Support Us

ވެރިކަމަށް ޓަކައި ނަޞާރާދީން ޤަބޫލު ކުރެއްވި ރަސްރަސްކަލުންނާއި ބައިބަޔަށް އަންދަލުސް ވިއްކައިލެއްވި އަމީރުން- 1

އެހެންވެސް ތާރީޚުތައް ފަދައިން މުސްލިމުންގެ ތާރީޚަކީ ވެސް މީސްތަކުންނާއި އެ މީސްތަކުންގެ ޙަޔާތެވެ. އެ މީހުން ވެސް ރީތި، ޒީނަތްތެރި ނަމޫނާ ބަޔަކަށް އަބަދަކު ނުވާނެއެވެ. އުއްމަތުގެ ޝަރަފާއި ކަރާމަތާއި ކާމިޔާބީތަކާއި ނަޞްރުތަކުގެ ވާހަކަ ރަން އަކުރުތަކުން ލިޔާފަދައިން އުއްމަތުގެ ޚާއިނުންގެ ޚިޔާނަތްތަކާއި ނާކާމިޔާބީތަކުގެ ވާހަކަ ކަޅު އަކުރުން ފަވާ ލިޔަން ޖެހޭނެއެވެ.

މި ލިޔުމުގައި ބަލައިލާނީ އިސްލާމީ ތާރީޚުގައި ވަޠަނު ވިއްކައިލުމާ ބެހޭގޮތުން ހަދާފައިވާ ބައެއް ޞަފްޤާތު (ޑީލް) ތަކާ ބެހޭގޮތުންނެވެ. އިސްލާމީ ޤައުމުތަކަށް އަރައި އެ ޤައުމުތައް އަޅުވެތިކުރި ބާރުތައް (މުސްތަޢުމިރުން) މުސްލިމުންގެ ބިންތަކަށް އަރާ ހިފާފައިވަނީ ހަމައެކަނި ސަރަޙައްދުތައް ހުރަސްކޮށް ހަނގުރާމަކޮށްގެން ހެއްޔެވެ؟ ނުވަތަ ޖީބުތައް ހުރަސްކޮށްގެން ހެއްޔެވެ؟ މި ދިރާސާގައި ބަލައިލާނީ ޞަލީބީ ހަނގުރާމައިގެ ބައެއް ވާހަކަތަކަށާއި އަންދަލުސާ ބެހޭ ބައެއް ވާހަކަތަކަށެވެ. މުސްލިމުންނަށް "ގެއްލުނު" މި ސުވަރުގެ ގެއްލިފައި ވަނީ ބަޔަކު ޝައިޠާނާގެ ބަސް އަހައިގެން އެ ސުވަރުގެއިން ނެރެލެވުނީމައެވެ. ރާއްޖެއިން މިފަދަ މަންޒަރުތައް ފެންނަން ހުއްޓަސް އެއިން އެއްވެސް ކަމަކަށް ކައިރިން ވެސް އަދި ދުރުން ވެސް އަޅުގަނޑު އިޝާރާތެއް ނުކުރާނަމެވެ. ނުވަވަނަ ޙަސަން ރަސްގެފާނުގެ ވާހަކައަކަށް، މީދޫ ތަކުރުގެ ވާހަކައަކަށް، ޙަސަން ތާޖުއްދީނުގެ ދެ ދަރިކަލުންގެ ވާހަކައަކަށް އިޝާރާތެއް ވެސް ނުމެކުރާނަމެވެ.

ޞަލީބީންގެ ކުރިމަތީގައި ބަނޑުޖެހުން

އުއްމަތަށް ޚިޔާނަތްތެރިވުމުގައި އިސްލާމީ އުއްމަތުގެ މަޝްރިޤަކީ އެކަމުގައި އިސްނެގި ބައެއް ނޫނެވެ. އެ ސަރަޙައްދުގެ ވާހަކައިން މި ފަށަނީ އިސްލާމީ އުއްމަތުގެ މަރްކަޒަކީ މަޝްރިޤު ކަމުގައި ބެލެވޭތީއެވެ. މީގެއިތުރަށް ދުޝްމަނުންގެ ގިނަ ޙަމަލާތައް އައިސްފައި ވަނީ މަޝްރިޤަށެވެ. ޞަލީބީ ހަގުރާމައިގެ ތެރޭގައި (490- 690ހ/ 1097- 1291މ) ޝާމުކަރައިގެ ރަށްތަކާއި މިޞްރުތެރެއިން އެތައް ޚިޔާނަތްތަކެއް ފާޅުވެފައި ވެއެވެ. މި ކަމުގެ ސަބަބުން އިސްލާމީ މުހިއްމު ސަރަޙައްދުތަކަކާއި ސަހަރުތަކެއް ޞަލީބީ ޢަދުއްވުންގެ މުށުތެރެއަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

ޞަލީބީ އަމީރެއް ކަމުގައިވާ ފުރަތަމަ ބުލްޑަވިން (މަރުވީ 1118މ ގައި) ރުހާ ސަހަރު (މިހާރު ތުރްކީގެ އޮރުވާ) ހިފުމަށްފަހު ސުމައިސާޠު (ދެކުނު ތުރްކީގެ ރަށެއް) ހިފުމަށް ކުރިމަތިލިއެވެ. ޞަލީބީން ޤާއިމުކުރި ފުރަތަމަ ޕްރޮވިންސަކީ ރުހާއެވެ. މަޝްހޫރު މުއައްރިޚެއް ކަމުގައިވާ އިބްނު އަބިއްދަމިލް ޙަމަވީ (އަވަހާރަވީ 1244 ގައި) އޭނާގެ ފޮތް (އަލްމުޚްތަޞަރު ފީ ތާރީޚިލް އިސްލާމީ) ގައި ވިދާޅުވެފައި ވެއެވެ. "ފަރަންޖީން އަންޠާކިޔާއާއި ސުމައިސާޠު ފަތަޙަ ކުރީ ހިޖްރައިން 490ވަނަ އަހަރުގައެވެ."

އެހެނަސް ސުމައިސާޠު ޙިޞާރު ކުރުމުގެ ކުރިން އެ ސަހަރުގެ ސަލްޖޫޤީ ޙާކިމު އެ ރަށް ދިހަ ހާސް ރަން ދީނާރަށް (ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު) އަމާން ދިނުމަށް ހުށައެޅުއްވިއެވެ. މިއީ ނަގައިލައިގެން ވާނެ ފުރްޞަތެއް ނޫން ކަމަށް ފަރަންޖީ އަމީރު ބުލްޑަވިން ބުނެ މި ފައިސާ މި ރަށުގެ ޙާކިމަށް ދިނެވެ.

މިއިން އެނގެނީ ސުމައިސާޠު ދުޝްމަނުންނަށް ލިބުނީ އެ ރަށުގެ ޙާކިމުގެ ޚިޔާނާތުގެ ސަބަބުން ކަމެވެ. "ޞަލީބީ ހަނގުރާމައިގެ ތާރީޚު" ނަމަކަށް ކިޔާ ފޮތުގެ މުއައްލިފު ވިލިއަމުއްޞޫރީ މި ފޮތުގައި މި ވާހަކަ ބަޔާންކުރައްވާފައި ވެއެވެ.

ހަމަ އެ އަހަރު ޝާމުކަރައިގެ އައްސޭރި ރަށެއް ކަމުގައިވާ އަންޠާކިޔާ ޞަލީބީންގެ އަތް ދަށަށް ދިޔައެވެ. މި މުހިއްމު ބިޔަ ސަހަރު ދުޝްމަނުންގެ ބާރުގެ ދަށަށް ވެސް ދިޔައީ ޚިޔާނާތުގެ ސަބަބުންނެވެ. އެރަށުގެ ޙާކިމަކަށް ހުންނެވީ ސަލްޖޫޤީ އަމީރެއް ކަމުގައިވާ ޔާޣީ ސިޔާނެވެ. އޭނާ ވެރިކަން ކުރައްވަމުން ދިޔައީ ސަލްޖޫޤީ ސުލްޠާނު މަލިކުޝާހު (އަވަހާރަވީ 1092 ގައި) ގެ ނަންފުޅުމަތީގައެވެ.

ޤާތިލު ޚިޔާނަތެއް

އަންޠާކިޔާއަށް ޙަމަލާދިނުމަށް ޓަކައި ޞަލީބީ ލަޝްކަރު އެ ރަށާ ކައިރީގައިވާ ކުޑަ ފަރުބަދައެއް މަތީގައި ކިއްލާއެއް ބިނާކުރިއެވެ. މި ރަށް ޙިޞާރުގެ ދަށުގައި ނުވަ މަސް ދުވަހު އޮތެވެ. މި ސަހަރުގެ ޙާކިމު މި ރަށުގެ ބުރުޒުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލު ކުރައްވާފައި ވަނީ ވަރަށް ފަހުން އިސްލާންވި އަރްމަން އިސްވާރަކާއެވެ. އެހެނަސް މި އަރްމަނު މީހާ މުސްލިމުންނަށް ޚިޔާނަތްތެރިވެ ރިޝްވަތު ނަގައި ރަށުގެ ދޮރޯށިތައް ހުޅުވައިލަދިނެވެ.

އިބްނުލް އަޘީރު (އަވަހާރަވީ 1233 ގައި) އޭނާގެ މަޝްހޫރު ފޮތް "އަލްކާމިލު"ގައި ލިޔުއްވާފައި ވެއެވެ. "އަންޠާކިޔާގައި ފަރަންޖީންގެ ޙިޞާރު ދިގުލައިގެން ދިޔުމުން ބުރުޒުތައް ބަލަހައްޓާ މީހުންގެ ތެރެއިން މީހެއްގެ ގާތަށް ބަޔަކު ފޮނުވައިގެން އޭނާއަށް ފައިސާއާއި ބިންތައް ދޭނެކަމަށް ބުންޏެވެ. މި މީހާއަކީ ވާދީއާ ވީ ފަރާތުގެ ބުރުޒުގެ ދޮރުވާނެވެ. މި ބުރުޒު ބިނާކޮށްފައި ހުރީ ވާދީގެ ކުޑަދޮރެއް ކައިރީގައެވެ. މި މީހުން މި މީހާއާއެކު ހެދި އެއްބަސްވުމަކަށްފަހު އެ ކުޑަދޮރު ކައިރިއަށް ގޮސް އެ ދޮރު ހުޅުވިއެވެ. އަދި އެ ދޮރުން ފަރަންޖީން ވަނޫއެވެ. އެ ސަހަރު ފަރަންޖީންނަށް ލިބުނީ މި ޚިޔާނަތުގެ ސަބަބުންނެވެ.

ފާޠިމީ ޚަލީފާ އަލްމުސްތަންޞިރު ބިﷲ (1094 ގައި) އަވަހާރަވުމާ ވިދިގެން މިޞްރަށް ވަޒީރުންގެ ޒަމާނޭ ކިޔުނު ޒަމާނެއް އައެވެ. އެއީ މިޞްރުގެ ޚަލީފާއިންގެ ބާރު ދެރަވުމާ ހެދިއެވެ. މި ދުވަސްތަކުގައި ސިފައިންގެ ވެރީންނާ ވަޒީރުންނާ ދެމެދުގައި ކޯޅުންތަކާއި އަރާރުންތައް ގިނަވެގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޞަލީބީންގެ ބާރުގެ ދަށަށް މިޞްރު ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

މި ދުވަސްވަރު ހިނގި އެންމެ މަޝްހޫރު އެއް އަރާރުމަކީ 558ވަނަ އަހަރުގެ ރަމަޟަންމަހު ސިފައިންގެ ވެރިއާ ޟިރްޣާމު ބިން ޢާމިރުއްލަޚްމީ (އަވަހާރަވީ 1163 ގައި) އާއި ވަޒީރު ޝާވިރު ބިން މުޖީރުއް ސަޢުދީ (އަވަހާރަވީ 1169 ގައި) އާ ދެމެދުގައި ހިނގި ކޯޅުންތަކެވެ. މި އަރާރުން ނިމުނީ ޟިރްޣާމަށް ވަޒީރުކަން ލިބިވަޑައިގަތުމުންނެވެ.

އެހިނދު ޝާވިރު އަވަސްއަވަހަށް ދިމަޝްޤަށް ވަޑައިގެން އައްސުލްޠާން ނޫރުއްދީނުއް ޒަންކީގެ އަރިހުން އެހީއަށް އެދިވަޑައިގެންނެވިއެވެ. ނޫރައްދީން އޭނާއަށް ވަރަށް ކަމޭހިއްތެވިއެވެ. އޭނާއަށް ވަޒީރުކަން ހޯއްދަވައި ދެއްވައިފިނަމަ މިޞްރުގެ މުޅި އާމްދަނީގެ ތިން ބައި ކުޅަ އެއްބައި ނޫރައްދީނަށް އަރުވާނެ ކަމަށް އޭނާ ދެންނެވިއެވެ. ތާރީޚު ޢިލްމުވެރިއެއް ކަމުގައިވާ އަލްމަޤްރީޒީ އޭނާގެ މަޝްހޫރު ފޮތް "އިއްތިޢާޡުލް ޙުނަފާ ބި އަޚްބާރިލް އައިމަތިލް ފާޠިމިއްޔީންނިލް ޚުލަފާ" ގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ މިޞްރުގައި ކަންތައް ކުރައްވާނީ ނޫރައްދީނުގެ އަމުރުފުޅާ އެއްގޮތަށް ކަމަށް ދެންނެވިއެވެ. އެހެނަސް ޝާވިރު ނޫރައްދީނަށް ޚިޔާނަތްތެރިވެވަޑައިގެން ޞަލީބީންނާ އެއްބައިވެ ވަޑައިގަތެވެ. އެމީހުންނަށް މިޞްރަށް ވެރިވެނުގަނެވުނީ ހަމަ ކިރިޔާއެވެ. ނޫރައްދީން ވަރަށް އަވަހަށް ފިޔަވަޅު އަޅުއްވާ އޭނާގެ އިސް ދެ އިސްވާރުން ކަމުގައިވާ އަސަދުއްދީނާއި ޞަލާޙުއްދީނުލް އައްޔޫބީ މިޞްރަށް ފޮނުއްވާ ޝާވިރާ ޞަލީބީންގެ އެއްބާރުލުން ނައްތައިލެއްވިއެވެ. މި ފިޔަވަޅު ނޭޅުއްވިނަމަ ޞަލީބީން ފަލަސްޠީނާއި ޝާމުކަރައިގެ އައްސޭރި ސަހަރުތައް ހިފި ގޮތަށް މިޞްރުވެސް ހިފާނެތެވެ.

ކާބަފައިންގެ މެއަށް ޚަންޖަރު ހެރުން

ޙާކިމުންނާއި ވެރީންގެ ޚިޔާނަތުގެ ޙާދިސާތަކުގައި ޝަރަފުވެރި ތާރީޚީ ރަސްރަސްކަލުންގެ ކާފަ ދަރިދަރިކަލުންގެ ތެރެއިން ބަޔަކު  ބައިވެރިވެފައިވާތީ މުއައްރިޚުން ޙައިރާންފުޅުވެ ވަޑައިގެންފައި ވެއެވެ. ޖިހާދުގެ މައިދާނުގައި ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާދެއްވާފައިވާ ބަޠަލުންގެ ކާފަ ބޭފުޅުން އުއްމަތަށް ޚިޔާނަތްތެރިވެ ވަޑައިގެންފައި ވަނީ މަދެއްކޮށެއް ނޫނެވެ.

ޞަލާހުއްދީނުލްއައްޔޫބީ ވަރުގަދަ ޖިހާދަކަށްފަހު 1187ގައި ޤުދުސް މިނިވަންކޮށްދެއްވިއެވެ. އިސްލާމީ މި ބަޠަލުގެ ތިމާގެ ބައެއް ބޭފުޅުން މި މާތް ޤުދުސް ދެ ފަހަރަކު މަތިން ޞަލީބީންނާ ޙަވާލު ކުރައްވާފައި ވެއެވެ. ފުރަތަމަ ފަހަރަކީ ޞަލީބީ ހަ ވަނަ ޙަމަލާގައި 1229ގައި އަލްކާމިލް މުޙައްމަދު ބިނުލްޢާދިލް ޤުދުސް ޙިމާޔަތް ކުރައްވަން އެންމެ ލޭތިއްކެއް ވެސް ޤުރްބާން ނުކުރައްވައި ޖަރްމަނުގެ އެމްޕަރަރ ދެވަނަ ފްރެޑްރިކަށް ޤުދުސް ދެއްވި ޚިޔާނަތެވެ. އޭނާ އެކަން ކުރެއްވީ އޭނާއަށް ނާބްލުސްއާއި ޚަލީލު ދެއްވާނެތީއެވެ. އިބްނުލްއަޘީރު މި ޞަފްޤާ އާ ބެހޭގޮތުން ލިޔުއްވާފައި ވެއެވެ. "ފަރަންޖީންނަށް ބައިތުލްމަޤްދީސް ޙަވާލު ކުރެވިއްޖެއެވެ. މުސްލިމުންގެ ހިތްތަކުގައި މި ކަން ވަރަށް ބޮޑު ކަމަކަށް ވިއެވެ. އެމީހުންނަށް ލިބުނު ހިތާމައާއި ބަރުދާސްކުރަންޖެހުނު ހިތާމައިގެ މިންވަރު ސިފަކުރަން ވެސް ދައްޗެވެ."

ސިބްޠު އިބްނުލްޖައުޒީ، އޭނާގެ ފޮތް "މިރްއާތުއް ޒަމާނީ"ގައި ވިދާޅުވެފައިވެއެވެ. "ފަރަންޖީންނާ ޤުދުސް ޙަވާލުކުރި ޚަބަރު މުސްލިމުންނަށް ލިބުމުން އެ ޤައުމުތަކަށް ހީވީ ޤިޔާމަތް އައި ހެންނެވެ. ބޮޑެތި ރަށްތަކުގައި ތަޢުޒިޔާ ކިޔުމުގެ ހަރުގެތައް ޤާއިމު ކުރެވުނެވެ. މުސްލިމުންގެ ރަސްރަސްކަލުންގެ ލަދުވެތިކަން ފަހެ ކޮބައިބާވައެވެ!"

އައްސުލްޠާނު އަލްކާމިލް ފްރެޑްރިކާއެކު މި އެއްބަސްވުން ހެއްދެވުމުގެ ކުރިން އޭނާގެ އަޚު ޢަރަބިކަރައިގެ ރަސްގެފާނު އަލްއަޝްރަފު މޫސާ (އަވަހާރަވީ 1237މ ގައި) އަށް ލިޔުއްވިއެވެ. އިބްނުލްއަޘީރު ވިދާޅުވިއެވެ. "ރަސްގެފާނު ލިޔުއްވިއެވެ: މި ރަށްތަކަށް– އެބަހީ ޝާމު ކަރައަށް– މަށަށް އާދެވުނީ ފަރަންޖީންނާ ހެދިއެވެ. އެބައިމީހުން އެދޭ ކަމެއް މަނާކުރެވޭނެ ބަޔަކު މި ރަށަކު ނެތެވެ. ތިބާއަށް އެނގޭނެ ފަދައިން މަމެންމެންގެ ބޮޑުބޭބޭފުޅު އައްސުލްޠާނު ޞަލާޙުއްދީން ބައިތުލް މަޤްދިސް ފަތަޙަ ކުރެއްވުމުގެ ސަބަބުން އެމަނިކުފާނުގެ ނަންފުޅު ވަނީ ހުރިހާ ރަށްތަކެއްގައި ހިނގާ ރިވެތި ސަނާއާއި ތާރީފު ލިބިވަޑައިގެންފައެވެ. ފަރަންޖީންނަށް އެ ރަށް ލިބުމުން އެ ސަނާއާއި ތާރީފާ އަރާރުންވާ ގޮތަށް އަހުރެމެންނަށް ވަނީ މަލާމާތް ލިބިފައެވެ. މީސްތަކުންގެ ގާތުގައި އަދި ﷲގެ ޙަޟްރަތުގައި އަހުރެމެން ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟"

އިބްނު ވާޞިލުލް ޙަމަވީ (އަވަހާރަވީ 1298ގައި) އައްޔޫބީންނާ ބެހޭގޮތުން ލިޔުއްވި ފޮތުގައި ގެންނަވާފައި ވެއެވެ. "ހަނގުރާމަ ހުއްޓަން އެއްބަސްވެ ވަޑައިގަތުމަށްފަހު ރަސްގެފާނު މީހަކު ނެރުއްވާ މުސްލިމުންނަށް އެ ރަށުން ފޭބުމަށާއި ފަރަންޖީންނަށް އެ ރަށް ޙަވާލު ކުރުމަށް ގޮވައިލެއްވިއެވެ. މި ކަން އިޢުލާން ކުރެވުމުން ޤުދުސުގެ އަހްލުވެރިން މަގުމައްޗަށް ނުކުމެ އަޑުގަދަކޮށް ރޮއެ ހެދޫއެވެ. އަދި އަލްކާމިލް ރަސްގެފާނުގެ މި ޢަމަލު ކުށްވެރި ކުރޫއެވެ."

މި ފަހަރު ޤުދުސް 10 ވަރަކަށް އަހުރު ޞަލީބީންގެ އަތްދަށުގައި އޮތެވެ. މި ރަށް އަލުން ހިއްޕެވީ 1239ވަނަ އަހަރު އައްސުލްޠަނުއްނާޞިރު ދާވޫދު އިބްނުލް މުޢައްޡަމެވެ. އެހެނަސް އޭނާ ހަމަ އެ އަހަރު ޤުދުސް އަލުން ފަރަންޖީންނާ ޙަވާލު ކުރެއްވިއެވެ.

އައްނާޞިރު ދާވޫދު މި ކަން ކުރެއްވީ އޭނާގެ ޝަޚްޞީ މަޞްލަޙަތުތަކެއް ޙާޞިލު ކުރެއްވުމަށް ޓަކައެވެ. އެއީ އޭނާ އައްޞާލިޙު އައްޔޫބާ ދެކޮޅަށް ޞަލީބީންނާއެކު ހެއްދެވި އެއްބަސްވުމެއްގެ ދަށުން ކުރެއްވި ކަމެކެވެ. މި ޚިޔާނަތުގެ ސަބަބުން ޤުދުސް 1244 ވަނަ އަހަރާ ހަމައަށް ޞަލީބީންގެ އަސީރެއްގެ ގޮތުގައި އޮންނަން ޖެހުނެވެ. ސިބްޠު އިބްނުލް ޖައުޒީ ވިދާޅުވާ ގޮތުގައި  ޞަލީބީންނާއި އެމީހުންނާއެކު އެއްބައިވި ސުންޕާ އައްޔޫބީން ބަލިވީ ޣައްޒާ ހަނގުރާމައިގައި އައްސުލްޠާން އައްޞާލިޙު އައްޔޫބުގެ ޒަޢާމަތުގެ ދަށުގައި ހިނގި ހަނގުރާމައިގައެވެ. ސުންޕާ އައްޔޫބީން ފަރަންޖީންނާއެކު މި ހަނގުރާމަކޮށްފައިވަނީ ޞަލީބުތައް ހިފައިގެން ފަރަންޖީ ދިދައިގެ ދަށުގައެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *