Support Us

ކޮލަމް: ވިނަވި

ޕިރާޑަށް ރާއްޖެ އާދެވުމާއި އެނބުރި ދިޔުން

ފްރާންސްވާ ޕިރާޑް ޑި ލާވަލް (François Pyrard de Laval) އަކީ އައު ތަޖުރިބާ ހޯދުމަށް ދުނިޔޭގެ ކަންކޮޅުތަކަށް ގޮސް ހެދި ފަރަންސޭސި ދަތުރުވެރިއެކެވެ. އޭނާއަށް ދިވެހިރާއްޖެއަށް އާދެވުނީ އެހެން ކުރި ދަތުރެއްގައެވެ. އެ ފަހަރު ކޮމޮރޯސްއިން ފުރައިގެން އިންޑިއާ ކަނޑު ހުރަސްކުރަނިކޮށް އޭނާ ދަތުރުކުރި ނައު 1 ޖުލައި 1602 ގައި ވަކި ތަނެއް ނޭނގި ދިވެހިރާއްޖެއާ ގޮނޑުވީއެވެ. އަދި ޖެހިގެން އައި ރޭގަނޑުގެ ވަގުތެއްގައި، ފަޅުވެރީންގެ ފަރުވާކުޑަކަމުން އެ ނައު، ކޯރބިން، މާޅޮސް މަޑުލު ގޮއިދޫ ފަރަށް އުރުނީއެވެ.

އެ ދުވަހު ހަތަރުދަމު އުޅެގެން ވެސް ނައު ފުނެއް ނުކުރެވުނެވެ. އޭގެ އަނެއް ދުވަހު ހެނދުނު ނަވުގައި ތިބި 40 ފަޅުވެރީންނަށް މާޅޮސް މަޑުލު ފުޅަދޫ އެއްގަމަށް އެރުނެވެ. އެ މީހުން ދިޔައީ ފަލްކާގައި ހުރި ތަނުން ރިހި ފައިސާ، ހިތުހުރި ވަރަކަށް ހިފައިގެންނެވެ. އެއީ ރަށުން ޟަރޫރީ ސާމާނު ގަތުމަށެވެ. އެހެނަސް ރަށު މީހުން ތަކެތީގެ އަގު އެރުވީމާ ދާދި އަވަހަށް އެމީހުންގެ އަތްމަތި ހުސްވިއެވެ.

ނައު އުރުނު ވާހަކައާއި އެއިން ބޭލި ފައިސާގެ ވާހަކަ މާލެއަށް ދިޔުމުން އެ ތަކެއްޗާ ހަވާލުވާން މާލެއިން މީހުން ފޮނުވިއެވެ. ރާއްޖޭގެ އެއިރުގެ ޤާނޫނު ބުނާގޮތުން އެފަދަ މުދަލަކީ ރަދުންގެ އެއްޗެއްސެވެ. އޭގެ ފަހުން ނަވުގެ ކައްޕިތާނާއި ފަޅުވެރިން މާލެއަށް ގެންދެވުނެވެ. ކުޑަ ދުވަސް ކޮޅެއްފަހުން ކައްޕިތާނު ނިޔާވީއެވެ. ފަޅުވެރިންގެ ތެރެއިން ގިނަ މީހުން ވެސް އެކިއެކި ބަލިބަލީގައި ނިޔާވެ، ބާކީ ތިބީ ޕިރާޑާ ލައިގެން ހަތަރު މީހުންނެވެ.

ފެށުނީއްސުރެން ބުއްދީގެ ބޭނުން ކުރުމުގެ ސަބަބުން ޕިރާޑް ދިވެހީންގެ މެދުގައި މަޤުބޫލުކަން ހޯދިއެވެ. އެގޮތުން އޭނާ ދިވެހިބަސް ދަސްކޮށް އޭނާގެ އޮޅީގެ ތަރުޖަމާނަކަށް ވިއެވެ. އަދި މާލެއަށް އައިސް އޭނާ ވީ ރަދުންގެ ވަރަށް ޚާއްސަ މީހަކަށެވެ. އޭނާގެ ދިރިއުޅުން ވެސް ހަމަޖައްސަވައިދެއްވީ ރަދުންގެ އެންމެ އަރިސް ކިލެގެގެ ގޭގައެވެ. ޕިރާޑަށް ވަރަށް ގިނަ އިމްތިޔާޒުތަކެއް ވެސް ރަދުން ދެއްވިއެވެ. އޭނާއަށް މަނާ އޮތީ އެންމެ ދެ ކަމެކެވެ. އެއީ ރާއްޖެއިން ފުރައިގެން ދިޔުމާއި ފާޅުގައި ނަސާރާ ދީނަށް އަޅުކަން ކުރުމެވެ. އޭނާއަށް ލިބުނު ހުއްދައިގެ ދަށުން ޕިރާޑް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވިޔަފާރިކަމު ދަތުރު ކުރިއެވެ. އެ ދަތުރުތަކުން ޕިރާޑަށް ރަށްރަށުގެ ހާލަތާއި އާދަކާދަތައް ވަރަށް ބޮޑަށް އެނގުނެވެ.

އެއިރު ރާއްޖޭގެ ރަދުންނަކީ އައްސުލްޠާން އިބްރާހީމް ކަލާފާނެވެ. އެ މަނިއްޕުޅަކީ ބޮޑުތަކުރުފާނު، އައްސުލްޠާނު މުހައްމަދު ތަކުރުފާނުލް އަޢްޡަމްގެ ދަރިކަލުންނެވެ. މަންމާފުޅަކީ ބާރަށު ބޯށިވަލު ބުޅާ ފާތުމަގެ ރެހެންދިޔައެވެ. އޭނާ ރަސްކަމަށް ވަޑައިގެންނެވީ ބައްޕާފުޅު ބޮޑުތަކުރުފާނު 27 އޮގަސްޓް 1585 ގައި އަވަހާރަވުމުންނެވެ.

ޕިރާޑް އެގޮތަށް އުޅެނިކޮށް 4 ފެބްރުވަރީ 1609 ވަނަ އަހަރު ފެބްރުއަރީގައި ސެޓިގަމު (މިހާރު ބަންގްލަދޭޝްގެ ޗޮއްޓުގްރާމް)ގެ ހަނގުރާމަވެރި ނައުތަކެއް ރާއްޖެއަށް ހަމަލާދިނެވެ. އެމީހުން އައީ ކޯރބިން ނަވުން ގެނައި ބޮޑުބަޑިތައް އަތުލުމެވެ. އެ ލަޝްކަރު އައުމުން ރަދުންގެ ވަޒީރުންނާއި އަމީރުންނާއި ފޮނަދޫ މުޙައްމަދު ފަނޑިޔާރުކަލޭގެފާނު ލަފާއެރުވީ ފިއްލެވުމަށެވެ. އެލަފާ ޤަބޫލުކުރައްވައި މާލެއިން ފުރައިގެން ދެކުނަށް ވަޑައިގަންނަވަނިކޮށް ހަނގުރާމަވެރިން އެ މަނިއްޕުޅުގެ ގުރާބާ ހަންޏާމީދޫއާ ހަމައިން އަރާ ހަމަކޮށް ލޮންސިންނާއި ދުނިން ހަމަލާދިނެވެ. ރަދުން އަރިހުގައި ތިބި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން ގުރާބުން ފުންމާލައިގެން ފަޅު ރަށްރަށަށް އަރައި ފިލީއެވެ. ރަދުންގެ އަރިހުގައި ޘާބިތުވެ ހުރީ ޖަމާލު ކަލޯ އެކަންޏެވެ. ދެން ހަނގުރާމަވެރީން ގުރާބަށް އަރައި އެ ދެ ބޭފުޅުން އަވަހާރަކޮށްލީއެވެ. އުޅަނދުކޮޅު އެ ދެ ބޭފުޅުންގެ ހަށިކޮޅުތަކާއެކު ހަންޏާމީދޫ ކައިރިން އޮޔާދަނިކޮށް އެ ރަށު މީހުންނަށް އެ ހަށިކޮޅުތައް ފެނިގެން އެއްގަމަށް ބާލައި އެރަށުގެ މިސްކިތްދޮށުގައި ފަސްދާނުލައި ޒިޔާރަތް އެރުވީއެވެ.

މި ލިޔުމުގައި ކަލާފާނު އަވަހާރަވީ ތާރީޚު ލިޔެފައި މިވަނީ "ތަންޤީޙު ކުރެވުނު ދިވެހި ތާރީޚުގެ ތަންތަންކޮޅު"ގައި މުޙައްމަދު އަމީން ލިޔުއްވާފައިވާ ގޮތަށެވެ. އެހެނަސް، ޕިރާޑް ލިޔުއްވާފައިވަނީ އޭގެ ދެ އަހަރު ކުރީގެ ތާރީޚެކެވެ. އެއީ ފެބްރުވަރީ 1607 އެވެ. މުޙައްމަދު އަމީން، އޭނާ ލިޔުއްވި ތާރީޚު ނަންގަވާފައިވަނީ ހަސަން ތާޖުއްދީންގެ ތާރީޚު ފޮތުންނެވެ. އަމީން ތާޖުއްދީނަށް އިތުބާރުކުރެއްވީ ޕިރާޑާ ޚިލާފަށް، އޭނާ ކަލާފާނުގެ ޢިލްމްވެރިކަމާއި އަޚުލާގަށް ތާރީފު ކުރައްވާފައި ވާތީއެވެ. މިކަމުގައި ވިސްނާލަންޖެހޭ ދެ ނުކުތާއެއް އެބައޮތެވެ. އެއް ކަމަކީ ޕިރާޑަކީ ހާދިސާ ހިނގިއިރު އެތަނުގައި ހުރި މީހަކަށް ވީކަމެވެ. ދެވަނަ ކަމަކީ އެ ހިސާބުން ފެށިގެން ޕިރާޑްގެ ދަތުރުނާމާގައި ގެންނަވާފައިވާ އެހެން ތާރީޚުތައް މި ތާރީޚާ ލާމެހިގެންދާކަމެވެ.

ބަންގާޅު ހަނގުރާމަވެރީންނަށް ޕިރާޑްމެން ހަތަރު މީހުންނަކީ ޕޯޗުގީޒު މީހުން ނޫންކަން އެނގުނީމާ އެމީހުންނާ ރުހި، އިންޑިޔާއަށް ގެންގޮސްދޭން އެއްބަސްވިއެވެ. އެ މީހުން ފުރަތަމަ ދަތުރުކުރީ މަލިކަށާއި ލަކަދީބަށެވެ. ދެން ޗޮއްޓުގްރާމަށެވެ. އެ އިރު ޗޮއްޓުގްރާމަކީ އިންޑިއާގެ ރަށެކެވެ.

ޗޮއްޓުގްރާމް (ސެޓިގަމު)ގެ ރާޖާ ޕިރާޑްމެން އެ ރަށުގައި ބައިތިއްބަވަން އުޅުއްވިއެވެ. އެހެނަސް އެގޮތް ޤަބޫލުނުކޮށް ރާޖާގެ އެހީގައި ކޯޒިކޯޑް (ކާލިކަޓް) އަށް ދާން ދަތުރެއް ހޯދީއެވެ. އެއީ އެތަނުގައި އުޅޭ ޑަޗްމީހުންނަކީ ފަރަންސޭސީންގެ ބައިވެރީންނަށް ވާތީވެ އެމީހުންގެ މެހެމާންދާރީ ލިބޭނެތީއެވެ. އަދި އެމީހުންގެ ފަރާތުން ޔޫރަޕަށް ދާން ދަތުރެއް ލިބިދާނެތީއެވެ. ކޮންމެއަކަސް ކަންދިމާވި ގޮތުން ޕިރާޑް ދަތުރުކުރި އުޅަނދަށް ދެވުނީ ކޯޒީކޯޑަކަށް ނޫނެވެ. މުޓުންގަލްއަށެވެ. އެއީ ކޯޒީކޯޑާއި ކޮއްޗޭ (ކޮޗިން) އާ ދެމެދުގައި އޮންނަ ރަށެކެވެ. އެއީ ކަނޑުފޭރޭ މީހުންގެ ސަރަހައްދެކެވެ. އެހެނަސް އެއީ ޕޯޗުގީޒުންނާ ދެކޮޅު ބަޔެކެވެ. އެގޮތުން އެއީ ފަރަންސޭސީންގެ ރަހުމަތްތެރީންނެވެ. ވީމާ ޕިރާޑްމެންނަށް އެމީހުން ދިނީ ވަރަށް ހޫނު މަރުހަބާއެކެވެ. އަދި އެމީހުން ކައިރީގައި އުޅެން ދައުވަތު ދިނެވެ. އެ ދައުވަތު ޤަބޫލުނުކޮށް ޕިރާޑްމެން ކޯޒީ ކޯޑަށް ދަތުރުކުރީއެވެ. އެ މީހުންނަށް އެ ރަށަށް ދެވުނީ 1607 ގެ ޖޫންގެ ފަހުކޮޅުގައެވެ.

ކޯޒީކޯޑްގައި ޕިރާޑްމެންނަށް ލިބުނީ އަދި މާހޫނު މަރުހަބާއެކެވެ. އެތަނުގެ ރާޖާގެ މެހުމާންދާރީގައި އަށް މަސް ދުވަހު އެތަނުގައި ތިއްބެވެ. ނަމަވެސް  އެހާތަނުން އެ ރަށުގައި އުޅުނު ދެ ޖެސުއިޓުން (ނަޞާރާއިންގެ މަޒުހަބެއްގެ މީހުން)ގެ މަޅިއެއްގައި އެ މީހުން ބެދުނެވެ. އެ ޖެސުއިޓުން ޕިރާޑްމެން ކައިރީގައި ތިމަންނާމެންގެ ހިމާޔަތުގައި ކޮޗިންއަށް ގެންގޮސްދޭނަމޭ ކިޔައި އޮޅުވާލައިގެން އެ މީހުން ކޯޒީކޯޑުން ނެރުނީއެވެ. ރަށް ބޭރުން ޕޯޗުގީޒުންގެ އޮޅިއެއްގެ ބަޔަކު އެމީހުން ކިޑްނެޕްކޮށްގެން ޤައިދީންގެ ގޮތުގައި ކޮޗިން އަށް ގެންދިޔައީއެވެ. އެތަނުން އެ މީހުން ފޮނުވީ ގޯވާއަށެވެ. ޕިރާޑަށް ގޯވާއަށް ދެވުނީ ޖޫން 1608 ގައެވެ.

ގޯވާގައި ތިބި ޕޯޗުގީޒުން އެ މީހުންގެ އަޅުވެތިކަމަށް ޕިރާޑްމެން ގެންދިޔައީއެވެ. ދުވަސްކޮޅަކު ޖަލުގައި ބޭތިއްބުމަށްފަހު އެމީހުންގެ ޚިދުމަތަށް ވެއްދީއެވެ. އެކަމުގައި ސިލޯނަށާއި އީސްޓް އިންޑީޒަށް ފޮނުވިއެވެ. އެތަންތަނުން އެނބުރި އައިސް 1609 ގެ ފަހުކޮޅު ޕިރާޑް ހޭދަކުރީ ގޯވާގައެވެ. އެތަނުން ލިބުނު ދަތުރެއްގައި ޖަނަވަރީ 1610 ގައި ފުރައިގެން ބްރެޒިލަށް ދިޔައެވެ. ދުވަސްކޮޅަކު ބްރެޒިލްގައި އުޅުމަށްފަހު ޔޫރަޕަށް ގޮސް އޭނާގެ ރަށް، ލާވަލްއަށް ދެވުނީ 16 ފެބްރުވަރީ 1611 އިގައެވެ. އެއީ އެ ރަށުން ފުރިތާ 11 އަހަރު ފަހެވެ. ރާއްޖެއިން ފުރިތާ ހަތަރު އަހަރު ފަހެވެ.

ޕިރާޑް އޭނާގެ ދަތުރުނާމާ ލިޔުނީ ރަށަށް ދިޔުމަށްފަހުގައެވެ. ވީމާ އޭނާގެ ފޮތުގައި ވާ ހަނދާންތަކަކީ ހަތަރު އަހަރު ވެފައިވާ ހަނދާންތަކެކެވެ. އެކަމާއެކު ވެސް އެ ހަނދާންތައް ތަފްސީލުވެފައި ސާފެވެ. އެ ދަތުރުނާމާއިން އެ އިރުގެ ރާއްޖޭގެ ހާލަތާއި ޘަޤާޤާފަތާއި ތާރީޚުގެ މައްޗަށް ނާދިރު އައްޔެއް އަޅުވާލަދެއެވެ. (އ.ހ.)

(ނޯޓް: ފޮޓޯއިން ފެންނަނީ ޕިރާޑް ރާއްޖެއަށް އައި ނައު، ކޯރބިންގެ ޚިޔާލީ ކުރެހުމެކެވެ.)

ރިފަރެންސް

ޑި ލާވަލް، ފްރާންސްވާ ޕިރާރޑް (1897) "ދަ ވޮޔޭޖް އޮފް ފްރާންސްވާ ޕިރާރޑް އޮފް ލާވަލް،" އިންޓްރޮޑަކްޝަން، އަލްބަރޓް ގްރޭ އާއި އެޗް.ސީ.ޕީ.ބެލް އެޑީޓަރުން، އޮކްސްފޯރޑް ޔުނިވަރސިޓީ ޕްރެސް، ނިއު ދިއްލީ
އަމީން، މުޙައްމަދު (1949) "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު،" ޞ 169 ޞ 173
ތާޖުއްދީން، އަލް ޤާޟީ ޙަސަން (2020) "ތާރީޚް އިސްލާމި ދީބާ މަހަލް،" ޞ 49، ދިވެހިބަހުގެ އެކެޑެމީ