...

Support Us

ހާފިޒު ޑރ. ރިޒުވާނުލް ހައްގު ހުޅުމާލޭ އަޒީޒާ މިސްކިތް ކައިރީގައި މަޑުކޮށްލައިގެން -އަދިވެސް ފޮޓޯ

ޕާކިސްތާނުގެ ހާފިޒު ޑރ. ރިޒުވާނުގެ ހިތްގައިމު އަޑުގެ ޖާދޫ ހުޅުމާލެއިން

އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސްކޮށް މިހާރު އެއީ މެޑިކަލް ޑޮކްޓަރެއް

ނޫނެކެވެ. އެއީ މައްކާގެ ހަރަމްފުޅުގެ އިމާމު، ޝެއިހް ޑރ. އަބްދުއްރަހުމާން ސުދެއިސްގެ ކިޔެވުމުގެ ރެކޯޑިންއެއް ނޫނެވެ. ހުޅުމާލޭ އަޒީޒާ މޫސާ މިސްކިތުގެ ތާޅަފިލިން އެ އިވެނީ އަސްލު އަޑެކެވެ. އެ މިސްކިތުގެ ތަރާވީހުގައި ކިޔަވަމުން އެ ގެންދަނީ ޕާކިސްތާނުގެ ހާފިޒެކެވެ. ގައިން ހީބިހި ނަގައިގެން އެ ދަނީ އޭނާގެ އަޑާއި ރާގާއި ކިޔެވުމުގައި ލައްވަމުންދާ ބަނޑިތަކުގެ ސަބަބުންނެވެ. އެހާ ވެސް އަސަރުގަދައެވެ. އެހާ ވެސް ހިތްގައިމެވެ.

އަޒީޒާ މިސްކިތުގެ ތަރާވީހުގައި ހާފިޒު ޑރ. ރިޒުވާނުލް ހައްގުގެ އަޑު އިވޭތާ މިއީ ހަ ވަނަ އަހަރެވެ. އެހެންކަމުން، ކޮންމެ ރޯދަ މަހަކު ވެސް ތަރާވީސް ނަމާދަށް، ކޮންމެހެން ވެސް އަޒީޒާ މިސްކިތަށް ދާން ބޭނުންވާ ކިތަންމެ ބަޔަކު، ހުޅުމާލެ އާއި މާލޭގައިވެސް މިހާރު އެބައުޅެއެވެ. ރިޒުވާން ގުރުއާން ކިޔަވައިލެއް ހަމަ ހިތްގައިމުކަމުންނެވެ؛ އޭނާގެ އަޑުގެ ޖާދުލުގައި ޖެހިގެންނެވެ.

އަޒީޒާ މިސްކިތުގެ ތަރާވީސް ނަމާދަށް، އުމުރުން 29 އަހަރުގެ ރިޒުވާން އެންމެ ފުރަތަމަ އައީ 2015 ވަނަ އަހަރުއެވެ. އެއީ، އާއިލާއަކުން، އެ އާއިލާގެ މަންމަގެ ހަނދާނުގައި 2013 ވަނަ އަހަރުގެ ރޯދަމަހަށް ހުޅުމާލޭގައި ހުޅުވި ހިތްގައިމު އެ މިސްކިތުގައި ރީތިކޮށް ކިޔަވާނެ މީހަކު ހޯދަން (މިސްކިތް ބިނާކުރި އާއިލާގެ ފަރާތުން) ބޭނުންވެގެން، ހުޅުމާލޭގައި ގުރުއާން ޓީޗަރަކަށް އުޅުނު ޕާކިސްތާނު މީހެއް ގާތުގައި ބުނުމުން އުފައްދައިދިން ގުޅުމަކުންނެވެ.

ހާފިޒު ޑރ. ރިޒުވާނުލް ހައްގު ހުޅުމާލޭ އަޒީޒާ މިސްކިތް ކައިރީގައި މަޑުކޮށްލައިގެން -އަދިވެސް ފޮޓޯ

"އަހަރެންގެ ރަހުމަތްތެރިޔާ ގާރީ ތާރިގު ގުޅައިފައި ބުނީ ހުޅުމާލޭގެ މިސްކިތެއްގައި ތަރާވީސް ނަމާދުކުރާނެ ރަނގަޅު އިމާމަކު ބޭނުންވެގެންނޭ އުޅެނީ. އެހެންވެ އަހަރެންގެ އޯޑިއޯ ފޮނުވައިދޭށޭ. ދެން އަހަރެން ކިޔަވައިފައި ހުރި އޯޑިއޯ ފޮނުވީ. ފޮނުވީމާ މިސްކިތުގެ ވެރިފަރާތަށް އެ ދިނީ. މިސްކިތުގެ ވެރިފަރާތުން އޯކޭ ދިނީމާ އޭނާ ބުނެފި ވަގުތުން މާލެ އަންނަން،" ރިޒުވާން "އަދިވެސް" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުންޏެވެ. "އޭރު ރޯދަ މަސް ފެށެން ހަތަރު ދުވަހަށް ކައިރިވެފައި އޮތީ. ދެން ޓިކެޓް ފޮނުވީމާ އަވަހަށް ރާއްޖެ އައީ."

ރިޒުވާން ބުނީ 2015 ވަނަ އަހަރު ހުޅުމާލޭގައި ހޭދަކުރި މަސް ދުވަހުގެ ތެރޭގައި އޭނާގެ ކިޔެވުން ރީތިވެގެން ގިނަ ބަޔަކު އެކަމަށް ތައުރީފުކުރަމުންދިޔައިރު، ދިވެހިންގެ ހިތްހެޔޮކަމާއި އޯގާތެރިކަމުން އޭނާގެ ހިތް ޝުކުރުން ފުރެމުންދިޔަ ކަމަށެވެ. އަދި ދީނީ ކަންކަމަށް ދިވެހިން ދޭ އަހަންމިއްޔަތުކަން ވެސް ވަރަށް ކައިރިން ފެނުނު ކަމަށެވެ. ނަތީޖާއަކަށްވީ، ޖެހިގެން އައި ރޯދަ މަހު ވެސް ރާއްޖެ އަންނަން ރިޒުވާނަށް ދައުވަތު ލިބުމެވެ. އަދި އެ ދައުވަތު ކޮންމެ އަހަރަކު ތަކުރާރުވަމުން އައިސް، މެދުކެނޑުނީ ކޮވިޑް ލޮކްޑައުނާ ހެދި މިދިޔަ އަހަރު އެކަންޏެވެ. އެހެންކަމުން، މިއީ އަޒީޒާ މިސްކިތުގައި ރިޒުވާން ތަރާވީސްކުރާ ހަ ވަނަ އަހަރެވެ.

"ދިވެހިންގެ ފަރާތުން ލިބޭ މެހެމާންދާރީއަކީ އަޖައިބެއް ކަހަލަ މެހެމާންދާރީއެއް. ވަރަށް ހިތްހެޔޮ ބައެއް ދިވެހިންނަކީ،" ރިޒުވާން ބުންޏެވެ.

ޕާކިސްތާނުގެ ޕަންޖާބުގެ ބަހަވަލްޕޫރަށް، 1992 ޑިސެމްބަރު 12 ގައި އުފަންވި ރިޒުވާނަކީ ހަގީގަތުގައި މެޑިކަލް ޑޮކްޓަރެކެވެ. އެމް.ބީ.ބީ.އެސް ހެދުމަށްފަހު، ބަހަވަލް ވިކްޓޯރިއާ ހޮސްޕިޓަލްގައި ވަޒީފާ އަދާކުރަމުން އޭނާ ގެންދަނީ ކަށީގެ އޮޕަރޭޝަންތަކަށް ހާއްސަވުމަށް ކިޔަވަމުންނެވެ. ނަމަވެސް އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސްކުރުމަށްފަހު، ތަޖުވީދަށް ކިޔަވަމުންދާތީ، މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުމުގެ ފުރުސަތު އޭނާ އަށް ތަނަވަސްވީއެވެ. މެޑިކަލް ޑޮކްޓަރަކު އިމާމަކަށް ބަދަލުވާ ގޮތަކީ އެއީއެވެ.

"އަހަރުމެން ގޭކައިރީގައި ވެސް ހުންނާނެ މިސްކިތެއް. އެ މިސްކިތުގައި ވެސް ބާރަށް ކިޔަވާ ނަމާދުތަކުގައި (މަޣުރިބު، ޢިޝާ، ފަތިސް ނަމާދުގައި) އަހަރެން އިމާމުކަން ކުރަނީ. ހިސާބުގަނޑުގެ މީހުން ބޭނުންވެގެން ހަމަ ހިލޭސާބަހަށް ކުރާ ކަމެއް އެއީ،" ޖުމްލަ ނުވަ މަހުގެ މަސައްކަތުން ގުރުއާން ހިތުދަސްކުރި ރިޒުވާން ބުންޏެވެ.

ރިޒުވާނަކީ ހަ މެމްބަރުންގެ އާއިލާއެއްގައި ހިމެނޭ ހަތަރު ވަނަ ދަރިފުޅެވެ. އެ އާއިލާގައި ތިން އަންހެން ކުދިން ވެސް ތިބެއެވެ. ރިޒުވާން ބުނީ އެ ހުރިހާ އެންމެން ވެސް ގުރުއާން ހިތުދަސް ކަމަށެވެ.

"އަހަރެންގެ ދައްތަމެނާއި ބޭބެ އާއި ކޮއްކޮމެން ވެސް ގުރުއާން ހިތުދަސްވާނެ. އެކަމަކު އެހެން މީހަކު މިގޮތަށް އިމާމުކަން ކޮށެއް ނޫޅޭނެ. މަންމަ އާއި ބައްޕަ ވެސް ދުނިޔޭގައި އެބަތިބި. އެކަމަކު އެމީހުން އެއީ ހާފިޒުންނެއް ނޫން،" ރިޒުވާން ކިޔައިދިނެވެ.

ރިޒުވާން ބުނީ ގުރުއާން ހިތުދަސްކުރުމަކީ ޕާކިސްތާނުގައި ވަރަށް އާންމު ކަމެއް ކަމަށެވެ. އެކަމަކު އުމުރުން 10 އަހަރުގައި ގުރުއާން ހިތުދަސްކުރާ ކުދިންނަށްވުރެ، އުމުރުން 14، 15 އަހަރު ހިސާބުގައި ހިތުދަސްކުރާ ކުދިން މާ ގިނަވާނެ ކަމަށެވެ.

"އަހަރެން ގުރުއާން ހިތުދަސްކުރި 2002 ވަނަ އަހަރު ސައޫދީ އަރަބިޔާގެ އެން.ޖީ.އޯ އަކުން ޕާކިސްތާނުގައި ބޭއްވި ގުރުއާން މުބާރާތަކުން އަހަންނަށް އެއްވަނަ ލިބުނު. ޕާކިސްތާނުގެ ރައީސްގެ އަތްޕުޅުން އަހަންނަށް އިނާމުވެސް ލިބުނީ،" ކުޑައިރުގެ ކާމިޔާބުގެ ހަނދާންތައް ރިޒުވާން އާކުރިއެވެ.

ރިޒުވާން ކައިވެނިކުރީ 2019 ވަނަ އަހަރުއެވެ. އާއިލާ އިން ރޭވުމުން އޭނާ ކައިވެނިކުރީ ވެސް ގުރުއާން ހިތުދަސް ޑޮކްޓަރަކާއެވެ. ރިޒުވާނާއެކު އެ ހޮސްޕިޓަލެއްގައި ވަޒީފާ އަދާކުރަމުން ރިޒުވާންގެ އަންހެނުން ގެންދަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކަށް ވުމަށް ކިޔަވަމުންނެވެ.

ހާފިޒު ޑރ. ރިޒުވާނުލް ހައްގު ހުޅުމާލޭގައި "އަދިވެސް" އަށް އިންޓަވިއުދެނީ -އަދިވެސް ފޮޓޯ

ރިޒުވާން 2019 ވަނަ އަހަރު އެޕްރީލް މަހު ކައިވެނިކުރުމަށްފަހު، ޖެހިގެން އައި މަހު ރާއްޖެ އައީ އަންހެނުން ވެސް ގޮވައިގެންނެވެ. އެހެންވެ އެ ފަހަރު ރޯދަ މަސް ހުޅުމާލޭގެ ގޮނޑުދޮށުގައި އޭނާ ހޭދަކުރީ ހަނީމޫނާވެސް އެކުގައެވެ.

"އަންހެނުންނަށް ވެސް ވަރަށް ހިތްހަމަޖެހޭ ތަނަކަށް ރާއްޖެ ވެފައި މިވަނީ. މި ފަހަރު ވެސް އޭނާ އަންނަ ގޮތަށް ހުރީ. އެކަމަކު ކޮވިޑްގެ ކަންތަކުގައި ދިމާވި ދަތިތަކުގެ ސަބަބުން އަންހެނުން ބަހައްޓައިފައި އަންނަންޖެހުނީ. އޭނާ ވަރަށް ދެރަވެފައި ހުރީ ރާއްޖެ ނާދެވުނީމަ،" ރިޒުވާން ބުންޏެވެ.

ރިޒުވާންގެ ދެމަފިރިންނަކަށް އަދި ކުއްޖަކު ނުލިބެއެވެ.

މީގެ 19 އަހަރު ކުރިން ގުރުއާން ހިތުދަސްކުރި ރިޒުވާން ބުނީ ކޮންމެ ދުވަހަކު ވެސް އޭނާ ގުރުއާން ކިޔަވައި، މުތާލިއާކުރާ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް އެއް ފޮތް ކިޔަވަން. ހަމަ ކޮންމެ ދުވަހަކު ވެސް ކިޔަވަން. އެއީ 15 ނުވަތަ 20 މިނިޓް. ގަވައިދުން ގުރުއާން ނުކިޔަވަންޏާ ހަނދާންނެތޭ ގޮތް ވާނެ،" ރިޒުވާން ކިޔައިދިނެވެ.

ރިޒުވާން ބުނީ އަޒީޒާ މިސްކިތުގައި ތަރާވީސް ނަމާދު ކުރަނީ ޚަތިމުކުރާ ގޮތަށް، ރެއަކު ފޮތެއް ކިޔަވައިގެން ކަމަށެވެ.

"ތަރާވީސް ނަމާދުގައި އެރޭ ކިޔަވަން އޮންނަ ބައި ދުވާލު ފަރިތަކޮށްގެން، ތައްޔާރުވެގެން އަހަރެން ކޮންމެ ރެއަކު ވެސް އަންނަނީ. ދުވާލަކު ހަތަރު ފަހަރު އެބައި ތަކުރާރުކޮށް އަހަރެން ކިޔަވަން. އެއީ ހެނދުނު އެއް ފަހަރު، މެންދުރު ނަމާދަށްފަހު އެއް ފަހަރު، އަސުރު ނަމާދަށްފަހު އެއް ފަހަރު، އަދި މަޣުރިބު ނަމާދަށްފަހު އެއް ފަހަރު ކިޔަވަން،" ރިޒުވާން ކިޔައިދިނެވެ. "ފަރިތަކުރި ވަރަކަށް ކުށެއް ނުޖެހި ކިޔެވޭނީ. ކުށަކާނުލައި ކިޔެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރަން."

ޚަތިމުކުރަން ތަރާވީހުގައި ކިޔަވަމުންދާއިރު، އެއް ރަކުއަތުގައި ނިންމާ ތަނުން، އޮޅުވާލުމެއް ނެތި، އަނެއް ރަކުއަތުގައި އެހާ ފަސޭހައިން ފަށަނީ ކިހިނެއްތޯ އެހުމުން ރިޒްވާން ބުނީ ފުރަތަމަކޮޅު އެކަން ވަރަށް އުނދަގޫވި ކަމަށެވެ.

"ފުރަތަމަކޮޅު ވަރަށް އުނދަގޫވި ނިންމާތަނާއި ފަށާތަން ހިތުން ދެނެގަންނަން. ތަރާވީހުުގައި ރަކުއަތެއްގައި ކިޔަވާނީ ސޮފުހާއެއް. އެހެންވެ އެގޮތަށް އަބަދު ފަރިތަކުރާތީ މިހާރު ވަރަށް ފަސޭހަ ނިންމާތަނާއި ފަށާތަން ދެނެގަންނަން،" ރިޒުވާން ބުންޏެވެ.

ރިޒުވާން ބުނީ އޭނާ ރޯދަ ވީއްލަނީ ވަރަށް ލުއިލުއިކޮށް ކަމަށެވެ. މާ ބޮޑަށް ބަނޑު ފުރިއްޖެނަމަ، ތަރާވީސް ނަމާދުގައި ކިޔަވަން އުނދަގޫވާ ކަމުގައި އޭނާ ބުންޏެވެ.

"ތިން އޮށް ކަދުރާއި އާފަލު ފަޅިއަކާއި ޖޫސްތައްޓަކުން ރޯދަ ވީއްލަނީ. ދެން ތަރާވީސް ނިންމައިފައި ކުޑަކޮށް ކާލަން. ހާރަކަށް ކަނީ ތިން އޮށް ކަދުރު އެކަނި،" ރިޒުވާން ކިޔައިދިނެވެ.

އަޒީޒާ މިސްކިތުގައި ރިޒުވާން ކުރަނީ ހަމައެކަނި ތަރާވީހެއް ނޫނެވެ. މަޣުރިބާއި ޢިޝާ އަދި ފަތިސް ނަމާދު ވެސް އިމާމުވެ ކުރަނީ އޭނާއެވެ.

ރިޒުވާން ކިޔަވާއިރު އެންމެ ވައްތަރީ މައްކާ ހަރަމްފުޅުގެ އިމާމު ޝެއިޚް ސުދެއިސްގެ އަޑާ ކަމަށް އެންމެނަށް ހީވެގެން އުޅެނީ ހަމަ ރަނގަޅަށެވެ. ރިޒުވާނަށް އެންމެ ކަމުދަނީ ވެސް އަދި އޭނާ އެންމެ ގިނައިން އަޑުއަހަނީ ވެސް ސުދެއިސްގެ ކިޔެވުމެވެ. ރާގާއި ބަނޑިތައް ވެސް ރިޒުވާން ލައްވަނީ ހަމަ ސުދެއިސްގެ ކިޔެވުމާ އެއްގޮތަށެވެ.

"ސުދެއިސްގެ ރާގަށް އެކަންޏެއް ނޫން އަހަރެން ކިޔަވަނީީ. ޝުރޭމް އާއި އަލްޖަހުނީ އާއި ސިއްދީގު އަލް މަންޝާވީގެ ރާގަށް ވެސް ކިޔަވަން. އެކަމަކު އެންމެ ގިނައިން އަޑުއަހަނީ ސުދެއިސްގެ ކިޔެވުން،" ރިޒުވާން ބުންޏެވެ.

ހާފިޒު ޑރ. ރިޒުވާނުލް ހައްގު ހުޅުމާލޭ އަޒީޒާ މިސްކިތުގައި ތަރާވީހު ނަމާދުކުރަނީ -އަދިވެސް ފޮޓޯ

ރިޒުވާން އުމްރާއަށް ދިޔަ ދަތުރުގައި 2018 ވަނަ އަހަރު މަދީނާގެ ހަރަމްފުޅުން ޝެއިޚް ސުދައިސްއާ ވަނީ ބައްދަލުވެފައެވެ.

"މަޣުރިބު ނަމާދަށްފަހު ސުދެއިސް ދަރުސް ދިނުމަށްފަހު ތެދުވި ވަގުތު އެތަނުން ބައްދަލުވެ ސަލާންކުރީ،" ރިޒުވާން ބުންޏެވެ. "އެ އަހަރު ރޯދަ މަހު އަހަރެން ރާއްޖެ އައީ ސައުދީ އަށް ގޮސް އުމްރާވުމަށްފަހު ސީދާ ސައުދީން ރާއްޖެއަށް."

ރިޒުވާންގެ ކިޔެވުން އަޑުއަހައިފައި، ދެން އަންނަ އަހަރަކު ތަރާވީސް ކުރަން އޭނާ އެހެން މިސްކިތްތަކަށާއި އެހެން ރަށްރަށަށް ގެންދަން ބޭނުންވެގެން ވެސް ވަރަށް ގިނަ މީހުން ދައުވަތު ދެއެވެ.

"އެކަމަކު އަޒީޒާ މިސްކިތަށް އަހަރެންގެ ހިދުމަތް ބޭނުންހާ ދުވަހަކު އަހަރެން އަންނާނީ އެ މިސްކިތަށް. އަހަންނާ ދޭތެރޭ ވަރަށް ރަނގަޅަށް އެ މީހުން ކަންތައް ކުރަނީ. ވަރަށް ފުރިހަމަ މެހެމާންދާރީއެއް އަދާކުރޭ،" ރިޒުވާން ބުންޏެވެ. (އަޒީޒާ މިސްކިތުގެ ވެރިފަރާތުން ރިޒްވާނަށް ރަނގަޅު އެލަވަންސެއް ދެއެވެ.)

އަޒީޒާ މިސްކިތް ބިނާކުރި އަދި ރިޒުވާންގެ ހުރިހައި ކަމެއް ބަލަހައްޓާ ފަރާތުން ބުނީ އެ މިސްކިތަށް ދާ އެންމެން ވެސް ބޭނުންވަނީ ކޮންމެ އަހަރަކު ވެސް ރިޒުވާން ގެންނަން ކަމަށާއި އެހެންވެ ރިޒުވާން ރާއްޖެ އަންނަން ހުރިހާ ދުވަހަކު ރިޒުވާނަށް ފުރުސަތު އޮންނާނެ ކަމަށެވެ.

"ރިޒުވާންގެ ކިޔެވުން ވަރަށް ރީތި. އެންމެން ވެސް އެ ވާހަކަ ދައްކާ. ހުޅުމާލޭ ބްރިޖު ނާޅާއިރު ވެސް މާލެއިން އާއިލާތައް އާދޭ ފެރީގައި ވެސް މި މިސްކިތަށް. އަދި ބްރިޖު އެޅުމުން އެ އަދަދު މާ ގިނަވާނެ،" ނޫހުގައި ނަން ނުޖަހާން ޝަރުތުކޮށް އޭނާ ކިޔައިދިނެވެ. "ރިޒުވާން އަންނަން ހުރިހާ ދުވަހަކު ރިޒުވާނަށް އަހަރުމެން ފުރުސަތު ދޭނަން."

ރޯދަމަސް އެއްކޮށް ރާއްޖޭގައި ހޭދަކުރަން ރިޒުވާން އަންނަނީ އޭނާ ވަޒީފާ އަދާކުރާ ހޮސްޕިޓަލުން ޗުއްޓީ ނަގައިގެންނެވެ. އެހެންވެ ކޮންމެ އަހަރެއްގެ ވެސް އަަހަރީ ޗުއްޓީ އޭނާ ބާއްވަނީ ރާއްޖެ ޒިޔާރަތްކުރާށެވެ. އެކަމަކު އަޒީޒާ މިސްކިތަށް ދާ މީހުން އެންމެ ބޭނުންވާނީ، ޗުއްޓީގައި ޕާކިސްތާނަށް ދާގޮތަށް، އަންހެނުންނާއެކު ރިޒުވާން ހުޅުމާލޭ ހޮސްޕިޓަލެއްގެ ވަޒީފާއަށް ބަދަލުވުންކަން ޔަގީނެވެ. އޭރުން، މިސްކިތުން "ޝެއިޚު ސުދެއިސްގެ އަޑު" އިވޭނީ ހަމަ އެކަނި ރޯދަ މަހަކު އެކަންޏެއް ނޫނެވެ. ހުރިހައި މަހެއްގައި ވެސް، މާ ގިނަ ފަހަރު "ޝެއިޚު ސުދެއިސްގެ އަޑު" ހުޅުމާލެއިން އިވޭނެކަން ޔަގީނެވެ.

"ތިކަމާ ވިސްނާނަން،" ރިޒުވާން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5101
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *