަގަކުރައްވައިފައެވެ. މިގޮތުން 13 ވަނަ ޕެރެގްރާފުގައި ދައިގަޑު ގަނޑުވަރު އަހުމަދު މަނިކުފާނުގެ އަނބިކަނބަލަކީ ދިގަލަގެދަރު ފާތުން އެދުރީފާނު ކަމަށް ލިޔުއްވައިފައިވެއެވެ. އެކަމަކު ރަނގަޅުގޮތް ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ދައިގަޑު ގަނޑުވަރު އަހުމަދު މަނިކުފާނުގެ އަނބިކަނބަލަކީ "ދިގަލަގެދަރު އާމިނާ މަނިކުފާނު" ކަމަށެވެ. އަދި ހަމަ 15 ވަނަ ޕެރެގްރާފުގައި ކިލެގެފާނު އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ ދިގަލަގެދަރު ފާތުން އެދުރީފާނުގެ ކޮއްކޮ ކަރިއްޔަ ހައްވާ މަނިކުފާނާ ކަމަށް ލިޔުއްވައިފައިވެއެވެ. އެކަމަކު ރަނގަޅުގޮތް ކަމަށް އެ ބޭފުޅުން ވިދާޅުވަނީ ކިލެގެފާނު އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތް ބޭފުޅަކީ "ދައިގަޑު ގަނޑުވަރު އަހުމަދު މަނިކުފާނާ އެއްބަނޑު އެއްބަފައި ދައިގަޑު ގަނޑުވަރު އައިޝާ މަނިކުފާނުގެ ދަރިކަނބަލުން މަރިޔަމް މަނިކުފާނު" ކަމަށެވެ.

މިއީ ދިވެހި ތާރީޚަށް މުހިންމު ރެފަރަންސަކަށް ވާނެތީ، އަދި ޑރ. އަބްދުﷲ ވަހީދުގެ ލިޔުއްވުމަށް އެއްވެސް އުނިއިތުރެއް މިހާރު އަޅުގަނޑަށް ނުގެނެވޭނެތީ، މި ދެ ނުކުތާ މިއަދު ފާހަގަވުމާއެކު، ކިޔުންތެރިންގެ މައުލޫމާތަށްޓަކައި މިވާހަކަ ދެންނެވުމަށް އަވަސްވެގަންނަމެވެ.

މާތްﷲ، މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

ޝުކުރިއްޔާ!

އެޑިޓަރ

11 ނޮވެމްބަރު 2023

މަތީ ފޮޓޯގައި: ފުވައްމުލަކު ހުކުރު މިސްކިތް 1922 ގައި

ރިފަރެންސް

  1. ތާޖުއްދީން، އަލް ޤާޒީ ޙަސަން (2020) "ތާރީޚް ދީބާ މަހަލް،" ފުރަތަމަ ދިވެހި އެޑިޝަން، ދިވެހިބަހުގެ އެކެޑަމީ ޞ 132، 133
  2. އަމީން، މުޙައްމަދު (1949) "ތަންޤީޙް ކުރެވުނު ދިވެހި ތާރީޚްގެ ތަންތަންކޮޅު،" ޞ 239، 240، 241
  3. ވައްހާބު، މަޖީދު އަބްދުލް (…….) "މޯލްޑިވްސް ސޮވްރޭންސް ފްރޮމް އޭ.ޑީ. 1117،" މޯލްޑީވްސްރޯޔަލްފެމިލީ.ކޮމް، 20 އެޕްރީލް 2021 ގައި ނަގާފައި
  4. ޝާތިރު، މުހައްމަދު (2021) "ދޮން ބަންޑާރައިން،" މެސެންޖަރ މުއާޞަލާތު
  5. ލަތީފު، އަޙުމަދު، އަސުރުމާގެ، ފުވައްމުލަކު (2021) ޓެލިފޯނު އިންޓަރވިއު