...

Support Us

ބުއްދިވެރިއެއްގެ ބަސްކޮޅެއް: ބަހާއި އަމަލު ސީދާވުން

ދީނާ ބެނޭ ގޮތުން، މާ ގިނައިން، އަހަންނާ ވާހަކަދައްކަން ނުހަދާށެވެ. ނަމަވެސް، ކަލޭގެ އަޚުލާގާއި ކަލޭ ކަންތައް ކުރާ ގޮތާއި އަދި ކަލޭ އެހެން މީހުންނާ ދޭތެރޭ މުއާމަލާތް ކުރާ ގޮތުގެ ތެރެއިން ދީން އަހަންނަށް ފެނުދަ ދޭށެވެ.

މި ބަސްކޮޅު ކީރިތި ގުރުއާނުގެ އާޔަތެއް މާނައިގެ ވެސް އެކުލެވިފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ (2) كَبُرَ مَقْتًا عِندَ اللَّهِ أَن تَقُولُوا مَا لَا تَفْعَلُونَ [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން އެކަމެއް ނުކުރާ (ހެޔޮ) ކަންތައްތަަކުގެ ވާހަކަ (އެކަން ކުރިކަމަށް ހަދައި، އެހެން މީހުން) ކައިރީގައި ކަލޭމެން ބުނެ، (އެހެން މީހުން ލައްވައި އެކަން ކުރުވަން ވާހަކަ ދައްކައި) އުޅެނީ ކީއްވެ ހެއްޔެވެ؟ ކަލޭމެން އެކަމެއް ނުކުރާ (ހެޔޮ) ކަންތައްތަކުގެ ވާހަކަ، (ކަލޭމެން އެކަންކުރާ ކަމަށް އެހެން މީހުން ކައިރީގައި) ކަލޭމެން ދައްކައި (އެހެން މީހުން ލައްވައި އެކަންކުރުމަށް ބުނެއުޅުމަކީ) އެކަމަށް މާތްރަސްކަލާނގެ ނުރުހި ވޮޑިގެންވުން ވަރަށް ބޮޑަށް އޮތް ކަމެކެވެ.]

އާދެ، ކުރު ގޮތަކަށް މިއާޔަތުގެ މާނަ ލިޔެލާ ނަމަ މިހެން ބުނެވިދާނެއެވެ. އީމާންވި މީހުންނާ މުޚާތަބުކޮށް މި އާޔަތުގައި ބަޔާންކުރެވިފައި ވަނީ، ނުކުރާ ހެޔޮކަންކަމުގެ ވާހަކަ ނުދެއްކުމަށެވެ. ބަހާއި އަމަލު ސީދާނުވާ ގޮތަށް ވާހަކަ ނުދެއްކުމަށެވެ. ބަހާއި އަމަލު ސީދާނުވުން ދެ ގޮތަކަށް އޮވެދާނެއެވެ. ތިމާ ނުކުރާ ހެޔޮ ކަންތައްތަކުގެ ވާހަކަ ކުރިކަމަށް ހަދައިގެން ވާހަކަ ދައްކައި ތިމާއަކީ ހެޔޮލަފާ މީހެއް ކަމުގައި މީސްތަކުންނަށް ދެއްކުމެވެ. އަނެއް ގޮތަކީ، ތިމާގެ ކިބައިގައި އެ ހެޔޮ އަމަލު ކުރުމުގެ ގާބިލުކަން ހުރެމެ، އެކަން ކުރުމުން އެއްކިބާވެ ހުރެ، އެހެން މީހުން ކައިރިގައި އެ ފަދަ ކަންތައް ކުރަން ވާހަކަދެއްކުމެވެ.

މިފަދައިން ވާހަކަ ދެއްކުމަކީ ނިފާގުގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ، އެހެންވެ، މާތްރަސްކަލާނގެ ރުހިވޮޑިގެންނުވާ ކަމެކެވެ. އާދެ، ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ނިފާގުގެ އަމަލެކެވެ.

(ތަރުޖަމާއެއް)