Support Us

ކުރު ވާހަކަ: މަޖުލީސްކުރާ ގޭގައި އިބިލީސް

މަޖުލީސްކުރާ ގެއަށް އިބިލީސް ޒިޔާރަތްކުރިއެވެ. ބޭރުގެ މެހެމާނެއްގެ ގޮތުގައެވެ. މަޖުލީސްކުރާ ގެއަކީ ބޭރުގެ މެހެމާނުންނަށް ވަރަށް ބޮޑަށް ކަމޭ ހިތާ ތަނެކެވެ. އެހެންވެ، އޮރެންޖު ފަގުޑިއެއްލައިގެން ހުރި ބޭރުގެ މެހަމާނާއަށް، އޭނައަކީ ކާކުކަން ނޭނގުނު ނަމަވެސް، މަޖުލިހުން މަރުހަބާ ކިޔެވެ. މަޖުލީސްގެ މެމްބަރުން ދެކޭ ގޮތުގައި ބޭރުގެ މެހެމާނާ، އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް، ރަނގަޅުވާނެއެވެ. އެހެނީ، ވެރިކަން އަތުލައިގަތުމުގެ އެދުމެއް އޭނާގެ ކިބައިގައި ނޯންނާނެ ކަމަށް މަޖުލީހުގެ މެމްބަރުން ދެކޭތީއެވެ. ދެން އަނެއްކޮޅުން، ބޭރު މީހަކަށް ވުމުން، ކޮންމެވެސް ގޮތަކުން މާއްދީ ފައިދާއެއް ވެސް އޭނާގެ ކިބައިން ލިބިދާނެތީއެވެ.

މަޖުލީހަށް ވަދެ، ބޭރުގެ މެހެމާނުންނަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި އިބިލީސް އިށީނެވެ. ދެން، މަޖުލީހުގެ ރިއާސަތު ބަލަހައްޓަވަން އިންނެވި ބޭފުޅާ، ބޭރުގެ މެހެމާނާ، މަޖުލީހުގެ މެންބަރުންނަށް ތައާރުފުކޮށް ދިނެވެ. ނަމަވެސް. ރިއާސަތުން މާ ގިނަ އެއްޗެއް ނުބުނެވުނެވެ. ހަމައެކަނި ބުނީ ޖަލްސާގައި ބޭރުގެ މެހެމާނެއް އިންކަމާއި އަދި އޭނާއަކީ ކާކުކަން ބުނެދޭން އޭނާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދޭނޭކަމެވެ.

ދެން، އިބިލީސް ތެދުވެ ވާހަކަ ދައްކަން ފެށިއެވެ. ސަލާން ގޮވާލުމަށް ފަހު، އޭނާއަކީ އިބިލީސް ކަމުގައި ބުންޏެވެ. މަޖުލީހުގެ ވާހަކަތައް އަޑުއަހާފައި ޒިޔާރަތްކޮށްލީ ކަމުގައި އިބިލީސް ބުންޏެވެ.

އިބިލީހަށް އެންމެން ވެސް ހޫނު މަރުހަބާއެއް ކިޔެވެ. އިބިލީހުގެ ފަރާތުން ކަންތައްތަކެއް ދަސްވެދާނެތީއެވެ. އިބިލީހުގެ ޚާއްސަ ދާއިރާއަކީ މީހުންނަށް ކަންކަން އޮޅުވާލުމާއި މީސްތަކުން މަގުފުރެއްދުން ކަމަށްވާ އިރު، އަދި، މަޖުލީސް ވެސް މިގޮތުން ވަރަށް މަޝްހޫރުވެފައި އޮތުމާއެކު، މި ގޮތުން އިތުރު ކުރިއެރުން އިބިލީހުގެ އެހީގައި ލިބިދާނެކަމަށް އުއްމީދުކުރެވޭތީއެވެ. އެހެންވެ، މަޖުލީހުގެ އެންމެ އަޑުގަދަ އެންމެ އިއްޒަތްތެރި އެއް މެމްބަރުކަމުގއިވާ ޖަލަންގާބިޒު އިބިލީސްއާ ސުއާލުކުރިއެވެ. "އިއްޒަތްތެރި އިބިލީހެވެ! މަނިކުފާނު މި މަޖުލީހަށް ޒިޔާރަތްކޮށް، މި މަޖުލީސް ޝަރަފުކޮށް ދިނުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟"

ޖަވާބުގައި، އިއްޒަތްތެރި މެމްބަރު ޖަލަންގާބިޒާ ސީދާ މުޚާތަބުކޮށް އިބިލީސް ބުންޏެވެ. "ކަލޭމެންގެ މަޖުލީހުގެ ޚަބަރު އަޑުއަހައި އަހަރެން ވަރަށް އުފާވިއެވެ. ކަލޭމެންނަށް ވެސް އެނގޭނޭ ފަދައިން، އަހަރެންގެ މަސައްކަތަކީ އާދަމުގެ ދަރިންނަށް ކަންކަން އޮޅުވައި މަގުފުރެއްދުމެވެ. އަދި، މިކަން ކުރިއަށް ގެންދިޔުމުގެ ގޮތުން، އެމީހުންގެ ކިޔެވުމަށް ހުރަސް އެޅުމެވެ. ރަނގަޅު އުނގެނުމެއް ހާސިލުކުރިވިޔަ ނުދިނުމެވެ. ވިސްނައި ފިކުރުކުރުން ހުއްޓުވުމެވެ. ކޮންމެ އަކަސް މި މަސައްކަތުގައި އަހަރެން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އަދި، ކޮންމެ ވެސް ވަރެއްގެ ކާމިޔާބީތަކެއް ވެސް ހޯދިއްޖެއެވެ.

"އަހަރެންގެ އެންމެ ފަހުގެ ކާމިޔާބީއަކީ އަރަބި ދުނިޔެއެވެ. ކަލޭމެންނަށް ވެސް ފެންނާނޭ ފަދައިން، އަހަރެންގެ މިންނެއް މަސައްކަތުން، ފިތުނަތައް ހިލުވާލައި، ވެރިކަމުގެ ދަހިވެތިކަން އެންމެގެން ހިތަށް ވައްދައި، އެއީ ހަމަ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއް ކަމާއި އަދި، އެކަމަކީ އެއްވެސް އިލްމެއް، ހުނަރުވެރިކަމެއް ލިބެން ޖެހޭ ކަމެއް ނޫންކަމާއި، މިކަންކަން މީސްތަކުންގެ ހިތަށް ވައްދައި އެތަން އެއޮތީ ފުނޑުުފުނޑުކޮށްލާފައެވެ."

"މީސްތަކުންނަށް އޮޅުވާލުމައި މީހުން މަގުފުރެއްދުމުގައި ކަލޭމެން އެއްދަރަޖަ ކުރީގައި އުޅޭކަން އަހަރެން ފާހަގަކުރަމެވެ. ކަލޭމެން ކަލޭމެންނަށް މަގުދައްކަން އިސްކުރަނީ ލިޔަން ކިޔަން ވެސް ނޭނގޭ މީހުންނޭ ބުންޏަސް އެއީ މާ ބޮޑު ދޮގަކަށް ނުވާނެއެވެ. ކަލޭމެންގެ މި އިއްޒަތެރި މަޖުލިހަށް ބަލާލިއަސް އެކަން ފެންނާނެއެވެ. ކަލޭމެން ދެކޭ ގޮތުގައި، މިފަދަ މަޖުލިހެއްގައި ތިބެ، މަސައްކަތްކުރުމަށް އެއްވެސް އިލްމެއް ހުނަރެއް ބޭނުމެއް ނުވެއެވެ. ހަމައެކަނި ބޭނުންވަނީ ބާޒާރުމަތީގައި އަޑުގަދަކޮށް ޒުވާބުކޮށް އުޅުމުގެ ހުނަރެވެ. މިތަނުގެ ބައެއް އިއްޒަތެރިން، މަސްތުވާ ހާލަތުގައި ތިބެވެސް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ގޮތަށް ވާހަކަ ދައްކާ ނޫން ހެއްޔެވެ؟ އަޅެ، މިއާ ދޭތެރޭ ކަލޭމެން އިއްޒަތެރި މެންބަރުން ބުނަނީ ކީކޭ ހެއްޔެވެ؟"

"މީގެއިތުރުން، އޮޅުވާލުމުގެ މައިދާނުގައި ކަލޭމެން އެންމެ ފަހުން ހާސިލުކުރި ބޮޑު ކާމިޔާބު އަހަރެން ފާހަގަކޮށް، ސާބަސްދީ އެކަމަށް ތައުރީފުކޮށް ސަނާކިޔަމެވެ. އެއީ ބޭރު ސިފައިން މި ރާއްޖޭގައި ތިބުމުގެ ވާހަކައެވެ. އެކަން ކަލޭމެން ކުރަމުން ދިޔައިރު، ކަލާމެން އެއީ ނުކުރާ ކަމެއްކަމުގައްޔާއި އަދި ދުވަހަކުވެސް ނުކުރާނޭ ކަމެއް ކަމުގައި ބުނެ، ދޮގުހަދައި މައްސަލަ އޮޅުވާލީމު ނޫން ހެއްޔެވެ؟ ދެން، ބުޅާ ގޯނިން ބޭރުވީމާ، އެއީ އެކަން އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތް ކަމުގައި ބުނެވެސް އަޑު އުފުލީމު ނޫން ހެއްޔެވެ؟ ދިމާ އިދިކޮޅަށް ވާހަކަދައްކައި އޮޅުވާލުމަކީ ފަހަރެއްގައި ވެސް، ކުޑަކޮށް ވެސް ލަދުގަންނަން ޖެހޭ ކަމެއްކަމުގައި ކަލޭމެން ނުދެކެމު ނޫން ހެއްޔެވެ؟ އަދި، އެންމެ ހެއްވާ ކަމަކީ، މިކަން ކުރިއިރު، ބޭރުގެ ސިފައިން ތަނަށް ގެނައިރު، އެކަމުގެ ހުރިހާ ޚަރަދެއް ވެސް ކަލޭމެންގެ އާންމު މީހުންގެ އަތުން ދޭން ޖެހޭ ގޮތް ހެދުމެވެ! އަދިވެސް، އެހެން ކަމެކެވެ. އެމީހުން ކަލޭމެންގެ އެކަކަށް ވެސް އިތުބާރެއް ނުކުރެއެވެ. ނަމަވެސް ކަލޭމެން އެންމެން، ކަލޭމެންގެ އަމިއްލަ ގައުމުގެ މީހުންނަށް އިތުބާރުނުކޮށް، އެމީހުންނަށް އިތުބާރުކުރެއެވެ. މިކަމާ މެދު، ޚުދް، އެމީހުން ކަލޭމެންގެ މައްޗަށް ހީ މަލާމާތްކުރެއެވެ! މިފަދައިން އޮޅުވާލައިގެން ކަންތައް ކުރާ މީހުންނަކީ ކަލޭމެންގެ ނަޒަރުގައި ގައުމީ ބަތަލުންނެވެ. އަދި، އެކަކު ބުނި ގޮތުގއި މުޅި އިންސާނިއްޔަތެވެ. މިލަފްޒުގެ މާނައަކަށް ބަލާކަށް ނުޖެހެއެވެ. އެހެން ބުނި މީހާ އަށް އޭނާ ހިތުން ޚުޝާމަދުކުރުމުގެ ގޮތުން އޭނާގެ ހިތަށް އައި އެއްޗެއް ބުނެލީއެވެ. މާނަ ހަމަޖެހުނަސް ނުޖެހުނަސް ވަރިހަމައެވެ! ދެން، މިފަދައިން އޮޅުވާލައި ކަންތައް ކުރުމުން، މުޅި ގައުމާއި ގައުމުގެ ހުރިހާ މުދަލެއް ހިބައިން އެ ބަތަލުންނާ ހަވާލުކުރަން ޖެހެއެވެ! ކޮންމެއަކަސް، ވަރަށް ވެސް މޮޅު، ބޮޑު، ތައުރީފު ހައްގު ކާމިޔާބީއެކެވެ!"

ދެން، ޖަލަންގާބިޒު އިބިލީހާ މުޚާތަބުކޮށް ބުންޏެވެ. ތީ ހަމަ ރަނގަޅު ވާހަކަތަކެކެވެ. އަހަރުމެން ގަބޫލުކުރަނީ މި އިއްޒަތްތެރި މަޖުލިހަކީ ވަކި ކަހަލަ ކަންކަމުން އިސްތިސްނާ ވެފައި އޮންނަން ޖެހޭނޭ ތަނެއް ކަމުގައެވެ. އިލްމާއި ހިލްމަކީ މިތަނަށް ބޭނުންވާ ކަންކަމެއް ނޫނެވެ. ތެދުވެރިކަމާ އަމާނާތްތެރިކަމުގެ ސިފަވެސް މިތަންނަށް ބޭނުމެއް ނުވެއެވެ. އަދި، ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުރުމަކީ އަހަރުމެން ދެކޭ ގޮތުގައި ނިކަމެތި ކަމެކެވެ. ދެން އެންމެ ރަނގަޅެވެ! އަހަރެންގެ ވާހަކައަކީ އިބިލީސް މަނިކުފާނު އަހަރުމެންގެ މި މަޖުލިހަށް ޒިޔާރަތްކުރާނީ އަހަރުމެންނަށް ތައުރީފުކުރާކަށް ނޫނެވެ. އިބިލީސް މަނިކުފާނުގެ އަމިއްލަ ކޮންމެ ވެސް އެދުމެއް އޮވެގެންނެވެ! ދެން، ވާހަކަތައް މާ ދިގު ނުކޮށް އެ މަގުސަދަކީ ކޮބައިކަން ބުނެދޭންވީ ނޫން ހެއްޔެވެ؟"

ޖަލަންގާބިޒުގެ ސުއާލަށް ޖަވާބު ދިނުމުގެ ގޮތުން އިބިލީސް ބުންޏެވެ. މި އިއްޒަތްތެރި މަޖުލިހަށް އަހަރެން ޒިޔާރަތްކޮށްލީ ކަލޭމެންގެ ކިބައިން، ބައެއްކަންކަން އުނގެނި ދަސްކުރުމަށެވެ. އަހަރެންގެ ނަޒަރުގައި، ކަންކަން އޮޅުވާލައި މަގުފުރެއްދުމުގައި، ކަލޭމެން އުޅެނީ އަހަންނަށް ވުރެ ތަންކޮޅެއް ކުރީގައެވެ. މިސާލަކަށް، ކުރިން ބުނިހެން، މިފަދަ މަޖުލީހަށް ހޮވިދިޔުމުގައި، ތަންދޮރު ތަދުމެއް، ހުނަރެއް، ބޭނުންޖެހޭ ކަމަކަށް ކަލޭމެންނުދެކެއެވެ. މިއީ ހަމަ ރަނގަޅު ގޮތެކެވެ. މިކަން އަހަންނަށް ވެސް ވިސްނެއެވެ. ނަމަވެސް، އަހަންނަށް ނުވިސްނޭ ކަމަކީ، ކަލޭމެންގެ ރައްޔިތުންނޭ ކިޔާ މީހުންނަށް މިކަން އޮންނަން ޖެހޭނީ މިހެންކަން، އެމީހުންނަށް ކަލޭމެން ވިސްނައިދީ، އެކަން އެމީހުންލައްވައި ގަބޫލުކުރުވައި ޔަގީންކޮށް ދިން ގޮތެވެ. ޖަމާއަތުގެ ފައިދާއަށް މަސައްކަތްކުރުމުގެ ބޭނުމެއް ނެތްކަމާއި ހުރިހާވެސް ބޭނުމަކީ ތިމާ ނުރުހޭ މީހާއަށް ހަސަދަލައި އެމީހާގެ ދުވަސް ދުއްވާލުން ކަން އެމީހުންނަށް ވިސްނައިދިިން ގޮތެވެ. މިކަން ކުރުމުގައި، މުޅި ގައުމު ހަލާކުވި ކަމުގައި ވިޔަސް، އެއީ އަޅާލަން ޖެހޭ ކަމެއް ނޫންކަން އެމީހުންނަށް ކަލޭމެން ބުނެދީ އެމީހުން އެ ކަން ބަލައިގަނެ ދިޔުމަށް ކަލޭމެން ކުރީ ކޮންކަމެއް ކަން އަހަރެން ހޯދަން ބޭނުމެވެ! ކަލޭމެން ޖަހާހާ ބެރަކަށް އެމީހުން ނައްޓުވައި ގުނބޯހައްދަނީ ކިހިނެއްކަން އަހަރެން ވެސް ހޯދަން ބޭނުމެވެ. ގައުމާއިގެން ކުރިއަށް ދިޔުމުގެ ގޮތުން. މި އިއްޒަތްތެރި މަޖުލީހުގައި ކުރަން ޖެހޭ އެންމެ އިއްޒަތްތެރި މަސައްކަތަކީ ތިމާ ނުރުހޭ މީހުން މަގާމުތަކުން ދުރުކޮށް، އެމީހުން އެކިއެކި ދަންތުރަތަކުގައި ޖެއްސުމުގެ މަޅިތައް ތައްޔާރުކުރުން ކަމުގައި މީސްތަކުންނަށް ކަލޭމެން ވިސްނައިދިން ގޮތެވެ! އެހެން ތަންތަނުގައި، ޚިޔާނާތުގެ އަމަލުތައް މީހުން ހިންގައި، އެކަމަށް އިއުތިރާފުވުމުން، އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި ބޮޑެތި އަދަބުތައް ދެވެއެވެ. ނަމަވެސް ކަލޭމެންގެ އާންމުން ދެކެނީ އެފަދަ ކަންކަމަށް އިއުތިރާފުވާ މީހުންނަކީ ތެދުވެރި އަމާނާތްތެރި ބަތަލަުން ކަމެވެ! މިފަދައިން ކަންތައްތައް ބަދަލުކޮށްލައި، މީހުން ވެސް އެއީ ހަމަ ރަނގަޅު ގޮތް ކަމުގައި ދެކޭ ގޮތް ކަލޭމެން ހެދީ ކިހިނެއް ހެއްޔެވެ؟"

އިބިލީހުގެ މި ވާހަކަ އަޑުއަހައިފައި، ޖަލަންގާބިޒު ހިިލި ދިލުނެވެ. ފައިސާ ހޯދުމުގެ މަގެއް ފެންނަހެން ހީވީމައެވެ. ދެން. އިބިލީހާ މުޚާތަބުކޮށް އިއްޒަތްތެރި ޖަލަންގާބިޒު ބުންޏެވެ. ތިކަންތައް ކިޔައިދެވިދާނެއެވެ. ނަމަވެސް، އެވާހަކަތައް ކިޔައިދޭން ދެތިން ސެޝަން ބޭނުންވާނެއެވެ. ކޮންމެ ސެޝަނަކަށް މިލިޔަނެއް ހާ ރުފިޔާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. އެފައިސާ ދެއްކުމުން، ތިކަން ކޮށްދެވިދާނެއެވެ.

ދެން އިބިލީސް، ޝުކުރުއަދާކުރުމަށް ފަހު، އެ ހުށަހެޅުމާ މެދު އިތުރަށް ވިސްނާނެ ވާހަކަ ބުނެފައި އިއްޒަތެރި މަޖުލީހުގެ ތެރެއިން ނިކުތެވެ. އަދި، އިބިލީސް ހިތާ ހިތާ ބުންޏެވެ. ހަގީގަތުގައި ވެސް، މިއީ އަހަންނަށް ވުރެ މާކުރީގައި އުޅޭ މަޖުލީހެކެވެ. މީހުންނަށް ކަންކަން އޮޅުވާލައި މަގުފުރައްދައި، އަދި އެކަންކަން މީހުންނަށް އުނގަންނައި ދިނުމުގައި އަހަރެން ވެސް ފީއަކަށް ނޭދެމެވެ. ނަމަވެސް، އެކަމުން ވެސް، މި މީހުން އެތިބީ ކޮންމެ ވެސް ވަރެއްގެ މާއްދީ ފައިދާއެއް ނެގުމަށް ފައި ވިއްދާފައެވެ. ވަރަށް ވެސް އުފާވެރިކަން ހުއްޓެވެ! ހަރުބަހެއް ގައި އޮންނަހެން، ރޯ މަސްކިބަ ކުނިވެ ނުދިޔުމަށް ބޭނުންކުރާ ލޮނުކޮޅު ފާސިދު ވެއްޖެ ނަމަ، ދެން މަސްކިބައަށް ވާނީ ކިހިނެއް ހެއްޔެވެ؟ ކުނިވެ ނެތިދާނީ ނޫން ހެއްޔެވެ؟ މިތަނަށް މި އޮތީ އެ ދަތުރު ޖެހިފައެވެ! މަސްކިބަ އިސްލާހުކުރުމަށް ހުރި ލޮނު ވެސް މިއޮތީ ފާސިދުވެފައެވެ!"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5112

3 Responses

  1. މިލިއުން ކިޔާފަ ހިތަށް އެރީ މި ކިޔާ ސިޔާސީ އަށް ވިސްނޭނީ ކޯޗެއްބާއޭ. އަދި ވަކިވަކި ފަރުދުންގެ ބުއްދި ކުރާނެބާއޭ. ލިއުންތެރިޔާ އަށް ޝުކުރިއްޔާ

  2. ވަރަށް ރީތި ވާޙަކައެއް. ދިވެހީންނަށް ހޭލުންތެރިކަން ލިބޭތޯ ޑރ. ޢަބްދުލްޣަފޫރު ތިޔަ ކުރައްވާ ބުރަ މަސައްކަތްޕުޅަށް ހަމަ އައްސަރިބަހާއި ސާބަސް. ހެޔޮ ޖަޒާ ދެއްވާށި!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *