...

Support Us

އަހަރެން މަރުވީމައެއް ނޫނެވެ.

އަހަރެން މަރުވުމުން، ތިބާ ރޯނެއެވެ. ކަރުނަ އޮއްސާނަމުއެވެ.

އެހެނަސް އަހަންނަކަށް އެކަމެއް ނޭނގޭނެތެވެ.

އެހެންވީމާ، ރޯންވީ، ކަރުނަ އޮއްސާން ވީ އަހަރެންގެ ގާތުގައި ހުރެގެން މިހާރުއެވެ.

އަހަރެން މަރުވީމައެއް ނޫނެވެ.

 

އަހަރެން މަރުވުމުން، ހެޔޮ ބަސްތަކުން ތިބާ އަހަންނަށް ތާރީފު ކުރާނަމުއެވެ.

އެހެނަސް އަހަންނަކަށް އެ އަޑެއް ނީވޭނެތެވެ.

އެހެންވީމާ، އަހަރެންގެ ހެޔޮ ވާހަކަ ދައްކައި ތާރީފުގެ ބަސްތައް ބުނާން ވީ މިހާރުއެވެ.

އަހަރެން މަރުވީމައެއް ނޫނެވެ.

 

އަހަރެން މަރުވުމުން، އަހަރެން ކުޅަ ކުށްތަކުގެ މަތީން ވެސް ތިބާ ހަނދުމަ ނައްތާނަމުއެވެ.

އެހެނަސް އެކަމެއް އަހަންނަކަށް ނޭނގޭނެތެވެ.

އެހެންވީމާ، އަހަރެންގެ ކުށްތައް ހަނދާން ނައްތައިލަ ދޭންވީ މިހާރުއެވެ.

އަހަރެން މަރުވީމައެއް ނޫނެވެ.

 

އަހަރެން މަރުވުމުން، ތިމާ އަހަރެންގެ މަތިން ވަރަށް ހަނދާން ވާނެއެވެ.

އެހެނަސް އެ ކަމެއް އަހަންނަކަށް އިހުސާސެއް ނުވާނެތެވެ.

އެހެންވީމާ، އަހަރެންގެ މަތިން ތިބާ ހަނދާންވާކަން ބަޔާން ކުރާންވީ މިހާރުއެވެ.

އަހަރެން މަރުވީމައެއް ނޫނެވެ.

 

އަހަރެން މަރުވުމުން، އަހަންނާ އެކު ގިނަ ވަގުތުތައް ހޭދަކުރެވުނު ނަމައޭ ތިބާ ހިތަށް އިރުއިރުކޮޅާ އަރާނެއެވެ.

އެހެނަސް، އެ ކަމެއް އެއް ގޮތަކަށް ވެސް އަހަންނަކަށް ނޭނގޭނެތެވެ.

އެހެންވީމާ، އެ ވަގުތުތައް އަހަންނާ އެކު ހޭދަކުރާން ހިތަށް އަރުވާން ވީ މިހާރުއެވެ.

އަހަރެން މަރުވީމައެއް ނޫނެވެ.

 

އަހަރެން މަރުވެއްޖެ ޚަބަރު ތިބާއަށް ލިބުމުން،

ތިބާ އަހަރެންގެ ޖަނާޒާގައި ބައިވެރިވެ ތަޢުޒިޔާ ކިޔާން އަންނާނަމުއެވެ.

އެކަމަކު ފިކުރުކޮށްލާށެވެ. އަހަންނާ ތިބާ އަނގައިން ވެސް ނުބުނާތާ އެތައް އަހަރެއް ވެއްޖެއެވެ.

އެހެންވީމާ، އަހަރެން ދެކެންވީ މިހާރުއެވެ.

އަހަރެން މަރުވީމައެއް ނޫނެވެ.

 

މިތުރާއެވެ!

ތިބާގެ ވަށައިގެންވާ އެންމެތަކުންނާ އެކުމެ ވަގުތުކޮޅެއް ހޭދަކުރުން އުފަލަކަށް ހަދާށެވެ.

އެހީތެރިވެވެން އޮތް ކޮންމެ ގޮތަކުން އެހީތެރިވެ އަޅައިލާށެވެ.

އުފަލަކީ އެއީ ކަމުގައި ދެކިގެން އެ އެންމެން އުފާކޮށް ދޭށެވެ.

 

މިތުރާއެވެ!

ތިބާގެ އާއިލާއާއި އެކުވެރީންނާއި ރަހުމަތްތެރީންނަށް ތިބާއީ؛

އެމީހުންނަށް މުހިންމު މީހެއްކަމުގެ އިހުސާސް ވިޔަ ދޭށެވެ.

އެހެނީ، އެއިން މީހަކުން މުޅި އުމުރަށް ތިބާއާ ވަކިވެދާނެ ވަގުތެއް؛

ތިބާއަށް އެއް ގޮތަކަށް ވެސް ނޭނގޭނެތެވެ.

 

މިތުރާއެވެ!

އެކަނި އަހަރެން "ބުނަނީ"އެވެ. އެކަމަކު، އެކުގައި އަހަރެމެން "ވާހަކަ ދައްކަނީ"އެވެ.

އެކަނި އަހަރެން "މަޖާކުރަނީ"އެވެ. އެކަމަކު، އެކުގައި އަހަރެމެން "އުފާފާޅުކުރަނީ"އެވެ.

އެކަނި އަހަރެން "ހިނިތުންވަނީ"އެވެ. އެކަމަކު، އެކުގައި އަހަރެމެން "ހެނީ"އެވެ.

 

މިއީ އިންސާނީ ގުޅުންތަކުގެ ރީތިކަމެވެ.

އެހެން މީހުންނާ ނުލައި އަހަރެމެން އެކަކު ވެސް މީހަކަށް ނުވެއެވެ.

އެހެންވީމާ، ގުޅުންތައް ހެޔޮ ކުރާށެވެ. ބާއްޖަވެރިކަމާއި އުފާފާގަތިކަން ހުރީ އެ މަގުގައެވެ.

 

 

ނޯޓު: މިއީ ސިންގަޕޫރުގެ މަޝްހޫރު ޝާޢިރާ މިސް. ލީ ޒޫ ފެންގގެ ޅެމެއް އަސްލަކަށް ބަލައިގެން ކޮށްފައިވާ މަސައްކަތެވެ.

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *