...

Support Us

އެންމެ ސަލާމަތްތެރި މަތީންދާބޯޓުތައް ރާއްޖެއަށް އުދުހޭކަން އެނގޭތަ؟

ދޭތެރެދޭތެރެއިން މަތީންދާ ބޯޓުގެ ނުރައްކާތެރި ހާދިސާތަކުގެ އަޑުއިވުނަސް އަދިވެސް އެންމެ އަމާން ރައްކާތެރި ދަތުރުފަތުރުގެ ނިޒާމަކީ ވައިގެ ދަތުރުފަތުގެ ނިޒާމުކަމަށް މި ކަމާ ބެހޭ ފަންނީ މާހިރުންނާއި ކަމާބެހޭ އިދާރާތަކުން ޔަގީންކުރެއެވެ. މި ކަމާބެހޭ ޚާއްޞަ އިދާރާއެއް ކަމަށްވާ "ދި އޭވިއޭޝަން ސޭފްޓީ ނެޓްވަރކްއިން ލަފާކޮށްފައިވާ ގޮތުގައި ވައިގެ ދަތުރުފަތުރުގައި ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު އޮންނަނީ 2.52 މިލިއަންގެ ތެރެއިން އެންމެ ފަހަރަކުއެވެ. ސަލާމަތީ ކަންތައްތަކުގެ ރެކޯޑުން ފެންނާން އޮތީ މި ނަތީޖާއެވެ.

ވައިގެ ދަތުރުފަތުރުގެ އަމާންކަމާއި ރައްކާތެރިކަން އިތުރުވަނީ މަތީންދާބޯޓުތައް ދުއްވާ ކުންފުނިތަކުންނާއި އެއަރޕޯޓްތައް ބަލަހައްޓާ ކުންފުނިތަކުން އެ ކަމަށް ޓަކައި ދޭ ސަމާލުކަމެއްގެ ބޮޑުކަމުންނެވެ. އަދި ވައިގެދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ އިދާރާތަކުން ހަޖައްސައިފައިވާ ފިޔަވަޅުތަކާއި އެކަންކަން ބަލަހައްޓައި ތަންފީޒުކުރާ ގޮތުގެ ހަރުދަނާކަމުގެ ސަބަބުންނެވެ.

ސަލާމަތީ ކަންކަން ބަލަހައްޓާ ގޮތުން އަދި މާޒީގެ ތަޖުރބާތަކާއި ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ރައްކާތެރި އެންމެ ސަލާމަތްތެރި ބޯޓުފަހަރުތައްކަމަށް ބެލެވޭ މަތީންދާ ބޯޓުފަހަރު އަޅުގަނޑު ލިސްޓްކޮށްލާނަމެވެ. ފަހަރެއްގައި މިއީ ސަލާމަތްތެރިކަމުގެ ތަރުތީބަށް ނުވެދާނެއެވެ. ނަމަވެސް ހަމަގައިމުވެސް އެންމެ ސަލާމަތްތެރި އެއަރލައިތަކަކީ މިއީކަމަށް ކަމާބެހޭ އިދާރާތަކުން ތަފާސްހިސާބުތަކުގެ އަލީގައި ހާމަކޮށްފައިވަނީ މި އެއަރލައިތަކެވެ. ދިވެހިރާއްޖެއަށް އުދުހޭ ބޯޓުފަހަރު ވެސް މީގެ ތެރޭގައި ހިމެނެއެވެ.

1. ކަންޓެސް ފްލައިޓްސް (Qantas)

އެންމެ ރައްކާތެރި މަތީންދާ ބޯޓުގެ ލިސްޓްގެ އެންމެ ކުރީން ޖާގަ ހޯދައިފައިވަނީ އޮސްޓްރޭލިއާގެ އެއަރލައިން ކުންފުންޏެއް ކަމަށްވާ ކަންޓެސް އެއަރވޭޒްގެ ބޯޓްފަހަރެވެ. ދެވަނަ ބޮޑުހަނގުރާމައިގައި ޢަސްކަރީ ދަތުރުތަކުގައި ޝާމިލުވެ އުޅުނު އިރު މީހެއްގެ ފުރާނައަށް ނުރައްކާ ވާފަދަބައެއް ކަންތައްތަކާ ދިމާވެފައި ވިޔަސް، 1952 ގައި ހަމައެކަނި މަދަނީ ދަތުރުތަކަށް ޚާއްޞަކުރި ފަހުން، މީހެއްގެ ފުރާނައަށް ނުރައްކާ ވާފަދައެއްވެސް ޙާދިސާއަކާ މި ކުންފުނީގެ ބޯޓަކަށް ކުރިމަތިވެފައެއް ނެތެވެ.

ކެންޓަސްގެ ބޯޓުތަކުގެ އަރުމާދުގައި 132 ބޯޓަކުން 55 މަންޒިލަކަށް ޚިދުމަތް ފޯރުކޮށްދެއެވެ. އަދި މި ކުންފުންޏާ ގުޅިގެން އުފައްދައިފައިވާ ދަރި ކުންފުނިތަކުގެ 297 ބޯޓަކުން އެތެރޭގެ އުދުހުންތަކުގައި 65 މަންޒިލަކަށް އަދި ބައިނަލްއަޤުވާމީ 31 މަންޒިލަކަށް ދަތުރުކުރެއެވެ. މި ކުންފުނީގެ ދަތުރުތައް ފުރަތަމަ ތަޢާރަފުކުރީ 1921 ގައެވެ. މި ކުންފުނީގެ ބޯޓުފަހަރު މަރުކަޒު ވެފައިވަނީ ބްރިސްބޭނާއި މެލްބާރނާއި ސިޑްނީ އެއަރޕޯޓްތަކުގައެވެ. މިއީ 1998 ގައި ތަޢާރަފުކުރި "އެއް ދުނިޔެއެއް"ގެ އިއްތިޙާދު (ވަން ވާރލްޑް އެލަޔަންސް)ގެ މުއައްސިސެކެވެ.

2. ހަވާއިއަން އެއަރލައިން

ހަވާއިއަން އެއަރލައިނަކީ އެމެރިކާގެ ވައިގެދަތުރުފަތުރާބެހޭ އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ. މި ކުންފުނީގެ އެއްވެސް ބޯޓާކަށް އަދި މިހާތަނަށް ނުރައްކާތެރި ހާދިސާއެއް ނުވަތަ ބޯޓެއް ގެއްލުމުގެ އެއްވެސް ހާދިސާއަކާ ދިމާވެފައެއް ނެތެވެ.

މި ކުންފުނީގެ އަރުމާދުގައި 65 ބޯޓް އޮވެއެވެ. މި ބޯޓުތަކުން 28 މަންޒިލަކަށް ދަތުރުކުރެއެވެ. އެ މަންޒިލްތަކުގެ ތެރޭގައި އޮސްޓްރޭލިއާއާއި ޖަޕާނާއި އުތުރު އެމެރިކާއާއި ޗައިނާ ވެސް ހިމެނެއެވެ.

ހަވާއީއަކީ އެމެރިކާގެ މައިބިމުގެ ހުޅަނގުދެކުނުގައި އޮންނަ ކެލިފޯނިއާ 2،500 މޭލު ދުރުގައި ޕެސެފިކް ކަނޑުގައި އޮންނަ އެކަހެރި ޖަޒީރާ ގައުމެކެވެ. މިއީ ކިތަންމެ ދުރުގައި އޮތަސް އެމެރިކާގެ ސްޓޭޓެކެވެ.

3. ވަރޖިން އެޓްލާންޓިކް/ ވާރޖިން އޮސްޓްރޭލިއާ

މީހެއްގެ ފުރާނައަށް ނުރައްކާ ވާފަދަ ހާދިސާއަކާ "ވާރޖިން" ގްރޫޕްގެ ބޯޓަކަށް މިހާތަނަށް ކުރިމަތިވެފައެއް ނުވެއެވެ. މި ގްރޫޕްގައި ދެކުންފުންޏެއް އޮވެއެވެ. އެއީ ވަރިޖިން އެޓްލާންޓިކް އާއި ވާރޖިން އޮސްޓްރޭލިއާއެވެ. ވަރޖިން އެޓްލާންޓިކްއަކީ 1984 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނީގެ ބޯޓްތައް މިހާރު 33 މަންޒިލަކަށް ދަތުރުކުރެއެވެ. އަނެއްކޮޅުން ވަރޖިން އޮސްޓްރޭލިއާ 2000 ވަނަ އަހަރު އުފައްދައިގެން މިހާރު 52 މަންޒިލަކަށް ދަތުރުކުރެއެވެ. މި ގްރޫޕްގެ ކުރީގެ ނަންކަމުގައިވާ "ވަރޖިން އެމެރިކާ" 2007ގައި ވުޖޫދަށް އައި ފަހުން ވެސް ބޯޓެއް މުޑިއެރުމުގެ އެއްވެސް ހާދިސާއަކާ ކުރިމަތިވެފައެއް ނެތެވެ. ފަހުން 2016ގައި އެލަސްކާ އެއަރލައިންއާ އެއްކޮށްލައިގެން ދަތުރުކުރިއިރު ވެސް އަދި ފަހުން 2018 ގައި އެހެން ފިޔަވައްސަކަށް މަރުކާކޮށްގެން ދުއްވާން ފެށިފަހުން ވެސް އެއްވެސް ނުރައްކަލަކާ މި ބޯޓުތަކަށް ކުރިމަތިވެފައެއް ނެތެވެ.

4. ހައިނާން އެއަރލައިން

ޗައިނާގެ ހައިނާން އެއަރލައިންގެ ބޯޓަކަށް ވެސް މީހެއްގެ ފުރާނައަށް ނުރައްކާ ވާފަދަ އެއްވެސް ހާދިސާއަކާ ކުރިމަތިވެފައެއް ނެތެވެ. އަދި މުޑިއެރުމެއް ނުވަތަ ބޯޓު ވީތަނެއް ނޭނގި ގެއްލުންފަދަ ހާދިސާއަކާ ކުރިމަތިވެފައެއް ނެތެވެ. ނަމަވެސް އެހެން ބާވަތެއްގެ ނުރައްކަލަކާ ކުރިމަތިވެފައި ވެއެވެ. މީގެ ތެރެއިން އެއް ހާދިސާގައި ހަތަރު މީހަކު ވަޅީން ހަމަލަދީގެން ބޯޓު ވައިފޭރިގަންނާން މަސައްކަތްކުރިއެވެ. ނަމަވެސް ބޯޓުގައި ތިބި ސަލާމަތީ މީހުންގެ ވިސްނުންތެރިކަމާއެކު ވައިފޭރުނު މީހުންގެ ބާރު ކަނޑުވައިލުމުގެ ސަބަބުން އެ މީހުންނަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

މި ފަދަ އަނެއް ހާދިސާއަކީ 2005 ވަނަ އަހަރު ނުބައި ރަންވޭއަކަށް ޖައްސައިގެން ކޭބަލްތަކެއްގައި ތާށިވި ހާދިސާއެވެ. މި ހާދިސާގައި ނުވަ ލައްކަ އެކެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމެއް އެ ކުންފުންޏަށް ލިބުނެވެ. މިއިން އެއްވެސް ހާދިސާއެއްގައި ފަސިންޖަރަކަށް އެއްވެސް ނުރައްކަލެއް އަދި ހާނީއްކައެއް ލިބިފައެއް ނެތެވެ.

މި ކުންފުނީގެ ފުލީޓްގައި ބޯއިންގ އެއަރބަހުގެ 234 ބޯޓު އޮވެއެވެ. ކޮންމެ ބޯޓެއްގެ އެވްރެޖް އުމުރަކީ ފަސް އަހަރެވެ. މިހާރު ވެސް އިތުރު 50 ބޯއިން ބޯޓުގަތުމަށް ވަނީ އޯޑަރު ކަށަވަރުވެފައެވެ. އަދި ޗައިނާގެ މަތީންދާބޯޓު އުފައްދާ ކުންފުނި ކޮމެކްއިން 20 މަތީންދާ ބޯޓު ގަންނާން ވަނީ އޯޑަރުދީފައެވެ.

ޗައިނާގެ ހައިނާން ޕްރޮވިންސްގައި 1993 ވަނަ އަހަރު ޚިދުމަތް ފަށައިގަތް މި އެއަރލައިންގެ ބޯޓުތަކުން 110 މަނޒިލަކަށް ދަތުރުކުރެއެވެ. މި ދަތުރުތަކުގައި އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤުވާމީ ދަތުރުތަކުގައި 500 މަގަކުން މި ބޯޓުތައް ދަތުރުކުރެއެވެ.

5. އީވާ އެއަރ

1991ގައި ޚިދުމަތަށް ނުކުތް ތައިވާންގެ އެއަރލައިން ކަމަށްވާ އީވާގެ ދަތުރުތަކުގައި ވެސް މިހާތަނަށް ފަޖިންޖަރަކަށް އެއްވެސް ގެއްލުމެއް ލިބި ބޯޓެއް ގެއްލި މިފަދަ ކަމެއް ހިނގައިފައެއް ނުވެއެވެ. މި އެއަރލައިންގެ ޚިދުމަތުގެ ފުރިހަމަ ކަމަށް ޓަކައި ސްކައިޓްރެކްސްއިން ފަސްތަރީގެ ދަރަޖަ މި އެއަރލައިނަށް ދީފައިވެއެވެ. އަދި "ތަރި އިއްތިޙާދު" (Star Alliance)ގެ މެންބަރުކަން 2013ގައި ލިބިފައިވެއެވެ.

މި ގްރޫޕުގެ ބޯޓަކަށް ބައެއް ކުދިކުދި ހާދިސާތަކާ ކުރިމަތިވެފައިވެއެވެ. އެއް ފަހަރަކު ރަންވޭގެ ބޮކިތަކެއްގައި ޖެހުމާއި ޓެކްސީ ކުރުމުގެ ތެރޭގައި އެހެން ބޯޓެއްގެ ފިޔަފަތުގައި ހޭކިލުންފަދަ ކުދިކުދި ކަންތަކެވެ.

ދެން ދިމާވި ހަމައެކަނި ހާދިސާއަކީ ތައިވާނުގެ ތައިޕެއިއިން ފުރައިގެން އެމެރިކާގެ ލޮސްއެންޖަލީސްއަށް ކުރި ދަތުރެއްގައި ބޯޓުޖައްސާން ކައިރިވީތަނާ ނުރައްކަލުގެ އިންޒާރެއް ލިބުނު ލިބުމެވެ. ނަމަވެސް ބޯޓު ލޮންއެންޖަލީސް ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ޖައްސައި ކަމާބެހޭ އިދާރާތަކުން އެއް ގަޑިއިރުވަންދެން ޗެކްކޮށް ނުރައްކާތެރި ކަމެއް ނެތްކަމަށް ނިންމިއެވެ. އަދި އެއީ ހަގީގީ އިންޒާރެއް ނޫންކަމަށް ކަނޑައެޅިއެވެ.

އީވާއެއަރގެ ބޯޓުތަކުގެ އަރުމާދުގައި 6 ކާގޯ ބޯޓް ހިމެނޭ ގޮތުން 77 ބޯޓެއް ޚިދުމަތުގައި ބޭނުންކުރެއެވެ. އެ އަރުމާދުގެ މައި މަރުކަޒުކަމުގައިވާ ޓައިވާން އިންޓަރނޭޝަނަލް އެއަރޕޯޓުން ދުނިޔޭގެ 60 މަންޒިލަކަށް މި ބޯޓުތައް އުދުހެއެވެ.

6. ރައިއަނެއަރ (Ryanair)

މިއީ 1984ގައި އަޔަރލެންޑްގައި ޤާއިމުކުރެވުނު ޓިކެޓްގެ އަގުހެޔޮ އެއަރލައިނެކެވެ. މިހާތަނަށް ނުރައްކާތެރި އެއްވެސް ހާދިސާއަކާ ކުރިމަތިވެފައި ނުވާތީ ދުނިޔޭގެ އެންމެ ސަލާމަތްތެރި ބޯޓްފަހަރުގެ ލިސްޓްގައި މި ބޯޓްތައް ލިސްޓްކުރެވުނެވެ.

ވިލާތުގައި އެންމެ ގިނަ ފަސިންޖަރުން އުފުލުމުގެ ރެކޯޑް ގާއިމުކޮށް ވިލާތުގައި އެންމެ ފުރަތަމަ އެއް ބިލިއަން ފަސިންޖަރުން އުފުލި އެއަރލައިނެއްގެ ލަގަބު މި އެއަރލައިނުން ހޯދިއެވެ. ނަމަވެސް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އޮތޯރިޓީގެ އިންޓަރނޭޝަނަލް އޮޕަރޭޝަނަލް އެއަރ ސޭފްޓީ އޮޑިޓް (IOSA) ސެޓްފިކެޓް ލިބިފައި ނުވާތީ އެއީ ތިންތަރީގެ ބޯޓްތަކެއް ކަމަށް ކަނޑައެޅުނެވެ.

މި ބޯޓްތަކުގެ އުދުހުމުގެ ތާރީޚުގައި ޖަރުމަނުގެ ފްރަންކްފަރޓުން ފުރައިގެން އިޓަލީގެ ރޯމަށް ކުރި ދަތުރެއްގައި އިމަރޖެންސީކޮށް ޖައްސާންޖެހުނެވެ. އެއީ އިންޖީނަށް ދޫންޏެއް ވަދެގެންނެވެ. މިހާދިސާގައި ދެ ފަޅުވެރިއަކާއި ބައެއް ފަސިންޖަރުންނަށް ކުދިކުދި ހާނީއްކަތައް ލިބި 35 ގަޑިއިރަށް އެއަރޕޯޓް ބަންދުކުރާންޖެހުނެވެ.

މި އެއަރލައިންގައި ބޯއިން 737ގެ 400 ބޯޓު އޮންނަ އިރު ދުނިޔޭގެ 225 މަންޒިލަކަށް ދަތުރުކުރެއެވެ.

7. އީޒީޖެޓް

މިއީ ވެސް އިނގިރޭސިވިލާތުގެ (ބްރިޓިޝް) ބަޖެޓް އެއަރލައިނެކެވެ. މި އެއަރލައިންގެ އުދުހުމުގެ ތާރީޚުގައި ވެސް މީހެއްގެ ފުރާނައަށް ގެއްލުންވާ ފަދަ ނުރައްކަލަކާ ކުރިމަތިވެފައެއް ނެތެވެ. އަދި ބޯޓެއް ގެއްލިފައެއް ވެސް ނެތެވެ. ނަމަވެސް 2003 ވަނަ އަހަރު އެމްސްޓަރޑާމްއިން ލަންޑަނަށް ކުރި ދަތުރެއްގައި ޓެކްސީކުރުމުގެ ތެރޭގައި ރަންވޭ ލޮނދިކަމުން ކެޕްޓަނަށް ކޮންޓްރޯލް ގެއްލިގެން ބޮކިދަނޑިއެއްގައި ޖެހި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި އެއަރލައިނުން 136 މަންޒިލަކަށް ދަތުރުކުރާއިރު ހިމަ އެއަރބަހުގެ 317 ބޯޓް އެ ކުންފުނީގައި އޮވެއެވެ.

8. އަލްއިމާރާތު (އެމިރޭޓްސް)

އަލްއިމާރާތުލްޢަރަބިއްޔަތުލްމުއްތަޙިދާ (ޔުނައިޓެޑް އެރެބް އެމިރޭޓްސް)ގެ ދުބާއީގައި މަރުކަޒުކުރެވިފައިވާ މި އެއަރލައިގެ އުދުހުމުގެ ތާރީޚުގައި ފުރާނައަކަށް ގެއްލުންވާ ފަދަ އެއްވެސް ހާދިސާއެއް މިހާތަނަށް ހިނގައިފައެއް ނެތެވެ.

1985ގައި ޚިދުމަތަށް ނުކުތް މި އެއަރލައިންގެ ތާރީޚުގައި ދުބާއީ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޯޓެއް މާގަކުރަމުންދަނިކޮށް އިމެޖެންސީގައި ޖައްސާން ޖެހުނެވެ. މި ހާދިސާގައި ބޯޓުގައި އަލިފާން ރޯވިއެވެ. އެއަރޕޯޓް ހުއްޓުމަކަށް އައި މިހާދިސާގައި ދަތުރުކުރި ތިން ސަތޭކައެއްހާ ފަސިންޖަރުންނާއި ހުރިހާ ފަޅުވެރީން ސަލާމަތްވިއެވެ. ނަމަވެސް އެއް އަލިފާން ނިއްވިއަކު މި ހާދިސާގައި މަރުވިއެވެ.

މިފަދަ އެހެން ހާދިސާއެއްގައި ދެކުނު އެފްރިކާގެ ޖޮހަނަސްބާރގުން ނައްޓައިލުމުގައި ކެޕްޓަނަށް ނުރަނގަޅު ޓެކްނިކެއް ބޭނުންކުރެވުމުގެ ސަބަބުން ރަންވޭގެ ބައެއް ބޮތްކަށާއި ބޯޓަށް ގެއްލުންތަކެއް ލިބުނު ކަމުގައި ވިޔަސް ފަސިންޖަރަކަށް ސީރިއަސް ހާނީއްކައެއް ނުލިބެއެވެ.

މި ފަދަ އެހެން ހާދިސާއެއްގައި އޮސްޓްރޭލިއާގެ މެލްބަރން އިން ފުރަން އުޅުމުގެ ތެރޭގައި ރަނގަޅަށް ބޯޓް ނައްޓައިނުލެވުމުގެ ސަބަބުން ބޯޓު އިމެޖެންސީގައި ޖެއްސުމުގެ ކުރީން ރަންވޭގެ ބައެއް އޮނިގަނޑުތަކަށް ގެއްލުން ލިބުނެވެ. މިއިން އެއްވެސް ހާދިސާއެއްގައި ފަސިންޖަރަކަށް ސީރިއަސް ހާނީއްކަތަކެއް ނުލިބެއެވެ.

މި އެއަރލައިނުން ހަފުތާއަކު ތިން ހާސް ހަ ސަތޭކަ އުދުހުން 140 މަންޒިލަކަށް ބާއްވައެވެ. މި އެއަރލައިންއިން ބޮޑެތި ފުޅާ 271 ބޯޓާއި ދެބުރި އެއަރބަހުގެ 109 ބޯޓާއި ބޯއިންގ 777ގެ 162 ބޯޓު، އުދުހުމުގައި ބޭނުންކުރެއެވެ. މިއީ ދިވެހީންގެ މެދުގައި ވެސް ވަރަށް މަޤުބޫލު އެއަރލައިނެކެވެ.

9- ޤަޠަރު އެއަރވޭޒް (ކަޓަރ އެއަރވޭޒް)

1994 ގައި ޚިދުމަތަށް ނުކުތް މި އެއަރލައިންގެ އެއްވެސް ބޯޓަކަށް ވެސް މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބޭފަދަ ހާދިސާއަކާ ކުރިމަތިވެފައެއް ނެތެވެ. ނަމަވެސް 2007 އާއި 2017 ގައި ދެ ބޯޓަކަށް ގެއްލުންލިބި ބޭނުން ނުކުރެވޭ ވަރުވި ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް މިއީ އުދުހުމުގެ ތެރޭގައި ދިމާވި ހާދިސާއެއް ނޫނެވެ. މަރާމާތުގެ ތެރޭގައި ދިމާވި ގެއްލުމެކެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިގެންނެވެ.

މިއީ ސްކައިޓެކްސް އިން "ދުނިޔޭގެ ދެވަނައަށް އެންމެ ސަލާމަތްތެރި" ބޯޓްތައް ކަމަށް ދަރަޖަކޮށްފައިވާ އެއަރލައިނެކެވެ. 220 ބޯޓަކުން ދުނިޔޭގެ 150 މަންޒިލަކަށް ދަތުރުކުރާ މި އެއަރލައިގެން ބޯޓްތަކުގެ އެވްރެޖް އުމުރަކީ 5.9 އަހަރެވެ. މިއީ ވެސް ދިވެހީންގެ މެދުގައި ވަރަށް މަޤުބޫލު އެއަރލައިނެކެވެ.

10. އިއްތިޙާދު އެއަރވޭޒް (އެތިހާޑް އެއަރވޭޒް)

އަލްއިމާރާތުލް ޢަރަބިއްޔަތުލްމުއްތަޙިދާ (ޔުނައިޓެޑް އެރެބް އެމިރޭޓްސް)ގައި ދެވަނައަށް އެންމެ ބޮޑު އެއަރލައިން (އެމިރޭޓްސް) 2003 ގައި ޚިދުމަތަށް ނުކުތް ފަހުން ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި ވެސް މީހެއްގެ ފުރާނައަށް ގެއްލުންވާ ފަދަ އެއްވެސް ހާދިސާއެއް ހިނގައިފައެއް ނެތެވެ. ދުބާއީގައި މަރުކަޒު ކުރެވިފައިވާ  މި އެއަރލައިގެ ބައިވެރީންގެ ގޮތުގައި ޖެޓް އެއަރވޭޒްއާއި އެއަރ ސަރބިއާއާއި އެއަރ ސީޝެލްސް 2015 ވަނަ އަހަރު ހަމަޖައްސައި އިއްތިޙާދެއް ހަދައިފައިވެއެވެ.

މި އެއަރލައިގައި 113 މަތީންދާ ބޯޓް އޮންނަ އިރު ދުނިޔޭގެ 74 މަންޒިލަކަށް ދަތުރުކުރެއެވެ. ހަފުތާއަކު 1000 އުދުހުން ބާއްވައެވެ. 2018 ވަނަ އަހަރު 14.8 މިލިއަން މީހުން މި ފްލައިޓްތަކުގައި ދަތުރުކޮށްފައިވެއެވެ. މިއީ ވެސް ދިވެހީންގެ ތެރޭގައި މަޤްބޫލު އެއަރލައިނެކެވެ.

މި ލިސްޓަށް ބަލައިލުމުން އަޅުގަނޑުމެންނަށް އެނގެނީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގައި އެންމެ ސަލާމަތްތެރި އެންމެ ރައްކާތެރި ބޯޓުތައް ރާއްޖެއަށް ގަވާއިދުން އުދުހޭކަމެވެ. އަދި މީގެ ތެރެއިން ގިނަ އެއަރލައިންތަކަކީ ދިވެހީގެ މެދުގައި މަޤުބޫލު އެއަރލައިތަކެއްކަމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.