Support Us

ފަށުވި ކުޑަރުމާ

އަހަރެންގެ އެކުވެރި މޫސީގާރަކު ރޭ އަހަންނާ ބައްދަލުކުރިއެވެ.

އޭނާއާ ބައްދަލުވި ބައްދަލުވުމުގައި ދެކެވުނީ އެއް ވާހަކައެއް ނޫނެވެ. އެތައް ވާހަކައެވެ.

މިއީ ، އެ ބައްދަލުވުމުން އަހަރެންގެ ހިތަށް ވެރިވި ފުން ޝުޢޫރެކެވެ.

މި ޝުޢޫރު ރީތި ޚިޔާލަކަށް ހަދައިދިނީ އޭނާއެވެ.

މި ޚިޔާލު ވާހަކައަކަށް ހަދައި ދިނީ އޭނާއެވެ.

 

އޭނާ ކުޅަދާނައީ ހަމަ އެކަނި މިޔުޒިކަކަށް ނޫނެވެ.

އެއީ ހިތުގެ އަލިކަން ވިދުވަރެއް ހައި އަލި މޫސީގާރެކެވެ.

އަހަރެން ބުނީމެވެ.

ވާހަކަތައް ޚިޔާލުގެ ދިޔަރެސްތަކުން ނުކުންނަނީ

ޖަޒުބާތާއި އަސަރުގެ އެތައް އައްސޭރިއެއްގައި އުޅެފައެވެ.

 

އަހަރެން ބުނީމެވެ.

އަހަރެން އަޑުއެހި ފަލްސަފާއެއްގައި އޮތެވެ.

ހަޔާތުގެ ދަތުރުގައި އެކި މަގުތަކުން ދަތުރު ކުރަމުން ދާ އިރު،

އިއްތިފާގުން އަހަރެމެން ނުދަންނަ އެތައް ބަޔަކާ ދިމާވެއެވެ.

އޭގެ ތެރެއިން، އެއްބަޔަކު އަހަރެމެންގެ ހަނދާނުން ފިލައިދެއެވެ.

އަނެއް ބަޔަކު ހަނދާނުގައި ދާއިމްވެއެވެ.

 

 

މަގުމަތީގައި ވެއްޓިފައި އޮތް  ކުޑަކުޑަ ކުޑަރުމާލެއް އަހަރެން ދުށީމެވެ.

އެއީ، އޭގެ މިލްކުވެރިޔާގެ އަތުން ވެއްޓިފައިވާ ރުމާލެއް ކަމެއް،

އޭނާ އެ ގަސްތުގައި އެއްލައިލައިފައި އޮތީ ކަމެއް، ނުވަތަ،

އެ ރުމާ އޭނާގެ އަތުން ގެއްލިފައި އެތާނގައި އޮތީ ނޫން ކަމެއް

އަހަންނަކަށް ނޭނގެއެވެ.

 

ގައިމުވެސް އެ ރުމާލުގެ ވެރިޔެއް ވާނެއެވެ. އެއީ ފަށުވި ރުމާލެކެވެ.

އަހަރެން އެ ރުމާ ނެގީމެވެ.

އޭގައި ހުރީ އާދަޔާ ޚިލާފް މަލްމަލްކަމެކެވެ.

އޭގެ މީރުވަހުން އަހަރެންގެ އުންމީދުތައް އުތުރިގަތެވެ.

އެ ހިނދުން ނިކަން އުފާވެރި މާޒީއެއް ހިތަށް ކަޝްފުވިއެވެ.

 

އެ ރީތި ރުމާ އަހަރެންގެ އަތުގައި ބާއްވާނަމެވެ.

އަހަރެންގެ އެއްޗެއްގެ ގޮތުގައެވެ.

ފުރިހަމަ އިންސާނަކު ދިން ހަނދާނީ ހަދިޔާއެއް ކަމުގައި ހީކޮށްފައެވެ.

 

އަހަރެން ބުނީމެވެ. އަހަރެން އަޑު އެހި ފަލްސާފާގައި އޮތެވެ.

އެކަކު އަނެކަކާ ވާހަކަދައްކައި ހީނސަމާސާ ކުރާ އިރު ބައެއްފަހަރު،

އިވޭ އެންމެ ޖޯކަކުން ވެސް އެތައް ހާސް ވާހަކައެއް އުފަން ވެދާނެއެވެ.

އެ ވާހަކަތަކުން ބައެއް ވާހަކަތައް ހަނދާނުން ފިލައިދެއެވެ.

އަނެއްބައި ވާހަކަތައް ހަނދާނުގައި ދާއިމުވެއެވެ.

 

އެކުވެރި މޫސީގާރު ފިކުރުތަކުގެ ކަނޑަކަށް ގެނބިފައި އިން ފަދައެވެ.

އޭނާ އިނީ ބަސް ހުއްޓިފައެވެ.

ހުއްޓުމެއް ނެތް މި ޝުޢޫރަށް ނިމުމެއް ނެތެވެ.

އަހަރެންނަށް ހިމޭންކަމުގެ ހިނދުކޮޅެއް އައެވެ.

އަހަރެންގެ މަންޒިލް އަހަންނަށް ހެޔޮއެދުމުގެ ސަލާމް ފޮނުވައެވެ.

މިއީ އެ ޠަބީޢަތާ ބެހޭ ވާހަކައެވެ.

ފަހަރުގައި އަހަރެންގެ ވާހަކައިގެ "ބަޠަލަށް" އަހަރެން މެސެޖު އަޑު އިވުނީ ކަމަށް ވެދާނެއެވެ.

ފަހަރުގައި އަހަރެންގެ ލަވަތަކުން އޭނާގެ ނަން އޭނާއަށް އިވުނީ ކަމަށް ވެސް ވެދާނެއެވެ.

ކިތަންމެ ދުރުގައި ހުއްޓަސް އަހަރެން ބޭނުން ވަނީ އޭނާއަށް މި ސިއްރު އެނގުމެވެ.

އަހަރެން ބޭނުން ވަނީ އޭނާއަށް މިއީ އަހަރެންގެ އަޑުކަން ފާހަގަ ވުމެވެ.

 

އެކުވެރި މޫސީގާރު ބުންޏެވެ. މާ ހަމަހިމޭން ތިޔަ  ވީ ކީއްވެ ހެއްޔެވެ؟

އަހަރެން ބުނީމެވެ.

ރޭ ވެހުނު ފަދައިން އަލުން ވާރޭ ވެހުމީ ކުރެވޭ ދުޢާއެކެވެ.

އުންމީދު ކުރަނީ އެ މޫސުމުގައި އަހަރެންގެ މި ވާހަކައިގެ ބަޠަލާ ބައްދަލުވުމެވެ.

 

އަހަރެން ތަކުރާރުކޮށް ބުނީމެވެ. އަހަރެން ދުށް ފަލްސަފާގައި އިތުރަށް އޮތެވެ.

ނިދުމުގެ އިހުސާސްތައް ނެތި ރޭތައް ދިގުލާ އިރު އެ ހުންނަ ދުރުކަމުގައި ނުހަނު ރީތި ހުވަފަންތަކެއް އުފަންވެއެވެ.

އެ ފަދަ ހުވަފެންތަކުން ބައެއް ހުވަފެންތައް ހަނދާނުން ފިލައިދެއެވެ.

އަނެއްބައި ހުވަފެންތައް ހަނދާނުގައި ދާއިމްވެއެވެ.

 

އަހަރެން ބުނީމެވެ. މިތުރާއެވެ!

ތިބާގެ ދަތުރުގެ ކޮންމެ ރާސްތާއަކީ ތިބާގެ ހަޔާތުގެ އެތައް ވާހަކައެކެވެ.

ތިބާގެ ހަޔާތަށް ލިބޭ އެތައް ފިލާވަޅެކެވެ. އެތައް އިބްރަތެކެވެ.

ހަނދާންތަކުން ފިލައި ނުދާނޭ ހަނދާންތަކަކަށް ތިބާގެ ދަތުރުގެ މަގުސަދުތައް ހަދާށެވެ.

މަންޒިލަށް ވާސިލްވާ އިރު ތިބާ އެކުގައި ވަނީ ކޮން  ބައެއް  ކަމާއި  ކޮން އެއްޗެއްކަމާއި ކޮން ކަންކަމެއްކަން ތިބާއަށް ސޫރަވާނެއެވެ.

 

ބަސްހުއްޓިފައި އިން އެކުވެރި މޫސީގާރު ބުންޏެވެ.

ތެދެކެވެ! ހަގީގަތެކެވެ!

ހަޔާތަކީ ދަތުރެކެވެ.

އޭގައި އެތައް ކަމެއް އެބަ ހިނގައެވެ.

އޭގެ ތެރެއިން ބައެއް ކަންކަން ބަޔާން ކުރާކަށް ނޭނގެއެވެ.

އަނެއްބައި ހަނދާންތައް ބިންވަޅު ނެގިފައި ވެއެވެ.

މިއީ ހިތާއި ސިކުނޑީގައި ކަނޑައި ނެގުނު ހިނދުކޮޅެކެވެ.

 

ކުއްލިއަކަށެވެ. ހަމަ ކުއްލިއަކަށެވެ.

އެ ވެހެން ފެށީ ހިމަ ފޮދު ވާރެއެވެ.

ދެ މީހުން ވެސް ތެދުވެ ހިނގައި ގަތީމެވެ.

ކޮންމެ މީހަކު ވެސް އެ މީހެއްގެ މަންޒިލަށެވެ.

އަހަރެން އޭނާގެ އަތަށް މި ޅެން އަހަރެން ލިޔުނު ކަރުދާސްކޮޅު

ރައްކާކޮށްލާށޭ ކިޔައިފައި ދިނީމެވެ.

އެއްކަލަ ފަށުވީގެ ކުޑަރުމާ އަހަރެން ޖީބަށް ލީމެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *