Support Us

ޖިންނީގެ ޖަވާބު: ކަލޭމެންނަށް ތިނޫން ގޮތެއް ނެތެވެ!

އަތިރިމަތީގައި ހުރި ހޮޅުއައްޓެއްގެ މަތީގައި އޮށޯވެލައިގެން އޮވެ ދެ ރަހުމަތްތެރިން ވާހަކަދައްކަމުން ދިޔައެވެ. ކޮންމެ ދުވަހެއްގެ ވާހަކަ ވެސް ނިމޭ ފަދައިން މިއަދުގެ ވާހަކަ ވެސް ނިމުނީ ސިޔާސަތުގައި ޖެހިގެންނެވެ. އެކަކު ބުނި އަޑު އިވުނެވެ. "މަނިކުބޭއެވެ. ތަރައްގީގެ ވާހަކަ އިވޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އަހަރުމެންގެ ކަންތައްތައް ހިންގަން މިތެބެނީ ހައްތަހާ ވެސް ހަމަ ވަރުގަދަ ޑިކްޓޭޓަރުންނެވެ. ކޮންމެ ނަމެއް ކިޔަސް ވެހެވެ. ތަފާތު އަނގަތަކުން ތަރައްގީގެ ވާހަކަތައް ގޮވާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް، އަހަރުމެންގެ ހަޔާތަކަށް، އާންމު ދިރިއުޅުމަކަށް، މާ ބޮޑު ބަދަލެއް ނާދެއެވެ. ދުވަހުން ދުވަހަށް ކާނޭ އެތިކޮޅެއް ހޯދުން ވެސް އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައެވެ. އުޅެން މިޖެހެނީ ޖަލު ގޮޅިފަދަ ގޮޅިގޮޅީގައެވެ. ދެމަފިރިންނާއި ދަރިން މިއުޅެނީ ހަމަ ކުޑަ ކޮޓަރިގަނޑެއްގައެވެ. ކައިބޮއި ނިދާ ހަދަން ޖެހިފައި އޮތީ ހަމަ މި ކޮޓަރިގަނޑުގެ ތެރޭގައެވެ. ކުދިވެރިން ކިޔަވަން ވެއްޖިއްޔާ ދާން މިޖެހެނީ މާ ދުރުދުރު ހިސާބަށެވެ. ރުފިޔާއަކަށް ލިބޭ ޑިސްޕިރިން ގުޅަގަނޑެއް ހޯދަން ޖެހިއްޖެ ނަމަ، ދަރަންޏަށް ނޫނީ ސަލާންޖަހައި އާދޭސްކޮށްގެން ނަމަވެސް، ހާހެއްހާ ރުފިޔާ ހޯދައި އެދީފައި ކުއްޔަށް އެއްޗެއް ހިފައިގެން އަހަރުމެންނަށް މި ޖެހެނީ ކޮންމެ ވެސް އެހެން ރަށަކަށް ދާށެވެ. އަޅެ މަނިކުބޭ ނިކަން ބުނެބަލާށެވެ. ޑިކްޓޭޓަރުންގެ ކިބައިން އަހަރުމެން ސަލާމަތްވާނީ ކޮން ދުވަހަކުން ހެއްޔެވެ؟ މިނޫން ގޮތެއް އަހަރުމެންނަށް ހަމަ ނެތީ ހެއްޔެވެ؟ އަހަރުމެންގެ ހާލަތު ބަދަލުވެދާނެ ހެއްޔެވެ؟"

ލާނެއް މިޒާޖެއްގެ މަނިކުބޭ ބުންޏެވެ. "ތި ސުއާލު ކުރަންވީ އަހަންނަކާ ނޫނެވެ. ތިހުރި ބޮޑު ނިކަގަސް ބުޑަށް ކޮންމެ ރެއަކު ޖިންނިއެއް ފައިބައިވާ ވާހަކަ، ސިއްރުސިއްރުން، ރަށުތެރޭ ދައްކާއުޅޭ އަޑު މަ އެހީމެވެ. އަދި އެކަން ދަންނަ މީސްމީހުން އެ ޖިންނިއާ ބައްދަލުކޮށް އެމީހުން ބޭނުންވާ ކަންތައްކުގެ ވާހަކަ އަހަޔޯއޭ ވެސް ކިޔާ އަޑު މަ އެހީމެވެ. އަހައްމަދު ވެސް ނިކަން މިރޭ އިޝާނަމާދުން ފައިބައިގެން ނިކަގަސް ބުޑަށް ގޮސް ޖިންނިއާ ބައްދަލުކޮށް އޭނައާ އަޅެ ތިސުއާލު ކޮށްބަލާށެވެ. ފަހަރެއްގާ ރަނގަޅު، ސާފު ޖަވާބެއް ވެސް ލިބިދާނެ ނޫން ހެއްޔެވެ؟"

ގަބޫލުކުރަން ދަތިކަމުގައި ވިޔަސް އަހަންމަދު ގަސްދުކުރީ އަޖުމަ ބަލާލުމުގެ ގޮތުން އިޝާ ނަމާދަށް ފަހު ނިކަގަސްދޮށަށް ދާށެވެ. އަދި މަނިކުބޭ އެބުނާ ޖިންނި ފައިބައިފި ނަމަ އެއްކަލަ ސުވާލުކޮށްލާނީ އޭ ވެސް ހިތާހިތާ ބުންޏެވެ.

އިޝާނަމާދަށް ފަހު، ހަލުވި ހިނގުމެއްގައި ނިކަގަސް ދޮށަށް ގޮސް އަހައްމަދު މަޑުކޮށްލިއެވެ. އިރުކޮޅަކުން ގަހުގެ ފަތްތައް ހެލިލި އަޑު އިވުނެވެ. ދެން ފެނުނީ ދޫދޫ ހުދު ހެދުމެއް ލައިގެން ހުރި އެއްޗެއް ގަހުން ފޭބިތަނެވެ. އެ އެއްޗެއްގެ ބޮލުގައި ހުދު ފަގުޑިއެއް ވެސް އޮތެވެ. ކަޅުފޮއި މޫސުންވެފައި އަނދިރިކަމުން ތަންދޮރު ރަނގަޅަށް ވަކިވާ ގޮތެއް ނުވެއެވެ. ކުޑަކޮށް ބިރުގަނެ ޖެހިލުންވެ ހުރެ އަހައްމަދު އެ އެއްޗެއްގެ ކައިރިއަށް ޖެހިލިއެވެ. އަދި ސަލާން ގޮވާލުމަށް ފަހު، ސުއާލުކޮށްލިއެވެ. "އޭ ޖިންނި ރަސްގެފާނެވެ! އަހަރުމެންގެ މައްޗަށް އަމުރު ހިންގަން އަބަދުވެސް ޑިކްޓޭޓަރުން ތިބެނީ ކީއްވެ ހެއްޔެވެ؟ އަހަރުމެންނަށް ކުރިއަށް ނުދެވިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކަމެއްގެ ވެސް ފުލުގައި ތިބުމަކީ ހަމަ އަހަރުމެންނަށް އޮތް ގޮތް ހެއްޔެވެ؟"

ސަލާން ބަލައިގަތުމަށް ފަހު، ޖިންނި ބުނި އަޑު އިވުނެވެ. "އާނއެކެވެ. ކަލޭމެންނަށް ހުރީ ހަމަ ތިގޮތެވެ. ކަލޭމެންގެ ހާލަތު ބަދަލެއް ނުވާނެއެވެ. ކަލޭމެންގެ ވެރިންނަށް އަބަދުވެސް ތިބޭނީ ޑިކްޓޭޓަރުންނެވެ. ތަރައްގީއޭ، ކުރިއެރުމޭ، ޑިމޮކުރަސީއޭ، އިސްލާމް ދީނޭ ނޫނީ އެހެން އެއްޗެކޭ ކިޔަސް ކަލޭމެންގެ ހާލަތު ބަދަލެއް ނުވާނެއެވެ. ކަލޭމެން ތިބޭނީ ހަމަ ތި ތިބި ގޮތަށެވެ. ކަލޭމެން ދެމިތިބޭނީ ވެރިންނަށް ލީޑަރު ތަސްބީހަ ކިޔުމުގައްޔާއި މަހާނަމައްޗަށް މަޑިޔަށް ޖެހުމުގައެވެ. ކަލޭމެން ދަންނަ ގައުމީ ޚިދުމަތަކީ އެއެވެ." ދެން އަހަންމަދަށް ބުނެވުނެވެ. "އެއީ ކީއްވެ ހެއްޔެވެ؟"

އަނެއްކާވެސް ޖިންނި ބުނި އަޑުއިވުނެވެ. "މާތްކަލާނގެ ކަލޭމެންގެ ކޮންމެ މީހަކަށް ވެސް އަމިއްލަ ސިކުނޑިއެއް ދެއްވިއެވެ. ވިސްނާ ފިކުރުކުރުމަށެވެ. ނަމަވެސް، މީހެއްގެ އެހީއަކާ ނުލައި ކަލޭމެންނަށް އޭގެ ބޭނުމެއް ކުރެވޭކަމަކަށް ނުވެއެވެ. ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވުމުގެ ފުރުސަތު، އެހެން މީހުންނަށް، ކަލޭމެން އެންމެންހެން ދެއެވެ. ދީނީ ކަންކަމާ މެދު ކަލޭމެންނަށް ގޮތް ކިޔައިދީ ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވެ މީހުން ތިބެއެވެ. ސިޔާސީ ގޮތް ކިޔާއިދޭން ކަލޭމެންގެ ސިކުނޑިތަކަށް ސަވާރުވެ މީހުން ތިބެއެވެ. އެހެންވެ، މާތްކަލާނގެ ދެއްވި ސިކުނޑި ބޭނުންކޮށްގެން، މިއިން އެއްވެސް މީހަކު ބުނާއެއްޗެއް، އެ އެއްޗެއް ބުނާ މީހެއްގެ މޫނަށް ނުބަލައި، އެ ބުނާ އެއްޗެއްގެ ރަނގަޅު ނުރަނގަޅު، ހެޔޮ ނުބައި ކަނޑައަޅާލައި، އޭގެ އަގުވަޒަން ކުރަން ދަސްކުރާކަށް ކަލޭމެން ނޫޅެއެވެ."

"ކަލޭމެންގެ ކިޔުން ހުރި ގޮތް ނިކަން ދެކިބަލާށެވެ. އެންމެ ފުރަތަމަ ބުނަން އޮތީ ފޮތް ފަދަ އެއްޗެހި ކިޔުމަކީ ކަލޭމެންގެ ތެރޭގައި އޮތް އާދައެއް ނޫނެވެ. އެއްޗެއް ކިޔާ ނަމަ، ކަލޭމެންގެ ކިޔުމެކޭ ކުޑަ ކުއްޖަކު އޭނާގެ ކުޅޭ ބޯޅަ މަގުމައްޗަށް ގޮސްގެން އެ ބޯޅަ ހޯދަން އޭގެ ފަހަތުން ދުވެ ދިޔުމެކޭ އެއްފަދައެވެ. ކުއްޖާއަކަށް މަގުމަތީ ދެކޮޅަށް ދުއްވާ އެއްޗިއްސެއް ނުފެނެއެވެ. އޭނާއަށް ފެންނަނީ ހަމަ އެކަނި އޭނާގެ ބޯޅައެވެ. ހަމަ އެހެންމެ އެއްޗެއް ކިޔާއިރު ކަލޭމެންނަށް ފެންނަނީ ލިޔެފައި އޮތް އެއްޗެއް ނޫނެވެ. ކަލޭމެންގެ ހިތުގައި އޮންނަ އެއްޗެކެވެ. އެހެންވެ، ލިޔެފައި އޮންނަ ވާހަކައިގެ މައިގަނޑު މައުޟޫއަކީ ކޮބައިކަމާއި ލިޔުމުގެ ޒުވާބު ބިނާވެފައި އޮތީ ކިހިނެއް ކަމާއި މިކަމަށް ބާރުދިނުމުގެ ގޮތުން ގެނެސްފައިވާ ހެއްކަކީ ކޮބަައިކަމާއި މިފަދަ ހެކި ތަހުލީލުކޮށް އެއާ ބެހޭ ނުކުތާއާއި ގުޅުވާލެވިފައިވަނީ ކިހިނެއްކަން ކަލޭމެން ބަލާކަށް ބޭނުމެއް ނުވެއެވެ. އެހެންވީމާ ލިޔުމުގައި ބުނާ ވާހަކަ އޮންނަނީ ނުވިސްނިފައެވެ. އަދި ނުވިސްނޭކަން ވެސް ކަލޭމެންނަށް ރޭކާއެއް ނުލައެވެ. ކަލޭމެންނަށް ވިސްނެނީ ކަލޭމެންގެ ހިތުގައި ކަލޭމެން އަމިއްލައަށް ކަނޑައަޅާލާފައި އޮންނަ އެއްޗެކެވެ. މިފަދަ ގޮތެއްގައި ކަލޭމެން ލިޔެކިޔުމުގެ ސަގާފަތް އޮތް އިރު، ކަލޭމެންގެ ތެރޭގައި އިލްމީ ހަރަކާތެއް ފެށިދާނެ ހެއްޔެވެ؟ އަދި، އިލްމީ ހަރަކާތެއް ނެތި، ހަގީގީ ކުރިއެރުމެއް ފަށައިގަނެވި ކަލޭމެންގެ ހާލަތު ހެޔޮ ގޮތަކަށް ބަދަލުވެގެން ހިނގައިދާނެ ހެއްޔެވެ؟"

"މިފަދައިން ކަލޭމެންގެ ވިސްނުމާއި ފިކުރުކުރުމުގެ ކަންތައް އޮތުމުން، ދެން ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ކަލޭމެންގެ ސިކުނޑީގައި ކަސްތަޅު އެޅުމެވެ. ކަލޭމަންނަށް އަމިއްލައަށް ވިސްނަން ދަސްނުވުމެވެ. އަޅެ ނިކަން ބުނެދީބަލާށެވެ. އަމިއްލަ ސިކުނޑި ބޭނުންނުކޮށް، އަމިއްލައަށް ނުވިސްނައި ދުނިޔޭގައި އެއްވެސް ބަޔަކަށް ކުރިއެރުމެއް ލިބުނު ހެއްޔެވެ؟ ކަލޭމެން ނިކަން ކުރިއަރާފައިވާ ގައުމުތަކަށް ބަލާލަ ބަލާށެވެ. އެ ގައުމުތަކުގެ ކުރިއެރުން ގުޅިފައި އޮތީ ވިސްނުމާއި ފިކުރުކުރުމާއެވެ. އިލްމީ ގޮތުން ތަރައްގީ ވުމާއެވެ. ކުރިއެރުމުގެ ބިންގަލަކީ މިއެވެ. އަރަބި ދުނިޔެއަށް ނިކަން ބަލާލަބަލާށެވެ! އެމީހުންގެ ބައެއް މީހުން އަތުގައި ފައިސާ ނެތީ ހެއްޔެވެ؟ އެމީހުން ކުރި ނާރައިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ވިސްނުމާއި ފިކުރުކުރުމުގެ ކުރިއެރުމެއް ލިބިފައި ނެތީމައެވެ."

ތިޔަ ބުނީކީ މުޅިއަކުން ގޯސް ވާހަކައެއް ނޫނޭ އަހަމަދަށް ބުނެވުނެވެ. ދެންވެސް، ޖިންނީގެ ވާހަކަ އިތުރަށް ކުރިއަށް ގެންދާ އަޑު އަހައްމަދަށް އިވުނެވެ.

"ކަލޭމެން އަޅެ ނިކަން ކަލޭމެންގެ އަމިއްލަ ކައިރި މާޒީއަށް ބަލާލަބަލާށެވެ. އެކަކު ކަލޭމެންގެ ބޮލަށް ސަވާރުވީ ޖުމްހޫރިއްޔަތޭ ކިޔާފައެވެ. އޭގެ މާނައާ ދޭތެރޭ ކަލޭމެން ވިސްނީމު ހެއްޔެވެ؟ އެންމެން ބައިވެރިވާ ވެރިކަމެކެވެ. ނަމަވެސް ހަގީގަތަކީ ކޮބައިހެއްޔެވެ؟ ކަލޭމެންގެ އަމިއްލަ މީހަކު ބުނިފަދައިން އެ ބުނާ ޖުމްހޫރިއްޔަތެއްގައި ވެސް އޮތީ މުސްތަބިއްދު ކަމެވެ. އެވީ ވަރުގަދަ "ޑިކްޓޭޓަރޝިޕް"އަކަށެވެ. އޭނާ ގެނައި ޖުމްހޫރިއްޔަތު އޮތްހާ ހިނދަކު ކަލޭމެން އޭނާއަށް ސަނާކިޔުމުގައި ތިއްބެވެ. އޭނާ ވެއްޓުމުން އޭނާއާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި ހެއްޖެވެ."

"ދެން އައީ ވެސް ހަމަ އެހާ ވަރުގަދަ ޑިކްޓޭޓަރެކެވެ. މުސްތަބިއްދު ވެރިޔެކެވެ. ކަލޭމެންނަށް ވިސްނޭނީ ހަމަ އެކަނި ބާރުގެ ބަހުރުވައޭ ބުނެ، ސީދާ ބާރުގެ ބޭނުކޮށް ވިއްސަކަށް އަހަރު ކަލޭމެންގެ ސިކުނޑިތައް ބަންދުކޮށްގެން ގެންގުޅުނެވެ. ކަލޭމެން ތިބީ ހަމަ ކުރިން ވެސް ތިބި ގޮތުގައެވެ. އޭނާގެ ބާރު އޮތްހާ ހިނދަކު އޭނާއަށް ސަނާކިޔުމުގައެވެ. އޭނާ ދިޔުމުން، ހެއްދެވިހާ ހުތުރު އެއްޗެއް އޭނާއާ ދިމާއަށް ކަލޭމެން ގޮވިއެވެ."

"ދެން ވެސް ފެނުނީ ހަމަ އެއް މަންޒަރެކެވެ. ވެރިކަމުގެ ގޮނޑިއާ ހަމައަށް މިފަހަރު ވާސިލުވީ ދީނުގެ ނަން ބޭނުންކޮށްގެންނެވެ. އެތައް ދަސް އަހަރު އެ ގޮނޑީގައި އިނދެފައި ދިޔައިރު ކަލޭމެންގެ ކަންތައްތައް އޮތީ ކިހިނެއް ހެއްޔެވެ؟ ތަން އޮތީ ދަރަނިވެރިވެފައެވެ. އަމިއްލަ ބިންތައް ވަކި ބައެއްގެ ފައިދާއަށްޓަކައި ވިއްކާލެވިފައެވެ. ޝަރުއީ ނިޒާމު ހަލާކުވެފައެވެ. ބޮޑެތި ކުށްތައް ކުރަމުން ދިޔަ މީސްމީހުން، އެއީ ގާތް ތިމާގެ މީހުންނަށް ވުމުން، އެކުށްކުށަކީ ކުށަކަށް ނުވެފައެވެ. އެއްދުވަހު ޓީވީއަށް އަރާފައި މިވެނި މީހަކު އެކުރީ ބޮޑު ކުށެކޭ ބުނާނެއެވެ. އަނެއް ދުވަހު ހަމަ އެމީހާ ހުދު ކަފަކޮޅަކަށްވެ، އޭނާއަށް ދައަލުތުގެ ވަޒީރުކަން ދޭނެއެވެ. ދީން ދިފާއުކުރަށް އައި ވެރިޔާގެ ދައުރުގައި ފަސާދައިގެ އަމަލުތައް ހުރިހާ ގައުމީ މުއައްސަސާތަކެއްގައި އާންމުވެގެން ދިޔައެވެ. ދެން ކަލޭމެން ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އޭނާއަށް ޚުޝާމަދުކުރުމުގައި ދެމިތިބީއެވެ. މީގެ އިތުރުން، އަދިވެސް، ކަލޭމެންގެ ތެރެއިން އެތައް ބަޔަކު، އެމީހުންގެ ސިކުނޑިތަކަށް، އޭނާ ސަވާރުވެ އިނުމުގެ ފުރުސަތު އޭނާއަށް ދެއެވެ!"

"ދެން އައީ ޑިމޮކުރަސީގެ އަސާ ބޭނުންކޮށްގެން ވެރިކަމުގެ ގޮނޑިއަށް ވާސިލުވުމުގެ ދުވަސްތަކެވެ. ކަލޭމެން މައިތިރިކޮށް ކަލޭމެންގެ ބޮލަށް ސަވާރުވާން ކޮންމެ ކަހަލަ އަސައެއް ބޭނުން ކުރިއަސް ނަތީޖާ އެއްގޮތެވެ. ނިމެނީ ހުރިހާ ބާރެއް އެކެއްގެ އަތްމައްޗަށް ޖަމާވެގެންނެވެ. ކަލޭމެންގެ ރަށުގައި ވެރިކަމުގެ ގޮނޑިއަށް ވާސިލުވާން ކޮންމެ މަގަކުން ކޮންމެ މީހަކު ހިނގަން ގަސްދުކުރިއަސް ގޮސް އެމީހަކަށް އެރެނީ ޑިކްޓޭޓަރެއްގެ ދާންމައްޗަށެވެ. ބޮލުގައި އެޅެނީ ޑިކްޓޭޓަރެއްގެ ތާޖެކެވެ. ޖުމްހޫރިއްޔަތޭ ކިޔަސް، ދީނޭ ކިޔަސް، ޑިމޮކުރަސީއޭ ކިޔަސް ތަފާތުވަނީ ނަމެވެ. ހަގީގަތް ހަމަ އެކައްޗެކެވެ!"

"ފިހާރައެއްގެ ވަތްގަނޑާ ހަވާލުކޮށް، އެއްފަހަރު، އެ ބަލަހައްޓަން ނޭނގުނު ސޭޓަކަށް، ދެވަނަ ފަހަރަށް، ހަމަ ބުއްދި ހުރި މީހަކު ފިހާރައިގެ ވަތްގަނޑު ހަވާލުކޮށްފާނެ ހެއްޔެވެ؟ ނޫނީ އެއްފަހަރު ފިހާރައިގެ ވަތްގަނޑު ހުސްކޮށްލި ސޭޓަކަށް ދެވަނަ ފަހަރަށް ސޭޓުކަން ހަވާލުކުރާން އުޅެފާނެ ހެއްޔެވެ؟ މިފަދަ ކަންކަން ކަލޭމެން އަމިއްލައަށް ކުރާއިރު، ނުވަތަ ކުރަން އުޅޭ އިރު، މާތްކަލާނގެ ކަލޭމެންނަށް ދެއްވި ސިކުނޑީގެ ބޭނުންކުރަން ކަލޭމެންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ކަލޭމެންނަށް ހީވާ ކަހަލައެވެ. މޮޔައެއް ވެރިކަމަށް ނުގެނެވިއްޖިއްޔާ ދެން ގެންނަން ޖެހޭނީ ޚިޔާނަތްތެރިއެކެވެ. ޚިޔާނަތްތެރިއަކު ވެރިކަމަށް އިސްނުކުރެވިއްޖިއްޔާ ދެން ވެރިކަމަށް ގެންނަން ޖެހޭނީ ހަމަ މޮޔައެކެވެ. މި ދެގޮތް ނޫން ގޮތެއް ވެސް އޮވެދާނެކަން ކަލޭމެންނަށް ހަމަ ނޭނގެނީ ހެއްޔެވެ؟ މި ދެގޮތް ނޫން ގޮތެއް ހޯދަން އުޅެން ކަލޭމެންގެ ސިކުނޑިތައް ނުކުޅެދެނީ ކީއްވެހެއްޔެވެ؟ ކަލޭމެންގެ ރާއްޖޭގައި ނޫނީ އިދާރީ ހިންގުންތެރިކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް މީހަކަށް ވެރިކަމަށް އާދެވިފައި އޮންނާނެހެން ހިޔެއްނުވެއެވެ. ނަމަވެސް، މިކަން ވެސް ކަލޭމެންނަށް ކަލޭމެން ތިޔަ ކިޔާ ކަލޭމެންގެ ޑިމޮކުރަސީ ހަގީގަތަކަށް ހަދާލަން ކަލޭމެންނަށް އެހީވެދީފިއެވެ!"

ޖިންނީގެ ވާހަކަ އަދިވެސް ކުރިއަށް ގެންދިޔައެވެ. "ވައްކަމާއި ފަސާދައިގެ އަމަލުތައް އިހުގައި ހިންގިއިރު، އެފަދަ އަމަލުތައް ހިންގި މީހުން ވެސް އެ އަމަލުތަކަކީ ނުރަނގަޅު، ގާނޫނާއި އަދި އަޚުލާގީ ހަމަތަކާ ވެސް ޚިލާފު އަމަލުތަކެއްގެ ގޮތުގައި ދުށްޓެވެ. މިހާރު މިފެންނަނީ މި ހުރިހާ ކަމަކީ ވެސް ގާނޫނީ އިމުގެ ތެރޭގައި ތިބެގެން ކުރެވިދާނޭ އަދި ކުރެވޭ އަދި ކުރަން ޖެހޭ ވެސް ކަމެއްގެ ގޮތުގައެވެ. މުޅި ގައުމު ވިއްކާލުން ވެސް އެއީ ހަމަ ގާނޫނީ އިމުގެތެރެއިން ކުރެވިދާނޭ ކަމެކެވެ. ބަނގުރަލުގެ ނަން ރުކުރަލުގެ ނަމަށް ބަދަލުކޮށް އެކަމާ ބެހޭ ގާނޫނެއް ފާސްކޮށްގެން ބަނގުރާ ހުއްދަކުރެވޭ ގޮތަށެވެ. ރިޝްވަތާއި ވައްކަން، އެއީ ކޮމިޝަން ނުވަތަ ޚިދުމަތުގެ އުޖޫރަކަމުގައި ބުނެ އެކަންކަން ހުއްދަކުރެވޭ ގޮތަށެވެ. ބަދަލުދިނުމޭ ކޮމްޕެންސޭޝަނޭ ކިޔައި ގާނޫނުގެ ހިޔާވެހިކަން ހޯދައިގެން، ދައުލަތުގެ ޚަޒާނާއަކީ، ތިމާގެ މެޓާ ޖާޑިއެއް ކަމުގައި ހަދައި، ބޭނުންވި ހިނދެއްގައި އެ ޖާޑިއަށް އަތްބާނައި ބޭނުން ވަރަކަށް މެޓާނަގައި ތިމާއަށާއި ތިމާގެ ގާތް މީހުންނާއި އައުވާނުންނަށް ބައިއަޅައި މެޓާ ބެހޭ ގޮތް ހެދޭ ގޮތަށެވެ. ތިމާމެންގެ އަމިއްލަ ވެރިކަމުގެ ގޮނޑި ދިފާއުކުރުމަށްޓަކައި ބޭރު ގައުމުގެ އަސްކަރީން ބައިތިއްބައި އެމީހުންގެ މަރުކަޒުތައް ގާއިމުކޮށް، އެއަށް ތަފާތު އެހެން ނަންނަން ދެވި، ގާނޫނާއި ގަވާއިދުތަކަށް ގަދަކަމުން ނަމަވެސް ފައްތާ ގޮތަށެވެ. ތަނުގެ މީހުންނަށް ދޭން ޖެހޭ ވަޒީފާތަށް ބޭރުމީހުން ދެވޭ ގޮތަށް ހަދައިގެންނެވެ. ތަނުގައި ކަމަށް އެކަށީގެންވާ މީހުންނެތޭ ކިޔައި މިކަހަލަ ހަމަ ނުޖެހޭ ބަހަނާތައް ދައްކައިގެންނެވެ. ވެރިޔަކަށް އެއްވެސް ހިންގުންތެރި ކަމުގެ ތަޖުރިބާއެއް ނެތް މީހަކާ ހަވާލުކުރުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ދެކޭ އިރު، އޮފީހެއްގެ އެންމެ އިސް މަގާމު އަދާ ކުރެވޭނޭ ވަރު މީހަކު ހަމަ ނުހުންނާނެ ހެއްޔެވެ؟"

މިހުރިހާ ކަމެއް ކަލޭމެންގެ ލޯމަތީ ހިނގަމުންދާއިރު ކަލޭމެން ތިތިބީ ކަލޭމެންގެ އަމިއްލަ ސިކުނޑި ބޭނުން ނުކުރުމުގެ އިތުރުން، ކަލޭމެންގެ ޒަމީރުގެ ކޮށުމުގެ އިހުސާސު ވެސް ކެނޑިފައެވެ. ތިމާގެ ބޮލަށް ތިމާ އަމިއްލައަށް ސަވާރުކުރުވާފައި ބޭންދި މީހާ ޖަހާ ބެރަށް ނަށާން އާދަވެފައި ވާތީއެވެ. އެއީ މޮޔަޔަކަށް ވިޔަސް ވެހެވެ. ޚިޔާނަތްތެރިއަކަށް ވިޔަސް ވެހެވެ. ތިމާގެ އަމިއްލަ އެދުން ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރާ ބަޔަކަށް ވިޔަސް ވެހެވެ. ދެން ނިކަން ބުނެބަލާށެވެ! ކަލޭމެން، މިގޮތުގައި ތިބި އިރު، ކަލޭމެން، ކަލޭމެންނަށް މާތްކަލާނގެ ދެއްވި ސިކުނޑީގެ ބޭނުން ނުކޮށް ތިބި އިރު، ތިނޫން ގޮތެއް އޮންނާނެ ހެއްޔެވެ؟ މިހާ ދުވަސްވީ އިރުވެސް، ތިމާމެންގެ އަމިއްލަ ސިކުނޑި ބޭނުންކުރަން ނޭނގުނު ބަޔަކަށް، ނުވަތަ އެ ސިކުނޑީގެ ބޭނުންކުރަން ބޭނުން ނުވިބަޔަކަށް ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ތިމާމެންގެ އަމިއްލަ ހާލަތު ތިމާމެން އެންމެން ވެގެން އަމިއްލައަށް ބަދަލުކުރަން ނޫޅޭ ބަޔެއްގެ ހާލަތު ބަދަލުވެދާނެ ހެއްޔެވެ؟ ކީރިތި ގުރުއާނުގައި ވެސް އޮވޭ ނޫން ހެއްޔެވެ؟ 'އެމީހުންގެ ހާލަތު އެމީހުން އަމިއްލައަށް ބަދަލުކުރަން ނޫޅޭ ބައެއްގެ ހާލަތު މާތްކަލާނގެ ބަދަލެއް ނުކުރައްވަތެވެ.' އެހެންވީމާ އަދި ވެސް އެއް ފަހަރު ބުނަމެވެ. ކަލޭމެންނަށް އޮތީ ހަމަ ތިގޮތެވެ. ޑިކްޓޭޓަރުންގެ ބާރުގެ ދަށުގައި އެމީހުން ހެދި ގޮތެއް ހަދާން ތިޔަހެން ތިބުމެވެ. ކަލޭމެންނަށް އެނގޭނީ އެމީހުން ޖަހާ ބެރަކަށް ނަށާށެވެ! އެމީހުން ގުނބޯ ހެއްދީމައި ގުނބޯހެދޭށެވެ!"

ދެން، އަހައްމަދު، ބޯ ކަހަމުން ކަހަމުން، ގޭދޮށަށް ދާން ހިނގައިގަތެވެ. އޭނާ ގޮސް އޮބައިލުމުން، ހެމުންހެމުން، މަނިކުބޭ، ޖިންނީގެ ހެދުން ބަދަލުކޮށް އޭނާގެ ފަގުޑި ބޮލުން ނަގައި އަހައްމަދު ގެއަށް ދިޔުމުގެ ކުރިން، އޭނާގެ ގެއަށް ދިޔުމަށްޓަކައި، އެހެން މަގަކުން، އަޅައި އިތިކޮށް ދުއްވައިގަތެވެ. އަހައްމަދު ކުރެން ޖިންނީގެ ޖަވާބު އޮޅުންފިލުވާލައި ހީ ސަމާސާ ކޮށްލުމަށްޓަކައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3

One Response

  1. ވަރަށް ފުރިހަމަ އެހާމެ ޝައިގުވެނިވި ވަހަކަތަކެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *