...

Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: ތިން ބާރުގެ ވެރިން ދިރިއުޅުއްވަންޖެހޭ ތަންތަން ގާނޫނެއްގައި ލިޔަންޖެހޭ

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ބޮމެއް ގޮއްވާލައި، އެ މަނިކުފާނު ޒަޚަމްކޮށްލުމުން ދައުލަތުގެ އިސް ވެރިންނަށް ފޯރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމުގެ ހާލަތުގެ ބަލިކަށިކަން ކިތަންމެހާ ވެސް ރަނގަޅަކަށް އެބަފެނެއެވެ. ރައީސް ނަޝީދަށް މޭ ހަ ވަނަ ދުވަހުގެ ރޭ ހަމަލާދިނުމުން، އެމް.އެން.ޑީ.އެފްގެ ބޮޑީގާޑުން ހަރަކާތްތެރިވީ ވަރަށް ވެސް ރަނގަޅަށް ކަމަށާއި ތަމްރީނުގެ ޑްރިލްތަކުގައި ދަސްކޮށްފައިވާ ހުރިހާ ގޮތަކަށް ކަންކަން ކޮށްފައިވާ ކަމަށް އެމް.އެން.ޑީ.އެފްގެ ވެރިން ވަނީ ވިދާޅުވެފައެވެ. އަދި ހަމަލާ ދެވުނުތާ އަށެއްކަ މިނިޓުތެރޭ ރައީސް ނަޝީދު އޭ.ޑީ.ކޭއަށް ގެންދިޔަކަން ވެސް ފަޚުރުވެރިކަމާއެކު ވިދާޅުވެއެވެ. ހިނގާފައި ވެސް އޭގެ ކުރިން އޭ.ޑީ.ކޭ އަށް ދެވޭނެކަން ޔަގީނެވެ.

ނަމަވެސް، ރައީސް ނަޝީދުގެ ބޮޑީގާޑުން އަމަލްކޮށްފައި ވަނީ ހަމަ އެގޮތަށްތޯއެވެ؟

ރައީސް ނަޝީދު އެރޭ ގެއިން ނުކުމެވަޑައިގެން، ކާރުކޮޅާ ހަމައަށް ހިންގަވައިފައި ވަޑައިގަންނަވާތަން ފެންނަ ސީ.ސީ.ޓީ.ވީ ފުޓޭޖު ފުލުހުން ހާމަކުރުމުން ރައީސް ނަޝީދުގެ ސެކިއުރިޓީގެ ވަރުގަދަކަން ކިތަންމެހާ ވެސް ރަނގަޅަށް ފެނިއްޖެއެވެ. ރާއްޖޭގެ އެންމެ ތްރެޓް ލެވެލް މަތި ވީ.ވީ.އައި.ޕީ އަށް ދިން ސެކިއުރިޓީގައި އޮތް ބާގަނޑު ފެނުމުންނެވެ.

އަޅުގަނޑު އެއްޗެއް ނުދަންނަވާނަމެވެ. އަމިއްލަފުޅަށް ބައްލަވާލައްވާށެވެ. ކެނެރީގެއިން ރައީސް ނަޝީދު ނުކުންނަވާ ވަގުތު، ކުރީގައި ހުރި ބޮޑީގާޑާއި ރައީސް ނަޝީދާ ދެމެދަށް އެ ވަންނަނީ ކާކުހެއްޔެވެ؟ ކަޅު ޓީޝާޓެއް ލައިގެން ހުރި، ބޮލުގައި ފަތް ނެތް މީހެކެވެ. ރައީސް ނަޝީދުގެ ފަހަތުގައި ވެސް ބޮޑީގާޑެއް ހުއްޓެއް ކަމަކު އެ މީހާ ދުރަށް ޖައްސާކަށް ނޫޅެއެވެ. އާންމުކޮށް ބާރު ސްޕީޑުގައި ހިންގަވާ ރައީސް ނަޝީދަށް، އެރޭ ތަންކޮޅެއް މަޑުން ހިންގަވަން ޖެހިވަޑައިގަތީ ވެސް އެ މީހާއާ ހެދި ކަމަށް ވެދާނެއެވެ. (އެމީހަކީ އެ ހަމަލާގައި ޒަޚަމްވި އިނގިރޭސިވިލާތުގެ މީހާކަން ފަހުން މި ވަނީ އެނގިފައެވެ. އެހެން ވީޑިއޯއަކުން ފެންނަ ގޮތުގައި އެމީހާ ވެސް ވަނީ ޒަޚަމްވެފައެވެ.)

ނީލޯފަރުމަގު ދެކުނު ކަންމަތީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮން ގޮއްވާލުމުގެ ކުރިން ވެސް، ގާތްގަނޑަކަށް ފަނަރަ ވަރަކަށް ސިކުންތައް، އެ މީހާ އަށް އޮތީ ރައީސް ނަޝީދު ހިތަކަށް ލިބިފައެވެ. އޭނާ ކުރަން ބޭނުން ކަމެއް ކުރުމުގެ ފުރުސަތު އޭނާ އަށް އޮތީ ކިތަންމެހާ ވެސް ރަނގަޅަކަށް ފަހިވެފައެވެ. ބޮޑީގާޑުންގެ އިހުމާލުންނެވެ. އެމީހާ ކަމެއް ނުކުރާނެ ކަމަށް ބޮޑީގާޑުންނަށް ހީވުން އެއީ ވަރަށް ބޮޑު މައްސަލައެކެވެ. އަދި އެ މީހާ އެރޭ ކަމެއް ނުކުރުން އެއީ ވެސް އެހެން މައްސަލައެކެވެ. ބޮޑީ ގާޑުންގެ ބޭނުމަކީ ހަށިކޮޅަށް ދީފާނެ ހަމަލައަކުން ނަޝީދު ސަލާމަތްކުރުމެވެ. އެ މީހާ ބޭނުން ނަމަ އެރޭ ރައީސް ނަޝީދަށް ނުދެވޭނީ ކޮން ހަމަލާއެއްހެއްޔެވެ؟ ތި ބޭފުޅުން ގޮތެއް ނިންމަވާށެވެ.

ހަގީގަތުގައި އެމް.އެން.ޑީ.އެފްގެ ސިކިއުރިޓީ ޑްރިލް ނުހަދާ މީހަކަށް ވިޔަސް، އެއީ ވަރަށް ބޮޑު ގޯހެއްކަން އެނގޭނެއެވެ. އެރޭ އެ މީހާ ރައީސް ނަޝީދަށް ހަމަލާއެއް ދިން ނަމަ އެމް.އެން.ޑީ.އެފުން ބުނާނީ ކީކޭބާވައެވެ؟ ޔަގީނުން ވެސް އެނގޭ އެއްޗަކީ ރައީސް ނަޝީދަށް ފޯރުކޮށްދޭ ސެކިއުރިޓީއާ ގުޅިގެން އާންމުކޮށް ފެނުނު ހަމަ އެންމެ ވީޑިއޯއަކުންވެސް، އެމް.އެން.ޑީ.އެފުގެ ސެކިއުރިޓީންގެ އިތުބާރު ގެއްލިއްޖެ ކަމެވެ. ސެކިއުރިޓީ ޑްރިލްތައް ސުމެއްގައި ޖެހިއްޖެއެވެ. ހަގީގަތުގައި އެ ވީޑިއޯ ހާމަކުރުމުން، އެމް.އެން.ޑީ.އެފްގެ ވެރިން "ވަގްތުންވަގުތަށް" އިސްތިއުފާ ދެއްވަންޖެހޭނެއެވެ.

ދައުލަތުގެ އެންމެ އިސް ވެރިން ދިރިއުޅުއްވާ ތަންތަން، ހަނިހަނި ގޯޅިތަކާއި ކާރޫބާރޫ ބޮޑު ތަންތަނުގައި ހުރުމުން، އެންމެ އެކަށީގެންވާ ގޮތުގައި ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫވާނެކަން ޔަގީނެވެ. އެންމެ ކައިރީގައި މި އޮތް ލަންކާ އާއި އިންޑިއާގައި ވެސް ދައުލަތުގެ އިސް ބޭފުޅުން ދިރިއުޅުއްވަނީ ސެކިއުރިޓީ ގޮތުން ރައްކާތެރިކޮށްފައި ހުންނަ ސަރަހައްދުތަކުގައެވެ.

ރާއްޖޭގައި ވެސް އެކަން އެގޮތަށް ކުރަން މަޖުބޫރުވެއްޖެކަމުގެ ރަނގަބީލު މިހާރު މި ވަނީ ޖަހައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ދިރިއުޅުއްވަންވީ، ރައީސުލްޖުމްހޫރިއްޔާ ދިއިރުޅުއްވުމަށް ދައުލަތުން ބިނާކުރި ގޭގައެވެ. ތީމުގޭގައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް އުޅެވޭ ގޮތަށް، ވަރަށް ވަރުގަދަކޮށް ސެކިއުރިޓީ ގާއިމްކުރެވޭ ގޮތަށް ބިނާކޮށްފައިވާ އިމާރާތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާ ކޮންމެ ދުވަހަކު އޮފީހަށް ވަޑައިގަންނަވާށާއި، އަދި އަނބިކަނބަލުންނާއެކު ފަރިއްކުޅުވަން މެންދުރަށް ގެއަށް ވަޑައިގަތުމަކީ ވެސް، ހަގީގަތަށް ބަލާއިރު އެކަމުގައި ސެކިއުރިޓީގެ ގޮތުން ވެސް ދަތިތަކެއް ހުރި ކަމެކެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވެސް އެއީ ތީމުގޭގައި ހުންނަންވީ ތަނަކަށް ވަނީ ހަދަންޖެހިފައެވެ. އެ ތަނުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންނާއި ރައީސްގެ ބިއުރޯގެ މުވައްޒަފުން ހަރަކާތްތެރިވާނެ އޮފީސްތައް ހެދޭނެ ކޮޓަރިތައް އެބަހުއްޓެވެ. އަދި ކެބިނެޓްގެ ޖަލްސާތަކާއި ބޭރު ގައުމުތަކުގެ ވެރިންނާ ބައްދަލުކުރެވޭނެ މާލަންތައް ވެސް ހުންނާނެއެވެ.

މުލީއާގެ: ރައީސުލްޖުމްހޫރިއްޔާ މިހާރު ދިރިއުޅުއްވާ ގެ

ނޫން ނަމަ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސުލްޖުމްހޫރިއްޔާގެ އާއިލާ އަށް ދިރިއުޅެވޭ ގޮތަށް ހަދަންވީއެވެ. އެތަނުގައި ޖާގަ ނެތް ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުމަތީގައި އެހެރަ ސައުދީ އެމްބަސީ ހުންނަ އިމާރާތާއި ކޯސްޓްގާޑު ބިންޑިންގް ހަދާ ބިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ އެއްކޮށްލަންވީއެވެ. ނޫނީ މަތިން އަޅާ ބްރިޖަކުން ދެ އިމާރާތް ގުޅުވާލަންވީއެވެ. (ސައުދީ އެމްބަސީ ހުންނަ އިމާރާތަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ކުރިން ވެސް ބޭނުންކުރި ތަނެކެވެ.)

ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލިސްގެ ރައީސްވެސް ދިރިއުޅުއްވުމަށްޓަކައި ރަސްމީ ގެކޮޅެއް ގާއިމްކުރަންޖެހެއެވެ. އެއީ މުލީއާގެ ކަމަށް ވިޔަސް އެންމެ ރަނގަޅެވެ. ނުވަތަ، ރައްޔިތުންގެ މަޖިލިސްގައި ހަދައިފައިވާ 12 ބުރީގެ އުސް އިމާރާތުން ބައެއް ނަމަވެސް، މަޖިލިސްގެ ރައީސްގެ ގެކޮޅުގެ ގޮތުގައި ޚާއްސަކުރަންޖެހެއެވެ. ހަމަ އެގޮތަށް އުއްތަމަ ފަނޑިޔާރަށާއި ނައިބު ރައީސަށް ވެސް ހަމަ ޚާއްސަ ގެކޮޅެއް ހުންނަންޖެހެއެވެ.

ހިލާލީގެ: ނައިބު ރައީސް މިހާރު ދިރިއުޅުއްވާ ގެ

ނައިބު ރައީސް މިހާރު އުޅުއްވަނީ ހިލާލީގޭގައެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް ޑރ. މުހައްމަދު ވަހީދާއި އާއިލާ އެ ގޭގައި ދިރިއުޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަކީ ވެސް، އުއްތަމަ ފަނޑިޔާރަކީ ވެސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސަކީ ވެސް އަދި ނައިބު ރައީސަކީ ކިތަންމެ އާދައިގެ ދިރިއުޅުއްވުމަކަށް ލޯބިކުރައްވާ ބޭފުޅުން ކަމަށްވިޔަސް، މަގާމުގެ ދައުރުގައި އެ ބޭފުޅުން ދިރިއުޅުއްވާނެ ތަންތަން ގާނޫނެއްގައި ފަލަ އަކުރުން ލިޔަންވީއެވެ. އެ ބޭފުޅަކު ބޭނުންފުޅުވީމާ، ގެއަށް، ނޫނީ ކުލީ ކޮޓަރިއަކަށް ވަޑައިގަތުން އެއީ އެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޗޮއިސްއެއް ނޫނެވެ. ކުރީގެ ރައީސް މާ އަގުބޮޑު ގަނޑުވަރެއްގައި އުޅުއްވީތީ، ރިޔާސީ ކެމްޕޭނުގައި އެކަމަށް ހަޖޫޖަހައިފައި، ބަޖެޓް ކުޑަކުރަން ކަމަށް ބުނެ ކުލީ ކޮޓަރިގަނޑަކަށް ރައީސުލްޖުމްހޫރިއްޔާއަކަށް ވަޑައެއްނުގަނެވޭނެއެވެ. ޚަރަދުތައް ބޮޑުވަނީ ހަމައެކަނި އުޅޭ ތަނުގެ ގޮތަކުން ނޫނެވެ. ރިޔާސީ ގަނޑުވަރުގައި އުޅުއްވިޔަސް، ބޭކާރު ޚަރަދުތައް ކުޑަކުރެއްވޭނެއެވެ.

ރިޔާސީ ގަނޑުވަރަށް ތީމުގެ އަލުން ބަދަލުކުރާ ނަމަ، މިހާރު އެތަނުގައި ހިންގާ ސުޕްރީމު ކޯޓާއި ހައިކޯޓަށް ހަދާނީ ކިހިނެއްތޯވެސް ބައެއް ބޭފުޅުން ސުވާލުކުރައްވަފާނެއެވެ. ކުރިން ވެސް އެ ތަންތަން ހިންގީކީ ތީމުގެއަކު ނޫނެވެ. އެހެންވެ، އެ ތަންތަން ހިންގުމަށް ރަނގަޅު ތަންތަން އަދިވެސް ހުންނާނެއެވެ. ކުރިން ރާވާފައި އޮތް ގޮތަށް "ބްލޫހެވަން" ހުރި ބިމުގައި ޖުޑީޝަރީ ބިލްޑިންގް އެޅިދާނެއެވެ. އެ ކަމަށް ކޮންމެވެސް ގައުމަކުން އެހީވެސް ލިބިދާނެކަން ޔަގީނެވެ. ނޫނީ ހުޅުމާލޭގައި، ދުވަހަކު ހަދާ ނުނިމުނު އެސް.ޓީ.އޯ އިމާރާތް ވެސް ހަމަ ރަނގަޅުވާނެނޫންތޯއެވެ؟ ޖުޑީޝަރީ ބިލްޑިންގު ގޮތުގައި، އެ ކަމާ ބެހޭ ހުރިހާ ތަނެއް އެއް ފުރާޅެއްގެ ދަށަށް ދިއުމުން ހުރިހާ ގޮތަކުން ވެސް ފަސޭހަވާނެކަން ޔަގީނެވެ.

އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިސްގެ ރައީސް އާއި ނައިބުރައީސް ދިރިއުޅުއްވާނެ ރަސްމީގޭގެ ގޮތުގައި ތަންތަން، ގާނޫނަކުން ކަނޑައެޅުމުގެ މުހިންމުކަން މިހާރު މި ވަނީ އައިސްފައެވެ. މިއީ ގައުމެކެވެ. ގައުމުގެ ދިދަ ހިއްޕަވައިގެން ތިއްބެވީ އެ ބޭފުޅުންނެވެ. އެ ބޭފުޅުންނަށް އެ ޝަރަފުވެރިކަން ވެސް ހައްގެވެ. ސަލާމަތާއި ރައްކާތެރިކަމާ އެއްވަރަށެވެ.