...

Support Us

ސ. މަރަދޫ، ސަނީ ސައިޑް، އައިޝަތު އަޒީޒާ ޚަލީލު

އައްޑޫ އެއިމްސް ކްލިނިކުން ދިން ބޭހަކުން ގުނަވަންތައް ފޭލިވެގެން އަންހެނެއް މަރުވި މައްސަލަ ފެންމަތިވެއްޖެ

އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެއިމްސް ކްލިނިކުން ދިން ބޭހަކުން އަންހެނެއްގެ އެތެރެހަށީގެ ގުނަވަންތައް ފޭލިވެގެން މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެ މަރުވި، ސ. މަރަދޫ، ސަނީ ސައިޑް، އައިޝަތު އަޒީޒާ ޚަލީލުގެ ދަރިފުޅު ބުނީ، އޭނާގެ މަންމަގެ ހާލު ބޮޑުވެ، މަރުވާން މެދުވެރިވީ ބުރަކަށީގައި ރިއްސާތީ މި މަހުގެ ދެ ވަނަ ދުވަހު، އެއިމްސް ޑައިގްނޯސްޓިކް ކެއަރގެ ކަށީގެ ޑޮކްޓަރ، ޑރ. ރާމީ މުހައްމަދު އަބްދުލްނޫރު އަހުމަދަށް މަންމަ ދެއްކުމުން ދިން ބާރު ގަދަ ބޭހެއް ކެއުމުގެ ސަބަބުން، ދެ ކިޑްނީ އާއި ލިވަރ އަދި ބްލެޑަރ ފޭލިވެގެން ކަމަށެވެ.

އުމުރުން 59 އަހަރުގެ އަޒީޒާ މަރުވީ ގުނަވަންތައް ފޭލިވެގެން ކަމަށް، އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލް އިން ދޫކުރި މަރުފޯމުގައި ވެސް ލިޔެފައިވެއެވެ.

އަޒީޒާގެ ދަރިފުޅު އަހުމަދު ފާރިޝް (ޝުކުއްޓޭ) މިއަދު ބުނީ މަންމަ އަށް ދީފައިވާ ބޭހަކީ ކެންސަރުޖެހުމުން ކީމޯތެރެޕީއަށް ދޭ ބޭހެއް ކަމަށާއި މަންމަގެ އެކަހަލަ އެއްވެސް ކަމެއް ނެތި، އެހާ ބާރުގަދަ ބޭހެއް ދިނުމަކީ ޑޮކްޓަރުގެ އިހުމާލު އެކަމުގައި ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ. އަދި ބޭސް ކާންފެށުމުން އަނގަތެރޭގައި ފާރު ހެދި، ފަހުން ހާލު ބޮޑުވެގެން މަންމަ މަރުވާން މެދުވެރިވީ އެ ބޭހުގެ ސަބަބުން އެތެރެހަށީގެ ގުނަވަންތައް ފޭލިވެގެން ކަމަށް، ލިޔެސޮއިކޮށްފައި ވެސް ދީފާނެ ކަމަށް، އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރަކު ބުނި ކަމަށެވެ.

"މޭ މަހު ދެ ވަނަ ދުވަހު (އެއިމްސް އަށް) ދައްކާފައި ބޭސް ކާންފެށީމާ ފުރަތަމަ ވީ ގޮތަކީ މަންމަގެ ކަރުތެރޭގައި ރިއްސާ އަނގައިތެރެ އެލާޖިކްވެފައި ފާރުވީ. ބޭސް ކައިގެން އިތުރަށް ކަމެއް ވަންޏާ ތިމަންނަ ކައިރިއަށް އަންނާށޭ ޑޮކްޓަރު ބުނީމަ އަނެއްކާ އޭނާ ކައިރިއަށް މި ދިޔައީ ހަތަރު ދުވަސް ފަހުން، މޭ ހަވަނަ ދުވަހު. ދެ ވަނަ ފަހަރަށް ދެއްކީމަ ވެސް ނުބުނޭ ކުރީ ދުވަހު ދިން ބޭސް ނުކައި މަޑުކުރާކަށް. އެހެން ނުބުނެ އަނެއްކާ އިތުރަށް ދިނީ އެއަށްވުރެ ބާރުގަދަ ބޭސްތައް. އެހެންވެ ކުރިން ދިން ބޭހާއި ފަހުން ދިން ބޭސް އެކުގައި ކަމުން މިދަނީ،" ރަށުގައި ހުރެ ވާހަކަ ދައްކަމުން ޝުކުއްޓޭ ކިޔައިދިނެވެ. "ދެން މީގެ ދެ ދުވަސް ކުރިން މާ ބޮޑަށް ސަކަރާތްވެގެން، ކަރުތެރެއިން އެއްވެސް އެއްޗެއް ނުވެސް ދިރިގެން، މަރަދޫ ހެލްތުު ޕޯސްޓަށް ގެންދިޔައީ. ގެންދިޔައިމާ ޑޮކްޓަރު ބުނީ ބޭސް ސިޓީ ބަލައިފައި ތީގައި ތިހުރި ބޭހަކީ މަނާ ބޭހެކޭ. ތިއީ ކާންޖެހޭ ވަރުގެ ބޭހެއް ނޫނޭ."

އަޒީޒާ ހަލީލުގެ ދަރިފުޅު އަހުމަދު ފާރިޝް (ޝުކުއްޓޭ)

ޝުކުއްޓޭ ބުނީ އޭނާ އާއި އަދި އިތުރު ހަތަރު ކުދިންގެ މަންމަ އަކީ ހިތުގެ ބަލި މީހެއް ކަމަށާއި ހިތަށް ހޮޅިކޮޅެއް ލައްވާފައިވާ މީހެއް ކަމަށެވެ. ޑޮކްޓަރު ބޭސް ދިނީ އެވަރުވެސް ނުބަލާ ކަމުގައި އޭނާ ބުންޏެވެ.

"މަރަދޫ ސިއްހީ މަރުކަޒުގައި އެ ދުވަހު ހަވީރު ބާއްވައިގެން ޓެސްޓް ހަދަން ލޭ ނަގައިފައި މި ފޮނުވީ ހިތަދޫ ހޮސްޕިޓަލަށް. ޓެސްޓްގެ ނަތީޖާ މި ލިބެނީ އެރޭ 12 ޖެހި ފަހުން. ނަތީޖާ ބަލައިފައި ޑޮކްޓަރު ބުނީ ވަގުތުން އީކުއެޓޯރިއަލް ހޮސްޕިޓަލަށް ޓްރާންސްފަރ ކުރަންޖެހޭނެޔޭ، ރިޕޯޓްތައް ވަރަށް ސަކަރާތޭ. އެހެން ބުނެގެން ހަމަ އެ ދަންވަރު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ހުރިހައި ޓެސްޓެއް ހެދީމާ ބުނީ ކިޑްނީ އާއި ލިވަރ އާއި ބްލެޑަރ އާ ތިނެތި އެއްކޮށް ފެއިލްވެފައޭ. ޑޮކްޓަރު ބުނީ ތިމަންނާ ދައްކާ ވާހަކަ ކަލޭމެން އަޑުއަހާށޭ ގިނަވެގެން 48 ގަޑިއިރޭ ބަލި މީހާއަށް އޮތީ މި ދުނިޔެމަތީގައި އޮންނަން. ހުރިހައި ގުނަވަނެއް 99 ޕަސެންޓް ފެއިލްވެފައޭ. ދެން ވަގުތުން އައި.ސީ.ޔޫ.އަށް ބަދަލުކުރީ. އެތަނުގައި އިލެކްޓްރިކް ޝޮކްވެސް ދިން. ހެނދުނު 7.50 ހާއިރު މަންމަ މަރުވެއްޖެ،" ޝުކުއްޓޭ ބުންޏެވެ. "ޑޮކްޓަރު ބުނި ތިމަންނަ ލިޔެފައި ސޮއިކޮށްފައިވެސް ދީފާނަމޭ މަންމަ މަރުވީ މި ބޭހުގެ ސަބަބުން ލިބުނު ގެއްލުމުންކަން. ކެންސަރުޖެހުމުން ކީމޯއަށް ދޭ ބާރުގަދަ ބޭހެއް އެ ބޭހަކީ."

ޝުކުއްޓޭ ބުނީ އެއިމްސް ވެރިފަރާތް ކަމަށްވާ ކުރީގެ ފޭދޫ މެމްބަރު އިބްރާޙިމް ދީދީ (އައި.ބީ) އާއި އެއިމްސްގެ އިސް ޓީމަކުން މިއަދު އޭނާއާ ބައްދަލުކުރި ކަމަށެވެ. އަދި މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް އެ ޑޮކްޓަރު އަނބުރާ ފޮނުވާލާނެ ކަމަށް އައި.ބީ ބުނި ކަމަށެވެ.

މި ހާދިސާއާ ބެހޭ ގޮތުން ޝުކުއްޓޭ އޭނާގެ ފޭސްބުކުގައި އައްޑޫ ބަހުރުވައިން މިއަދު ލިޔެފައިވެއެވެ. (ބަހުރުވަ ބަދަލުކޮށްފައި)

"(2 މޭ 2021 ގައި) ބުރަކަށީގައި ރިއްސާތީ އަހަރެންގެ މަންމަ، އައިޝަތު އަޒީޒާ ޚަލީލު، ސަނީ ސައިޑް، ސ. މަރަދޫ، އެއިމްސް ޑައިގްނޯސްޓިކް ކެއަރގައި މަސައްކަތް ކުރާ ކަށީގެ ޑޮކްޓަރ، ޑރ. ރާމީ މުހައްމަދު އަބްދުލްނޫރު އަހުމަދު އަށް ދެއްކީމާ ދިން ބޭހުގެތެރޭގައި ހުރި "މެތޮޓްރެކްސޭޓް" ނަމަކަށް ކިޔާ ބާރުގަދަ ބޭހެއް. 5 މިލިގްރާމުގެ 42 ގުޅަ ބޭސް (ދުވާލަކު ދެ ގުޅަ) ކާން ދިނުމުގެ ސަބަބުން ދެ ކިޑްނީ، ލިވަރ އަދި ބްލެޑަރގެ 99 އިންސައްތަ ހަލާކުވެ ފެއިލްވެގެން، އިއްޔެ (16 މޭ 2021) ވަނަ ދުވަހު ހެނދުނު 7.48 ވީއިރު، އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލްގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މި ދުނިޔެ ދޫކޮށްފައި. މަންމަ މަރުވެގެން ދިޔައިރު، 18 އަހަރު ނުފުރޭ ކުއްޖެއް ދުނިޔޭގައި އެބަހުރި. މި ކަމުގައި އެ ޑޮކްޓަރަށް އެއިމްސް އިން ފިޔަވަޅު އަޅައިފައި ފުރުވާލިޔަސް، މަންމަ ދެން އަނބުރާ މި ދުނިޔެއަކަށް ނާންނާނެ. އެކަމުވެސް، މި ގޮތަށް މި ވާހަކަ މި ލިޔަނީ ދެންވެސް އިތުރު މީހެއްގެ ފުރާނައަށް ގެއްލުމެއް ވުމުގެ ކުރިން ޑޮކްޓަރު ބޭސް ސިޓީއެއް ދިނީމާ ބޭސް ފިހާރަ މީހުން ކުރެން ސުވާލުކޮށްފައި އެންމެންވެސް ބޭސް ބޭނުންކުރާށޭ (ބުނަންވެގެން)."

މިކަމާ ގުޅިގެން އެއިމްސްގެ ސީ.އީއޯ، އެމް.އެން.ޑީ.އެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން މިއަދު ވިދާޅުވީ އެ މަރާ ގުޅިގެން އެ ޑޮކްޓަރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

"އެ ޑޮކްޓަރު މިހާރު މަަސައްކަތަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފިން. އަޅުގަނޑުމެން އިންޓާނަލީ ބެލިބެލުމުން އެނގުނީ ބޭހުގެ ދީފައިވާ ޑޯޒަކީ އާންމު ހާލަތުގައި ދޭންވާ ވަރަށް ވުރެ ބޮޑު ޑޯޒެއް ކަމަށް،" އިހުސާން ވިދާޅުވިއެވެ. "ދެން އެ ބޭހާއި އެ މީހާ ނިޔާވުމާ ދިމާވޭތޯ ބައްލަވާނީ މެޑިކަލް ކައުންސިލްގެ ތަހުގީގުން. ހުރިހާ ލިޔެކިއުންތައް އެބަހުރި އަޅުގަނޑުމެންގެ އަތުގައި."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ﷲ އެ މައްޔިތާ އަށް ސުވަރުގެ މިންވަރު ކުރައްވާށި. އެފަދަ މީހުން ބޭނުމަކީ އެމީހުންގެ ކަންކަން ތަޖުރިބާކުރުން�

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *