...

Support Us

ކޮލަމް: ވިނަވި

ރާއްޖެއަށް އިސްލާމީ ނޫރު ގެންނެވީ ކޮން ބޭފުޅެއްކަން އެނގޭތަ؟

މެދުޒިޔާރަތުގައި ފަސްދާނު ލެވިފައި އޮންނެވީ ރާއްޖެއަށް އިސްލާމީ ނޫރު ގެންނެވި ބޭފުޅާއެވެ. އެހެން ނަމަވެސް، އެއީ ކޮން ޤައުމެއްގެ ކޮން ބޭފުޅެއް ކަމާމެދު ދާދި ފަހަކުން ޚިލާފުތަކެއް އުފެދިފައިވެއެވެ. ރާއްޖެ އިސްލާމް ވީއްސުރެ 1920 އާ ޖެހެންދެން މިކަހަލަ ޚިލާފެއް ނެތެވެ. އެންމެން ވެސް ދަންނަގޮތުން އެ ބޭފުޅަކީ، (ނުވަތަ މެދުޒިޔާރަތުގައި ފަސްދާނުލެވިފައި ވަނީ) ތަބްރީޒީގެފާނެވެ. މި ދެންނެވި އަހަރުގެ ފަހުން ބައެއް ބޭބޭފުޅުންގެ ލިޔުންތަކުން އެހެން ނަމެއް ފެންނާން ފެށިއެވެ. އެއީ އަބުލް ބަރަކާތުލް ބަރުބަރީއެވެ. ޚިލާފު އުފެދުނީ އެ ހިސާބުންނެވެ.

ރާއްޖެ އިސްލާމް ކުރެއްވި ބޭފުޅަކާމެދު އެންމެ ފުރަތަމަ ލިޔުއްވި ދިވެއްސަކީ އަލްޤާޟީ ޙަސަން ތާޖުއްދީނެވެ. އެއީ އޭނާގެ ތާރީޚް އިސްލާމި ދީބާ މަޙަލްގައެވެ. އެ ފޮތަކީ 1705 ފެބުރުވަރީ 17 ގައި ފަނޑިޔާރުކަން ލިބުމާ ގުޅިގެން، ދިޔަމިގިލީ ރަދުންގެ އަމުރުފުޅަށް، ލިޔުއްވަން ފެއްޓެވި ފޮތެކެވެ.

ތާރީޚް އިސްލާމި ދީބާ މަޙަލްގައި ތާޖުއްދީން ވިދާޅުވާ ގޮތުން ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ގެ ރަބީޢުލް އާޚިރު މަހުގެ (ޖުލައި 1153) ތެރޭގައެވެ. ރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވީ އައްޝައިޚް ޔޫސުފު ޝަމްސުއްދީނުއް ތަބްރީޒީ (ތަބްރީޒުގެފާނު) އެ މަނިއްޕުޅަށް ބޮޑުވެގެން ވާ ކަރާމާތެއް ދައްކަވައިގެންނެވެ. އެއީ ކަނޑުން މައްޗަށް އަރާފައި ހުރި ބޮޑު ދާއްބައެކެވެ. އެ ދާއްބައިގެ ނަމަކީ ރަންނަމާރިއެވެ.

ލަފާކުރެވޭ ގޮތުން ތާޖުއްދީނަށް މި މައުލޫމާތު ލިބިވަޑައިގެންފައި ވުން އެންމެ ގާތީ ހުކުރު މިސްކިތުގައި ވާ ދެ ލިޔުމަކުންނެވެ. އޭގެތެރެއިން ބޮޑަށް މަޝްހޫރީ 1338 ވަނަ އަހަރު ޝިހާބުއްދީން ރަދުންގެ އަމުރުފުޅަށް ހުކުރު މިސްކިތް އަލުން ބިނާކުރެއްވުމަށްފަހު މިސްކިތުގައި ބަހައްޓާފައި ހުރި ފިލައެވެ. އެހާ ހިސާބަށް އައިއިރު ދަރުމަވަންތަ ރަސްގެފާނު ބިނާކުރެއްވި ހުކުރު މިސްކިތް ހުރީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ވީމާ މިސްކިތް ގާތްގަނޑަކަށް އަލުން އިމާރާތް ކުރެވުނީއެވެ.

ހުކުރު މިސްކިތުގައި ހުރި އަނެއް ލިޔުމަކީ މިހުރާބުގޭގެ ބިތުގައި ލިޔެފައިވާ ލިޔުމެކެވެ. އެއީ އިސްކަންދަރު ރަސްގެފާނުގެ އަމުރުފުޅަށް 1657 ވަނަ އަހަރު މިސްކިތް އަލުން ބިނާކޮށްފައި ލިޔެފައިވާ ލިޔުމެކެވެ.

މީގެ އިތުރުން، ތުންތުންމަތިން ކިޔާ ވާހަކަތަކުން ވެސް ތާޖުއްދީނަށް ވާނީ މިކަމާ ގުޅޭ މައުލޫމާތު ލިބިފައި ކަމަށް ބެލެވެއެވެ. ތުންތުން މަތިން އައިސްފައިވާ ވާހަކަތަކަށް ބަލާއިރު އޭގެ ތެރއިން އެންމެ މަޝްހޫރީ ބުރާރަ މުޙައްމަދު ކަލޯ ކިޔައި އުޅުނު ބޮޑުތަކުރުފާނު ވާހަކައެވެ. އޭގައި ގެނެސްދީފައި ވަނީ ތަބްރީޒީގެ ނަމެވެ. ބަރުބަރީގެ ނަމެއް ނޫނެވެ.

އެއިން އެނގޭ ކަމަކީ ތާޖުއްދީންގެ ދުވަސްވަރާ ޖެހެންދެން ދިވެހީން ޤަބޫލުކުރަމުން އައިސްފައި ވަނީ ރާއްޖެ އިސްލާމް ކުރެއްވީ ތަބްރީޒީ ކަމަށެވެ. އޭގެ މާފަހުން 19 ވަނަ ޤަރުނު ނިމުނު ހިސާބުގައި ހާޖީ ޢިމާދުއްދީންގެ ރަސްކަމުގައި އެ މަނިއްޕުޅުގެ އަމުރަށް ކޮމިޓީއަކުން އެކުލަވާލި ތާރީޚުފޮތުގައި ވެސް ގެނެސްފައި ވަނީ ތަބުރީޒީގެ ނަމެވެ. އެގޮތުން ޝަމްސުއްދީން ރަދުންގެ ދުވަސްވަރާ ޖެހެންދެން ރާއްޖޭގައި ލިޔެފައި ވާ ލިޔުންތަކުގައި ގެނެސްފައި ވަނީ ތަބުރީޒީގެ ނަންފުޅެވެ. އެހެންކަމުން، އިހުގައި ދިވެހީން ދަންނަނީ ތަބުރިޒީއޭ ބުނުމުގެ ޖާގަ އެބައޮތެވެ.

މިކަން މިހެން އޮތްއޮތުން ބަދަލުވެގެން ދާން ފެށީ 1920 ހާ ހިސާބުގައި އެޗް.ސީ.ޕީ. ބެލް ދެވަނަ ފަހަރަށް ރާއްޖެއަށް ވަޑައިގެން ކުރެއްވި ދިރާސާއަކާ ގުޅިގެންނެވެ. ބެލް ރާއްޖެއަށް ފުރަތަމަ ދުރުވީ 1879 ގައި އޭނާ ދަތުރުކުރެއްވި ނައު، ސީގަލް، ގާފަރުގެ ފަރަށް އުރުމާ ގުޅިގެންނެވެ. މި ދަތުރަށްފަހު 1882 ގައި އޭނާ ރިޕޯޓެއް ޝާއިއު ކުރެއްވިއެވެ. އިތުރަށް ދިރާސާ ކުރެއްވުމަށް 1920 ގައި ވަޑައިގެން 1922 ގައި އޭނާގެ މަޝްހޫރު މޮނޮގްރާފް ޝާއިއުކުރެއްވިއެވެ.

މޮނޮގްރާފްގައި ރާއްޖެ އިސްލާމް ކުރެއްވީ އަބުލް ބަރަކާތުލް ބަރަކާތުލް ބަރުބަރީއެކޭ ބެލް ލިޔުއްވާފައެއް ނުވެއެވެ. އޭނާ އޭގައި އަސްލު ލިޔުއްވާފައި އޮތް އެކައްޗަކީ "ޓެންޖިއަރގެ އަހުލުވެރިއެއްގެ ހައިސިއްޔަތުން އިބްނު ބަޠޫޠާ، (ރާއްޖެ) އިސްލާމްކުރެއްވުމުގެ ޝަރަފު އަރުވާނީ ބަރުބަރުގެ އަބުލް ބަރަކާތަށެވެ." (ބަރުބަރާއި ޓަންޖިއަރާއި ދެތަނަކީ ވެސް މަޣްރިބުކަރައިގެ ރަށްރަށެވެ.) މީގެ އިތުރަށް ބެލްގެ ފޮތުގައި ރާއްޖެ އިސްލާމް ކުރެއްވީ ތަބްރޭޒީ ކަމަށް ކަނޑައެޅިގެން ވިދާޅުވެފައި ވެއެވެ. އެހެން ކަމުން ބަރުބަރީއަށް އެ ޝަރަފުދެއްވީ ބެލްއޭ ބުނެވޭކަށް ނެތެވެ.

އެހެނަސް އޭނާގެ ފުށުން ބާރުގަދަ ދިވެހީންތަކަކަށް ބަރުބަރީގެ ނަން ތައާރަފުވިއެވެ. އެއީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިއްބެވި އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނާއި އަބްދުލް ޙަމީދު އަފަންދީއާއި އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި މުޙައްމަދު އަމީން ދީދީއެވެ. އަދި އޭގެ އިތުރުން ފަނޑިޔާރު މަނިކުފާނު ޙުސައިން ޞަލާހުއްދީނެވެ. އެއީ  ބެލްއަށް އެހީތެރި ވެދެއްވި ބޭފުޅުންނެވެ. އޭގެފަހުން މި ބޭބޭފުޅުންގެ ލިޔުންތަކުން ބަރުބަރީގެ ނަންފުޅު ފެންނާން ފެށިއެވެ. އެބޭފުޅުންގެ ނުފޫޒު ގަދަކަމުން ބަރުބަރީގެ ނަން ދިވެހީންނަށް ވިކުނެވެ. އަދި އެ ނަން ރަސްމީ ލިޔުންތަކަށް ވަދެގެން ދިޔައެވެ. މިޒަމާނުގައި ތާރީޚު ދިރާސާ ކުރެއްވުމުގައި  ފުންނާބު އުސް ބޭފުޅެއް ކަމަށް ވާ މުޙައްމަދު ނާޖިހު ދީދީ ވިދާޅުވާ ގޮތުން، މި ދެންނެވި ބޭފުޅުންގެ ދުވަސްވަރުގެ ކުރިން ރާއްޖޭގެ އެއްވެސް ލިޔުމެއްގައި ބަރުބަރީގެ ނަންފުޅު އައިސްފައެއް ނުވެއެވެ.

މުޙައްމަދު އަމީންގެ "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު"ގައި ބަރުބަރީގެ ވާހަކަ ގެންނަވާފައި ވާއިރު ތަބްރީޒީގެ ވާހަކަ ވެސް ގެންނަވާފައި ވެއެވެ. އަދި ހުކުރު މިސްކިތުގައި ވާ ލިޔުންތަކަށް ދިރާސީ ނަޒަރަކުން ބައްލަވާފައި ވެއެވެ. އޭނާ ތަބްރީޒީގެ ނަންފުޅަށް ދޮރު މުޅިން ލައްޕަވާފައެއް ނުވެއެވެ.

އޭގެ އިތުރުން ބަޠޫޠާގެ ފޮތުގައި ކުށްތަކެއް ހުރިކަން ވެސް އަމީން ފާހަގަ ކުރައްވާފައި ވެއެވެ. އެންމެ ފާހަގަ ކުރެވޭ ކުށަކީ ރާއްޖެ އިސްލާމްވިއިރު ހުންނެވި ރަދުންގެ ނަންފުޅަކީ ޝަނިވިރާޒާ ކަމަށް ވިދާޅުވެފައި އޮތެވެ. އެ ނަމަކީ އަރަބި ނަމެއް ނޫނެވެ. ދިވެހި ނަމެއް ވެސް ނޫނެވެ. އަދި ކިޔެއްތަ، އެ ނަން ވައްތަރު ވަނީ ފާރިސީ ނަމަކާއެވެ. އެ ނަން ތަބްރީޒީގެ ރަށުގެ ބަހުގެ ނަމަކާ ވައްތަރުވުމަކީ ހަމަ އިއްތިފާޤެއް ބާއެވެ. ލަފާކުރެވޭ ގޮތުން، ބަޠޫޠާގެ ލިޔުމުގައި ވާ ކުށްތައް އަމީން ފާހަގަ ކުރައްވާފައި ވަނީ އެ ލިޔުމަށް މުޅިން އިތުބާރު ނުކުރެވޭ ކަމަށް ވިދާޅުވުމުގެ ބޭނުމުގައެވެ.

ބައެއް މީހުން ބުނާގޮތުން އެފޮތް އަމަލީ ގޮތުން ލިޔުއްވީ ބަޠޫޠާއެއް ނޫނެވެ. އޭނާގެ ރަށުގެ ރަސްގެފާނުގެ ރަސްމީ ކާތިބު އިބްނު ޖުޒައްޔުއެވެ. އިބްނު ބަޠޫޠާ ހަމައެކަނި އަނގަބަހުން ކިޔައިދެއްވީއެވެ. މިކަމެއް ހިނގީ އިބްނު ބަޠޫޠާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގެންނެވިތާނ އެތަކެއް އަހަރު ފަހުންނެވެ. ވީމާ ބައެއް މައުލޫމާތު ހަނދުމަފުޅު ނެތިފައި ހުރެދާނެއެވެ.

އިބްނު ބަޠޫޠާ ދުނިޔެއަށް އުފަންވީ 1304 ގައެވެ. އަވަހާރަވީ 1378 ގައެވެ. އޭނާ ރާއްޖެއަށް ވަޑައިގެންނެވި ދަތުރު ފައްޓަވާފައި ވަނީ 1325 ހާ ހިސާބުގައެވެ. ރާއްޖެއަށް ވަޑައިގންނެވުނީ 1344 ގައެވެ. އެއީ ޝިހާބުއްދީން ރަދުންގެ އަމުރުފުޅަށް ހުކުރު މިސްކިތް އާކުރެއްވުމުގެ 6 އަހަރު ފަހެވެ.

މި ޝައްކު ތަކާއެކު ވެސް މުޙައްމަދު އަމީން އޭނާގެ ފޮތުގައި ރާއްޖެ އިސްލާމް ކުރެއްވީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ލިޔުއްވާފައި ވެއެވެ. މިހެން ވިދާޅުވުމުގައި އޭނާ ބުރަވެވަޑައިގެންފައި ވަނީ ހުކުރު މިސްކިތުގެ ފިލައަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެ ލިޔެފައިވަނީ ބަރުބަރީގެ ނަންފުޅު ކަމަށެވެ.

އެޗް.ސީ.ޕީ. ބެލް ހުކުރު މިސްކިތު ފިލައާއި އިބްނު ބަޠޫޠާގެ ފޮތް ދިރާސާ ކުރެއްވިއެވެ. އޭނާގެ މޮނޮގްރާފުގައި ފިލައާ ބެހޭގޮތުން ބަޠޫޠާ ލިއުއްވާފައި ވަނީ ރަނގަޅަށޭ ވިދާޅުވެފައެއް ނުވެއެވެ.

އިބްނު ބަޠޫޠާގެ ޝަރަފުގައި މޮރޮކޯއިން ނެރެފައިވާ ސްޓޭމްޕެއް

ފަހުގެ ލިޔުންތެރިއެއް ކަމަށްވާ މުހައްމަދު އިބުރާހީމް ލުޠުފީ ވިދާޅުވަނީ ބަޠޫޠާއަށް ފިލައިގައި އޮތް އެއްޗެއް އޮޅިފައި އޮވެދާނެ ކަމަށެވެ. އެހެނީ ފިލާ ލިޔެފައިވަނީ އާދަޔާ ޚިލާފު އަކުރަކުން ނުކުތާއާއި ފިލިނުޖަހައެވެ. އެހެންކަމުން އެ ލިޔުން ތަފާތު އެތައް ގޮތައް ކީ ދާނެއެވެ. ލުޠުފީ ވިދާޅުވަނީ ފިލާގައި ލިޔެފައި ވަނީ 'އަބުލް ބަރަކާތު’އެއް ނޫނެވެ. 'އަބުއް ރިކާބު’އެވެ. ހަމަ އެގޮތަށް، 'ބަރުބަރީ’އެއްނޫނެވެ. 'ތަބްރީޒީ’އެވެ.

ދިރާސާ ކުރެއްވި އިތުރު ބައެއް އެބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި ދީނުގެ ބައެއް ކަންކަމުގެ ނަންތަށް އައިސްފައި ވަނީ ތަބްރީޒީގެ ބަސް ކަމުގައި ވާ ފާރިސީއިންނެވެ. މިސާލަކަށް ނަމާދާއި ރޯދައެވެ. އަދި ބަރުބަރީ އާއި ބަޠޫޠާއާއި ދެ ބޭފުޅުންނަކީ އެއްރަށެއްގެ ބޭފުޅުން ކަމަށް ވާތީވެ ރަށު ބޭފުޅަކަށް ޝަރަފު ދެއްވުމުގެ ރޫހެއް ވެސް ބަޠޫޠާގެ އޮވެދާނެ ކަމެވެ.

ކޮންމެއަކަސް، މި ހުރިހާ ކަމަކަށް ބަލާފައި ބޮޑަށް ބުރަވެވެނީ ރާއްޖެ އިސްލާމް ކުރެއްވީ އައްޝައިޚް ޔޫސުފް ޝަމްސުއްދީނުއް ތަބްރީޒީ ކަމަށެވެ. އެހެނަސް ރަސްމީ ގޮތުން ރާއްޖޭގައި އަދިވެސް ޤަބޫލުކުރަނީ ރާއްޖެއަށް އިސްލާމްދީން ގެންނެވީ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށެވެ.

 

ރިފަރެންސް

  1. ތާޖުއްދީން، އަލް ޤާޒީ ޙަސަން (2020) "ތާރީޚު އިސްލާމި ދީބާ މަޙަލް،" ފުރަތަމަ ދިވެހި އެޑިޝަން، ދިވެހިބަހުގެ އެކެޑަމީ ޞ 17
  2. އަމީން، މުޙައްމަދު (1949) "ތަންޤީޙް ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު،" ޞ 27 – 32
  3. ދީދީ، މުޙއްމަދު ނާޖިހު (2021) "ދިވެހިރާއްޖެއަށް އިސްލާމީ ނޫރު ފޯރުން 3،" ވަންއޮންލައިން.ކޮމް

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.