...

Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: އަދީބާއެކު ޑީލް ހެދި ގޮތަށް ބޮން ގޮއްވި މީހުންނާ ވެސް ޑީލް ހަދާނެތަ؟

ރާއްޖޭގައި މިހާތަނަށް ދިން އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާ އަކީ ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އެ ހަމަލާގައި ގިނަ ޒަޚަމްތަކަކާއެކު ރައީސް ނަޝީދު ވަނީ ސަލާމަތްވެވަޑައިގެންފައެވެ. އެ މައްސަލައިގެ ތަހުގީގަށް މިހާނަތަށް ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ސައިކަލެއްގައި ހަރުކޮށްގެން ބޮން ގޮއްވާލި މީހާ އާއި، އެ ސައިކަލުގެ ވެރިމީހާ އާއި އިތުރު މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިން މީހުން

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ވައްކަމަކީ އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވައްކަމެވެ. އެ ވައްކަމުގެ މުގުލައި ހުރީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ނައިބު ރައީސް އަހުމަދު އަދީބެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ކުއްޔަށް ދޫކުރި އެތައް ރަށަކާއި ފަޅަކުން ދައުލަތަށް ލިބެންޖެހޭ ޑޮލަރު ޗެކުތައް، އެސް.އޯ.އެފް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށް، މަޖިލިސް މެމްބަރުންނަށާއި ވަޒީރުންނަށާއި އެނޫން ވެސް ސިޔާސީ އެތައް ފަރާތްތަކަކަށް އަދީބު ވަނީ މިލިއަނުން ރުފިޔާތައް ބަހައިފައެވެ. އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ވެސް އަދީބު ވަނީ އޭގެ ތެރެއިން އެތައް މިލިއަން ޑޮލަރެއް ދީފައި ކަމަށް މިހާތަނަށް ކުރި ތަހުގީގުތަކުން ވަނީ އެނގިފައެވެ.

އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ހަތް ދައުވާ އުފުލައި ސާބިތުކުރިއެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 17 ނޮވެމްބަރު 2013 އިން 22 ޖުލައި 2015 އަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ދެ ދައުވާއެކެވެ.

މި ދައުވާތައް ސާބިތުވުމުން އަދީބުގެ މައްޗަށް ވަނީ ހުކުމްވެސް އިއްވައިފައެވެ. ނަމަވެސް، އެތައް ސަތޭކަ އަހަރެއްގެ ޖަލު ހުކުމެއް އަންނަންޖެހޭ އަދީބުގެ މައްޗަށް، 5 އޮކްޓޯބަރު 2020 ގައި ކްރިމިނަލް ކޯޓުން އިއްވައިފައި ވަނީ 20 އަހަރަށް ޖަލަށް ލައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމުގެ ކުޑަކުޑަ ހުކުމެކެވެ. އަދި 20 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް އެ ދުވަހުން ފެށިގެން އަދީބު ހުންނަނީ ގޭގައެވެ. އަދީބުގެ މައްޗަށް މިހާ ކުޑަ ހުކުމެއް މި އިއްވީ ތަހުގީގުގައި އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) ހުސެއިން ޝަމީމާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. (ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ވަޑައިގަތުމުގެ ކުރިން ހުސެއިން ޝަމީމު ވަނީ އަދީބުގެ ގާނޫނީ ވަކީލަކަށް ވެސް މަސައްކަތް ކުރައްވައިފައެވެ. ނިއުސް ކޮންފަރެންސްތައް ވެސް ބާއްވަވައިފައެވެ.)

އަދީބަށް ލުއި ދިނުމުގެ އެއްބަސްވުމުގެ ދަށުން، ހުކުމުން އެތައް އަހަރެއް ކެނޑި، ދައްކަންޖެހޭ ފައިސާ އިން ވެސް އެތައް ބަޔެއް އުނިވެގެންދިޔައެވެ. އަދީބާއި ޕީ.ޖީ އެ ލިއުމުގައި ސޮއިކުރިއިރުވެސް، ހުކުމް ކުރާނެ އަދަދުތައް އޮތީ ކަށަވަރުވެފައެވެ.

އަދީބާއެކު ޕީ.ޖީން ޑީލު ހެދި ކަމަށް މި ވަނީ އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް އަދީބު ހެދި ގޮތް ކިޔައިދީ، އެ ފައިސާތައް އޭނާ ބަހާލި ގޮތް ސާފުކޮށް ކިޔައިދިނުމަށެވެ. އެހެންކަމުން، ފައިސާ ދަތުރުކުރި ގޮތް ކުރިން ފެންނަން ހުރީ ހަމައެކަނި ޗެކުތަކުން އެކަނި ކަމަށް ވިޔަސް، ބަސްތާތަކާއި ކޮތަޅުތަކުގައި ނަގުދު ފައިސާ އަދީބު ދިން މީހުންގެ ނަންތައް އަދީބު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަންގެ ތަހުގީގަށް ކިޔައިދީފައެވެ. އަދީބު ހިތަށް އައިހާ ނަމެއް، ހިތަށް އައިހާ އަދަދަކާއެކު ކިޔައިދިނުމުން، މިހާރު ވަނީ އެ އެންމެންގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައެވެ. އަދި ފައިސާ ބެހުމުގައި ޑެލިިވަރީ ބޯއީންގެ ގޮތުގައި މަސައްކަތްކުރި އަދީބުގެ ބޯއިންތަކާއެކު ވެސް (އެމީހުން މިހާރު ދިރިއުޅެނީ ރާއްޖެއިން ބޭރުގައި) ސަރުކާރުން ޑީލް ހަދައި، އެ މީހުންގެ ނަންތައް ރެޑް ނޯޓިސް އިން ނަގައި، އެ މީހުން އަތުން ފައިސާ ބަންޑެލިތައް ދިން މީހުންގެ ނަންތަކާއި އަދަދުތައް ވެސް މިހާރު ވަނީ އާންމުވެފައެވެ. އެ މީހުންނަށް އެ ފައިސާ ލިބުނުތޯ ވެސް އަހައިނުލައެވެ. ސުވާލެއް ވެސް ކޮށްނުލައެވެ.

އާންމުވެފައިވާ ލިޔެކިއުންތައް ދައްކާ ގޮތުން، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ފޭދިފައި ވަނީ ނިމިދިޔަ ދައުރުގެ މަޖުލިސް މެމްބަރުންގެ ތެރޭގައެވެ. އެ ގޮތުން އަދީބު ބޭނުންވާ ގޮތަށް ވޯޓު ހޯދުމަށްޓަކައި އޭރު އިދިކޮޅުގައި އޮތް އެމް.ޑީ.ޕީ.ގެ މަޖިލިސް މެމްބަރުންނަށް ވެސް އެތައް މިލިއަން ރުފިޔާއެއް އަދީބު ދީފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އަދި ރައީސް ޔާމީނުގެ "ވަފާތެރި" ނައިބު ރައީސަކަށް ހުރެ، އެމް.ޑީ.ޕީ.ގެ އެކިއެކި ކެމްޕޭނުތަކަށް ވެސް މިލިއަނުން ހަރަދުކޮށްފައިވާ ކަމަށް އަދީބު ބުނެއެވެ. އަދި އެ ލިސްޓުގައި ނަން ނެތަސް އެމް.ޑީ.ޕީގެ އިތުރު ކިތަންމެ ބަޔަކަށް ވެސް އަދީބު ފައިސާ ދީފައިވާ ކަމަށްވެއެވެ. ނަމަވެސް، ސަރުކާރާއެކު ހެދި ޑީލުގެ ސަބަބުން، ވަކި ނަންތަކެއް އަދީބު ވެސް ވަނީ އުނިކޮށްފައި ކަމަށް ވެއެވެ. ޖަލު ހުކުމުގެ މުއްދަތު ބޮޑު ތަނުން ކުރުވެ، ޖަލު ހުކުމް ތަންފީޒުކުރަން އަމިއްލަ ގޭގައި އަދީބަށް އޮވެވެނީ އެ ނަންތައް އުނިކުރުމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ. (އެކަމުގެ ހަގީގަތެއް ނޭނގެއެވެ.)

އެމްއެމްޕީއާރްސީގެ މައްސަލައިގައި ޕީ.ޖީން ބޭނުންވީ ވައްކަން ކުރި މީހުން ހޯދައި އެ މީހުންނަށް އަދަބު ދޭކަށް ނޫނެވެ. ވައްކަން ކުރި ކަމަށް ޝަރީއަތަށް ސާބިތުވި އަދީބާއި، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑައިރެކްޓަރ އަބްދުﷲ ޒިޔަތާއި އެ ފައިސާތައް ގޯނިގޯނީގައި ބެހި މީހުން އަމިއްލަ އިއުތިރާފުން އެއްބަސްވުމުން ވެސް، ޕީ.ޖީން ބޭނުންވީ އެ މީހުންނާ ޑީލް ހަދައިފައި އަދަބު ލުއިކޮށްފައި، އަދީބު އެ ފައިސާތައް ދިން މީހުން ހޯދައި، އެ މީހުން ކުށްވެރިކޮށް، އެ މީހުން އަތުން އެ ފައިސާތައް ހޯދާށެވެ. ސުވާލަކީ އަދީބު ބަހަމުންދިޔައީ އެމްއެމްޕީއާރްސީގެ ވަގު ފައިސާކަން ފައިސާ ލިބުނު އެއްވެސް މީހަކަށް އެނގޭނެ ހެއްޔެވެ؟ އެ ފައިސާގައި އެހެން ޖަހައިފައި އޮތްހެއްޔެވެ؟ އަދީބު ބޭނުންވާ މަގުސަދެއް ހާސިލްކުރުމަށް، އަދީބުގެ އެއްޗެއްގެ ގޮތުގައި، އެކި މީހުންނަށް އެކި އަދަދަށް (ލައްކައިންނާއި މިލިއަނުން) އަދީބު ފައިސާތައް ބަހައިފައިވާއިރު، އެ ފައިސާ އެ މީހެއްގެ އަތުން ދައުލަތަށް އަނބުރާ ހޯދޭނެ ގާނޫނީ ނުވަތަ ބުއްދީގެ އެއްވެސް ހަމައެއް އޮންނާނެހެއްޔެވެ؟

ދެން، މައިގަނޑު ނުކުތާއަށް ޖެހިލަމާ ހިނގާށެވެ. އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ވައްކަމުގެ އެންމެ ފުނަށް ފީނުމަށްޓަކައި، އަދީބާއެކު ސަރުކާރުން ޑީލް ހަދައި، އަދަބު ލުއިކޮށްދޭން އެއްބަސްވި ގޮތަށް، ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައިގެ އެންމެ ފުނަށް ފީނަން، ބޮން ގޮއްވާލި މީހުންނާއެކު ޑީލް ހަދަން ޕީ.ޖީއަށް ކެރޭނެހެއްޔެވެ؟ އެ މީހުންނާއެކު ވެސް ރަނގަޅު ޑީލަކަށް ދެވިއްޖެނަމަ، އެކަމުގެ އެންމެ އަޑި ނުހޯދޭންވީ ކީއްވެތޯއެވެ؟ އެއީ ހަރުކަށި ފިކުރުގެ ވިސްނުމެއް ކަމަށް ވާނަމަ، އޭގެ މޫތައް ވެސް ފެންނާނެ ނޫންހެއްޔެވެ. މިހެން މި ދެންނެވީ ކަތިވަޅިން ހަމަލާދީ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ހުސެއިން ހުމާމް އެއްބަސްވި ނަމަވެސް، އެ ގަތުލުގެ ސިއްރު އަދިވެސް ހޯދިފައިނުވާތީއެވެ. ޑރ. އަފުރާޝީމް އަވަހާރަކޮށްލިތާ މި އަހަރު އޮކްޓޫބަރު 2 އަށް ނުވަ އަހަރު ވާއިރު، ޑރ. އަފުރާޝީމް އަވަހާރަކޮށްލަންޖެހުނީ ކީއްވެތޯ އާއި އެކަމަށް ހަރަދުކުރީ ކާކުތޯ އަދިވެސް ވަނީ ނުހޯދިފައެވެ. ޑރ. އަފުރާޝީމްގެ މަރުގެ އެންމެ ފުނަށް ދާން ބޭނުން ނަމަ ހުމާމާއެކު ޕީ.ޖީން ޑީލް ހެދުމުގެ ފުރުސަތު އަދިވެސް އެބައޮތް ނޫންތޯއެވެ؟ ޑީލްގެ ދަށުން އެންމެ ކުޑަމިނުން ހުމާމުވެސް، އޭ.ސީގައި ނިދާލަން ގެއަށް ބަދަލުކޮށްލެވިދާނެ ނޫންތޯއެވެ؟ އަދި ހުމާމަށް ސުޕްރީމު ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުނުކޮށް، ދެން ވެސް ހިފެހެއްޓިދާނެ ނޫންތޯއެވެ؟ ހަމަ އެގޮތަށް މަރާލައިފައިވާ އަހުމަދު ރިލްވާނާއި ޔާމީން ރަޝީދުގެ މަރުގެ އެންމެ ފުނަށް ފީނަން، އެ ދެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާއެކު ވެސް ޕީ.ޖީ އަށް ޑީލް ނުހެދެންވީ ކީއްވެގެންތޯއެވެ؟

 

މަތީ ފޮޓޯގައި: އަފްރާޝީމްގެ ގާތިލް ހުމާމާއި ބޮން ގޮއްވި އަދުހަމާއި އަދީބު

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

2 Responses

  1. ޝަހީބު، މިއީ ވަރަށް ވަރަށް ވަރަށް ސަޅި ލިޔުމެއް! މަރުހަބާ! މީތި ކޔައިފައި ލަދުގެ ކަންފުޅެއް ހުރިނަމަ، ޕީޖީ ޝަމީމް އާއި އިބްރާހީމް މުޙަންމަދު ޞާލިޙާއި ކޮޅުފުށީ ޢީމްރާނަކަށް ނުކެރުނީސް އިސްތިއުފާ ނުދެއްވައި އެންމެ ހިނދުކޮޅަކު ވެސް މަޑުކުރައްވާކަށް. ނަމަވެސް މި ހުރިހާ ބޭފުޅުންނަކީ ވެސް "ލަދު ނުގަންނަ މީހާ ބޭނުންކަމެއް ކުރާށެވެ!" އޮންނަ ނަބަވީ ބަސްފުޅުގައިވާ ގޮތުން ލަދުފުޅުގަންނާނެ ގޮތެއް ވެސް އެނގިވަޑައިނުގަންނަވާ ބޭފުޅުން ކަމަށް ވާތީ، އެ ބޭފުޅުންނަށް މުސާރަ ލިބިވަޑައިގެންފިއްޔާ ދެން ކޮންމެ ގޮތެއް ވެސް ވަރިހަމަފުޅުވަނީތާއެވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *