Support Us

"މީހެއްގެ ފުރާނަ ދުއްވާލަން ޖެހިލުންނުވާ ވަރު މީހުން ތިބިކަމަކީ ލަދުގަންނަންޖެހޭ ކަމެއް!"

ސުރުޚީގައި ލިޔެފައި އެ އޮތް އިބާރާތަކީ ނިރުބަވެރިކަމާ އިދިކޮޅަށް މަސައްކަތްކުރާ މަރުކަޒު، އާދެ، ދިވެހިން ބުނާ ނަމަ 'ކައުންޓާ ޓެރަރިޒަމް ސެންޓަރު’، މި މުއައްސަސާގެ އެންމެ އިސްވެރިޔާގެ ބަސްކޮޅެއް ކަމަށް ނޫހެއްގައި ލިޔެފައި އޮތް ވާހަކައެކެވެ. އެންމެ ފަހުން، ރާއްޖޭގެ ވެރިޔަކަށް އަމާޒުކުރެވިގެން، އާދެ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރެވިގެން، ހިންގި ނިރުބަވެރި އަމަލާ ވިދިގެންނެވެ. މިއީ ކުށްވެރިކުރަން ޖެހޭ، ބޮޑުވެގެންވާ ޖަރީމާއެކެވެ. ޝައްކެއް ނެތެވެ. މަތީގައި ލިޔެވިފައި އޮތީ އެއާ މެދު ދެބަސް ވެވޭނޭ ވާހަކައެއް ނޫނެވެ. އެފަދަ މީހުން ވީއްލިފައި ތިބުމަކީ ލަދުގަންނަން ޖެހޭ ކަމެކެވެ. ޚާއްސަ ގޮތެއްގައި އެކަމާ ލަދުގަންނަން ޖެހެނީ މި ނަންގަތް ސެންޓަރުގެ އިސް ބޭކަލުންނެވެ. އެ ފަދަ މީސްމީހުން ހޯދައި ހައްޔަރުކުރުމުގެ ގައުމީ މަސްއޫލިއްޔަތު އެ ބޭކަލުން ހިންގަވާ މަރުކަޒާ ހަވާލުކުރެވިފައި އޮންނާތީއެވެ. އެހެންވެ، އެ މަސްއޫލިއްޔަތު އަދާ ނުކުރެވެނީ ކީއްވެތޯ ސުއާލުކުރުމުގެ ހައްގު ރައްޔިތުންނަށް އޮންނާތީ، ރައްޔިތުން އެ ސުއާލުކުރާތީއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ

ޝައްކެއްނެތް ގޮތުގައި، އެ ބޭކަލުންގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭކަން، އެންމެ ފަހުން ހިނގައި ދިޔަ ނިރުބަވެރި އަމަލުން، އާދެ، ދިވެހި ބަހުން ބުނާނަމަ އެންމެ 'ރީސެންޓް ޓެރަރިސްޓު އެޓޭކުން' އެނގިގެން ދެއެވެ. މިކަމާ އެނެމެން ވެސް ހިތާމަކުރަން ޖެހެއެވެ. އަދި، އެހެންވެ، މަތީގައި ނަންގަނެވުނު މަރުކަޒުގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަން ވެސް ފާހަގަކުރަންޖެހޭ މެއެވެ.

މީގެ އިތުރުން އަދިވެސް، އެހެން ވާހަކައެއް ލިޔެލަން ޖެހެއެވެ. މަތީގައި އޮތް އިބާރާތުން ދޭހަވާ ނުސީދާ މާނައިގެ މައްޗަށް ބަލައިލާފައެވެ. މަތީގައި އޮތް އިބާރާތުން ދޭހަވާ ނުސީދާ މާނައަކީ ނިރުބަވެރި އަމަލުތައް ހިންގާ މީހުން އުޅެނީ ހަމައެކަނި މި ދުވަސްވަރު ކަމުގައެވެ. އާދެ، އެފަދަ ވާހަކައެއް ބުނާއިރު ހީވަނީ މިއީ އަލަށް ފެށިގެން އުޅޭ ކަމެއް ހެންނެވެ. މިއިން އެނގޭ އެއްޗަކީ ނިރުބަވެރިކަން ހުއްޓުވުމުގެ މަސައްކަތްކުރާ މަރުކަޒުގެ އިސް ބޭކަލުންނަށް ވެސް، ރާއްޖޭގެ ކައިރި މާޒީގެ ތާރީޚު ނޭނގޭ ކަމެވެ. ނުވަތަ އެނގެން ބޭނުން ނުވާކަމެވެ. ކަމެއް ހުއްޓުވުމުގެ މަސައްކަތް ކުރުމަށްޓަކައި އެކަމާ ގުޅޭ ތާރީޚު ރަނގަޅަށް އެނގެން ޖެހެއެވެ. އެހެންވެ، ކައިރި މާޒީގައި، ރާއްޖޭގައި، ރާއްޖޭގެ ވެރިންނަށް އަމާޒުކުރެވިގެން ދެވުނު، ނުވަތަ ދޭން އުޅުނު، ނިރުބަވެރި ހަމަލާތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލާނަމެވެ.

ރައީސް މުހައްމަދު އަމީން (ކޮޅަށް)

މިގޮތުން ކައިރި މާޒީއަށް ބަލައިލާއިރު، އެންމެ ފުރަތަމަ، ވެރިޔަކަށް އަމާޒުކުރެވިގެން ނިރުބަވެރި ހަމަލާއެއް ދީފައި އޮތީ ރައީސް މުހައްމަދު އަމީނަށް އަމާޒުކުރެވިގެން، 1953ގައި ދެވުނު ހަމަލާއެވެ. އެ ހަމަލާގައި ރައީސް އަމީނަށް ލިބިވަޑައިގެން އަނިޔާ ސަބަބުން އޭނާ އަވަހާރަވިއެވެ. މި ހާދިސާއަށް 70 އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް، އެކަން ތަހުގީގު ކުރެވިފައި އޮތް ހެނެއް ހިޔެއް ނުވެއެވެ. ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު، ޣައިރު ގާނޫނީ ސިފައެއްގައި، ގުޅަކުޅޭ ފަސްގަނޑަށް އެއްވި ބަޔެއްގެ ބަހަށް، ވެރިކަމުން ދުރުކުރެވި، އޭރުގެ ބައެއް ސިޔާސީވެރިންނާއި އަދި އޭރުގެ ސިފައިންގެ ބައެއް އިސް ބޭކަލުންގެ ރުހުމާ ވެސްއެކު- އާދެ، އޭރުގެ ސިފައިންގެ ބައެއް އިސް ބޭކަލުންގެ ރުހުމާ ވެސް އެކު- ރައީސް އަމީން ހަވަރަށްދީ އަވަހާރަކޮށްލެވުނީއެވެ. މިތަނުން ފެނިގެން މިދަނީ ވެރިންނަށް އަމާޒުކޮށްގެން، މި ޒަމާނުގައި، ރާއްޖޭގައި ނިރުބަވެރިކަމުގެ އަމަލުތައް ހިންގުމުގެ ފެށުމެވެ. އާދެ، ދިވެހި ބަހުން ކިޔާ 'ޓެރަރިޒަމް"ގެ ފެށުމެވެ. މިކަމުގައި ސިޔާސީ މީހުންނާއި ސިފައިންގެ ބައެއް އިސްވެރިން ބައިވެރިވެފައިވީ އިރު، އެ މީހުންނާ މެދު އެއްވެސް ތަހުގީގެއް ކުރެވި، އެމީހުންގެ މައްޗަށް ޝަރީއަތްކުރެވި އެއްވެސް އަދަބެއް ދެވިފައިއެއް ނުވެއެވެ. ރައީސް އަމީނުގެ ވެރިކަން ބަދަލުކޮށްލެވުމުން، އިންގިލާބީ ލީޑަރުން އެދޭ ގޮތަށް ތާރީޚު ލިޔެވި، ތާރީޚުން، އެ ބޭކަލުން ފޮހެލަން ބޭނުންވެލެއްވި ބައި ފޮހެލެވުނީއެވެ. އަދަބު ދެވުނު ދެ މީހަކަށް އަދަބު ދެވުނު އިރު، އެ އަދަބެއް ދެވުނީ ރައީސް އަމީން އަވަހާރަކޮށްލުމަށް މެދުވެރިކުރުވި ސަބަބުތައް މެދުވެރިކުރިކަމުގެ ކުށުގައެއް ނޫނެވެ. އެ މީހުންނަށް އަދަބު ދެވުނީ ވެރިކަމުގެ ދަހިވެތި ކަމުގައި އިންގިލާބު ގެނައި މީހުންގެ ސިޔާސީ ހަޔާތަށް އެ ދެމީހުންގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައި އޮތީމައެވެ. އާދެ، ސިޔާސީ ޚަސްމުން ނެތިކޮށްލުމުގެ އާދަކާދައިގެ މަތިންނެވެ.

ރައީސް އިބްރާހިމް ނާސިރު

ވެރިޔަކަށް ސީދާ އަމާޒުކޮށްގެން، ވެރިޔާ އަވަހާރަކޮށްލުމުގެ މަގުސަދުގައި ހަމަލާއެއް ރޭވިގެންދިޔަތަން ދެން ފެނުނީ ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގެ ފަހުގެ އަހަރުތަކުގައެވެ. ހަނދާނަށް އަންނަނީ 1968ކެވެ. މި އަހަރު، ރާއްޖެއަށް، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް، ކުޑަކުދިން ކުޅޭ ބޮޑުވަރެއްގެ ބުދެއްގެ ތެރެއަށް ފިސްތޯލައެއް ލައިގެން، އެ ފިސްތޯލަ އެތެރެކޮށް، އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ ގައިކޮޅަށް ފިސްތޯލަޖަހައި އަވަހާރަކޮށްލުމުގެ ނިރުބަވެރި އަމަލު ހިންގަން ބަޔަކު ރޭވިއެވެ. މި ނިރުބަވެރި ހަމަލާ ނާކާމިޔާބުވެ، އެކަމުގައި ބައިވެރިވި މީހުން ހައްޔަރުކުރެވި، އެމީހުންގެ މައްޗަށް ޝަރީއަތް ކޮށް، އެމީހުންނަށް އަދަބު ދެވުނެވެ. ދިގު މުއްދަތަށް ޖަލަށް ލުމަށް އެމީހުންގެ މައްޗަށް ހުކުމް ކުރެވުނު ކަމުގައި ވިޔަސް، ފަސްވަރަކަށް އަހަރު ފަހުން، އަފުވާމެއްގެ ދަށުން، އެ އެންމެންނަށް ވެސް މާފުދެވި، އެ އެންމެން މިނިވަންވިއެވެ. ނިރުބަވެރިކަމާ އިދިކޮޅަށް މަސައްކަތްކުރާ މަރުކަޒުން މިކަން ފާހަގަކުރަން ޖެހޭ ސަބަބު ފަހުން ބަޔާންކުރާނަމެވެ.

ހއ. ހޯރަފުށީގައި ވަޅިއަކުން ރައީސް މައުމޫނަށް ދިން ހަމަލައިން އެމަނިކުފާނު ދިފާއުވެވަޑައިގަންނަވަނީ

ޖެހިގެން އައި ދުވަސްތަކުގައި ވެސް، އެކަމަށް ހުއްޓުމެއް ނައިސް، އިތުރު ނިރުބަވެރި ހަމަލާތައް ކުރިއަށް ގެންދެވުނެވެ. ރައީސް މައުމޫނު އަބްދުލްގައްޔޫމު ދައުރުގައި އެފަދަ ދެ ހާދިސާއެއް ހިނގިއެވެ. ހއ. ހޯރަފުށީގައި ވަޅިއަކުން ރައީސް މައުމޫނަށް ދެވުނު ހަމަލާއާއި ނޮވެމްބަރު ތިނެއްގެ ހަމަލާއެވެ. މި ދެ ހަމަލާގައި ރައީސް މައުމޫނުގެ ހަށިކޮޅަށް ގެއްލުމެއް ނުލިބުނު ކަމުގައި ވިޔަސް، ދެވަނަ ހަމަލާގައި ރާއްޖޭގެ އެތައް ބަޔަކު ޝަހީދުވެ، އެހެން ވެސް ބޮޑެތި ގެއްލުންތައް ލިބުނެވެ. މީގެ ތެރެއިން ދެވަނަ ހަމަލާގައި އެންމެ އިސްކޮށް ތިބީ 1968ގައި ރައީސް ނާސިރު އަވަހާރަކޮށްލަން ރޭވި ރޭވުމުގައި ވެސް އެންމެ އިސްކޮށް ތިބި މީހުންކަން ފާހަގަކޮށްލަން ޖެހެއެވެ. އާދެ، މިކަން ފާހަގަކުރަށް ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ނިރުބަވެރިކަން ހުއްޓުވުމުގެ މަސައްކަތްކުރާ މަރުކަޒުތަކަށާއި އެތަންތާ މަސައްކަތްކުރާ މީހުންނަށް ނިރުބަވެރިކަމުގެ ތާރީޚު އެނގެން ޖެހޭ ކަމުގެ މުހިއްމުކަން ފާހަގަކޮށް ދިނުމަށްޓަކައެވެ. އެފަދަ ބޮޑެތި ޖަރީމާތައް އެއްފަހަރު ހިންގި ބަޔަކު، ދެވަނަ ފަހަރުވެސް އެފަދަ ކަމެއް ކޮށްފާނޭ ކަމަށް ބަލައި ފާރަވެރިވެ ތިބެން ޖެހޭނޭކަން ދެނެގަތުމަށެވެ. މިއީ ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި މަރުކަޒުތަކުން ކަންތައް ކުރާ ގޮތެވެ. ގާނޫނީ ގޮތުން އެފަދަ މީހުންނަށް ލިބިދޭން ޖެހޭ ހައްގުތަކަށް އަރައިނުގަނެ، އެފަދަ މީހުން މިނިވަންވެފައި ތިބި ކަމުގައި ވިޔަސް، އެމީހުންނަށް ފާރަވެރިވެ ތިބެން ޖެހޭނޭކަން ފާހަގަކުރުމަށެވެ. ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމާއި ގައުމާއި ގައުމުގެ ވެރިންނަށް އަމާޒުކޮށްގެން ހިންގާ ނިރުބަވެރިކަމުގެ ޖަރީމާތަކަކީ، ދުވަހެއްގައި ވެސް، ގައުމީ ހަނދާނުން ފޮހެލައިގެން ވާނޭ ކަންކަމެއް ނޫނެވެ! ނަމަވެސް، ދެން ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟ ގައުމަށް ޚިޔާނަތްތެރިވެ، ބޭރު ކުލީ ސިފައިންގެ ބަޔަކު ރާއްޖެ ގެނެސް، މައުސޫމު އެތައް މީހުންގެ ފުރާނަ ދުއްވާލި މީހުންގެ ތެރެއިން ބަޔަކަށް ދައުލަތުގެ ވަޒީރުކަންދީ، އެމީހުންގެ ނިރުބަވެރި އަމަލުގެ އިނާމު ދެވުނު ތަނެވެ! މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ހިނގާފާނެ ކަމެއް ހެއްޔެވެ. މިފަދައިން ކަންކަން ހިނގާ ތަންތަނުގައި ނިރުބަވެރި އަމަލު ހިންގާ މީހުން ދޫވެފައި ތިބުމަކީ ލަދުގަންނަން ޖެހޭނޭ ކަމަކަށް ވެދާނެ ހެއްޔެވެ؟

ރައީސް ޔާމީނު އިންނެވި ފިނިފެންމާ ލޯންޗުގައި ބޮން ގޮވަނީ

ވެރިޔަކަށް އަމާޒުކުރެވިގެން، ނިރުބަވެރި ކަމުގެ ހަމަލާއެއް، ދެވުނު ތަން ދެން ފެނިގެން ދިޔައީ 2015ގެ ސެޕްޓެމްބަރު މަހުއެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަމާޒުކުރެވިގެން، އޭނާ ހުންނެވި ލޯންޗެއްގައި އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި ލޯންޗުގައި ތިބި ބައެއް މީހުންނަށް ކޮންމެ ވެސް ވަރެއްގެ އަނިޔާ ލިބުނެވެ. ނަމަވެސް، މިއީ 'ކުޅެވިދިޔަ ތަމްސީލަކަށް ހަދާލައި' އެ ހިސާބުން އެކަން އޮއްބާލައި އެކަން ނިންމާލެވުނީއެވެ. ތަހުގީގެއް ކުރުމަކަށް، އެކަމުގެ އެންމެ ފުން މިނަށް ފީނައި ބަލައި ހެދުމުގެ ބޭނުމެއް އޮތް ކަމަކަށް، ނުވިއެވެ. ސިޔާސީ ވާދަވެރިކަމާއި ސިޔާސަތްތަކުގެ މައްޗަށް ފާޑުކިޔުމާއި، މިކަންކަމާއި ވެރިޔާ މަރާލުމުގެ ބޭނުމުގައި ހިންގާ ނިރުބަވެރި އަމަލާ ތަފާތުކުރަން ނޭނގޭ ސިޔާސީ ވެރިން އުޅޭ ތަނެއްގައި، ނިރުބަވެރި އަމަލުތައް ހިންގާ މީހުން އުޅުމަކީ ލަދުގަންނަން ޖެހޭނޭ ކަމެއް ހެއްޔެވެ؟ އެކަމަކީ ލަދުގަންނަން ޖެހޭ ކަމަކަށް ވާނީ، އެންމެ ފުރަތަމަ، އެފަދަ ވެސް ނޭނގޭ ސިޔާސީ ވެރިން އެ ތަނުގައި އުޅޭތީއެވެ!

ނިރުބަވެރިކަމުގެ ހާދިސާތަކުގެ ވާހަކަ ދައްކާއިރު، ފަހުގެ އަނިޔާވެރި މަރުތަކުގެ ވާހަކަތައް މަތިން ވެސް ހަނދާން ކޮށްލަންޖެހެއެވެ. ސަބަބަކީ އެ މަރުތަކަކީ ވެސް ނިރުބަވެރިކަމުގެ އަމަލުތަކަކަށް ވާތީއެވެ. އަދި، ހަމަ އެހެންމެ، ހުރިހާ ފުރާނައަކީ ވެސް ހުރުމަތްވެގެންވާ ފުރާނަތަކަކަށްވާތީއެވެ. އެއްވެސް ފުރާނައެއްގެ ހުރުމަތް، އެއްވެސް ހައްގަކާ ނުލައި، ނަގާލެވިގެން ނުވާނެތީއެވެ. މި ގޮތުން، މަރުހޫމު ޑރ. އަފްރާޝީމު އަލީގެ މަރުގެ މައްސަލައާއި މަރުހޫމު އަހުމަދު ރިޟުވާނުގެ މަރުގެ މައްސަލައާއި މަރުހޫމު ޔާމީނު ރަޝީދުގެ މަރުގެ މައްސަލައާއި އަދިވެސް ނިރުބަވެރި އަމަލުތަކުގެ ޝިކާރައަށްވެ، މަރުވެގެންދިޔަ މީހުންގެ މައްސަލަތައް މަތިން ހަނދާކުރަން ޖެހެއެވެ. ހިތާމައަކީ މިކަންކަމުގެ ތަހުގީގުތައް ހުއްޓި، އެކަންކަން ނުބެލި އޮތްކަމެވެ. އާދެ، މިކަމުން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ނިރުބަވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ މަރުކަޒުތަކާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކާއި މިތަންތަނަށް މި ތަންތަނުގެ ޒިންމާ އަދާނުކުރެވޭ ކަމެވެ. މިގޮތަށް ކަންތައްތައް އިހުމާލުކޮށްލެވިފައި ބޭއްވުމުން، ނިރުބަވެރި އަމަލުތަކަށް ހިއްވަރުދެވި، އެފަދަ އަމަލުތައް ހިންގަން ބޭނުންވާ މީހުން އެކަން ކުރަމުންދެއެވެ. އެހެން ކަމަށްވާ އިރު، ނިރުބަވެރިކަމުގެ އަމަލުތައް ހިންގާ މީހުން ތަނުގައި މިނިވަންކަމާއެކު އުޅުމަކީ ލަދުގަންނަން ޖެހޭނޭ ކަމެއް ހެއްޔެވެ؟

އަދިވެސް، މި މަގާމުގައި ހަނދާންކޮށްލުން މުހިއްމު ވާހަކައެއް އެބަ އޮތެވެ. ނިރުބަވެރިކަމުގެ ވާހަކަ ދައްކާއިރު، މިފަދަ އަމަލުތައް ހިންގަން މެދުވެރި ކުރާ ސަބަބުތަކުގެ ވާހަކައާއި އެކަމަށް ހިއްވަރުދޭ މީހުންގެ ވާހަކަތަކެވެ. ސިޔާސީ ވެރިންނާއި ދީނީ މައިދާނުގައި މަސައްކަތްކުރާ މީހުންނާއި މިދެބައި މީހުންނަށް ތާއީދުކުރާ މީހުން ވެސް މިކަމަކަށް ސަމާލުވާންޖެހޭ ވާހަކައެވެ. ތިމާމެންގެ ޚަސްމުންގެ ވާހަކަ ދައްކައި، އެމީހުންނަށް ފާޑުކިޔައި އެއްޗެއް ބުނާއިރު، ތިމާގެ ދުލުން ނިކުންނަ ވާހަކައިގެ މާނައާ މެދު، ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނާލަން ޖެހޭނޭ ކަމެވެ. ސިޔާސީވެރިންނާއި ދީނީ މައިދާނުގައި މަސައްކަތްކުރާ މީހުންނާއި އަދި ޚުދް އާންމުން ވެސް، އެމީހުންގެ އަމަލުތައް ހުންނަނީ ނިރުބަވެރި ކަމަށް ހިއްވަރުދޭ ގޮތަށްތޯ ނުވަތަ ނޫންތޯ ބަލާލަން ޖެހެއެވެ. ނިރުބަވެރި އަމަލުތަކަށް ހިއްވަރު ނުދީވެސް، ތިމާގެ ޚަސްމުންގެ ވާހަކަތަކަށް ފާޑުކިޔައި އަދި އެމީހުންގެ ވާހަކަތަކަށް ރައްދުދެވޭނެއެވެ. ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ހުއްޖަތް ދެއްކިގެން، އާދެ، ޒުވާބު ދީގެންނެވެ. އެހެންވެ، އެއްވެސް މީހެއްގެ ވާހަކައިން ނުވަތަ އަމަލުން، ނިރުބަވެރިކަމަށް ހިއްވަރުދޭ ކަމަށް ވެއްޖެ ނަމަ، ކަމާ ބެހޭ ރަސްމީ އިދާރާތަކުން، އެކަން ހުއްޓުވަން ޖެހެއެވެ. މިއީ، އެއްގޮތަކަށް ވެސް ފަސޭހަ ކަމެކޭ ނުބުނެވޭނެއެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގައި، އިދިކޮޅު މީސްމީހުންގައިގައި ތަޅަން ބޭނުންކުރާ 'ގާނޫނީ އަސާގަނޑަކަށް' އެކަން ހަދާލެވިދާނެތީއެވެ. އެހެން ވިޔަސް، މިފަދަ އަމަލުތަކަށް ފާރަވެރިކަމާއެކުގައި ބަލައި، ނިރުބަވެރިކަމަށް ހިއްވަރުދޭ އަމަލުތަކާއި ވާހަކަތަކާ މެދު ފިޔަވަޅު އަޅަންޖެހެއެވެ. އެހެން ނުހަދައިފި ނަމަ، ނިރުބަވެރި އަމަލުތަކަށް ހުއްޓުމެއް ނައިސް، އެކަން ކުރިއަށް ދާނެއެވެ. މިނަންގަތް ފަދައިން އަމަލު ނުކޮށް، ނިރުބަވެރި އަމަލުތަކަށް ހިއްވަރުދޭ ވާހަކަތަކާއި އަމަލުތައް ހުއްޓުވުމުގެ ގޮތުން ފިޔަވަޅުނާޅައި ތިބެ، ދެން އެފަދަ އަމަލުތައް ހިންގާ ތަން ފެނުނީމާ އެކަމާ ލަދުގަންނަ ވާހަކަ ދެއްކުންވާނީ ލަދުގަންނަން ޖެހޭ ކަމަކަށެވެ.

ކޮންމެ އަކަސް މި މަގާމުގައި ފާހަގަކޮށްލަން ބޭނުންވަނީ ވެރިންނަށް އަމާޒުކުރެވިގެން، ވެރިންގެ ދުވަސް ދުއްވާލުމުގެ ގޮތުން، ހަމަލާތައް ދެވެން ފެށީ މިއަދު ނޫން ކަމެވެ. އަދި މިފަދަ މީސްމީހުން ރަށުތެރަށް ދޫވެފައި ތިބީ ވެސް މިއަދު އެކަނި ނޫން ކަމެވެ. މަތީގައި ނަންގަނެވި ދިޔަ ހާދިސާތަކުން އެނގެނީ ވޭތުވެދިޔަ ގިނަ ސަރުކާރުތަކުގެ ވެރިންނަށް އަމާޒުކޮށްގެން ނިރުބަވެރި ހަމަލާތައް ދީފައިވާ ކަމެވެ. މިފަދަ އަމަލު ހިންގާލަނީ ވަކި މީހެއް ކަމުގައި ވިޔަސް، ގިނަ ފަހަރަށް، މިކަމަށް ހިއްވަރުދީ މިކަން ހިންގުވާ ބަޔަކު ވެސް ފުރަގަހުގައި ތިބެއެވެ. ނަމަވެސް، އަދަބެއް ލިބުނަސް، ގިނަ ފަހަރު، އަދަބު ލިބެނީ ނިރުބަވެރި އަމަލު ހިންގާލާ މީހާއަށް އެކަންޏެވެ. އެކަމުގެ ފުރަގަހުގައި ހިއްވަރުދީ، އެކަމަށް ޚަރަދުކުރަން ތިބޭ ބަޔަކު ތިބެނީ، އެމީހުންގެ ނުފޫޒުގެ ސަބަބުން، ކުށުން ބަރީއަވެފައެވެ. މިއީ ވެސް، ނިރުބަވެރިކަމާ އިދިކޮޅަށް މަސައްކަތްކުރާ މަރުކަޒުން ފާހަގަކުރަން ޖެހޭނޭ ކަމެއްކަމާއި އަދި، އެކަމާ ވެސް އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހޭނޭ ކަމެކެވެ. މިކަމަށް ފިޔަވަޅު ނާޅައި، ދެން، ނިރުބަވެރި އަމަލުތައް ހިންގާ ތަން ފެނުމު އެކަމާ ލަދުގަންނަން ޖެހޭ ވާހަކަ ދެއްކުމަކީ ވެސް ލަދުގަންނަން ޖެހޭ ކަމެއް ނޫން ހެއްޔެވެ؟

އާދެ، ކުރިން ވެސް ނިރުބަވެރި އަމަލުތައް ހިންގި މީހުންނާ މެދު ފާރަވެރި ނުވެ، އަދި، އެކަންކަން ކުރާ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފައި ތިބެ، ދެން މިފަދަ ނިރުބަވެރި އަމަލުތައް ހިންގާ ތަން ފެނުމުން، އެކަން ކުރާ މީހުން އުޅޭ ކަމަކީ ލަދުގަންނަން ޖެހޭ ކަމެކޭ، ނިރުބަވެރިކަން ހުއްޓުވަން މަސައްކަތްކުރާ މަރުކަޒުގެ އިސް ވެރިން ބުނުމަކީ މާ ބޮޑަށް ވެސް ދަލުދަގަންނަން ޖެހޭ ކަމެކެވެ. ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަތައް ދީ، އެމީހުންގެ މައްޗަށް ބޮޑެތި އެތައްއެތައް ޚަރަދުތައް ކުރެވޭ ބަޔަކު، އެހެން ބުނުމަކީ އެ މީހުންގެ ޒިންމާ، އެ މީހުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު، އެމީހުން އަދާ ނުކޮށް، އެކަމުން ރެކިގަންނަން އުޅޭ ވާހަކައަކަށްވާތީއެވެ. އެހެންވެ، މި ވަގުތަކީ ނިރުބަވެރި އަމަލުތައް ހުއްޓުވުމުގެ މަސައްކަތްކުރާ މަރުކަޒުތަކުން އެކަން ނުހުއްޓެވެނީ ކީއްވެތޯ އަދި އެ މަސައްކަތުގައި އެ މުއައްސަސާތައް ފޭލިވެފައިވަނީ ކީއްވެތޯ ވެސް ސުއާލު ކުރަންވީ ވަގުތެކެވެ. އެފަދަ އަމަލުތައް ހިންގާ މީހުން ތިބި ކަމީ ލަދުގަންނަން ޖެހޭ ކަމެކޭ ބުނެ، ކައިރި މާޒީން ވެސް އެފަދަ މީހުންނަކީ އަބަދު ވެސް އުޅޭ ބައެއްކަން އެނގެން އޮތް އިރު، މުޅި މުޖުތަމައުގެ ބޮލުގައި އެކަން އަޅުވައި، އެކަމަކީ އެކަން އެންމެ ފުރަތަމައިން ވެސް އެނގެން ޖެހޭ ބަޔަކަށް އެކަން ނޭނގި އޮތް ކަން ދޭހަވާ ގޮތަށް އެއްޗެހި ބުނުމަކީ ހަގީގަތުގައި ވެސް ލަދުގަންނަން ޖެހޭ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
4111

2 Responses

  1. ޓެރަރިސްޓުން ގެ ނިތްކުރީގަ އެހެން ޖަހާފަ ހުރޭތަ ؟ މިއަށްވުރެ މާ ވަރުގަދަ ގައުމުތަކުގާވެސް އެފަދަ މުއައްސަސާތަކަށް ނޭންގި މިފަދަ ބޮޑެތި ކަންތައް ހިނގާ.

    1. އެހެން ޖަހާފައެއް ނޯވޭ. އަދި ވަރުގަދަ ގައުމުތަކުގައި ވެސް އެފަދަ ކަންތައްތައް، ކަމާ ބެހޭ މުއައްސަސާތަކަށް ނޭނގި ހިނގާ.
      އެހެން ޖަހާފާ ނޯންނާތީ ސިއްރު މައުލޫމާތު ޖަމާކުރުމުގެ މުއައްސަސާތައް ހެދިފައި ހުންނަނީ. އެކި ގޮތް ގޮތުން މައުލޫމާތު ހޯދައި އެފަދަ މީހުން ފާހަގަކުރުމަށްޓަކައި. މީގެ އިތުރުން، އެއްފަހަރު އެކަހަލަ މައްސަލައެއްގައި ބެދިފައިވާ މީހުންނާ މެދު ޚާއްސަ ސަމާލުކަމެއް ދީގެން، އެފަދަ މުއައްސަސާތަކުން ފާރަވެރިވަމުންދޭ. ދެންވެސް، އެފަދަ ކަންކަން، ކަމާ ބެހޭ މުއައްސާސަތަކަށް ނޭނގި އެފަދަ އަމަލުތައް ހިންގާލުމުން، އެ މުއައްސަސާތަކުން އެކަމުގެ ޒިންމާ ނަގައި، އެކަމުގައި އެމީހުންގެ ކޮންމެ ވެސް ވަރެއްގެ އިހުމާލު އޮތް ކަމަށް އެއްބަސްވޭ. އަދި، ބައެއް ފަހަރު، އެ އިހުމާލުގެ ކުޑަ ބޮޑު މިނާއި، ބާވަތުގެ މައްޗަށް ބަލައި، އެ ފަދަ މުއައްސަސާތަކުގެ އިސްވެރިން އިސްތިއުފާވެސްދޭ. އަދި، އެމީހުންގެ އިހުމާލަކީ ކޮބައިތޯ ބަލައި، އެކަންކަން އިސްލާހުކުރުމުގެ މަސައްކަތްކުރޭ. ލިިޔުމުގެ މަގުސަދަކީ މަސްއުލޫ ފަރާތްތަކުން މަސްއޫލުވެރި ގޮތެއްގައި ބުނާ ބުނުންތައް ބުނަންޖެހޭނެކަން ފާހަގަކުރުން. އެހެން މީހުންގެ ބޮލަށް އެކަންކަން ފޫޅު ކެނޑުން ދޭހަވާ ގޮތަށް ވާހަކަ ނުދެއްކުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *