Support Us

ޕޯސްޓުނުކުރެވި ހުރި ބައެއް ސިޓީގެ ވާހަކަ: މަރުހޫމު ޝައިޚު ޖަމީލު ދީދީއަށް،

"ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

މި ސިޓީ ލިޔެވިފައި އޮތީ ތަންކޮޅެއް ފަހުން ކަމަށް އަޅުގަނޑު އެއްބަސްވެ އިއުތިރާފުވާން ޖެހެއެވެ. ނަމަވެސް، ލިޔަން ލިޔަން ހުރެ، ނުލިޔެވި ފަސްވެ ލަސްވީއެވެ. ނުލިޔެ އޮތުމަށް ވުރެ، ފަހުން ވެސް ލިޔެލުން ރަނގަޅު ކަމަށް ފެނިގެން އެންމެ ފަހުން ގަލަން ނަގައި ލިޔެލީއެވެ.

ޝައިޚަކީ އަޅުގަނޑުމެންގެ އުސްތާޒެވެ. އަޅުގަނޑުމެންނޭ މި ދެންނެވީ އަޅުގަނޑުމެން ދިވެހިންގެ އެތައް ޖީލެއްގެ އުސްތާޒެއް ކަމުގެ ވާހަކައެވެ. އިސްލާމީ ފިގުހުގެ އަސާސީ ކަންތައްތައް އަޅުގަނޑުމެން އެންމެނަށް އުނގެނުމުގެ މަގު ފަހިކޮށްދެއްވި އުސްތާޒެވެ. އުސްތާޒު ލިޔުއްވި ތައުލީމުއްދިޔާނާގެ ފޮތް ބައިންނެވެ. ފަހުން ދީނިއްޔާތުގެ ނަމުން ނަންދެވި ދިޔަ ފޮތްބައެވެ. މީގެ އިތުރުން، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ކުދިބައެއްގެ ދިވެހި އުސްތާޒު ވެސް މެއެވެ. ދިވެހި ބަހުގެ ގަވާއިދު ފޮތްބަޔާއި އަދި، ކުޑަކުދިންގެ ބަގީޗާ ފަދަ ފޮތްތައް މެދުވެރިކޮށް އަޅުގަނޑުމެން އިސްކޫލުގައި އުޅުނު ދުވަސްވަރު ދިވެހި ބަސްކިޔެވުމަށް އެހީވެދިން ފޮތްތައް މެދުވެރިކޮށެވެ. އަދި، ހަމަ އެހެންމެ، އުސްތާޒުގެ ޅެންތަކާއި ޅެމާއި އަދި ބަހާ ބެހޭ ގޮތުން ލިޔުއްވި އެތައް ލިޔުންވުންތައް ވެސް މެދުވެރިކޮށެވެ.

މީގެ އިތުރުން، އަޅުގަނޑުމެން އިސްކޫލު ދުވަސްވަރު އަޅުގަނޑުމެންނަށް ކިޔަވައިދެއްވި، ހުރިހާ ކުދިން އެކިލާހަކަށް ޝައުގުވެރިވި ކިލާހުގެ އެދުރުބޭ ވެސް މެއެވެ. އުސްތާޒު އިސްކޫލެއްގެ މުދައްރިސަކަށް އައްޔަނުކުރެވުނީ ކީއްވެގެންކަން މިހާރުގެ ބައެއް ޒުވާނުންނަށް ނޭނގި އޮވެ ދާނެތީ އެކަން ސާފުކޮށްލަދޭން ޖެހެއެވެ. ޚާއްސަ ގޮތެއްގައި އެ އިސްކޫލުގެ ނާޒިރެއްގެ މަގާމު ވެސް އަދާކުރައްވައި އަދި ފަހުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުވެސް އަދާކުރެއްވުމަށް ފަހު، ދެން އަނެއްކާ ވަޒީފާގެ ވެއްޓުމެއް އައިސް، އިސްކޫލުގެ އާދައިގެ މުދައްރިއްސެއްގެ މަގާމަށް ބަދަލުވެ ދިޔައީ ކީއްވެތޯ ބަަޔަކު ސުއާލުކޮށްފާނެއެވެ. އެހެންވެ، އެކުދިންނަށް އެ ސުއާލުގެ ޖަވާބެއް ދެވޭތޯ ބަލާލުމުގެ އިޒުނަ ދެއްވާނެ ކަމަށް ހީކުރަމެވެ.

އެ ސުއާލުގެ ޖަވާބުގައި ބުނަންޖެހެނީ އިސްކޫލަކީ އޭރު، މޫދުމަސް ފެނަށް ދިރުވަން އޮންނަ ފެންގަނޑެއް ކަހަލަ ތަނެކެވެ. ރާއްޖޭން ބޭރުން ކިޔަވައިގެން އަންނަ ބޭބޭކަލުންނާއި ސިޔާސީ ގޮތުން ނުރުހުން ލިބި، ކަޅު ދެލިން ނަންލިޔެވިފައި ތިބޭ މީހުން، ތަނުގެ ސިޔާސީ މާހައުލަށް ފެތޭތޯ ބަލަން ލާ ފެންގަނޑެކެވެ. ދެން އެފެންގަނޑަށް ލައި، ލޮނުގެ އަސަރު ފިލައި، ފެންގަނޑަށް ދިރިއްޖެ ނަމަ، ދެން ބޮޑެތި އެހެން ވަޒީފާތައް ދެވެއެވެ. އެ ގޮތުން، ފެނަށް ދިރުނުކަން އެނގުމުން، ރައީސްކަމާއި އަދި ވަޒީރުކަމާ ހަމައަށް ވެސް ވާސިލުވި ބޭކަލުންތިއްބެވެ. ހަމަ އެހެންމެ، ފެނަށް ނުދިރި، އަބަދު ހެން ޖަލުބަންދުގައި ނޫނީ އަރުވާލެވިފައި ތިބެ، ހަޔާތް ވޭތުކޮށް ނިމިދާން ދިމާވި ބޭކަލުންވެސް ފެނުނެވެ. ކޮންމެ އަކަސް، އަޅުގަނޑުމެން ގެ އުސްތާޒަށް ވެސް ސިޔާސީ ކުންޏެއް ޖެހި، އުއްތަމަ ފަނޑިޔާރުކަމުން އިސްތިއުފާދެއްވަން މަޖުބޫރުވެ ވަޑައިގަތެވެ. ދެން، މާލެ ދޫކުރައްވައި، ދެކުނު ހިސާބެއްގައި ކިޔަވައިދެއްވަން އުޅުއްވުމަށް ފަހު، ފަހުން މާލެ ވަޑައިގެން، 'ސިޔާސީ ފެނަށް އަލުން ދިރުވުމުގެ ގޮތުން' އިސްކޫލުގެ ފެންގަނޑަށް ލެވި، އިސްކޫލުގެ މުދައްރިސެއްގެ ވަޒީފާ ދެވުނީއެވެ.

ކޮންމެ އަކަސް އެކަންވީ އަޅުގަނޑުމެންނަށް ލެއްވި ނަސީބަކަށެވެ. އަޅުގަނޑުމެންގެ އިސްލާން މުދައްރިސެއްގެ ގޮތުގައި، ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ވަޑައިގަތުމުން، ޝަިއިޚުގެ އަރިހުން އުނގެނުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނީތީއެވެ. މުދައްރިސުގެ ކިލާހުގެ ބައެއް ހަނދާންތައް އަދިވެސް އެބަހުއްޓެވެ. ފަންސާހަކަށް އަހަރުވާން ކައިރިވި އިރުވެސް، ނުފިލައި، އެ ހަނދާންތައް ތާޒާކޮށް އެބަހުއްޓެވެ. މިސާލެއްގެ ގޮތުން އެއް ވާހަކަ ލިޔެލާނަމެވެ. އެދުވަސް ވަރު، ނަމާދުގައި އަޅުގަނޑުމެންގެ ތެރޭގައި ކުރަމުން ދިޔަ ބައެއް ހަމަނުޖެހޭ ކަންތައްތައް ކިޔަދެއްވި ގޮތާއި އެ މަންޒަރެވެ. ފަހު އައްތަހިއްޔާތު ކިޔައި، ސަލާންދެމުން، އަތްތިލަ ނުފުށަށް އަނބުރާލައި، ނުވަތަށް ކަކޫމަތީ ބާއްވާ ބޭއްވުމެވެ. ދެން، މުދައްރިސު ވިދާޅުވި ވާހަކައެވެ. "ނަމާދު ނިންމާލަމުން، 'އެދެން ނިމުނީ، މިދެން ނިމުނީ’، މިހެން ބުނެލާހެން ހީވާ ކަހަލައެވެ!" އެކަމަކީ ޚުރާފަތެކޭ، ބިދުއައެކޭ ހަރާން ކަމެކޭ ވިދާޅު ނުވިކަމުގައި ވިޔަސް، ހުރިހާ ކުދިންނަށް ވެސް އެއީ ނަމާދުގެ ތެރޭގައި ނުހިމެނޭ ކަމެއްކަން ވިސްނުނެވެ. އާދެ، މިކަހަލ ހަނދާންތައް ހިތުގައި ހަރުލާފައި އެބަހުއްޓެވެ.

މި ސިޓީ ލިޔުމުގެ އެހެން ބޭނުމެއް ވެސް އެބައޮތެވެ. އެ ވާހަކަ ދެންނެވުމުގެ ކުރިން އެހެން ވާހަކައެއް ދަންނަވާލަން ޖެހެއެވެ. އެއީ ކިޔުންތެރިއެއްގެ ހިތުގައި އުފެދިދާނޭ ސުއާލެކެވެ. މުދައްރިސު އަވަހާރަވިތާ ސާޅީހަކަށް އަހަރު ފަހުން މިސިޓީ ލިޔެ، މުދައްރިސަށް ފޮނުވަން ޖެހުނީ ކީއްވެގެން ކަމެވެ. ބައެއް ފަހަރު، ދިރިތިބީން ގާތު އެއްޗެއް ބުނުމާއި ދިރި ނެތް ބައެއް ގާތު އެއްޗެއް ބުނުން ހަމަހަމަ ވެގެންވެއެވެ. އެއްބަޔަކަށް ވެސް އެ ކިޔާ އެއްޗެއް އަޑު ނީވޭނެތީއެވެ. އެހެން ކަމުގައި ވިޔަސް، އަޅުގަނޑުގެ ޚިޔާލަށް ފެންނަނީ މިއަދު މުދައްރިސު ދުނިޔޭގައި ހުންނެވި ނަމަ، މިނަންގަންނަން އުޅޭ މައްސަލައަކީ މުދައްރިސު ވަރަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދީގެން އަޑުއައްސަވައި އަދި، އެކަމާ މެދު ކޮންމެ ވެސް އެއްޗެއް ވިދާޅުވާނޭ މައްސަލައަކަށް ވާނޭކަމެވެ.

މައްސަލައަކީ އަޅުގަނޑުމެންގެ ދިވެހި ބަހުގެ މައްސަލައެވެ. މުދައްރިސުގެ ލިޔުއްވުމެއްގައި ދިވެހި ބަހާއި އެހެން ބަސްތައް މަސްހުނިކޮށްގެން ދިވެހި ބަސް 'މޮޑާރން’ކުރަން އުޅެގެން 'މޮޑުނު ދިވެހި' އުފެދުނު ވާހަކަ ލިޔުއްވީމު ނޫންތޯއެވެ. މިހާރު އެކަން އަދި މާ ބޮޑަށް ބަދަލުވެ، އިތުރު ކުރިއެރުން ލިބިއްޖެއެވެ. މި ވާހަކައައިގެން އިތުރަށް ކުރިއަށް ދިޔުމުގެ ކުރިން ފާހަގަކޮށްލަން ބޭނުންވާ ނުކުތާއެއް އެބައޮތެވެ.

ޝައްކެއްނެތް ގޮތުގައި، މި ދުވަސްވަރަކީ ދިވެހި ބަހަށް ވަރަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެވޭ ދުވަސްވަރެކެވެ. ގާނޫނުތައް ހަދައި ގަވާއިދުތައް ލިޔެވިގެންނެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުތަކާއި ގަވާއިދުތަކެވެ. އަދި، ބަހާ ބެހޭ ދުވަސްތައް ވެސް ފާހަގަކޮށްގެންނެވެ. އެ ދުވަސް ދުވަހު، ކުޑަކުދިން ފާޑު ފާޑުގެ އިހުގެ ދިވެހި ހެދުން އަޅުވައި އެކުދިންލައްވާ ލަވަކިޔުއްވައި ނައްޓުވައި ހަދައެވެ. އާދެ، ދިވެހި ބަސްކުރި އެރުވުމުގެ ގޮތުން ކުރެވެނީ މިކަހަލަ ދެއްކުމުގެ ބޭރުފުށުގެ އަމަލުތަކެވެ.

ދެން، ހަގީގަތަކީތޯއެވެ؟ ދިވެހިންނަށް އަމާޒުކުރެވޭ ސަރުކާރުގެ ބައެއް ރަސްމީ އެންގުންތަކާއި ބައެއް ރަސްމީ ލިޔުންތައް ވެސް ހުންނަނީ ދިވެހި ނޫން އެހެން ބަަހަކުންނެވެ. މިފަދަ ލިޔުންތައް ނެރޭ އިދާރާތަކުން ހީކުރަނީ ރާއްޖޭގައި އުޅޭ ދިވެހިންނަށް ދިވެހި ނޭނގޭ ކަމެވެ. އަދި، އެނގެނީ ހަމަ އެކަނި އިނގިރޭސި ބަސް ކަމެވެ. އަސްކަރީ އިދާރާތަކުންނާއި ސިއްހަތާ ބެހޭ އިދާރާތަކުން ނެރެމުންދާ ނެރުންތައް މުދައްރިސަށް ދައްކާލެވޭނެ ނަމައޭ ހިތަށް އަރައެވެ. އެއްކަލަ މޮޑުނު ދިވެހި މަސްހުނިގަނޑު ކުނިވެ، އުކާލަން ޖެހުނީ ބާވައޭ ވެސް ހީފުޅުކުރައްވަފާނެއެވެ!

ދެން، މި މަންޒަރު ފެނުމުން އަޅުގަނޑަށް ހީވީ ހަމަ މުދައްރިސަށް ވެސް ހީފުޅުވީ ފަދައިންނެވެ. އިނގިރޭސި ބަސް އާންމުވެ، އަނދަލުސްގައި އަރަބި ބަސް ފެތުރިގެން ދިޔަ ފަދައިން އިނގިރޭސި ބަސް އަޅުގަނޑުމެންގެ ތެރޭގައި ފެތުރުނީ ކަމަށެވެ. ނަމަވެސް، އެކަން ވެސް އޮތީ އެހެންނެއް ނޫނެވެ. މުދައްރިސުގެ އަޚް މަރުހޫމު ޝިހާބު މާ ކުރިން ވިދާޅުވިފަދައިން، އިނގިރޭސި ތައުލީމު އާންމުވެގެން އެތައް އަހަރެއްވީ އިރުވެސް، ބަސް އެނގެޔޭ ބުނެވޭ ވަރުގެ މަދު ބައެއް ނޫނީ ރާއްޖޭގައި އަދި އުފެދިފައެއް ނެތެވެ. ގިނަ މީހުންގެ ދިވެހި ބަހެކޭ އިނގިރޭސި ބަހެކޭ އެމީހުން ކިޔާ އެއްޗެއް ކިޔުމުގައި ތަފާތެއް ނޯވެއެވެ. ދެބަސް ވެސް އޮންނަނީ 'މޮޑެވިފައެވެ'! ދެން އަނެއްކޮޅުން، ރާއްޖޭގެ ޔުނިވަރސިޓީތަކުގައި ކިޔަވާ ބައެއް ކުދިންގެ ހާލަތަށް ބައްލަވާލައްވާށެވެ! އެކުދިންނަށް ވެސް އިނގިރޭސި ބަސް ނޫނީ ބޭރު އެހެން ބަހެއް ވެސް ނޭނގެއެވެ. ނަމަވެސް، އެކުދިން ލައްވާ، ބޭރު ބަސް އެނގުމުގެ މައްޗަށް ބިނާވެފައި އޮންނަ އެކިއެކި ލިޔުމުގެ މަސައްކަތްތައް ކުރަން ހަވާލުކުރެއެވެ. ދެން، ބައެއް ކުދިން މިކަމުގެ ޝަކުވާކޮށް، އެއްވެސް ބޭރު ބަހެއް ނޭނގޭ ކަމުގެ ވާހަކަ ބުނެއެވެ. ދެން، އެކުދިންނަށް މަޖުބޫރުވަނީ ފައިސާ ދީގެންނާއި ނުދީ ނަމަވެސް، އެހެން މީހުންލައްވާ، މި މަސައްކަތްތައް ކުރުވުމަށެވެ! ކަން މިހެން އޮތް އިރު، އަސްކަރީ އިދާރާތަކުންނާއި ސިއްހީ އިދާރާތަކުން އިނގިރޭސި ބަހުން ނެރޭ އިއުލާނުތަކާއި އެންގުންތައް މައް ދިވެހިން ވިސްނައިގަންނާނީ ކިހިިނެއް ބާވައޭ އަޅުގަނޑު ހިތަށް އަރައެެވެ. ގާނޫނޫތަކާއި ގަވާއިދުތައް ހިންގަން ތިބޭ މީހުން އެކަމަށް ތަބާ ނުވާ ނަމަ، ގާނޫނުތަކާއި ގަވާއިދު ތަކުގެ ބޭނުމެއް އޮންނާނެ ބާވައެވެ؟ ދިވެހި ބަހަށް އިސްކަން ދިނުމަކީ ކަމާ ބެހޭ ބޭކާރު އިދާރާއެއް ހަދައި، ހިންގާ ނުލެވޭ ގާނޫނުތަކެއް ހެދުންތޯއެވެ؟ ދިވެހި ބަހާ ބެހޭ ދުވަހެއް ފާހަގަކޮށް ކުޑަކުދިން އިހުގެ ހެދުން ލައްވައިގެން ނެއްޓެވުންތޯއެވެ؟

 

ކޮންމެ އަކަސް، ދިރި ތިބީންނާ މި ސުއާލުތައް ކުރުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަށް ނުފެންނާތީ މުދައްރިސަށް ސިޓީއެއް ލިޔެ މި ސުއާލުތައް ކޮށްލުމުން، ހިތުގައި ހިނގާ ޝުއޫރުތަކެއް ނެރެލުމުގެ ފުރުސަތު ލިބޭނެ ނޫންތޯއެވެ؟ އެހެންވެ، މި ސިޓި ލިޔެލީއެވެ. ދިރި ތިބީންނަށް، އިހުގައި ލިޔާހެން މިހާރު ސިޓީ ނުވެސް ލިޔެވެއެވެ. ވިދާޅުވަނީ 'އީމޭލު' ކުރުމަށެވެ. ދެން ޖަވާބުގައި އަންނާނީ ވެސް އީމޭލެކެވެ. 'ސިޓީ ލިބެއްޖެ' މިހެން ލިޔެފައި އޮންނަ އީމޭލެކެވެ. ދެން، ސިޓީގައި ހުށަހެޅިފައި އޮންނަ މައްސަލަ އޮންނާނީ 'މައްސަލަ ބެލުމުގެ' މަރުހަލާގައެވެ. އެ ގޮތަށް އޮވެ، މައްސަލަ ނިމި ދެއެވެ. އެހެންވީމާ ދިރިތިބީންނަށް މައްސަލަތައް ހުށަހަޅައި ލިޔުމުގެ ބަދަލުގައި މުދައްރިސަށް ސިޓީލިޔުމުގެ ފައިދާ ބޮޑުކަމުގައި ދެކިގެން މި ސިޓީ ލިޔުނީއެވެ. މިހާރުގެ އިދާރާތަކަށް ސިޓީ ލިޔެ ޖަވާބެއް ލިބުން އެއި ގިނަ ފަހަރަށް މުސްތަހީލު ކަމެއް ކަމަށް ވާއިރު، މުދައްރިސުގެ ފަރާތުން ޖަވާބެއް ނުލިބުން އެއީ މާ ބޮޑުކަމަށް ނުވެއެވެ. ދިރިތިބީންނަކީ ފުރާނަ ނެތް ބަޔެއް ކަމަށްވާއިރު، މަރުވެ ގޮސްފައިވާ ބައެއްގެ ފުރާނަ ނެތުން އެއީ މައްސަލައެއް ނޫންތާއެވެ! ކޮންމެ އަކަސް، މުދައްރިސަށް ހެޔޮ ދުއާކޮށް، ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުމަށް އެދި ގަދަކީރިތި ވަންތަ މާތްރަސްކަލާނގެ ހަޟުރަތުގައި ދަންނަވަމުން، މި ސިޓީ ނިންމާލަމެވެ.

އިހުތިރާމު ގަބޫލުފުޅު ކުރެއްވުން އެދެމެވެ."