Support Us

"ލޯތްބާއެކު" ނަޝީދަށް ޚާއްސަ

އެއާ އެމްބިއުލާންސްގައި ބޭސްފަރުވާއަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ޖަރުމަނުވިލާތަށްގެ ފުރާވަޑައިގެންނެވިއިރު، އެ މަނިކުފާނަށް އެންމެ ޚާއްސަވާނެ އެކައްޗަކީ ހަމަ ޔަގީނުން ވެސް އެއީއެވެ؛ ދަތުރުމައްޗަށް ޚާއްސަކޮށް، ސޫޒަން އިބްރާހިމްފުޅު ތައްޔާރުކޮށްދިން ޚާއްސަ ފަރީއްކޮޅު ޕެކޭޖެވެ.

ރައީސް ނަޝީދުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ ސޫޒަން "ލޯތްބާއެކު" ތައްޔާރުކޮށްދިނީ ކޮން އެއްޗެއްކަން އެނގޭހެއްޔެވެ؟ ކްރީމުޖެހި ބަނަހާއި ބަޓަރ ކޭކާއި އެގް ސޭންޑްވިޗާއި ޓޫނާ ސޭންޑްވިޗާއި ރޯސްޕާނެވެ.

"ޖަރުމަންވިލާތަށް ވަޑައިގަންނަވާ އިރު ދަތުރުމައްޗަށް، ރައީސް ނަޝީދަށް އެންމެ މީރުފުޅު ފަރީއްކޮޅު "ލޯތްބާއެކު" މި ތައްޔާރުކުރަނީ. ނަޝީދަށް ރައްކާތެރިކަން ދެއްވައި، ހެޔޮ ހާލުކޮޅުގައި އެނބުރި ގައުމަށް ގެނެސްދެއްވާނދޭވެ! ނަޝީދަށް އަވަސް ޝިފާއަކަށް އެދެން،" ސޫޒަން އޭނާގެ ޓްވީޓަރގައި އިއްޔެ ހެނދުނު ބުނެފައިވެއެވެ. (ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަތީ އިއްޔެ 11:30 ވީތަނާއެވެ.)

ރައީސް ނަޝީދު ގެއިން ނުކުންނަވައި ކާރުކޮޅަށް އަރާވަޑައިގަންނަވާ ވަގުތު، ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބޮމެއް ގޮއްވާލައިގެން އެ މަނިކުފާނު އަވަހާރަކޮށްލުމަށްޓަކައި މޭ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގައި ޒަހަމްވެގެން، އިތުރު ފަރުވާއަށް ޖަރުމަންވިލާތަށް ވަޑައިގެންނެވީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން ހަމަޖައްސަވައިދެއްވި އެއާ އެމްބިއުލާންސެއްގައެވެ. ދަތުރުމަތީގައި އެ ޚާއްސަ ޖެޓުގައި އާއިލާގެ ބައެއް ބޭފުޅުންނާއި ޑޮކްޓަރުންނާއެކު ހޭދަކުރައްވާ 10 ވަރަކަށް ގަޑިއިރުތެރޭގައި ހަމަ ގައިމު ވެސް އެ ފަރީއްކޮޅު ވާނީ ރައީސް ނަޝީދަށް ވަރަށް ވެސް ޚާއްސަ ފަރީއްކޮޅަކަށެވެ. އެކަމަކު ސުވާލަކީ އެއީ ރައީސް ނަޝީދަށް އެންމެ މީރު ފަރިއްކޮޅުހެއްޔެވެ؟

ސޫޒަން ތައްޔާރުކުރި ޚާއްސަ ފަރީއްކޮޅު ޕެކޭޖު

ރައީސް ނަޝީދުގެ ވަރަށް ގާތް އެހެން ރަހުމަތްތެރިއެއް ކަމަށްވާ އަފްޝަން ލަތީފު ބުނާ ގޮތުން ރައީސް ނަޝީދަށް އެންމެ މީރުފުޅު އެއްޗަކީ ކުޅިބަތްޕެނެވެ. އެކަމަކު ކުޅިބަތްޕެން ކައްކާކަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީ.އީ.އޯގެ މަގާމުގައި ހުރި އަފްޝަން އަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

"ސޫންތަ (ސޫޒަން) ތިހެން ބުނީމަ މި ހަނދާންވީ. ދާދި ފަހުން ރައީސް ނަޝީދު ކުޑަކޮށް އާލާސްކަންފުޅާ އުޅުއްވާތީ އަހަރެން ދެންނެވިން ކޯންޗެއްހޭ ފަރިއްކުޅުވަން ބޭނުމީ. ވިދާޅުވި ކުޅިބަތްޕެނޭ. އެކަމަކު ކުޅިބަތްޕެން ކައްކާކަށް އަހަންނަކަށް ނޭނގޭ. އެހެންވެ މޭވާކޮޅެއް އެރުވީ. (އޭ.ޑީ.ކޭގެ އައި.ސީ.ޔޫގައި އޮންނަވަނިކޮށް) ރޭގައި ވެސް، (މޭ 12 ވަނަ ދުވަހުގެ ރޭ ވެސް) މޭވާކޮޅެއް އެރުވިން. (ކުޅި)ބަތްޕެން ހަދާކަށް ނުޅޭނަން. (ސޫޒަންގެ) ތި ޕެކޭޖް ހިއްޕަވައިގެން (ރައީސް ނަޝީދު) ފުރާވަޑައިގަތީމަ ވަރަށް އުފާވޭ،" ޓްވިޓަރގައި އަފްޝަން ބުނެފައިވެއެވެ.

ހަގީގަތުގައި މިއީ ކިތަންމެހާ ވެސް އަމިއްލަ ވާހަކަތަކެއް ކަމަށްވިޔަސް، މި ހުރިހާ ވާހަކައެއް ވެސް މި މީހުން ދައްކާފައި މި ވަނީ އެންމެނަށް ވެސް ފެންނާނެހެން، ޓްވީޓަރގައެވެ. އެހެންވެ، އެ ފަރީއްކޮޅު ޕެކޭޖު އެރުވުމުން އެކަމާ ހިތްހަމަނުޖެހުނު ބައެއް މީހުން ވެސް އެބައުޅެއެވެ. އެކަމަކު އެކަމަށް ސޫޒަން ވެސް އަދި އަފްޝަން ވެސް ފަރުވާލެއް ނުބަހައްޓައެވެ.

ފްލައިޓުގެ ކްރޫންނަށް ކާން ހެދީ ކޮންއެއްޗެއްތޯ މީހަކު ސޫޒަންއާ ސުވާލުކުރުމުން އޭނާ ބުނީ "ކްރޫންވެސް މި ފަހަރު ބޯންޖެހޭނީ ބަތްޕެން" ކަމަށެވެ. އެހެންވެ، އެ ޚާއްސަ ފަރީއްކޮޅު ތެރޭގައި ކުޅިބަތްޕެން ފުޅިއެއް ވެސް ހުރިކަން ޔަގީންވީއެވެ. ނަން ފެންނަން ނެތީއެވެ. އަފްޝަން އަށް ނޭނގުނަސް، ސޫޒަނަށް ކުޅިބަތްޕެން ކައްކަން ވެސް އެނގޭކަން ކަށަވަރުވީއެވެ.

ރައީސް ނަޝީދާއި ސޫޒަން (ފޮޓޯ: ސޯޝަލް މީޑިއާ)

ނަޝީދުގެ ޚާއްސަ ފަރީއްކޮޅު އިއްޔެ ޕެކްކުރަމުންދިޔައިރު ސޫޒަންގެ ހަނދާންތައް ގޮސް ގުޅުނީ މީގެ ދުވަސްތަކެއް ކުރިއާއެވެ.

"ނަޝީދުގެ ފަރީއްކޮޅު ޕެކްކުރަމުންދިޔައިރު އަހަރެންގެ ހަނދާނަށް އައީ އަހަރެންގެ ވިހީގެ އަހަރުތަކުގެ ފަހުކޮޅު، އަސްލެއް ނެތް ޓެރަރިޒަމްގެ ތުހުމަތެއްގެ ހައްޔަރުގައި 82 ދުވަހު ޖަލުގައި ބޭންދުމަށްފަހު އަހަރެން ދޫކޮށްލި ދުވަސް. އެތަނުން ދިން ނަފްސާނީީ އަދި ޖިސްމާނީ އަނިޔާގެ ސަބަބުން އޭރު އަހަރެން ހުރީ ވަރަށް ބޮޑު ޑިޕްރެޝަނަކަށް ގޮސްފައި. ނަޝީދު އެ ދުވަހު ވިދާޅުވި، 'ސޫޒަން! މިގެއަށް ކޮންމެ ދުވަހަކު ހެނދުނު ސައިބޯން އަންނަންވާނެ.' އެ ދުވަހު އަހަންނަށް އެހާ ހިތްވަރު ދެއްވައި އަދި ފަރިއްކުޅުވުމުގައި ވެސް ބައިވެރިކުރައްވާފައިވާއިރު، އެ ލޯބިކަން ހިތުން ފިލުވާލާނީ ކިހިނެއް؟ އިރާދަކުރެއްވިއްޔާ ނަޝީދު އެނބުރި ވަޑައިގަންނަވާނީ މާ ހިތްވަރުގަދަކޮށް."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4211
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *