Support Us

ސ. މަރަދޫ، ސަނީ ސައިޑް، އައިޝަތު އަޒީޒާ ޚަލީލު

މަރަދޫ އަޒީޒާގެ މަރުގެ މައްސަލަ ހެލްތު މިނިސްޓްރީ އަދި މެޑިކަލް ކައުންސިލުން ތަހުގީގުކުރަނީ

ސ. ފޭދޫ، އެއިމްސް ކްލިނިކުގެ ޑޮކްޓަރެއް ދިން ބޭހަކުން އަންހެނެއްގެ އެތެރެހަށީގެ ގުނަވަންތައް ފޭލިވެގެން މަރުވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފަށައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. އަދި އެ މައްސަލަ ބަލައި، ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ކޮމިޝަނަރ ތަސްލީމާ އުސްމާން "އަދިވެސް" އަށް މިއަދު ވިދާޅުވީ، އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށް ސ. މަރަދޫ، ސަނީ ސައިޑް، އުމުރުން 59 އަހަރުގެ އައިޝަތު އަޒީޒާ ޚަލީލު ހޯމަ ދުވަހު މަރުވީ އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ކަށީގެ ޑޮކްޓަރ، ޑރ. ރާމީ މުހައްމަދު އަބްދުލްނޫރު އަހުމަދު ދިން ބާރު ގަދަ ބޭހެއް ކެއުމުގެ ސަބަބުން، ދެ ކިޑްނީ އާއި ލިވަރ އަދި ބްލެޑަރ ފޭލިވެގެން ކަމަށް ބުނާތީ، ކަމާ ބެހޭ ގޮތުން ބަލަންޖެހޭ ބެލުންތައް ބެލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފައިވާ ކަމަށެވެ.

"ވަކި ފަރާތަކުން ޝަކުވާ ހުށަހަޅައިގެނެއް ނޫން. އެކަހަލަ މައުލޫމާތެއް މިނިސްޓްރީއަށް ލިބިގެން މައްސަލަ މި ތަހުގީގު ކުރަނީ،" ތަސްލީމާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަހުގީގަށް ބޭނުންވެއްޖެ ނަމަ، އެ ޑޮކްޓަރު ވެސް މާލެ ގެންނާނެ ކަމަށެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް، ކާނަލް ޑރ. އަލީ ޝާހިދު މުހައްމަދު މިއަދު "އަދިވެސް" އަށް ވިދާޅުވީ އެ މައްސަލައިގެ މައުލޫމާތު މީޑިއާއިން އެނގިފައިވާތީ، އެ މައްސަލަ ބަލާނެ ކަމަށާއި އަދި ފިޔަވަޅެއް އަޅަންޖެހިއްޖެ ނަމަ އެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ.

"މައްސަލަ ހުށަނޭޅިޔަސް އަޅުގަނޑުމެންނަށް އެނގިއްޖެއްޔާ މައްސަލަތައް ބަލަން،" ޑރ. ޝާހިދު ވިދާޅުވިއެވެ.

އަޒީޒާ ޚަލީލުގެ ދަރިފުޅު އަހުމަދު ފާރިޝް (ޝުކުއްޓޭ) އިއްޔެ "އަދިވެސް" އަށް ބުނީ، އޭނާގެ މަންމަގެ ހާލު ބޮޑުވެ، މަރުވާން މެދުވެރިވީ ބުރަކަށީގައި ރިއްސާތީ މި މަހުގެ ދެ ވަނަ ދުވަހު، ޑރ. ރާމީ އަށް ދެއްކުމުން ދިން ބާރު ގަދަ ބޭހެއް ކެއުމުގެ ސަބަބުން، ދެ ކިޑްނީ އާއި ލިވަރ އަދި ބްލެޑަރ ފޭލިވެގެން ކަމަށެވެ.

އަޒީޒާ ޚަލީލު މަރުވީ ގުނަވަންތައް ފޭލިވެގެން ކަމަށް، އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލް އިން ދޫކުރި މަރުފޯމުގައި ވެސް ލިޔެފައިވެއެވެ.

ޝުކުއްޓޭ ބުނީ މަންމަ އަށް ދީފައިވާ ބޭހަކީ ކެންސަރުޖެހުމުން ކީމޯތެރެޕީއަށް ދޭ ބޭހެއް ކަމަށާއި މަންމަގެ އެކަހަލަ އެއްވެސް ކަމެއް ނެތި، އެހާ ބާރުގަދަ ބޭހެއް ދިނުމަކީ ޑޮކްޓަރުގެ އިހުމާލު އެކަމުގައި ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ. އަދި ބޭސް ކާންފެށުމުން އަނގަތެރޭގައި ފާރު ހެދި، ފަހުން ހާލު ބޮޑުވެގެން މަންމަ މަރުވާން މެދުވެރިވީ އެ ބޭހުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތައް ފޭލިވެގެން ކަމަށް، ލިޔެސޮއިކޮށްފައި ވެސް ދީފާނެ ކަމަށް، އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރަކު ބުނި ކަމަށެވެ.

މިކަމާ ގުޅިގެން އެއިމްސްގެ ސީ.އީއޯ، އެމް.އެން.ޑީ.އެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން އިއްޔެ ވިދާޅުވީ އެ މަރާ ގުޅިގެން ޑރ. ރާމީ މުހައްމަދު އަބްދުލްނޫރު އަހުމަދު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

"އެ ޑޮކްޓަރު މިހާރު މަަސައްކަތަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފިން. އަޅުގަނޑުމެން އިންޓާނަލީ ބެލިބެލުމުން އެނގުނީ ބޭހުގެ ދީފައިވާ ޑޯޒަކީ އާންމު ހާލަތުގައި ދޭންވާ ވަރަށް ވުރެ ބޮޑު ޑޯޒެއް ކަމަށް،" އިހުސާން ވިދާޅުވިއެވެ. "ދެން އެ ބޭހާއި އެ މީހާ ނިޔާވުމާ ދިމާވޭތޯ ބައްލަވާނީ މެޑިކަލް ކައުންސިލްގެ ތަހުގީގުން. ހުރިހާ ލިޔެކިއުންތައް އެބަހުރި އަޅުގަނޑުމެންގެ އަތުގައި."

ކިޔައިލުމަށް: އައްޑޫ އެއިމްސް ކްލިނިކުން ދިން ބޭހަކުން ގުނަވަންތައް ފޭލިވެގެން އަންހެނެއް މަރުވި މައްސަލަ ފެންމަތިވެއްޖެ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް