...

Support Us

އަތުކުށް- 13

ކޮންމެ ލިޔުންތެރިއަކު ވެސް ގަބޫލުކުރައްވާނޭ ފަދައިން ލިޔުމުގައި އެންމެ ބޮޑަށް ކުށް ޖެހެނީ ކޮންމެހެން ކުށް ލަފުޒެއް ލިޔެގެންނެއް ނޫނެވެ. ޖުމުލައިގައި ނުވަތަ ޢިބާރާތެއްގައި ލަފުޒުތައް ތަރުތީބުކުރާ ގޮތަކުން ވެސް ބޭނުންވާ މާނަ ނޫން އެހެން މާނައެއް އަދި ވަކީން ޚާއްޞަކޮށް ނުރަނގަޅު މާނައެއް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ. މި ވާހަކަ މީގެ ކުރީން ވެސް ދަންނަވައިފައިވާނެއެވެ. މިއީ ކޮންމެހެން އަޅުގަނޑު ނުދެންނެވިޔަސް ތިޔަ ބޭފުޅުން ވެސް ގަބޫލުފުޅުކުރައްވާނެ ހަގީގަތެއްކަން ކަށަވަރެވެ. އެހެންކަމުން ޖުމުލައިގައި ލަފުޒު ތަރުތީބުކުރުމާމެދު އަޅުގަނޑުމެން އެންމެން ވެސް ޚާއްޞަ ސަމާލުކަމެއް ދޭން އެބަޖެހެއެވެ.

މިއަދު އަޅުގަނޑު މި ނަކަލުކޮށްލާ ޖުމުލައަކީ މި ދެންނެވި ފަދަ ޖުމުލައެކެވެ. މި ގޮތުން 14.5.2021 ގައި އޮންލައިން ނޫހަކުން އަޅުގަނޑު ނަކަލުކުރި ޖުމުލައެކެވެ. އެ ޖުމުލައަކީ "މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ރައީސް ނަޝީދަށް ބަޔަކު ތިން މިލިއަން ޑޮލަރު ދީގެން ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ." މިއީއެވެ.

މި އިބާރާތް ކިޔައިލުމުން އިބާރާތުގެ ދެލިގަނޑުން ދޭހަވަނީ ވަރަށް ނުރަނގަޅު މާނައެކެވެ. ރައީސް ނަޝީދަށް ބަޔަކު ތިން މިލިއަން ޑޮލަރު އަރުވައިގެން (ރައީސް ނަޝީދަށް އެނގިވަޑައިގަތުމާއެކު) ބަޔަކު ކޮންމެވެސް ޙަމަލައެއް ދޭން އުޅޭ ކަމުގެ މާނައެވެ. މިއީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދާދި ފަހަކުން ބަޔަކު ދީފައިވާ ޙަމަލާއަކާ ގުޅޭ ޚަބަރެއްގެ ޖުމުލައެކެވެ. ވީމާ މިއީ މި ޖުމުލައިގެ މަޠުލަބު ނޫންކަން، އެ ޚަބަރުގެ ވަށައިގެންވާ ޢިބާރާތްތަކަށް ވިސްނައިލުމުން ދޭހަވެއެވެ. އެ މަނިކުފާނަށް އެނގިވަޑައިގެން އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ގޮތަށް އެ މަނިކުފާނުގެ ހަށިކޮޅަށް ގެއްލުމެއް ދޭން ރާއްވަވައިފާނެކަމީ މަންޠިޤީ ގޮތުން ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. އެއީ ޢިބާރާތްކުރުމުގެ މައްސަލައެއްކަން ކަށަވަރެވެ. އެހެންކަމުން ގަބޫލުކުރެވެނީ ކޮންމެވެސް ބަޔަކު އެހެން މީހަކަށް ނުވަތަ ބަޔަކަށް އެ ބުނާ ޢަދަކަށް ފައިސާ ދީގެން ރައީސް ނަޝީދަށް އަމާޒުކޮށް ބަޔަކު ޙަމަލައެއް ދޭން އުޅޭ ވާހަކަ ބަޔާންކުރާން އުޅުނީ ކަމަށެވެ. ލިޔުންތެރިޔާ ބަޔާންކުރައްވާން މަސައްކަތް ކުރައްވައިފައި އެވަނީ އެ ވާހަކަ ކަމަށް ގަބޫލުކުރެވެއެވެ.

އިސްވެ ބަޔާންކުރެވުނު ޢިބާރާތުން ފާހަގަކޮށްލެވުނު މައިގަނޑު ކުށަކީ ޖުމުލައިގައި ލަފުޒުތައް ތަރުތީބުކޮށްފައިވާ ގޮތެވެ. ރަނގަޅު ނޫން ތަރުތީބަކުން ލަފުޒުތައް ތަރުތީބުކޮށްލުމުން ނުކުތް ނުރަނގަޅު ނަތީޖާއެވެ. ލަފުޒު ތަރުތީބުކުރުމުގެ މައްސަލައެވެ. ޖުމުލައިގައި ލަފުޒުތައް ތަރުތީބުކުރެވިފައިވާ ގޮތުން ބޭނުންވާ މާނަ ނޫން އެހެން މާނައެއް ނުކުންނަނީއެވެ. ވީމާ، ޢިބާރާތެއް ނުވަތަ ޖުމުލައެއް ލިޔުއްވުމަށްފަހު، އެ ޢިބާރާތުން ނުވަތަ ޖުމުލައިން އެހެން މާނައެއް ނުކުމޭތޯ ވިސްނައިވަޑައިގަތުން ހުއްޓެވެ! މިއީ ޔަގީނުން ވެސް އެނގިވަޑައިނުގަންނަވާތީ ދިމާވާ ގޮތެއް ނޫނެވެ. އަވަސްކޮށްލައްވާން ވެގެން އުޅުއްވާތީ ދިމާވާ ގޮތެކެވެ. އެކަމަކު، ކިތަންމެ އަވަހަކަށް ޚަބަރެއް ލިޔުއްވިޔަސް އެ ޢިބާރާތުން އެހެން މާނައެއް ނުކުމެދާނެތޯ ވިސްނައިވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ދެންނެވި ނަޒަރުން ވިސްނައިލުމުން އެ ޢިބާރާތް ލިޔުއްވިދާނެ ގޮތެއްކަމަށް އަޅުގަނޑަށް ފެންނަ ގޮތެއް ދަންނަވައިލާނަމެވެ. އަޅުގަނޑު މި ދަންނަވައިލަނީ ހަމައެކަނި އެންމެ މިސާލެކެވެ. މި ނޫން ކިތަންމެ ގޮތަކަށް މި ޢިބާރާތް ތިޔަ ބޭފުޅުންނަށް ލިޔުއްވޭނެކަން ކަށަވަރެވެ. ހަމައެކަނި ކުރައްވާންވީ ކަމަކީ ވިދާޅުވާން ބޭނުންފުޅުވާ ވާހަކަ ވިދާޅުވެވުނުތޯ، ވިދާޅުވާން ބޭނުންފުޅުވާ ވާހަކަ އެހެން ގޮތަކަށް މީހަކަށް މާނަކުރެވިދާނެ ފަދަ ގޮތަކަށް ނުލިޔުއްވައިވޭތޯ ބެއްލެވުމެވެ. މިއީ ދާދި ފަސޭހަކަމެކެވެ. ބޭނުމީ ހަމައެކަނި ކުޑަކުޑަ ސަމާލުކަމެކެވެ.

އާދޭހެވެ! އިސްވެ ދެންނެވުނު ޖުމުލަ މި ދަންނަވާ ގޮތަށް ޢިބާރާތްކޮށްލަމާތޯއެވެ! "މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ބަޔަކު ތިން މިލިއަން ޑޮލަރު ކޮންމެވެސް ބަޔަކަށް ދީގެން ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ." މި ގޮތަށް ލަފުޒުތައް ތަރުތީބުކޮށްލުމުން މާނަ ތަންކޮޅެއް ޞަރީޙަ ނޫންތޯއެވެ! އޮޅުންކުޑަ ނޫންތޯއެވެ! މި ޖުމުލައަށް އަޅުގަނޑު މި ގެނައީ ކުޑަކުޑަ ބަދަލެކެވެ. ޢިބާރާތަށް މާބޮޑު ބަދަލެއް ނުގެނެސް ޖުމުލައިގެ ލަފުޒުތަކުގެ ތަރުތީބަށް ކުޑަކުޑަ ބަދަލެއް ގެނައީއެވެ. ބައެއް ލަފުޒު އިތުރުކޮށްލީއެވެ. އެހެން ބަދަލެއް އަޅުގަނޑެއް ނުގެންނަމެވެ.

ކުރީންވެސް ދަންނަވައިލި ފަދައިން މި ވާހަކަ މިއަށްވުރެ މާ ރީތި ޢިބާރާތްތަކުން ވެސް ބަޔާންކުރެއްވުމުގެ ޤާބިލުކަން ތިޔަ ބޭފުޅުންނަށް ލިބިވަޑައިގެންފައި ވާނޭ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އަޅުގަނޑު ހަމައެކަނި މި ދަންނަވައިލީ މި ބާވަތުގެ ޚަބަރު، އަދި ހުރިހާ ލިޔުމެއް ލިޔުއްވާއިރު ވެސް، އެ ލިޔުއްވާ ޚަބަރަކުން ނުވަތަ ލިޔުމަކުން އެހެން މާނައެއް ނުނުކުންނާނެ ގޮތަށް ވިސްނުންފުޅު ބެހެއްޓެވުމަކީ ވަރަށް މުހިންމުކަމެކޭއެވެ. މި ނުކުތާއާ މެދު އަޅުގަނޑުމެން އެންމެން ވެސް ސަމާލުކަން ދެމާ ހިންގަވާށެވެ!

މި ތާނގައި އަޅުގަނޑު ފާހަގަކޮށްލާން ބޭނުންވާ، ވަރަށް މުހިންމު ނުކުތާއެއް އެބަ އޮތެވެ. މި ދެންނެވި ޢިބާރާތް އަޅުގަނޑު ނަކަލުކޮށްލީ އޮންލައިނު ނޫހަކުން ކަމަށް ވިޔަސް، ނޫސްވެރިޔާ ނުވަތަ ލިޔުންތެރިޔާ މި ޢިބާރާތް ނަކަލުކުރައްވައިފައި މި އޮތީ އެހެންބޭފުޅަކު ވިދާޅުވި ގޮތަށެވެ. އެހެންވީމާ، މި ޖުމުލައިން މި ފާހަގަކުރެވެނީ ލިޔުންތެރިޔާގެ މައްސަލައެއް ނޫނެވެ. އެހެން ވިދާޅުވި ބޭފުޅަކު ވިދާޅުވި ގޮތަށް ލިޔުއްވާ އިރު ލިޔުއްވޭނީ އެ ވިދާޅުވި ގޮތަކަށްތާއެވެ! އެހެންކަމުން މި ނުކުތާ ފާގަހަކޮށްލާން ބޭނުންވީއެވެ.

ވީމާ ކުށް އިސްލާހު ކުރާން އަޅުގަނޑުމެން ބޭނުން ވާ ނަމަ، ހުރިހައި ފަރާތެއްގެ އެއްބާރުލެއްވުން ވެސް އެބަ ބޭނުންވެއެވެ. ވާހަކަދެއްކުންތެރީންނެވެ. އާންމު ބަސްދީގަތުން ދެއްވާ ބޭފުޅުންނެވެ. ލިޔުންތެރީންނެވެ. ނޫސްވެރީންނެވެ. ހުރިހައި ބޭފުޅުންގެ އެއްބާރުލެއްވުމާއެކު މި ކަންތައް އަޅުގަނޑުމެންނަށް ކުރެވޭނެއެވެ.

"އަތުކުށް" މި ސިލްސިލާގައި އަޅުގަނޑު ލިޔާ ލިޔުންތަކާމެދު ތިޔަ ބޭފުޅުންގެ ޚިޔާލުފުޅު ދެއްވުމަކީ ވެސް މުހިންމު ކަމެކެވެ. އެއީ މި ފަދަ ކަންކަމާމެދު އަޅުގަނޑުމެން އެންމެން ވެސް ސަމާލުކަންދީގެން ޢިބާރާތްތައް އިތުރަށް ފުރިހަމަކޮށްލާން އަޅުގަނޑުމެން އެންމެންނަށް ލިބޭ ހިތްވަރަކަށް ވާނޭކަމަށް އުންމީދުކުރަމެވެ.