...

Support Us

ރައީސް ނަޝީދަށް އަމާޒުކޮށް ބާރުގަދަ އެއްޗެއް ގޮއްވާލުމުން ޒަހަމްވީ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެންދަނީ. -އަދިވެސް ފޮޓޯ

ރައީސް ނަޝީދަށް ދިން ހަމަލާއަކުން ޒަޚަމްތަކާއެކު އެމަނިކުފާނު ސަލާމަތްވެވަޑައިގެންފި

ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއަކުން ޒަޚަމްތަކާއެކު އެމަނިކުފާނު ސަލާމަތްވެވަޑައިގެންފިއެވެ.

ނަޝީދަށް ހަމަލާދީފައި ވަނީ ނަޝީދު ދިރިއުޅުއްވާ، ގ. ކެނެރީގެ ހުންނަ، ނީލޯފަރުމަގު ދެކުނު ކަންމަތީގައި، މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަތުމަށް ބޮޑީގާޑާއެކު އެމަނިކުފާނު ވަޑައިގަންނަވަނިކޮށެވެ. ބާރުގަދަ އެއްޗެއް ގޮއްވާލައިފައި ވަނީ ކާރުކޮޅާ ވަރަށް ކައިރީގައި ޕާކުކޮށްފައި ހުރި ނޫކުލައިގެ ސައިކަލެއްގައެވެ. އެއްޗެއް ގޮވުމުގެ ސަބަބުން ސައިކަލްގެ ބައިތައް ވަނީ ބުރަބުރައިގެން ގޮސްފައެވެ. ގޮއްވާލަން ބޭނުންކުރި ޑިވައިސް އާއި އޭގެ ނަރުތައްވެސް އެތަނުގައި ފެންނަން ހުއްޓެވެ.

މަންޒަރުދުށް މީހުން ބުނި ގޮތުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފައި ވަނީ ރައީސް ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. މި ހަމަލާގައި ޒަހަމްވުމުން ނަޝީދު ވަނީ ވަގުތުން އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަޝީދުގެ ފޯނާއި ފައިވާންކޮޅު ވެސް ކާރުކޮޅު ކައިރީގައި ވެއްޓިފައި އޮތެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބާރުގަދަ އެއްޗެއް ގޮއްވާލި ސައިކަލް ވެއްޓިފައި، އަދި ނަޝީދުގެ ފައިވާންކޮޅާއި ފޯނު ބިންމައްޗަށް ވެއްޓިފައި. -އަދިވެސް ފޮޓޯ

"ވަރަށް ބާރު އަޑުފަށްގަނޑެއް އިވިގެންދިޔަ. އެވަގުތު އަހަރެންވެސް ބޭރަށް ނުކުމެ ބަލައިލިއިރު މީހުންތައް ތިބީ ވެއްޓިފައި،" މަޖީދީމަގުގައި ހުންނަ ފިހާރައެއްގެ ސޭޓަކު ބުންޏެވެ.

މި ހާދިސާގައި ފަސް މީހަކު ޒަހަމްވެގެންް ހޮސްްޕިޓަލަށް ގެެންދިޔައެވެ. އޭގެތެރޭގައި ރައީސް ނަޝީދާއި ނަޝީދުގެ ބައެއް ބޮޑީގާޑުންނާއި ބިދޭސީއަކު ވެސް ހިމެނެއެވެ.

މި ހަމަލާއަށް ގުޅިގެން ހަތިޔާރާއެކު ސިފައިން އަންނަނީ އެ ސަރަހައްދު ބަންދުކޮށް ފުލުހުންނާއެކު ހަރަކާތްތެރިވަމުންނެވެ. އަދި އެމް.އެން.ޑީ.އެފްގެ ބޮމް ޑިސްޕޯސަލް ޔުނިޓުން ވެސް ގެންދަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބާރުގަދަ އެއްޗެއް ގޮއްވާލުމުން ހަތިޔާރާއެކު ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. -އަދިވެސް ފޮޓޯ

މި ހަމަލާގެ ސަބަބުން ރައީސް ނަޝީދުގެ ހަށިކޮޅުގައި ވަރަށް ގިނަ ޒަޚަމްތައް ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ޒަހަމްތައް ސާފުކޮށް ބައެއް ޒަހަމްތައް ފަހައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޒަހަމްތައް ގިނަކަމުން ނަޝީދަށް ފަރުވާ ދެނީ ހޭނައްތައިގެން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މި ހަމަލާގައި ނަޝީދުގެ އެތެރެހައްޓަށް ސީރިއަސް ގެއްލުމެއް ވެފައިނުވާ ކަމަށާއި އަދި ހޭނެއްތުމުގެ ކުރިން ރަނގަޅަށް ހަރަކާތްތެރިވެވަޑައިގެންނެވި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ސައިކަލް ގޮއްވާލުމުން ބުރައިގެންދިޔަ އެތިކޮޅުތައް އެމް.އެން.ޑީ.އެފް މީހެއް ފޮޓޯ ނަގަނީ -އަދިވެސް ފޮޓޯ

މި ހާދިސާއާ ގުޅިގެން އެމް.އެން.ޑީ.އެފުން މިރޭ ނެރުނު ބަޔާނުގައިވެއެވެ.

"ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން އެ މަނިކުފާނު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް ވަނީ މަތިކުރެވިފައެވެ."

އެމްއެންޑީއެފުން އަދި ބުނީ މިރޭގެ ހަމަލާގައި ސިފައިންގެ ތިން މީހަކަށް އަނިޔާވި ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް އޭ.ޑީ.ކޭގައި ފަރުވާ ދެމުން އަންނައިރު، އައި.ޖީ.އެމް.އެޗަށް ގެންދިޔަ މީހާ ކަންފަތަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށެވެ. އޭ.ޑީ.ކޭގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ ހަށިގަނޑަށް ކުދިކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ރައީސް ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވަޒީރުންނާއި ސަރުކާރުގެ އިސް ގިނަ ބޭފުޅުންތަކެއް ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް ކުރީގެ ރައީސުންނާއި ސަރުކާރުގެ އިސް ފަރާތްތަކާއި ސިޔާސީ ފަރާތްތަކުން ގެންދަވަނީ ޝުއޫރު ފާޅުކުރައްވަމުންނެވެ. މިގޮތުން ރައީސް މައުމޫން އަބްދުލްގައްޔޫމު ވަނީ ޓްވީޓެއް ކުރައްވައިފައެވެ.

އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ވަނީ ޓްވީޓު ކުރައްވައިފައެވެ.

މި ހަމަލާ ކުށްވެރިކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ.

ޕްރޮގްރެސިވް ކޯލީޝަންގެ ރައީސް އަބްދުއްރަހީމު ވެސް ވަނީ ވަކިން ޓްވީޓެއް ކުރައްވައިފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވެސް ވަނީ ޓްވީޓުތަކެއް ކުރައްވައިފައެވެ. އޭނާ ވިިދާޅުވީ އެއީ ރާވައިގެން އެތެރެއިން ހިންގާފައިވާ ކަމެއް ކަމަށެވެ.

މި ހަމަލާ ކުށްވެރިކޮށް ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އިން ވެސް ވަނީ ޓްވީޓެއްކޮށްފައެވެ.

މި ހަމަލާ ކުށްވެރި ކުރައްވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ޓްވީޓު ކުރައްވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *