Support Us

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް -ފޮޓޯ: އެމް.އެން.ޑީ.އެފް

ނަޝީދަށް ހަމަލާއެއް ދީފާނެކަން މާރިޔާއަށް އެނގި ހުރެ، ފިޔަވަޅު ނޭޅުމުން އިސްތިއުފާ ދޭންޖެހޭ: އުމަރު

ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދީފާނެކަމުގެ މަޢުލޫމާތު ލިބި އެ ކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވައި، ނަޝީދަށް ހަމަލާއެއް ދެވުނުކަމީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު އޭނާގެ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ "ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން މި ފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މަޢުލޫމާތު މަޖްލިސްގެ މެންބަރަކު މިނިސްޓަރު މާރިޔާ އަށް ފޯރުކޮށްދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރ މާރިޔާގެ ޤާނޫނީ ޒިންމާއެއް" ކަމަށެވެ. "އިސްތިއުފާ ދެއްވާ."

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ނެރުއްވި ބަޔާނެއްގައި މިއަދު ވިދާޅުވީ ނަޝީދަށް ބަޔަކު ހަމަލައެއް ދޭން އުޅޭކަމުގެ މައުލޫމާތު އާންމު މީހެއްގެ ފަރާތުން ލިވިވަޑައިގަތުމާއެކު، ރައީސް ނަޝީދަށް އެކަން އަންގަވައި، ނަޝީދުގެ ލަފާފުޅާއެކު އެ މައުލޫމާތު މާރިޔާއަށް ހިއްސާކުރެއްވި ކަމަށެވެ. އެކަމަކު އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް މާރިޔާ ވިދާޅުނުވާ ކަމަށެވެ.

 

މިނިސްޓަރު މާރިޔާއާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، ނަޝީދަށް ހަމަލަދޭން އުޅޭކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއްގެ ފަރާތުން އެނގިވަޑައިގަތުމުން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރަން އެމްއެންޑީއެފަށް އަންގަވާނެ ކަމަށް އެ މެމްބަރަށް ދަންނަވާފައިވާނެ ކަމަށާއި އަދި އެ މައުލޫމާތު ފުލުހުންނަށް ހިއްސާކުރުމަށް ވެސް އެ މެމްބަރުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ.

އަދި ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު މެމްބަރެއްގެ ފަރާތުން އެނގިވަޑައިގެންނެވިއިރު ވެސް، މީގެ ދެ މަހެއްހާ ދުވަސް ކުރިން، ނަޝީދުގެ ސެކިއުރިޓީ ވަނީ "ހައި ރިސްކް" އިން "ކްރިޓިކަލް ރިސްކް" އަށް މަތިކޮށްފައި ކަމަށެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ ބޮމެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދީން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރައީސް ނަޝީދަށް ނުރައްކާ އޮތްކަމުގެ އިންޓެލް އިންޕުޓް ލިބެމުން އަންނަ ކަމަށާއި އެކަމާ ގުޅިގެން އެ މަނިކުފާގެ ސެކިއުރިޓީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޮމިޝަނަރަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވަމުން ގެންދަވަނީ ނަޝީދަށް ހަމަލައެއް ދޭން އުޅޭކަމުގެ އިންޓެލް މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *