ޝަހުރު ރަމަޟާނުގެ އަބީރުން ހުވަނދު ފަތުރައިފިޔެ އަލުން
ފަހުދިހައިގެ މި ބަރަކަތަށް ތައްޔާރު ވޭ ކަނބަލުންކަލުން
މަހުގެ ރޯދަ ސަވާބު ހޯދަން މާ މުރާލިވެގެން އަލުން
ފަހުދިހައިގެތެރޭ އިބާދަތު ގިނަކުރޭ އެންމެން އަލުން
ލައިލަތުލްޤަދުރީގެ ހެޔޮކަން ހިތުއަޅައިގެން މިންނަތުން
ހައިނުކޮށް ހިތްވަރުކުރޭ އާއަޒުމަކާއެކުގައި އަލުން
މަދަދުގައި ހިނިތުވަމުން ސަދަޤަތުގެ މާތައް ފޮޅުވަމުން
އަދަބުވެރި އާދަތުތަކުން ޒީނަތް ކުރާށެ ނަފުސް އަލުން
ހެޔޮކަމާ ތަގުވާގެ މަގުގައި އަމަލު ސީދާކޮށްލަމުން
ހެޔޮޖަޒާއަށް އެދި ރޮމުން އުފުލާށެ އަތްތައް އަދި އަލުން
ޙާލަތުން މިންޖުވެ ސަލާމަތް ވާން ނަޖާ ބޮޑު އާފަތުން
ޙާލު ރަނގަޅުވުމަށް އަދައި ކުރަމާ ދުޢާ އަދިވެސް އަލުން
ސުވަރުގޭ ރައްޔާނު ކީ މާތް ދޮރުކޮޅުން ވަންނަން އަދައި
ހުވަނދު ރަމަޟާނީ ކަރީމުން ލާށެ މި ދިހައިގައި އަލުން