...

Support Us

ލޮލާއެވެ! ހުއްޓާނުލައި ރޮއި ކަރުނަ އަޅާށެވެ!

މަތީގައި އަޅާލެވިފައިވާ ސުރުޚީ ނެގިފައި ވަނީ އަރަބި މުޚަޟްރަމީ ޅެންވެރިޔެއްގެ ޅެމަކުންނެވެ. މުޚަޟަރަމީ ޅެންވެރިންނަކީ އަރަބި ޅެންވެރިކަމުގެ ދެ ޒަމާނެއްގައި އުޅެފައިވާ ޅެންވެރިންނެވެ. މިޅެން ލިޔުނު ޅެންވެރިޔާ ޚަންސާއަކީ ޖާހިލީ ޒަމާނުގައި އުފަންވެ، އިސްލާމީ އަސްރުގައި، ދިރިއުޅެ، އިސްލާންވެ، ދުނިދޫކޮށް ދިޔަ ޅެންވެރިޔެކެވެ. ދެންމެ ނަންގަތް ފަދައިން، މަތީގައި ނަންގަންފައިވާ ސުރުޚީ ނެގިފައިވަނީ ޚަންސާގެ މުއައްލަގާއިންނެވެ. ޖާހިލީ ޒަމާނުގައި އެންމެ މޮޅެތި ޅެންތައް ކަމުގައި ހޮވި، ކައުބާގައި އެލުވުނު ޅެންތަކުގެ ތެރޭގައި ހިމެނޭ ޅެމަކުންނެވެ. އެ ޅެން ބައިތު ލިޔެލާނަމެވެ.

أ عيني جودا، فلا تجمدا! *. ألا تبكيان لصخر الندى؟

އޭ އަހަރެންގެ ދެ ލޮލާއެވެ، އަޅެ ނިކަން ރޮއި، ދީލަތި ކަމާއެކު ކަރުނަ އަޅަމުން ގޮސް ބަލާށެވެ! އަދި، ރޮއި ކަރުނަ އެޅުން، އެއްގޮތަކަށް ވެސް، ހުއްޓާ ނުލައްޗެވެ! (އަހުރެންގެ) ދީލަތި އަޚާ، ޞަޚުރުގެ މައްޗަށް، އަޅެ، ނުރޮއި ހުރެވޭނެ ހެއްޔެވެ؟

ޅެން ބައިތުގެ މާނައިގެ މައްޗަށް ބަލައިލުމުން، ޅެން ބައިތު ހަދަން ދިމާވި ސަބަބު ލަފާކޮށްލަން އެނގެއެވެ. ޅެންވެރިޔާ ޚަންސާ، އޭނާގެ އެއްބަނޑު އެއްބަފާ އަޚު، ޞަޚުރު މަރުވެ ދިޔުމުންނެވެ. ޞަޚްރު ދެކެ ޚަންސާ އިންތިހާއަށް ލޯބިވިއެވެ. އޭނާ މަރުވެ ދިޔުންވީ ޚަންސާއަށް ބަރުދާސްތުކުރަން ދަތިވި ބޮޑު ހިތާމައަކަށެވެ. އެ ހިތާމައިގެ ހަމަ އެކަނި ތަސައްލީއަކަށްވީ ޞަޚުރުގެ މައްޗަށް ޅެން ހަދައި، އޭނާގެ ރިވެތި ޚަސީލަތްތައް ހިތަށް ގެނެސް އޭނާ މަތިން ހަނދާންކުރުމެވެ. ޚަންސާގެ ޅެންތަކުގެ ބޮޑު ބައެއްގެ މައުޟޫއަކަށް ހިމެނިފައި އޮތީ ޞަޚުރުގެ މައްޗަށް ކިޔިފައިވާ ރަޘާގެ ޅެންތަކެވެ. ޞަޚުރު މަރުވެ ދިޔުންވީ، ޚަންސާއަށް އެހާވެސް ބޮޑު ހިތާމައެއް މެދުވެރިކުރުވި ކަމަކަށެވެ. ޚަންސާގެ ހިތާއި ފުރާނައަށް ތޫނު ހަންޖަރެއް ހަރާލީ ހާދިސާއަކަށެވެ.

ޚަންސާއާއި ޚަންސާގެ ރިޘާގެ ޅެންތަކުގެ މަތިން ހަނދާންވީ އަޅުގަނޑުމެންގެ އެންމެންގެ ވެސް ވަރަށް ގާތް 'މީހަކު' މަރުގެ ތުންފަތްމަތީ އޮތް މަންޒަރު ހިތަށް ފެނިގެންނެވެ. އެ މީހާގެ ހަށިގަނޑަށް ވަނީ އެތައް ބަލިތަކެއް ޖެހިފައެވެ. އޭނާގެ ހަށިގަނޑު މުޅިން ހަލާކުކޮށް، ހަށިގަނޑުގެ ދިރުން މަރާލައި ނެތިކޮށްލާ ފަދަ ގިނަ ބަލިތަކެވެ. އެއްކޮޅުން ކަންތައް މިހެން އޮތް އިރު، މަރުގެ ތުންފަތް މައްޗަށް އެޅި އޭނާގެ ހަކަތަ ނެތިދާން ކައިރިވެފައި އޮތް އިރުވެސް، އެއްބަޔަކު ދެކެނީ، މިއީ ވެސް، އޭނާގެ ކިބައިން ލިބެން އޮތް ނަމަ ލިބެން އޮތް ފައިދާއެއް ނެގުމުގެ ރަނގަޅު ވަގުތެއް ކަމެވެ. އޭނާގެ ހަށިގަނޑަށް ނުރައްކާތެރި ބަލިތައް ޖެހި، އޭނާގެ ހަކަތަ ހުސްވާ ހިސާބަށް ގޮސް، މަރުގެ ތުންފަތް މައްޗަށް އެޅިފައި އޮތީ ކާކު ހެއްޔެވެ؟ އަޅުގަނޑުމެންގެ މައިވަންތަ ބިމެވެ. އަމިއްލަ ރާއްޖެއެވެ. އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންނާއި ދަރިން ވެސް ދިރިއުޅެން އޮތް ތަނެވެ.

އަޅުނގަޑުމެންގެ މައިވަންތަ ބިމަށް ބަލިތައް ޖެހި، މަރުގެ ތުންފަތް މައްޗަށް އެޅިފައި އޮތްކަން އަންގައި ދެނީ ކޮންކޮން ކަންތައް ތަކެއް ހެއްޔެވެ؟ އެކަމުގެ އަލާމާތްތަކަކީ ކޮބާ ހެއްޔެވެ؟ މީސްމީހުންނަށް ބަލި ބަލި ޖެހުމުން، ފެންނަ އަލާމާތްތައް ހުރޭ ނޫން ހެއްޔެވެ؟ ހުން އައުމާއި ކެއްސުމާއި ރަހަ ކެނޑުމާއި، ހިކި އަނަރޫފަ ވުން ފަދަ ކަންކަމީ ބަލިބަލީގެ އަލާމަތް ކަމަށްވާއިރު، އަޅުގަނޑުމެންގެ މައިވަންތަ ބިމަށް ބައްޔެއް ޖެހިފައިވާ ކަމުގެ އަލާމާތްތަކަކީ ކޮބާ ހެއްޔެވެ؟

މި ވޭތު ވެދިޔަ މަހެއް ހާ ދުވަހުގެ ތެރޭގައި ވެސް، މައިވަންތަ ބިމަށް ބޮޑެތި ބޮޑެތި ބަލި ޖެހިފައިވާ ކަމުގެ އަލާމާތްތައް ފެނުނެވެ. މީގެ ތެރެއިން ދެތިން އަލާމާތެއްގެ ވާހަކަ ލިޔެލާނަމެވެ. އެންމެ ފުރަތަމަ، ދާދި ފަހުން، މީހަކު މަރާލުމުގެ ނިޔަތުގައި ގޮއްވާލެވުނު ބޮމުގެ ވާހަކައެވެ. މިވާހަކަ މިތާ ލިޔާ އިރު، ފާހަގަކުރަން ބޭނުންވަނީ އެކަން ކުރި ބަޔެއްގެ ވަނަވަރާއި އެކަން ކުރުވާ ބަޔެއްގެ މަގުސަދެވެ. އަޅުގަނޑުމެންގެ މައިވަންތައް ބިމަށް ޖެހިފައިވާ ބަލި ހޯދުމުގެ ބޭނުމުގައެވެ.

އެކަން ކުރި މީހުންނާ ބެހޭ މައުލޫމާތުތަކަށް ބަލާލާއިރު ހާމަވެގެންދަނީ ކޮން ކަމެއް ހެއްޔެވެ؟ އޭގެ ތެރެއިން ބައެއް މީހުންގެ ކުށުގެ ދިގު ލިސްޓެއް އޮތް ކަމެވެ. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމުގެ ކުށެވެ. ތަންތަން ހަލާކުކޮށް، ތަންތަނަށް ގެއްލުން ދިނުމުގެ ކުށެވެ. މި ހުރިހާ ކަމެއް ކޮށް، އެކަމުގެ ދިގު ލިސްޓެއް އޮވެ، އަދި، އެމީހުންނަކީ ހުއްޓާ ނުލައި އެފަދަ ކަންކަން އަދިވެސް ކުރަމުންދާ ބައެއް ކަމަށް ވީއިރު، އަދި މިކަން އެނގޭއިރު، އެ މީހުން ތިބީ މިނިވަނުންގެ ގޮތުގައެވެ.

ދެން، މި މީހުން މިފަދަ ކަންކަން ކުރުން ތަބުރީރުކޮށް، އެއީ އެންމެ ރަނގަޅުކަމެއްކަމަށް ބުނެ، އެކަން ހުއްދަކުރަނީ ކިހިނެއް ކޮން ގޮތަކުން ހެއްޔެވެ؟ އިސްލާމް ދީން ބޭނުންކޮށްގެންނެވެ. އެމީހުން ނޫން އެހެން ހުރިހާ މީހުންނަކީ ކާފިރުންނަށް ހަދައި، ކާފިރުންގެ މުދާ ފޭރުމަކީ ހުއްދަކަމެއް ކަމަށް ދެކިގެންނެވެ. ފަހަރެއްގައި ވެސް މިއީ އިސްލާން ދީނުގެ ތައުލީމާތުތައް އުނގަންނައިދޭ ކަމެއް ނޫނެވެ. އެއީ މުސްލިމުން ކަމުގައި ވިޔަސް އަދި މުސްލިމުން ނޫންކަމުގައި ވިޔަސް، މުޖުތަމައުގެ އެންމެންގެ ފުރާނައާއި މުދަލަށް ހުރުމަތް ލިބިގެން ވެއެވެ. މަދީނާގައި ފުރަތަމަ ގާއިމު ކުރެވުނު އިސްލާމީ ދައުލަތުން މިކަން އެނގިގެން ދެއެވެ. މަދީނާގައި އުޅުނު އެންމެނަށް، މުސްލިމުންނާއި ޣައިރު މުސްލިމުންނަށް ވެސް، މި ހައްގު، އެންމެ ފުރިހަމަ ގޮތުގައި، ދެވިފައި އޮތެވެ. އަދި، އިސްލާމީ ފިގުހު ފޮތްތަކުގައި މި ވާހަކަތަކުގެ ތަފްސީލުތައް ބަޔާން ކުރެވިފައިވެއެވެ.

ދެން އޮތީ މިކަން ކުރުވާ މީހުންނެވެ. ޚަބަރުތައް ބުނާ ގޮތުގައި، ބޮންގޮއްވި މީހުން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން ވެސް ހިމެނެއެވެ. މި މީހުންނަކީ އެއްވެސް މަސައްކަތެއް ކުރާ ބަޔަކަށް ނުވެއެވެ. އެހެން ކަމަށްވާ އިރު، މި ފަދަ މީހުންނަށް ތަންތަން ކުއްޔަށް ހިފައިދޭ މީހުން ވެސް އުޅޭނެ ނޫން ހެއްޔެވެ؟ އެފަދަ މީހުން ވާނީ، މި މީހުން ލައްވައި އެމީހުން ބޭނުންވާ ކަންކަން ކުރުވާ މީހުންނަށް ނޫން ހެއްޔެވެ؟ މިކަންކަމަކީ ހޯދަން ބޭނުން ވެއްޖެ ނަމަ، ހޯދަން އުނދަގޫ ކަންކަމެއް ނޫނެވެ. ނަމަވެސް، މިފަދަ މީސްމީހުން ހޯދޭ ގޮތެއް ނުވެއެވެ. މިހެން ބުނަން މަޖުބޫރުވަނީ ކީއްވެ ހެއްޔެވެ؟ މަރުހޫމު އަފްރާޝީމާއި، މަރުހޫމު ރިޟުވާނާއި މަރުހޫމު ޔާމީނުގެ މަރުގެ މައްސަލަތައް ބެލުމުގެ ކަންކަން މަތިން ހަނދާން ކޮށްލުމުންނެވެ! އެކަން ކަން ނުބެލިފައި އޮންނަނީ ކީއްވެތޯ ސުއާލުކޮށް، އެސުއާލުގެ ޖަވާބު ހޯދަން މަސައްކަތްކުރާށެވެ!

މިއިން އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟ މައިވަންތަ ބިމުގައި ފަސާދައިގެ ކެންސަރު ފެތުރިފައި އޮތް މިންވަރެވެ. މީހުން މަރާލުމަކީ ވެސް، މީހުން މަރާލުމަށް ބާރު އެޅުމަކީ ވެސް، އެކަން ކުރާ މީހުންގެ ޒަމީރު ހުއްދަކުރާ ކަމަކަށް ވެފައި އޮތް ކަމެވެ. ތިމާމެންގެ އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި އަމިއްލަ ފައިދާއަށްޓަކައި ތިމާގެ ޝައިތާނީ ބާރުތަކަށް ތިމާގެ ނަފްސު ވިއްކާލުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ދެކޭ ތަނެވެ. ދެން ހެއްޔެވެ؟ މިކަންކަން ހުއްޓުވަން ހުރި މުއައްސަސާތައް އެކަމަށް ނުކުޅެދިފައިވާ ކަމެވެ. އާދެ، ފަސާދައިގެ ބައްޔަށް ދޭނޭ ފަރުވާއެއް ނެތްކަމެވެ. ނަތީޖާއަކީ އަޅުގަނޑުމެންގެ މައިވަންތަ ބިން ބަލިވެ، ދުވަހެއް ދުވަހަކަށް، ބަލިވެ ބޮޑުވެ، ބައްޔަށް ފަރުވާ އެއް ނުލިބުމުން، މަރުގެ ތުންފަތް މައްޗަށް އެޅިފައިވާ ކަމެވެ. އެހެންވެ، ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ޚަންސާގެ ޅެންބައިތުގައި ބުނެފައި އޮތް ހެން ކޮންމެ މީހަކުވެސް އޭނާގެ ލޮލާ މުޚާތަބުކޮށް ބުނާށެވެ! "އޭ އަހަރެންގެ ދެ ލޮލާއެވެ، އަޅެ ނިކަން ރޮއި، ދީލަތި ކަމާއެކު ކަރުނަ އަޅަމުން ގޮސް ބަލާށެވެ! އަދި، ރޮއި ކަރުނަ އެޅުން، އެއްގޮތަކަށް ވެސް، ހުއްޓާ ނުލައްޗެވެ! (އަހުރެންގެ) ދީލަތި [މައިވަންތަ ބިން، މަރުގެ ތުންފަތް މައްޗަށް އެޅިފައި އޮތް އިރު، އޭނާގެ] މައްޗަށް، [ހިތާމަކޮށް] ކަރުނައަޅައި ނުރޮއި ހުރެވިދާނެ ހެއްޔެވެ؟"

ވޭތުވެ ދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދެން ފެނިގެން ދިޔައީ ކޮން މަންޒަރެއް ހެއްޔެވެ؟ ދެން ފެނުނީ، މައިވަންތަ ބިމަށް ނުރައްކާ ބަލިތައް ޖެހިފައިވާ ކަމުގެ ކޮން އަލާމާތެއް ހެއްޔެވެ؟ އޭލެވަލް އިމްތިހާނުތަކުގެ ކަރުދާސްތައް ބޭރުވެ، އެ އިމްތިހާނުތަކުގައި އިށީންނަން ތިބި ކުދިންގެ އިމްތިހާނު ކެންސަލުކުރަން ޖެހުނު ތަނެވެ. މިތަނުގައި ފާހަގަކޮށްލަން ޖެހޭ ދެކަމެއް އެބައޮތެވެ. އަމާނާތްތެރިކަމުގެ ވާހަކައާއި މަސްއޫލިއްޔަތުގެ ވާހަކައެވެ. އެ ކަރުދާސްތައް ބޭރުވީ އެކަން ބަލަހައްޓަން ޖެހޭ ބައެއްގެ އިހުމާލުން ކަމަށްވާ ނަމަ، އެކަން ދޭހަކޮށްދެނީ ތަނުގެ އަމާނާތްތެރިކަން އޮތް މިންވަރެވެ. އިމްތިހާނު ކަރުދާހެއް ވެސް އަމާނާތްތެރިކަމާއެކު ރައްކާތެރި ނުކުރެވޭކަމެވެ. އިމްތިހާނެއްގެ ކަރުދާހެއް އަމާނާތްތެރިކަމާއެކު ރައްކާތެރި ނުކުރެވޭ ނަމަ، ދެން، އެހެން އެއްޗެއް އަމާނަތްތެރިކަމާއެކު ރައްކާތެރިކުރެވޭނެ ހެއްޔެވެ؟ މި ސުއާލާއެކު، މަސްއޫލިއްޔަތުގެ ވާހަކަ ވެސް ދައްކަން ޖެހެއެވެ. މި އިމްތިހާނު ކަރުދާސްތައް ބޭރުވުމުން، އެކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހެނީ ކޮން ބައެއް ހެއްޔެވެ؟ އެ ކަރުދާސްތައް ބޭރުވީ ރާއްޖޭގެ ބައެއްގެ ކިބައިގައި އަމާނާތްތެރިކަން ނެތުމުގެ ސަބަބުންކަމަށްވާ ނަމަ، އެކަމާ މަސްއޫލުވާން ޖެހޭ ބައެއް ކަމާ ބެހޭ އިދާރާތަކުގައި ތިބެން ޖެހޭނެތާއެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، ތަނުގެ ރަސްމީ އިދާރާތްތަކުން ފިލައި، އޭގެ މަގާމުގައި ދޮގުހެދުމާއި ޚިޔާނަތްތެރިކަން އެތަންތަނުގައި އާންމު ވެއްޖެ ނަމަ، އަދި، މިކަމުގެ ޒިންމާ ނަގާނޭ މީހަކު ނެތިއްޖެ ނަމަ، ދުޅަ ހެޔޮކަންމަތީގައި ތަނަށް ދިރި ހުރެވިދާނެ ހެއްޔެވެ؟ ނުހުރެވޭނެއެވެ! ނަތީޖާއަކީ ހެއްޔެވެ؟ އަޅުގަނޑުމެންގެ މައިވަންތަ ބިން ބަލިވެ، ދުވަހެއް ދުވަހަކަށް ބަލިވެ ބޮޑުވެ، ބައްޔަށް ފަރުވާ އެއް ނުލިބި، މަރުގެ ތުންފަތް މައްޗަށް އެޅިފައިވައި ވުމެވެ. ދެން ކުރެވެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ ޚަންސާގެ ޅެންބައިތުގައި ބުނެފައި އޮތް ހެން ކޮންމެ މީހަކުވެސް އޭނާގެ ލޮލާ މުޚާތަބުކޮށް ބުނާށެވެ! "އޭ އަހަރެންގެ ދެ ލޮލާއެވެ، އަޅެ ނިކަން ރޮއި، ދީލަތި ކަމާއެކު ކަރުނަ އަޅަމުން ގޮސް ބަލާށެވެ! އަދި، ރޮއި ކަރުނަ އެޅުން، އެއްގޮތަކަށް ވެސް، ހުއްޓާ ނުލައްޗެވެ! (އަހުރެންގެ) ދީލަތި [މައިވަންތަ ބިން، މަރުގެ ތުންފަތް މައްޗަށް އެޅިފައި އޮތް އިރު، އޭނާގެ] މައްޗަށް، [ހިތާމަކޮށް] ކަރުނައަޅައި ނުރޮއި ހުރެވިދާނެ ހެއްޔެވެ؟"

ދެންވެސް އެހެން ވާހަކައެކެވެ. މައިވަންތަ ބިމަށް ބަލިޖެހި މަރުގެދާންމަތި ކުރެވިފައިވާ ކަމުގެ އަލާމާތަކާއި ބެހޭ ވާހަކައެކެވެ. މިހާތަނަށް ދިވެހި ތާރީޚުގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނަތުގެ ވާހަކައެވެ. އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނަތުގެ މައްސަލައާ ގުޅޭ ވާހަކައެކެވެ. އާދެ، މި ޚިޔާނަތުގައި ސީދާ ގޮތެއްގައްޔާއި އަދި ނުސީދާ ގޮތެއްގައި ބައިވެރިވާ މީހުންގެ ނަންތައް ހާމަވެގެން ދިޔަ ހާދިސާއާ ބެހޭ ވާހަކައެކެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ އެމީހުންގެ ނަންތަކެއް ނޫނެވެ. ނުވަތަ އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި އެމީހުން ކުށްވެރިކޮށް އެމީހުންނަށް އަދަބު ދިނުމުގެ ވާހަކައެއް ވެސް ނޫނެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ، އެ ޚިޔާނަތުގައި ޝާމިލުވާ މީހުންގެ ނަންތައް އިއުލާނު ކުރެވުމުން، އެކަމުގެ ރައްދުފިއުލުގެ ވާހަކައެވެ. އަދި އެވާހަކައިން، މައިވަންތަ ބިމުގެ ބަލީގެ ނުރައްކާތެރިކަން އޮތް މިންވަރު ހާމަ ކޮށްދޭ ކޮށްދިނުމުގެ ވާހަކައެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނަތުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަވުމުން، އެއްކޮޅުން ފެނިގެންދިޔައީ އުފާފާޅުކުރުމުގެ އީދެއް އައިސްގެން އުޅުނު ތަނެވެ. އެމީހުން ބޭނުންވާ އެތައް އެތައް ބަޔެއް، އާދެ، އަދުގެ ސަރުކާރުގެ އިސްމަގާމުތަކުގައްޔާއި އަދި، ރައްޔިތުންގެ މަޖުލީހުގެ އެތައް މެމްބަރުންނެއް އެކަމުގައި ޝާމިލުވާކަން އެނގުމުންނެވެ. އަދި، މިކަމުގެ ސަބަބުން، ސަރުކާރާ އިދިކޮޅު މީހުންގެ ހިތުގައި އުފެދިގެން ދިޔައީ ޝަމާތަތުގެ ޝުއޫރުވެ. ތިމާ ނުރެހޭ މީހާއަށް ދެރަކަމެއް، ހިތާމައެއް، ދިމާވުމުން އުފާފާޅުކުރާ ޝުއޫރެވެ. އަދި، މި ކަމަކީ، ތިމާ ތާއީދުކުރާ މީހާ މިފަދަ އަމަލުތައް ނުކުރާކަން، ނުވަތަ، އޭނާ އެކަން ކުރި ނަމަ، އެކަމުން އޭނާ ބަރީއަކުރާ ފަދަ ކަމެއް ކަހަލައެވެ.

ދެން، އަނެއް ކޮޅުން ފެނިގެން ދިޔައީ މިކަމުގައި ޝާމިލުވީ ބައެއް މީހުން، އެމީހުންގެ ޚިޔާނަތުގެ މި އަމަލު ބަރީއަ ކުރަން އުޅޭ ތަނެވެ. ބަރީއަކުރުމުގެ ގޮތުން، އެއްބަޔަކު، ވަރަށް ހެއްވާ ވާހަކަތައް ދައްކާ އަޑު ވެސް އިވުނެވެ. ޚިޔާނަތުގެ މުގުލުގައި ހުރި މީހާ މި ފައިސާ އެންމެންނަށް ބަހަމަން ދިޔަ ވަގުތެއްގައި، މީ މުގޫ ޚާއިނުގެ ކިބައިން މި ބުނާ މީހާއަށް ލިބުނީ ފައިސާ ނޫންކަމާއި، އޭނާއަށް ލބުނީ 'ދިޔާ' އެއްޗެއް ކަމުގެ ވާހަކައެވެ. އާދެ، ރަލުގެ މަސްތުން މަސްތުވެގެން ވެސް، ޚިޔާނަތުގެ ފައިސާއިން ރެކިގަންނަން މަސައްކަތްކުރަން އުޅުނު ގޮތުގެ ވާހަކައެވެ. އަނެއް ބައި މީހުން ބުނަމުން ގެންދިޔައީ އެ ފައިސާއެއް ލިބުނު ކަމުގައި ވިޔަސް، އެއީ އެފަދަ ފައިސާއެއް ކަން ނޭނގި އޮތްކަމެވެ. މިފަދަ ވާހަކައެއް މީގެ ކުރިން ވެސް މީހަކު ބުންޏެވެ. ލިބޭ ކޮންމެ ފައިސާއަކީ ހަލާލު ހަރާން އެއްޗެއްތޯ މީހުން ބަލާނެތޯ ނުވަތަ ނޫންތޯ ބުނެ ބުނި ބުނުމެވެ. މިފަދައިން ބުނި މީހާ އެހެން ބުނުމުން، އެދުވަހު، އެކަމާ އެންމެންހެން ވެސް އިދިކޮޅު ހެދިއެވެ. ނަމަވެސް، މިއަދު މިފެންނަނަނީ، އެދުވަހު އެކަމާ އެންމެ ވަރުގަދައަށއިދިކޮޅު ހެދި މީހުން، އެމީހުންގެ މަސްލަހަތު ދިފާއުކުރުމުގެ ގޮތުން، ހަލާލު ހަރާން ކޮންމެހެން ވަކިކުރަން ނުޖެހޭނޭ ވާހަކަ ކަހަލަ ވާހަކަ ދައްކާތަނެވެ. ފަސްދޮޅަހަކަށް ހާހުގެ މުސާރަވެރިޔަކު، ހާހުންނާއި ލައްކައިންނާއި މިލިޔަނުން ފައިސާ ބަހަމުން ދާއިރު، އެއީ ހަމަ އޭނާގެ އަމިއްލަ އެއްޗެއް ބާވައޭ ހިތުގައި ސުއާލު ނުއުފެދޭނޭ ވާހަކައެވެ.

ދެން ހެއްޔެވެ؟ ދެން ފެންނަނީ މި ބޮޑު ޚިޔާނަތުގެ ލިސްޓު އެޑިޓު ކުރާތަން ފެންނަ މަންޒަރެވެ. މަސްއޫލު ފަރާތްތަކުން، އެމީހުން ބޭނުންވާ މީހެއްގެ ނަން ލިސްޓުންނަގައި އުނިކުރެވޭ ތަނެވެ. އާދެ، ގޯސްވަނީ އަމަލެއް ނޫނެވެ. ވަކި މީހަކު ގޯސް އަމަލުކުރުމުންނެވެ. ވައްކަމާއި ޚިޔާނަތަކީ އޭގެ ޒާތުގައި ގޯސް އަމަލެއް ނޫނެވެ. އެފަދަ އަމަލުތައް ގޯސްވަނީ ވަކި މީހަކު އެފަދަ ކަމެއް ކުރުމުންނެވެ. ސަރުކާރުގެ ނުރުހުން އެމީހެއްގެ މައްޗަށް ހުއްޓިފައިވާ މީހާ އެފަދަ އަމަލުތައް ކުރުމުންނެވެ. ސަރުކާރުގެ ރުހުން އޭނާއަށް ލިބިފައި އޮތް މީހާ، ވައްކަމާއި ޚިޔާނަތުގެ އަމަލުތައް ހިންގުމުން، އޭނައަށް އުޒުރުތައް ހޯދައި، އެފަދަ ގޯސް އަމަލުތަކުން އޭނާ ބަރީއަކުރެވެއެވެ.

ނަތީޖާއަކީ ހެއްޔެވެ؟ ކީރިތި ރަސޫލާ ވިދާޅުވެފައި އޮތް ބަސްފުޅު އަހަރުމެންގެ މައްޗަށް ހައްގުވުމެވެ. ކަލޭމެންގެ ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކުވެދިޔައީ އަދުލު އިންސާފު ހިންގާލުމުގައި ހަމަހަމަކަން ގެއްލުވާލެވުނީމައޭ ވިދާޅުވެފައި އޮންނަ ބަސްފުޅެވެ. ނިކަމެތި މީހާގެ ގޯސްކަންތައް ކުރުމުން އޭނާގެ މައްޗަށް ހުކުމްތައް ހިންގާލެވި އިއްޒަތްތެރިޔާ އެފަދަ އަމަލުތައް ކުރުމުން، އޭނާ އެކަމުން ބަރީއަކުރެވުމުގެ ވާހަކައެވެ. އާދެ، މިއަދު، އަޅުގަނޑުމެންގެ ހާލަތަށް ބަލާލާއިރު، ނިކަމެތި މީހާއަކީ ސަރުކާރުގެ ރުހުން ނުލިބިވާ މީހާއެވެ. އިއްޒަތްތެރިޔަކީ ސަރުކާރުގެ ރުހުން ލިބިފައިވާ މީހާއެވެ.

ޝައްކެތް ނެތް ގޮތުގައި އެމް.އެމް.ޕީ.އާރު.ސީގެ ޚިޔާނަތުގެ މައްސަލައިގައި، އެކަމުގައި ޝާމިލުވާ އެއްބަޔަކު ކުށްވެރިވެ، އަނެއް ބަޔަކު ކުށުން ބަރީއަވެގެން މިދަނީ، މީގެ ކުރީގައިވެސް މިފަދަ މައްސަލައެއް ނިމިދިޔަ ގޮތަށެވެ. އާދެ، އެފް.ޕީ.އައި.ޑީ.ގެ ޚިޔާނަތުގެ މައްސަލަ ނިމުނު ގޮތަށެވެ. އެކަމުގައި ޝާމިލުވެ، އެކަމުގެ ފައިސާ ލިބުނު މީހުން، ރިސޯޓުތަކުގެ ހިއްސާތައް ގަނެ، އަދިވެސް އެހެން ފައިދާތައް އެކަމުން ނެގިއެވެ. އެކަމުގެ ފައިދާ ލިބުނު މީހުން މިއަދުގެ ސަރުކާރުގެ އިސްމަގާމުތަކުގައި ތިބިތަން ވެސް އެބަ ފެނެއެވެ. އަދި، އެމީހުން ވެސް، ޚިޔާނަތާއި ވައްކަމުގެ އަމަލުތައް ކުށްވެރިކުރާކަން އެމީހުންގެ ދުލުކުރިން ބުނާ އަޑުވެސް އިވެއެވެ.

ނަމަވެސް، އެފް.ޕީ.އައި.ޑީ.ގެ ބޮޑު ޚިޔާނަތުގެ މައްސަލައިގައި ބެދުނީ ކޮން ބައެއް ހެއްޔެވެ؟ އެ މައްސަލައިގައި ޝާމިލުވި ދެމީހަކު، ގާނޫނާ ޚިލާފަށް، ރޭޑިޔޯ ފޯނުގެ ޒަރިއްޔާއިން އެކަމުގެ ވާހަކަތައް ތަހުގީގުގައި ދައްކާނޭ ގޮތުގެ މަޝްވަރާކުރަމުން ދިޔަ ފުރީކުންސީއާ އިއްތިފާގުން ދިމާވެ، އެވާހަކތައް އަޑުއެހި މީހުންނެވެ. އެކަމުގައި ޝާމިލުވެ، އެ ޚިޔާނަތުގެ އަމަލު ހިންގި މީހުންނެއް ނޫނެވެ. އެފް.ޕީ.އައި.ޑީ.ގެ ޚިޔާނަތުގެ މައްސަލައާއި އެމް.އެމް.ޕީ.ރާ.ސީ.ގެ ޚިޔާނަތުގެ މައްސަލަ ތަފާތުވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލައިގައި 'އަބޫޖަހުލުގެ އުކުޅު' އޭގެ އެންމެ ފުޅާ ގޮތުގައި ބޭނުން ކުރެވިފައި އޮތީމައެވެ. ކީރިތި ރަސޫލާ އަވަހާރަކޮށްލަން ގުރައިޝުންގެ ބޮޑުން ރޭވީ ހުރިހާ ގަބީލާތަކުގެ މީހުން ބައިވެރިކޮށް، އެކުށުގެ ބަދަލު ހިފަން ހުރިހާ ގަބީލާއަކާ ހާޝިމު ވަންހައިގެ މީހުންނަށް ނޫޅެވޭނޭ ފަދަ ގޮތެއްގައެވެ. ހަމަ އެހެންމެ، އެމް.އެމް.ޕީ.އާރު.ސީ.ގެ މައްސަލައިގެ އަބޫ ޖަހުލު ވެސް ކަންތައް ކުރީ އެފަދައިންނެވެ. ވީހާ ވެސް ގިނަ ބަޔަކު އެ ޚިޔާނަތުގެ އަމަލުގައި ބައިވެރިކުރުމުން، އެކަމުގެ ރަނގަޅު ތަހުގީގެއް ނުކުރެވޭނޭކަން ދެކިގެންނެވެ. ދެން، ރާއްޖޭގައި ފަހުން، ހިންގިފައިވާ ސިޔާސީ ގަތުލުތައް މި ބޮޑު ޚިޔާނަތުގެ މައްސަލައާ ގުޅުމެއް ނެތި ހިނގައިދާނޭ ވެސް ސުއާލު އުފެދެއެވެ. އަދި، އެފަދަ ގަތުލުތަކުގެ ހަގީގަތް ހޯދުން ދަތިވެފައވަނީ އޭގެ މޫ، ތަނުގައި ތިބި ބޮޑެތި ބޮޑެތި އަބޫ ޖަހުލުތަކަކާއި ނުވަތަ އަބޫ ޖަހުލަކާ ގުޅިފައިވާތީއެއް ނޫން ބާވައޭވެސް ހިތަށް އަރައެވެ!

ކޮންމެ އަކަސް، ތަނުގެ ކަމުވޮށިގެންވާ އެތައް އެތައް ބަޔަކޫ ޚިޔާނަތުގެ އަމަލުތަކުގެ ޗަކަގަނޑަށް ގެނބިގެން ދާއިރު، އެކަމާ އެއްބަޔަކު އުފާކުރާއިރު އަނެއް ބަޔަކު، އެ ޗަކަގަނޑުން އަރައި ގަނެވޭތޯ މަސައްކަތްކުރަނީއެވެ. އެއްވެސް ބަޔަކު، މި އަމަލަކީ ގޯސް އަމަލެއްކަމަށް ދެކިގެން، އެއްވެސް ތަފާތުކުރުމެއް ނެތި މައްސަލަ ބަލާ ޝަރީއަތްކުރަން އުޅޭ ތަނެއް ނުފެނެއެވެ. ނުވަތަ އެފަދަ ގޮތެއްގައި އެކަމުގެ ތަހުގީގުކުރުމަށް ގޮވާލާ އަޑެއް ވެސް ނީވެއެވެ. ސަރުކާރުންނާއި ސަރުކާރަށް ތާއީދުކުރާ ގަބަލީ ނިޒާމުގެ މީހުން އިދިކޮޅުގެ މީހުންނަށް އިނގިލިދިއްކުރަމުން ދަނީއެވެ. އިދިކޮޅު މީހުން، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން އެކަމުގައި ޝާމިލުވާތީވެ ޝަމާތަތަކުގެ އުފާ ފާޅުކުރަމުން ދަނީއެވެ.

މިފަދަ ހާލަތެއްގައި މައިވަންތަ ބިން އޮތް އިރު، އަނެއްކާ ވެސް ބުނަން އޮތީ ހަމަ ޚަންސާބުނި ވާހަކައެވެ. ކޮންމެ މީހަކުވެސް އޭނާގެ ލޮލާ މުޚާތަބުކޮށް ބުނާށެވެ! "އޭ އަހަރެންގެ ދެ ލޮލާއެވެ، އަޅެ ނިކަން ރޮއި، ދީލަތި ކަމާއެކު ކަރުނަ އަޅަމުން ގޮސް ބަލާށެވެ! އަދި، ރޮއި ކަރުނަ އެޅުން، އެއްގޮތަކަށް ވެސް، ހުއްޓާ ނުލައްޗެވެ! (އަހުރެންގެ) ދީލަތި [މައިވަންތަ ބިން، މަރުގެ ތުންފަތް މައްޗަށް އެޅިފައި އޮތް އިރު، އޭނާގެ] މައްޗަށް، [ހިތާމަކޮށް] ކަރުނައަޅައި ނުރޮއި ހުރެވިދާނެ ހެއްޔެވެ؟"؟

އަދިވެސް އެހެން ވާހަކައެކެވެ. ކޮވިޑު ރޯގާގެ މައްސަލައާއި އެކަން ހުއްޓުވަން އެކަށީގެންވާ ފިޔަވަޅު އެޅުމަށް ސަރުކާރު ނުކުޅެދިފައިވާކަމުގެ ވާހަކައެވެ، މީގެ ކުރިން ވެސް ބޮޑެތި ނުރައްކާތެރި ރޯގާތަކާ ރާއްޖެ ކުރިމަތިލިއެވެ. ހަތްދިހައިގެ ފަހުގެ އަހަރުތަކުގައި ކުރިމަތިވި ކޮލެރާއާއި އަށްޑިހައިގެ އަހަރުތަކުގެ މެދެއްހާ ހިސާބު ކުރިމަތިވި ޝިގެއްލާގެ ރޯގާއެވެ. މި ރޯގާތަކާއި ކުރިމަތިލައި، އެކަމަށް އަޅަން ޖެހުނު ފިޔަވަޅުތައް އަޅައި އެ ރޯގާތައް ކޮންޓުރޯލުކުރިއެވެ. ނަމަވެސް، މިފަހަރު، ކޮވިޑް ރޯގާ ފެތުރުމުން، އެކަންކުރެވޭ ތަނެއް ނުފެނެއެވެ. އެންމެ ފުރަތަމައިން އިވުނީ މި ރޯގާގެ ނުރައްކަލެއް ރާއްޖެއަކަށް ނުޖެހޭނޭ ކަމުގެ ވާހަކައެވެ. ދެން، ފެނުނީ ރޯގާ އައިތަނެވެ. އަދި އެކަމާ ބެހޭ ގޮތުން ފިޔަވަޅުތަކެއް އަޅައި ގަވާއިދުތަކެއް ހެދި ތަނެވެ. ނަމަވެސް، އެ ގަވާއިދުތަކުން އިސްތިސްނާ ކުރެވޭ މީހުންނާއި ކަންކަން ހުއްޓެވެ. ނަތީޖާއަކަށްވީ ރޯގާ އިތުރުށް ފެތުރިގެން ދިޔުމެވެ. ދެން ފެނުނީ، ވަރަށް ވެސް، ލާމަސްއޫލީ ސިފައަކަށް ކަންތައްތައް ކުރެވިގެން ދިޔަ ތަނެވެ. ދުނިޔޭގައި އެންމެ ވަރުގަދައަށް ރޯގާ ފެތުރިގެންދާ ތަނުގެ މީހުން އައިސް ކަރަންޓީނު ކުރެވޭ ތަނަކަށް ރާއްޖެ ހަދާލި ތަނެވެ! ކަރަންޓީނުގައި އެމީހުން ތިބޭ އިރު، ރާއްޖޭގެ ގާނޫނެއް ގަވާއިދެއް އެމީހުންގެ މައްޗަށ ނުހިނގާ ކަމެވެ. އެކަމުގެ ނަތީޖާ މިހާރު ފެނިގެން މިދަނީއެވެ!

އާދެ، ތަނުގައި މީހުން މެރުމާއި، ތަނުގެ އާންމުންނާއި ޚާއްސުންގެ ތެދުވެރިކަމާއި އަމާނަތްތެރިކަން ނެތި، ބޮޑެތި ޚިޔާނަތްތަކުގެ މައްސަލަތައް ހިންގުން އާންމުވުމާއި އަދި، މިފަދަ ކަންކަން ހުއްޓުވަން އޮތް މައި މުއައްސަސާކަމުއިވާ ސަރުކާރާއި އަދި ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ނުކުޅެދިފައި ވުމުން، މައިވަންތަ ބިމަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ބަލިވެ، ދުވަހަކަށް ވުރެ ދުވަހަކު ބަލީގެ ކަންތައް އިތުރުވެ، މަރުގެ ދާންމަތިކުރެވުމެވެ. މިހާރު އަޅުގަނޑުންގެ ތެރޭގައި ޕާޓީ ޑިމޮކުރަސީގެ ނަމުގައި އޮތް ގަބަލިއްޔަތުގެ ނިޒާމާއި އެ ގަބަލިއްޔަތުގެ ނިޒާމަށާއި ތަން ބައިބައިކުރުމަށް ތާއީދުކުރާ ސިޔާސީވެރިންނަށް، ވަގުތީ ގޮތުން ނަމަވެސް ފުރަގަސްދީ، އެންމެން އެކުވެގެން، މިކަންކަން އިސްލާހު ކުރަން ނޫޅެވިއްޖެ ނަމަ، ދެން އޮންނާނީ މައިވަންތަ ބިން މަރުވެ ދިޔުމުގެ ރަޘާކިޔުމެވެ. ޚަންސާ ބުނިފަދައިންނެވެ. ޚަންސާގެ ޅެންބައިތުގައި ބުނެފައި އޮތް ހެން ކޮންމެ މީހަކުވެސް އޭނާގެ ލޮލާ މުޚާތަބުކޮށް ބުނުމެވެ! "އޭ އަހަރެންގެ ދެ ލޮލާއެވެ، އަޅެ ނިކަން ރޮއި، ދީލަތި ކަމާއެކު ކަރުނަ އަޅަމުން ގޮސް ބަލާށެވެ! އަދި، ރޮއި ކަރުނަ އެޅުން، އެއްގޮތަކަށް ވެސް، ހުއްޓާ ނުލައްޗެވެ! (އަހުރެންގެ) ދީލަތި [މައިވަންތަ ބިން، މަރުގެ ތުންފަތް މައްޗަށް އެޅިފައި އޮތް އިރު، އޭނާގެ] މައްޗަށް، [ހިތާމަކޮށް] ކަރުނައަޅައި ނުރޮއި ހުރެވިދާނެ ހެއްޔެވެ؟"