...

Support Us

ތަސްވީރެއް ކިޔައިދޭ ވާހަކައެއް

ފޮޓޯއިން އެ ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ފަލަސްތީނުގެ ދުވަސްވީ ދެމަފިރިއެއްގެ ގެ ޔަހޫދީންގެ ބަޔަކު އަތުލައި ވެރިވެފައިވާ މަންޒަރެވެ. ފަލަސްތީނުގެ ދެމަފިރިން އެ ތިބީ އެމީހުންގެ ގެއަށް ބަލަހައްޓައިގެންނެވެ.

މިއީ ފަލަސްތީނު މީހުން މި ވޭތުވެ ދިޔަ އަށްޑިހަ ވަރަކަށް އަހަރު ކުރިމަތިލާން ޖެހިފައިވާ ލާއިންސާނީ ކަމެކެވެ. އެމީހުންގެ ގެދޮރު އެއްވެސް ހައްގަކާ ނުލައި ފޭރިގަނެވޭ ގަނެވުމާއެވެ. މި ވާހަކަތައް ފަލަސްތީނު މީހުންގެ އެކިއެކި ލިޔުންތަކުގައްޔާއި އަދި އެނޫން މީހުންގެ ލިޔުންތަކުގައި ވެސް ލިޔެވިފައި ވެއެވެ. މިސާލަކަށް ޣާދާ ކަރްމީގެ "ފާތިމާ ހޯދުމުގައި" [އިން ސާޗް އޮފް ފާތިމާ] ބަލާލާށެވެ! ދެން، ތިމާގެ އަމިއްލަ ގޭގައި އަމިއްލަ ގޯތީގައި އުޅެނިކޮށް ބީރައްޓެއްސެއް އައިސް، ތިމާގެ އަމިއްލަ ގެއިން ގަދަކަމުން ނެރެލީމާ ތިމާއަށް ވާނޭ ގޮތް ހިތަށް އަރުވާލާށެވެ! އެގޮތް، ހަދާނެ އެއްވެސް ގޮތެއް ނެތް އެ އިހުސާސުތައް ފަލަސްތީނު މީހުން ކުރަމުންދާތާ އަށްޑިހަ ވަރަކަށް އަހަރުވަނީއެވެ! އާދެ، ތަސްވީރުން އެފެންނަ ދުވަސްވީ ދެމަފިރިންނަށް ނިރުބަވެރި އަމަލެއް ހިންގިދާނެ ހެއްޔެވެ؟ އެމީހުން އެ މީހުންގެ ގެއިން ބޭރުކޮށްލެވުނު ހަމައެކަނި ސަބަބަކީ އެމީހުންނަކީ އަރަބިންނަށްވީތީއެވެ؟ އަދި، އެމީހުން އުޅޭ ހިސާބުގަނޑުން އަރަބިން ހުސްކުރަން ބޭނުންވީތީއެވެ؟ އަދި އެކަން ކުރުމުގެ ބާރު އޮތީމައެވެ!

މި ތަސްވީރުން ފެންނަނީ ފަލަސްތީނުގެ އަރަބިން ކޮންމެ ދުވަހަކުހެން، ރެއާއި ދުވާލުހެން، ކުރިމަތިލާން ޖެހޭ ދަތިތަކާއި އުނދަގޫތަކާއި ފިއްތުންތަކުގެ ވަރަށް ވެސް ކުޑަ މިންވަރެކެވެ. އެ މީހުންގެ ގޭގެއަށް އިޒުރޭލު ސިފައިންނަށް ރޭގަނޑު ދަންވަރު ވަދެ، ދަރިންގެ ކުރިމަތީގައި އެކުދިންގެ މަންމަމެން ރޯ ބަރަހަނާކޮށް ފާސްކުރެވެއެވެ. ބޭނުމަކީ ހެއްޔެވެ؟ ފާޅުގައި އިހާނަތިކޮށް ހިތުމެވެ. އެމީހުނަށް އެންމެ ހިތްދަތި އަސަރުކުރުވާނޭ ކަންތައްތައް ގަސްދުގައި ކުރުމެވެ. އެމީހުންގެ ގެދޮރު ފުނޑުފުނޑުކޮށްލެވެއެވެ. އެމީހުންގެ ކުދިން މަގުމަތީ ކުޅެ ސަކަރާތް ޖަހަން އުޅެނިކޮށް ބަޑިޖަހައި މަރާލެވެއެވެ. ޔަހޫދީންގެ ހައްދުފަހަނައަޅާފައި ތިބޭ ދީނީ މީހުންނާއި އެނޫންވެސް މީހުން ފަލަސްތީނު މީހުންނަށް ހަމަލާދީ ފަލަސްތީނު މީހުންގެ ދަނޑުތައް ހަލާކުކޮށްލައެވެ. ކިރިޔާވެސް އެއަށް ރައްދެއް ދީފި ނަމަ، އިޒުރޭލު ސިފައިން އައިސް ރައްދު ދިން ފަލަސްތީނު މީހާގެ ދުވަސް ދުއްވާލުމުގެ ހައްގު އެމީހުންނަށް އޮވެއެވެ. އަދި އެގޮތަށް ކަންތައް ކުރޭވެސް މެއެވެ.

މިފަދަ ހާލަތެއްގައި ފަލަސްތީނު މީހުން އުޅެމުންދާ އިރު، އިންސާނުންނަށްވީތީ، ދަތިތަކަށް ކެތްނުކުރެވި، އިހާނާތްތައް ބަލައިނުގަނެވި، ރުޅި ކޮންޓުރޯލު ނުކުރެވި، އަތުންފައިން ގޯސް ހެދޭތަން ވެސް އާދެއެވެ. ދެން ވަނީ ކިހިނެއް ހެއްޔެވެ؟ ކަންކަމުގެ ސަބަބުތައް ހޯދުމެއް ނެތި، އަނިޔާ ލިބޭ މީހާއަކީ އަނިޔާކުރާ މީހާއަށް ވެގެން ދިޔުމެވެ. އެހެންވީމާ ފަލަސްތީނު މީހުންނަށް ހެޔޮއެދޭ ނަމަ، އެންމެ ކުޑަވެގެން އެތަނުގައި ކަން ހިގާ ގޮތުގެ މައުލޫމާތު ހޯދާށެވެ. ފަލަސްތީނު މީހުންގެ އަމިއްލައަށް ހިންގާ ޚަބަރު ފަތުރާ ވަސީލަތްތައް ވެސް ހުރެއެވެ. ގިނަ ފަހަރު، ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަލަސްތީނުގެ ވާހަކަ ގެނެސްދޭ އިރު، އޮންނަނީ އިޒުރޭލުކޮޅަށް މާ ބޮޑަށް ބުރަވެފައެވެ. އެއީ މައްސަލައެއް ނޫނެވެ. ކޮންމެ ބައެއް ވެސް ވާހަކަތައް ދައްކާނީ އެ ބައެއްގެ މަސްލަހަތު ދިފާއުކޮށްފައެވެ. އެހެންވެ، އެހެން މީހުން އެ ވާހަކަތައް އެ ގެންނަ ގޮތަށް ބަލައިގަންނާކަށް ނުޖެހެއެވެ. ތެދު މައުލޫމާތު ހޯދަން ބޭނުންވާ މީހާއަށް އެ މައުލޫމާތު، މިއަދު ހޯދުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. އެހެންވެ، ސާފު ސީދާ މައުލޫމާތު ހޯދައި، ދެން، ހައްގުގެ ބިންގަލެއްގެ މަތީގައި ހުރެ، ފަލަސްތީނު މީހުންނަށް ހެޔޮއެދި ދުއާކުރާށެވެ.

ކަޅާއި ހުދުގެ މި ފޮޓޯއިން އެ ފެންނަނީ ޣާދާ ކަރްމީ 1945ގައި، އޭނާ ކުޑައިރު، އޭނާގެ އާއިލާއާ އެކުގައި އިނގިރޭސިވިލާތަށް ދިޔުމަށްފަހު، 1998ގައި، ފަލަސްތީނަށް ޒިޔާރަތްކޮށް އެމީހުންގެ ގެ ހޯދައިގެން ގޭގެ ވެރަންޑާއި އޭނާ ހުރެ ފޮޓޯ ނަގާފައި ހުރި މަންޒަރެވެ. އޭރު އެގެއަށް ވެރިވެގަނެގެން އުޅެނީ ޔަހޫދީ ބައެކެވެ. މި ފޮޓޯ އަޅުގަނޑު ނެގީ ޣާދާ ކަރްމީގެ 'ފާތުމާ ހޯދުމުގައި' މި ފޮތުންނެވެ. ޣާދާ ކަރްމީއަކީ އިނގިރޭސިވިލާތުގައި ތައުލީމު ހާސިލުކުރި ޑޮކްޓަރެކެވެ. ފަހުން، ބޭސްވެރިކަމުގެ ދާއިރާ ދޫކޮށްލާފައި ލިޔުންތެރިކަމުގެ ދާއިރާއާ ގުޅި، އެކި އެކި ފޮތްތައް ލިޔުނީއެވެ. އޭނާގެ 'ފާތުމާ ހޯދުމުގައި' މިފޮތުގެ ބޭރުގަނޑުގައި އެވަނީ އޭނާގެ ކުޑައިރުގެ ތަސްވީރެކެވެ. އޭނާގެ ބައްޕަ، ހަސަން ކަރްމީއަކީ ބީ.ބީ.ސީ.ގެ އަރަބި ބައިގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރެއްވި ބަހުގެ އިލްމުވެރިޔެކެވެ. އަރަބި-އިނގިރޭސި ބަހުގެ ދެތިން ބަސްފޮތް ލިޔުއްވިއެވެ. މި ބަސްފޮތްތަކަކީ އަރަބި/ އިނގިރޭސި ބަހާ ބެހޭ ދުނިޔޭގައި މަގުބޫލުކަން ހޯދައިފަިއވާ ބަސްފޮތްތަކެކެވެ.

ރޮޖަރ ވޯޓާރސްގެ ވާހަކަކޮޅުން މިހާރު ފެށިގެން އުޅޭ ކުރިމަތިލުމުގެ އަސްލު ފެންނާނެއެވެ. އަރަބިން އެމީހުންގެ ގެދޮރުން ބޭރުކުރުމެވެ.