Support Us

ދުނިޔޭގެ އެންމެ ނުރައްކާ ވައިގެ ބަނދަރުތައް އެނގޭތަ؟

މަތީންދާ ބޯޓެއްގައި އެއް ގައުމުން އަނެއް ގަމުމަށް އުދުހިލުމަކީ ދަތުރުފަތުރުގެ އެންމެ ސަލާމަތްތެރި އެންމެ އަމާން ވަސީލަތްކަމަށް އެންމެންވެސް އެއްބަސްވާނެއެވެ. އަދި ތަފާސްހިސާބުތަކުން މިކަން ސާބިތުވެއެވެ. ނަމަވެސް ކިތަންމެ ފަސިންޖަރަކު ވާނީ އުދުހުމުގެ ތެރޭގައި ބިރުގަންނަ ފަދަ ތަފާތު ހާދިސާތައް ތަޖުރިބާކޮށްފައެވެ. ނޭޕާލުން ފުރި ރޭ އަޅުގަނޑު ވެސް ބިރުގަތް ހާދިސާއަކާ ކުރިމަތިވިއެވެ. އެއަރޕޯޓްގެ ރަންވޭ އޮންނަލެއް ތިރިވެފައި ވަށައިގެން ހުންނަ ފަރުބަދަތަކުގެ އުސްކަމުންނެވެ.

މި ފަދަ ތަފާތު ތަޖުރިބާތައް ކުރާންޖެހެނީ، އެކި ވައިގެ ބަނދަރުތައް ހެދިފައި ހުންނަ ތަނުގެ ގޮތުންނާއި އެތަންތާގެ ވެށީގެ ސަބަބުންނާއި އެތަންތަން ހެދިފައި ހުންނަ ގޮތުންނާއި މޫސުމުގެ ސަބަބުން ވެސް މެއެވެ. މި ސަބަބުތަކަށް ޓަކައި، އެކި ގައުމުތަކަށް ޒިޔާރަތްކުރައްވާއިރު މި ލިޔުމުގައި އަޅުގަނޑު މި ލިސްޓްކުރާ ގައުމަކަށް ވަޑައިގަންނަވާނަމަ މޫސުމަށް ވިސްނައިވަޑައިގަތުން މުހިންމުވާނެއެވެ. މިއީ ރައްކާތެރިކަން އެންމެ ކުޑަ 10 އެއަރޕޯޓްގެ ލިސްޓެކެވެ.

10. ވެލިންގޓަން އިންޓަރނޭޝަނަލް އެއަރޕޯޓް، ނިއު ޒީލޭންޑް

މިއީ މުޅި ދުނިޔެއަށް ބަލާއިރު ދިހަވަނައަށް އެންމެ ނުރައްކާތެރި އެއަރޕޯޓެކެވެ. ނިއުޒީލޭންޑްގެ ވެރިރަށަށް ޚިދުމަތް ފޯރުކޮށްދެމުންގެންދާ ވެލިންގޓަން އިންޓަރނޭޝަނަލް އެއަރޕޯޓަކީ އެ ގައުމުގައި އޯކްލޭންޑާއި ކްރައިސްޓް ޗާރޗް ފިޔަވައި ތިންވަނައަށް އެންމެ ހަލަބޮލި އެއަރޕޯޓެވެ. މި އެއަރޕޯޓްގެ 2081 މީޓަރު (6827 ފޫޓު)ގެ ދިގުމިނުގައި އޮންނަ ހަމައެކަނި މި ރަންވޭގެ ފެށުމާއި ނިމުން ވެސް އޮންނަނީ ކަނޑާ ހިސާބަށް ގުޅިފައެވެ.

ވައިގަދަ މޫސުމުގައި ބައެއް ފަހަރު ވަރަށް ހަލަބޮލިކޮށް، އަދި އާދަޔާ ޚިލާފަށް ނުރައްކާތެރި ޙާލަތުގައި މި އެއަރޕޯޓަށް މަތީންދާބޯޓު ތިރިކުރާންޖެހޭކަމަށް މަޝްހޫރުވެފައިވެއެވެ. ޚާއްޞަކޮށް ހުޅަނގުއުތުރުން ގަދަވައިޖެހޭ ޙާލަތުގައި ބޮޑެތި ބޯޓުތައް މި އެއަރޕޯޓަށް ޖެއްސުމަކީ ޕައިލެޓުންނަށް އާދަޔާ ޚިލާފަށް އުނދަގޫ ކަމެކެވެ.

9. ޖިބްރޯލްޓަރ އިންޓަރނޭޝަނަލް އެއަރޕޯޓް (އިނގިރޭސީންގެ ބައިނަލްއަޤުވާމީ ސަރަހައްދު)

މި އެއަރޕޯޓްގެ ރަންވޭ އޮންނަނީ އެ ރަށުގެ އެންމެ ބޮޑު މައިމަގު ހުރަސްކޮށެވެ. މަތީންދާބޯޓެއް ޖައްސާ ވަގުތު ކައިރިވުމާއެކު މަގު ބަންދުކޮށް އުޅަނދުފަހަރު ހުއްޓުވާންޖެހެއެވެ. މި ކަމުގެ ސަބަބުން މަގުމަތީގައި ދުއްވާ ތަކެތި (ޓްރެފިކު) ތޮއްޖެހުމުގެ ސަބަބުން ތަފާތު ހާދިސާތައް ކުރިމަތިވެއެވެ. އެހެންކަމުން ރަންވޭގެ ދަށުން ހަދާ ޓަނަލަކުން މަގުގެ ދެކޮޅު ގުޅައިލުމުގެ މަސައްކަތް އެބަކުރެވެއެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ، މި މަސައްކަތް ލަސްވާތީ އަދިވެސް ނިންމައެއް ނުލެވެއެވެ. އެކަމަކު މި ތާނގެ އެންމެ ބޮޑު މައްސަލައަކީ މިއީކީ ވެސް ނޫނެވެ. ގަދަފަދަ ވައިގެ މިޞްރާބު ބަދަލުވުމާއި ބޯޓު ޖައްސާ މިޞްރާބުގެ ބިތަށް ގަދަ ވައިޖެހުން މިއީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ބޯޓު ތިރިނުކޮށް، އެހެން ދިމަދިމާއަށް ބަދަލުކުރާންޖެހޭ ކިތަންމެ ދަތުރެއް ދާނެއެވެ. ޚައްޞަކޮށް (ވިންޓަރގެ) ފިނި މޫސުމުގައި މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ.

8. ޕްރިންސަސް ޖޫލިއާނާ އެއަރޕޯޓް

ކެރީބިއަންގެ ޖަޒީރާއެއް ކަމަށްވާ ސެއިންޓް މާޓިންގައި އޮންނަ ޕްރިންސަސް ޖޫލިއާނާ އެއަރޕޯޓް އަކީ 2300 މީޓަރު (7546 ފޫޓު)ގެ އެންމެ ރަންވޭއެއް އޮންނަ އެއަރޕޯޓެކެވެ. ރަންވޭގެ އެއްކޮޅު އޮންނަނީ ފަތުވެރީން ގޮސް އުޅޭ އަތިރިމައްޗަކާ ހަމަ، ޖެހިފައެވެ. މި ރަންވޭއަށް ޖައްސާން އަންނަ ބޮޑެތި ބޯޓުފަހަރު އަތިރިމައްޗާ (މާހޯ ބީޗް) ވީ ކޮޅުން ޖައްސާން ދިމާވާ ފަހަރުފަހަރު ބޯޓު ދާނީ އެ ތާނގައި ތިބޭ މީހުންގެ ގާތްގަނޑަކަށް ފޫޓެއްހާ މަތީންނެވެ. އެހެންކަމުން ބޯޓުގެ އަޑުންނާއި ބޯޓުގެ ބުރަފަތީން ފޮނުވާ ވައިގެ ސަބަބުން ފަތުރުވެރީންނަށް ވަރަށް އުނދަގޫވެއެވެ. ނަމަވެސް މިއީ މާ ބޮޑު ނުރައްކަލެއް ކަމަށް ނުބެލިއަސް އެ އަރޕޯޓުން ފުރި ބޯޓެއް ގޮވުމުގެ ސަބަބުން 2017 ވަނަ އަހަރު ނިއު ޒީލޭންޑްގެ ފަތުރުވެރިޔަކު މަރުވެފައިވާ ކަމަށް ވެސް އެނގިފައިވެއެވެ.

7. ނަރްސަރސުއެގް އެއަރޕޯޓް، ގްރީންލޭންޑް

ގްރީންލޭންޑްގައި އޮންނަ ދެ އެއަރޕޯޓަކީ ވެސް ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ ދެ އެއަރޕޯޓެވެ. މީގެ ތެރެއިން  ނަރްސަރސުއެގް އެއަރޕޯޓް އޮންނަނީ ގައުމުގެ އެންމެ ދެކުނު އިމުގައެވެ. މި އެއަރޕޯޓް 1941 ގައި ބިނާކުރީ އެމެރިކާގެ މިނިސްޓްރީ އޮފް ޑިފެންސްގެ ފަރާތުންނެވެ. ހަ ހާސް ފޫޓުގެ ކުރު ރަންވޭ ލޮލަށް ފެނުމުގެ ކުރީން ގަދަވަޔާއި ހަލަބޮލިކަމާ ޕައިލެޓުންނަށް ކުރިމަތިލާންޖެހެއެވެ. އަހަރުގެ އެންމެ ހަމަ ހިމޭން ދުވަސްވަރުގައި ވެސްމެއެވެ. އަލިފާން ފަރުބަދަ ގޮވައިގެން އުފެދޭ އަޅީގެ ވިލާތަކުގައި ހުންނަ ކުދިކުދި ބިއްރޫރި އަދި ސިލިކާގެ ކުދި އެތިކޮޅުތަކުން މަތީންދާބޯޓުގެ އިންޖީނަށް ގެއްލުންވެސް ލިބޭ ފަހަރުފަހަރު ވެސް މަދެއް ނޫނެވެ.

6. ޓޮންކޮންޓިން އެއަރޕޯޓް، ހޮންޑިއުރާސް

ހޮންޑިއުރާސްގެ ވެރިރަށާ ކައިރީގައި ގާއިމުކުރެވިފައިވާ ޓޮންކޮންޓިން އެއަރޕޯޓަށް މާގަކުރަމުން ދާއިރު މިއީ ދުނިޔޭގެ އެންމެ ނުރައްކާތެރި، އެއް އެއަރޕޯޓެވެ. ޚާއްޞަކޮށް އެހާ ހިތްގައިމު ނޫން ތެތް ފިނި މޫސުމުގެ ހާލަތުގައެވެ. ވަށއިގެން އޮންނަނީ ހިލައިގެ ފަރުބަދަތަކެވެ. ފަރުބަދައިގެ ތޫނު ކަންކަނުން ރެކިގެން ކުއްލިއަކަށް އަބުރައިލާންޖެހެއެވެ. މި ރަންވޭއަށް މާގަކުރަނިކޮށް ފަރުބަދައިގައި ޖެހިގެން ބޯއިން ވުނަދާނަ މަތީންދާބޯޓެއް ފަރުބަދައެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި 132 މީހުން މި ދުނިޔެ ދޫކޮށްފައިވެއެވެ. މީގެ އިތުރަށް ފަސްވަރަކަށް މަތީންދާބޯޓުގެ ވެސް މި ފަދަ ގޮތަކަށް އެކްސިޑެންޓް ވެފައިވެއެވެ. މިހާރު އެހެން އެއަރޕޯޓެއް ބިނާކުރުމުގެ މަސައްކަތް ކުރެވެނުން އެބަދެއެވެ.

5. މެޑެއިރާ އިންޓަރނޭޝަނަލް އެއަރޕޯޓް ކްރިސްޓިއާނޯ ރޮނާލްޑޯ، ޕޯޗުގަލް

ޕޯޗްގަލްގެ ޖަޒީރާއެއް ކަމަށްވާ، އެޓްލާންޓިކް ކަނޑުގައި އޮންނަ މެއިޑެއިރާގައި އޮންނަ މެޑެއިރާ އިންޓަރނޭޝަނަލް އެއަރޕޯޓް ކްރިސްޓިއާނޯ ރޮނާލްޑޯ (ކުރީން ކިޔާ ގޮތުން ނަމަ ފަންޗާލް އެއަރޕޯޓް) އަކީ ދުނިޔޭގައިވާ އެންމެ ނުރައްކާތެރި އެއަރޕޯޓްތަކުގެ ތެރޭގައި ހިމެނޭ ފަސްވަނަ އެއަރޕޯޓެވެ. މި އެއަރޕޯޓްގެ ރަންވޭ ހަދައިފައިވާ ގޮތުންނެވެ. ސޯޅަ ސަތޭކަ މީޓަރުގެ ދިގުމިނުގައި ލޮލަށް ރީތިކޮށް ހަދައިފައިވާ މި އެއަރޕޯޓްގެ ރަންވޭ ބޮޑުކުރާން ހެދިބައި ހަދައިފައިވަނީ 180 ތަނބު ޖަހައިގެން ކަނޑުގެ މަތީގައެވެ. މި ބައި އިތުރުކުރުމުން މި ރަންވޭގެ ދިގުމިނަކީ 2781 މީޓަރެވެ. އަދި 1977 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ރަންވޭ ނިމޭ ހިސާބުން ތިރީގައިވާ އަތިރިމައްޗަށް ބޯޓު ވެއްޓި 164 މީހަކު މަރުވެފައިވެއެވެ.

މީގެ އިތުރަށް މި އެއަރޕޯޓް ނުރައްކާވާ އަނެއް ސަބަބަކީ މި ހިސާބުގަނޑުގައި ހުންނަ ބާރުގަދަ ވައިގެ ސަބަބުންނެވެ. އެހެންކަމުން މި އެއަރޕޯޓަށް ޖައްސާން ހުއްދަ އޮންނަނީ މި ކަމަށް ޚާއްސަ ތަމްރީނުދީފައިވާ ވަކި ޕައިލެޓުންނަށެވެ.

4. ޓެންޒިންގ ހިލަރީ އެއަރޕޯޓް، ނޭޕާލް

މިއީ ހިމާލިއާ ބަރުބަދަ ބަލައިލާން ޒިޔާރަތްކުރާ ފަތުރުވެރީން ޖައްސާންޖެހޭ އެއަރޕޯޓެވެ. ކުރީން ލޫކްލާ އެއަރޕޯޓްގެ ގޮތުގައި ނަން ކިޔަމުން އައި މި އެއަރޕޯޓަށް މިހާރު ކިޔަނީ ޓެންޒިންގ ހިލަރީ އެއަރޕޯޓެވެ. އެއަރޕޯޓްގެ 527 މީޓަރުގެ މި ރަންވޭއަށް ބޯޓު ޖައްސާންވެގެން ބޯޓު ޖެހެނީ ވަކި ވަރަކަށް ވައްޓައިލާށެވެ. އެހެނީ ވަށައިގެންވަނީ ހިމާލިޔާ ފަރުބަދައިގެ ސިލްސިލާއެވެ. ފަރުބަދަތަކުން ނެއްޓޭއިރު ރަންވޭ އޮންނަނީ ގައިދޮށްވެފައެވެ. ނަވާރަ ސަތޭކަ ހަތްދިހަ ތިނަކުން ފެށިގެން ނުރައްކާތެރި އެތައް ހާދިސާއެއް މި އެއަރޕޯޓްގައި ހިނގައި އެތައް ބަޔަކު މަރުވެ ޒަޚަމްވެފައިވެއެވެ. މި އެއަރަޕޯޓްގައި ޖައްސާން ހުއްދަ އޮންނަނީ ވެސް ކުދިފިޔަލީ މަތީންދާބޯޓާއި ހެލިކޮޕްޓަރަށެވެ. ޚައްޞަ ތަމްރީނުތަކެއް ހޯދައިގެން ނޫނީ މި އެއަރޕޯޓްގައި ޖައްސާކަށް ހުއްދައެއް ނޯވެއެވެ. ނަސީބު ދިމާކުރި ގޮތުން މި އެއަރޕޯޓަށް 1999ގައި ޖައްސައި ފުރި މަތީންދާ ބޯޓެއްގައި އަޅުގަނޑު ވެސް އިނީމެވެ. ބޯޓުނައްޓައިލައިގެން އެ ވާދީތެރޭގައި ޖެހެނީ އިސްކުރެއް އަނބުރާހެން އަނބުރަމުން ފަރުބަދަތަކުގެ މައްޗާ ހަމައަށް ދާށެވެ. ނޭވާ ހިފަހައްޓައިލާން ޖެހުން ވަގުތުކޮޅެކެވެ.

3. ކޯރޗަވަލް އެއަރޕޯޓް، ފްރާންސް

ނޭޕާލު ލޫކްލާ އެއަރޕޯޓް ރަންވޭއަކީ ކުރު އެއަރޕޯޓެއް ނަމަވެސް ފަރަންސޭސިވިލާތުގެ ކޯރޗަވަލް އެއަރޕޯޓްގެ ރަންވޭ އަދި މާކުރެވެ. ދިގުމިނަކީ އެންމެ 525 މީޓަރެވެ. ވަށައިގެންވަނީ ސްކީކުރާން ޚާއްޞަ ގަނޑުފެނުގެ ސަރަހައްދެވެ. ސަރަހައްދުގެ ވަށައިގެންވަނީ ހިލަފަރުބަދަތަކެވެ. އެހެންކަމުން މި ރަންވޭއިން ބޯޓް ނައްޓައިލާއިރު ރަނގަޅު ސްޕީޑް ލިބިފައިވަކަން ޕައިލެޓް ކަށަވަރުކުރާން ޖެހޭނެއެވެ. އެއީ ފަރުބަދައިގައި މުޑިއެރުމުން ސަލާމަތްވުމަށް ޓަކައެވެ. މި އެއަރޕޯޓްގައި ޖައްސާން ޕައިލެޓުންނަށް ކުރިމަތިވާ އަނެއް ގޮންޖެހުމަކީ މިތާގެ ރަންވޭ އެއްކޮޅަށް ތިރިކޮށް އޮންނަކަމެވެ. އަދި މި އެއާޕޯޓުން ބޯޓް ނައްޓައިލާއިރު ބޯޓުގެ އާލާތްތަކުން ބެލުމުގެ ބަދަލުގައި ޕައިލެޓުންގެ ހަމަލޮލުން ފެންނަ ފެނުމަށް ރިޢާޔަތްކުރާންޖެހެއެވެ. ވަށައިގެންވާ ފަރުބަދަތަކުން ސަލާމަތްވުމަށް ރަނގަޅު އިރުޝާދު ލިބިފައިވާންޖެހޭނެއެވެ.

2. ވާންޗޯ އީ. ޔީރައޮސްކިން އެއަރޕޯޓް، ސަބާ އައިލެންޑް

ޑަޗް ކެރީބިއަން ރަށެއް ކަމަށްވާ ސަބާ ޖަޒީރާގައި އޮންނަ މި އެއަރޕޯޓަކީ އެންމެ 400 މީޓަރު (1300 ފޫޓް) ދިގުމިނުގެ ރަންވޭއެކެވެ. ހިލަ ފަރުބަދަގަނޑެއްގެ ތިރި ތަންކޮޅެއްގައި އޮންނަ އެއަރޕޯޓެކެވެ. ރަންވޭގެ ދެކޮޅުން ވެސް އޮންނަނީ މާކަނޑެވެ. މިއީ މުޅި ދުނިޔޭގައި ވެސް މަދަނީ އެއަރޕޯޓެއްގައި އޮންނަ އެންމެ ކުރު ރަންވޭއެވެ. އެހެންކަމުން މި އެއަރޕޯޓަށް ޖައްސައި، ނެގުމަކީ ނުރައްކަލުން ފުރިގެންވާ ކަމެކެވެ. ވަކި ޚާއްޞަ ތަމްރީނުތަކެއް ދެވިފައިވާ ވަކި ޚާއްޞަ ޕައިލެޓުންނަށް ނޫނީ މި އެއަރޕޯޓްގައި ބޯޓު ޖައްސައި، ނެގުމުގެ ހުއްދައެއް ނޯވެއެވެ. އެ ކަން ކުރާން ކޮންމެކޮންމެ ޕައިލެޓަކަށް ނުވެސް ކެރޭނެއެވެ.

1. ޕެރޯ އިންޓަރނޭޝަނަލް އެއަރޕޯޓް، ބޫޓާން

މިއީ ބޫޓާންގައި އޮންނަ ހަމައެކަނި އެއަރޕޯޓެވެ. މި ކުޑަކުޑަ އެއަރޕޯޓް އޮންނަނީ ހިމާލިޔާގެ އުސް ފަރުބަދަތަކުގެ މެދުގައިވާ ވަރަށް ފުން ވަރަށް ކުޑަކުޑަ ވާދީއެއްގައެވެ. މި އެއަރޕޯޓަށް ބޯޓް ޖައްސައި، ނެގުމުގައި ޕައިލެޓުން ހަމައެކަނި ބަލަނީ އެ މީހުންގެ ހަމަލޮލުން ތަޖުރިބާކުރެވޭ މޫސުމުގެ ޙާލަތަށެވެ. މި ސަބަބަށްޓަކައި މި އެއަރޕޯޓަށް ބޯޓު ޖައްސައި، ނަގާން ހުއްދަ އޮންނަނީ ހަމައެކަނި ދުވާލުގެ ވަގުތުތަކުގައެވެ. ބޯޓު ޖައްސާން ޖެހޭ އެންމެ ފަހު ސިކުންތުގައި ނޫނީ ރަންވޭއެއް ޕައިލެޓަކަށް ނުފެންނާނެއެވެ. ވަށައިގެން ހުންނަނީ އަށާރަ ހާސް ފޫޓްގެ އުސްމިނުގައި ހުންނަ ހިލަ ފަރުބަދަތަކެވެ. އެހެންކަމުން ރަންވޭއަށް ތިރިކުރުމަށް ޓަކައި 45 ދަރަޖައަށް ކައްޗަށް ތިރިއަށް އައިސް ވަކި ހިސާބަކުން ބޯޓު ވައްޓައިލާންޖެހެއެވެ. އެހެންކަމުން މި އެއަރޕޯޓަށް ޢާންމުކޮށް އެންމެ ގިނައިން ޖައްސަނީ ބޫޓާން ރޯޔަލް އެއަރލައިންގެ ބޯޓުފަހަރެވެ. ވަކި ޚާއްޞަ ތަމްރީނުތަކެއް ލިބިފައިވާ ޖެހިލުން ކުޑަ ޕައިލެޓުންނަށް ނޫނީ މި ރަންވޭގައި ބޯޓުޖެއްސުމަކީ ކުރެވޭނެ ކަމެއްނޫނެވެ. މުޅި ދުނިޔެއަށް ބެލިޔަސް މަތީންދާބޯޓު ޖައްސައި ނަގާން އެންމެ ނުރައްކާތެރި އެއަރޕޯޓަކީ މިއީއެވެ.

 

 

މި ލިޔުމުގައިވާ ލަފުޒެއްގެ މާނަ:

މާގަކުރުން: އެޕްރޯޗްކުރުން

މާގަ: އެޕްރޯޗް