...

Support Us

ތާރީޚުން ފިލާވަޅެއް

އަޅުގަނޑުގެ ބައްޕަ ކިޔައިދެއްވި ވާހަކައެކެވެ. ރައީސް މުހައްމަދު އަމީން ސިލޯނުގައި ހުންނަވަނިކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހު ގޯސްވެ، އިންގިލާބުގެ ވާހަކަ އެ މަނިކުފާނު އެއްސެވިއެވެ. އެ ވަގުތު ބައްޕަ ވެސް ހުންނެވީ މުހައްމަދު އަމީން އަރިހުގައި ސިލޯނުގައެވެ. ބައްޕައަކީ ރައީސް މުހައްމަދު އަމީނުގެ 'ސިއްރު ކާތިބެވެ'. އެއީ މާ ބޮޑު ސިޔާސީ މަގާމެއް ނޫނެވެ. އެންމެ ސިދާ ސާދާ ބަހުން ބުނާ ނަމަ، ބައްޕައަކީ ރައީސް އަމީނުގެ ޓައިޕްރައިޓަަރެވެ. މިހާރު ގޮތުންނަމަ ޕީ.ސީ.އެކެވެ. ރައީސް އަމީނުގެ ހުރިހާ ލިޔުއްވުންތަކެއް، ރަސްމީ ލިޔުންތަކާއި އަދި އަމިއްލަ ބައެއް ޚާއްސަލިޔުންތައް ވެސް، ލިޔުއްވާ، އިތުބާރުކުރެއްވި ކާތިބެކެވެ.

ކޮންމެ އަކަސް ރާއްޖޭ ސިޔާސީ މަސްރަހު ގޯސްވެ، އިންގިލާބުގެ ހިލަމުވުމުން، އެކަން ހައްލުކުރުމަށްޓަކައި ބޭރުގެ އެހީ ލިބެން އޮތެވެ. ނަމަވެސް، އެގޮތެއް ރައީސް އަމީން ބޭނުންފުޅެއް ނުވިއެވެ. ތިމަންމެންގެ އަމިއްލަ މައްސަލަތައް ނިންމާނީ ތިމަންމެން އަމިއްލައަށޭ ވިދާޅުވެ، ރައީސް އަމީނު ނިންމެވީ އެނބުރި ރާއްޖެ ވަޑައިގަތުމަށެވެ. ކުރިމަތިވެގެން އުޅޭ ދާޚިލީ މައްސަލައާ ކުރިމަތިލައްވައި އެކަން އަމިއްލަފުޅަށް ހައްލުކުރެއްވުމަށްޓަކައެވެ. އަދި، އެންމެ ފުރަތަމަ ރައީސް އަރިހުގައި ބައްޕަ ގެންދެވުމަށް ނިންމެވިއެވެ. ދަތުރުމަތީ ވެސް އެއްޗެއް ލިޔުއްވަން ބޭނުންފުޅުވެ، އެ އެއްޗެއް ނޯޓުކުރެއްވުމަށްޓަކައެވެ. ނަމަވެސް، ފަހުން، ރައީސް އަމީން ވިދާޅުވީ ދަތުރަކީ ނުރައްކާތެރި ދަތުރެއްކަމާއި އަދި އެކަމުގެ ސަބަބުން ބައްޕައަށް ގެއްލުމެއް ލިބިދާނޭ ކަމެވެ. އެހެންވެ، ފަހުން، ހަޔަސިންތު ބޯޓުގައި މާލެއައުމަށް ވިދާޅުވިއެވެ. މިއިން ވެސް، ރާއްޖޭގެ ސިޔާސީ މަސްރަހު، އޭރު ގޯސްވެފައި އޮތް މިންވަރު ރައީސް އަމީނަށް ވަޒަން ކުރެއްވުނުކަން އެނގެއެވެ.

އަދިވެސް ބައްޕަ ކިޔައިދެއްވިއެވެ. ރައީސް އަމީނަށް ބޭރުގެ ހިމާޔަތް ވެސް އޭރު ލިބެން އޮތެވެ. ބޭނުންފުޅު ނަމަ، ރާއްޖެ ވަޑައިނުގަނެ، ނުރައްކަލުގެ ތެރެއަށް އަމިއްލަ ނަފްސު ހުށަނާޅުއްވައި، ބޭރުގައި ހުންނެވޭނޭ ގޮތް ވެސް އޮތެވެ. ނަމަވެސް، ރައީސް އަމީން ނިންމެވީ އޭނާ ކުރެއްވި ކަމެއްގެ ނަތީޖާއާ ކުރިމަތިލައްވައި، ދިވެހިންގެ ނިންމުން ގަބޫލުފުޅުކުރައްވާށެވެ. އެހެންވެ، ކޮންމެ ގޮތެއް ވިޔަސް، ރާއްޖެ އެނބުރި ވަޑައިގަތުމަށެވެ.

ޝައްކެއް ނެތް ގޮތުގައި، ރައީސް އަމީން ދީދީގެ ރިޔާސީ ދައުރުގައި ރަނގަޅު އެތައް ކަމެއް ކުރެވުނެވެ. އެކަންތައްތަކުގެ ތެރެއިން، އެންމެ ރަނގަޅު ކަންތައް ކަމުގައި، އަޅުގަނޑު ފާހަގަކޮށްލަނީ ރާއްޖޭގައި ތައުލީމު ދިނުން ހުއްދަކޮށް – އާދެ، އެއީ ރައީސް އަމީންދީދީގެ ކުރިން މަނާ ކަމެއްގެ ގޮތުގައި އޮތް ކަމެއް – ތައުލީމު އާންމުކޮށްލެއްވުމެވެ. މިކަންކަމުގެ އިތުރުން، އޭނާގެ ރިޔާސީ ދައުރުގައި ނުރަނގަޅު އެތައް ކަމެއް ވެސް ހިނގިއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެނީ ރާއްޖެ ބަނޑަށް ޖެހި، އެތައް ބަޔަކު މަރުވި މައްސަލައެވެ. އަދި، މިކަމަށް، ރައީސް އަމީނަށް ހައްލެއް ނުގެންނެވުނު މައްސަލައެވެ.

ރައީސް އަމީނުގެ މައްޗަށް ނުރަނގަޅު އެތައް ކަމެއް ތުހުމަތު ކުރެވުނު ކަމުގައި ވިޔަސް، އޭނާގެ ކިބައިން ފެނުނު ވަރަށް ޚާއްސަ ރަނގަޅު އެއް ސިފަ އެބައޮތެވެ. މަތީގައި ލިޔެފައި އޮތް ވާހަކަ ކިޔައިދެއްވަމުން އަޅުގަނޑުގެ ބައްޕަ ފާހަގަކުރެއްވި ގޮތުގައި އެއީ އޭނާގެ ކެރިވަޑައިގަތުމެވެ. އޭނާގެ ކިބައިގައި މުނާފިގުކަމާއި ދެފުށް ދެގޮތްކަން ނެތުމެވެ. ނުކެރުމާއި ކުޑަވެސް ފިނޑިކަމެއް ނެތުމުވެ. އޭނާގެ ސިޔާސީ ހަޔާތުގެ އެރުމާއި ވެއްޓުން ވެސް އޭނާ ގުޅުވާލެއްވީ ދިވެހި ރައްޔިތުންނާ ކަމެވެ. ސިޔާސީ ކުރިއެރުން ހޯއްދެވުމަށްޓަކައި، ބޭރު ބައެއްގެ އެހީ އޭނާ ބޭނުންފުޅު ނުވިކަމެވެ. ސަބަބަކީ ބޭރުގެ އެހީ ހޯދައިގެން ދާޚިލީ މައްސަލަތައް ހަމަނުޖެއްސޭނޭ ކަމެވެ. ބޭރުގެ ހިލޭ އެހީގައި ދާޚިލީ މައްސަލަތައް ހަމަޖައްސައިދޭ މީހުންގެ ކޮންމެ ވެސް އަމިއްލަ އެދުމެއް އޮވެއެވެ. އެހެންވެ، އެފަދަ އެހީއަކަށް ބޭރުގެ ފަރާތަކުން އެދިއްޖެ ނަމަ، އެ އެދޭ މީހަކީ އެ ފަރާތަށް ވެސް ޚިދުމަތްކޮށްދޭން ޖެހޭ އެފަރާތުގެ އޭޖެންޓަކަށް ވެދެއެވެ. މިއީ އަޅުގަނޑުމެން އެންމެން ވެސް ދެނެގަންނަން ޖެހޭނޭ ވަރަށް ވެސް މުހިއްމު ކަމެކެވެ.

ކޮންމެ އަކަސް ރައީސް އަމީން ދީދީގެ ކެރުމާއި ހިއްވަރު ފާޅުވެ، ހާމަވެގެން ދިޔައީ އޭނާއާ އިދިކޮޅަށް އެދުވަސްވަރުގެ ބައެއް ސިޔާސީ ވެރިން ގެނައި އިންގިލާބު ނެތިކޮށްލަން ބޭރުގެ އެހީ ހޯއްދެވުމަށް އިންކާރުކުރެއްވުން އެކަންޏެއް ނޫނެވެ. އަދި، ނުރައްކަލާ ކުރިމަތިލުން ދޫކޮށްލައްވައި، ފިނޑިކަން ޚިޔާރުކޮށް، ހަޔާތުގެ ބާކީ ބައި ރާއްޖެއިން ބޭރުގައި ހޭދަކޮށްލެއްވުން ޚިޔާރު ނުކުރެއްވުން އެކަންޏެއް ވެސް ނުމެ ނޫންމެއެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް އުފުލުނު ކުށަށް ވަރަށް ކެރި ހުންނަވައި ޝަރީއަތުގެ މަޖުލީހުގައި އިއުތިރާފުވެވަޑައިގަތުމެވެ. އެ މަޖުލީހުގައި އެކިކަހަލަ އުޒުރުތައް ދެއްކެވެން އޮތް އިރުވެސް، އެކަން ކުރައްވަން ގަސްދެއް ނުކުރެއްވިއެވެ. ކުށަށް އިއުތިރާފުވެވަޑައިގެން، އޭނާއަށް ޝަރީއަތުން ދިން އަދަބު، ގަބޫލުފުޅުކުރެއްވިއެވެ. އަދި، އޭނާއަށް ދެވުނު އަނިޔާތަކަށް، (އެންމެ މީހަކަށް ފިޔަވައި،) ހުރިހާ އެންމެނަށް މާފުކުރެއްވިއެވެ. އާދެ، ޚުދް މިކަމުން ވެސް އޭނާގެ ކިބައިގައި ހުރި ހިއްވަރާއި ކެރުމުގެ ސިފަ ފެނިގެން ދިޔައެވެ. ރައީސް އަމީން ދީދީއަކީ ހަގީގީ ލީޑަރެއްކަން، އިސްވާރެއްކަން ސާބިތުވެގެން ދިޔައެވެ.

މިކަމުން ލިބިގަނެވޭ މުހިއްމު ފިލާވަޅެއް ފާހަގަކޮށްލަން ގަސްދުކުރަމެވެ. ރައީސް އަމީން ވިދާޅުވި ފަދައިން، ގައުމުގެ ދާޚިލީ މައްސަލަތައް ނިންމަން ވާނީ ތަނުގެ މީހުންނެވެ. ސިޔާސީވެރިންގެ އެރުމާއި ވެއްޓުން ގުޅިފައި އޮންނަން ވާނީ ހަމައެކަނި ތަނުގެ އާންމު ރައުޔާއެވެ. އެމީހުންގެ ސިޔާސީ ހަޔާތް ހީނަރުވެ، ވެއްޓެންދާ ވަގުތުގައި އެމީހުންގެ ސިޔާސީ ހަޔާތް ނެގެހެއްޓުމަށްޓަކައި އެހީތެރިކަމާއި މަދަދު ހޯދުން ގުޅިފައި އޮންނަން ޖެހޭނީ ވެސް ތަނުގެ ރައްޔިތުންނާއެވެ. އެ ފަދަ އެހީތެރިކަމާއި މަދަދު ހޯދުން ބޭރުގެ ފަރާތްތަކާ ގުޅުވާލުމުން ތަނަށް ލިބޭނީ ގެއްލުމެވެ. ތަނުގެ ސިޔާދަތާއި މިނިވަންކަމަށް އޮންނާނީ ބުރުއަރާފައެވެ. އިރާނުގެ ޝާހު މަތިން ހަނދާން ކޮށްލާށެވެ! އޭނާގެ ސިޔާސީ ހަޔާތް ދެމެހެއްޓުމަށްޓަކައި އެމެރިކާގެ އެހީ ހޯދައި، އީރާނަކީ އެމެރިކާ ބޭނުން ގޮތަކަށް ކަންތައް ކުރަން އޮތް ތަނަކަށް ޝާހު ހަދައިދިނެވެ. ނަމަވެސް، އާޚިރުގައި، ޝާހު އީރާނުން ފިއްލަވައިގެން އެމެރިކާގެ އެހީ ލިބިދާނެ ކަމުގައި އުއްމީދުގައި އެމެރިކާއަށް ވަޑައިގަތުމުން، އޭނާގެ ބޯޓު އެމެރިކާގައި ޖެއްސުމަށް ހުއްދަ ނުލިބުނެވެ! ދެން ފެނިގެން އައި ދުަވަސްތަކުގައި، އަދާ ޖެހެންދެން ވެސް، އީރާނުގައި އެމެރިކާ ބޭނުންވާހާ ގޮތަކަށް ކަންތައް ކުރުމުގެ މަގު ބަންދުވުމުން، އެމެރިކާ ވެފައި އޮތީ އީރާނުގެ އެންމެ ބޮޑު ހަތުރަށެވެ!

އެހެންވެ، ސިޔާސީ ވެރިންނަކީ އެމީހުންގެ ސިޔާސީ ހަޔާތް ނަގައި ކޮޅަށް ޖަހައި ބެހެއްޓުމަށް ބޭރުގެ އެހީ ބޭނުންޖެހޭ ބަޔަކާ މެދު، އާންމުން ސަމާލުވާން ޖެހެއެވެ. އެފަދަ މީހުންނަށް ތާއީދުކުރުމަކީ ބުއްދިވެރިކަމަކަށް ނުފެނެއެވެ. ސަބަބަކީ އޭރުން ބޭރު ފަރާތްތަކަށް ރާއްޖޭގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ވަނުމަށް ދައުވަތުދެވޭތީއެވެ. އަދި، އެހެންވެ، އެކަމުގެ ސަބަބުން ތަނަށް ލިބިދާނޭ ބޮޑު ގެއްލުމަކަށްޓަކައެވެ. ތަނުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު މީހުން ވަދެ، ތަނުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫ އަރާފާނެތީއެވެ! އަޅުގަނޑުމެން ބޭނުންވަނީ ރައީސް އަމީން ފަދަ ޖެހިލުން ކުޑަ، ކެރިވަޑައިންނަވާ، ފިނޑި ނޫން ލީޑަރުންނެވެ، އިސްވާރުންނެވެ. އެމީހުންގެ ހުރިހާ އަމަލުތަކާ މެދު މަސްއޫލުވާން ކެރޭ ސިޔާސީ ލީޑަރުންނެވެ. އެމީހުންގެ ކުރިއެރުން، ހަމައެކަނި، ތަނުގެ އާންމު ރައުޔާ ގުޅިފައި އޮންނަ، އިސްވާރުންނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.