...

Support Us

ކޮލަމް: ވިނަވި

ދޮންބަންޑާރައިން: އަދުލު އިންސާފުގެ ކަންކަން އިސްލާހުގެ މަގުގައި ކުރިއަށް ގެންދެވި   

އައް ސުލްޠާނުލް ޣާޒީ ހަސަން ޢިއްޒައްދީން (1 ވަނަ) އަކީ 1968 އާ ހަމައަށް ރާއްޖޭގެ ތަޚުތުގައި ރެނދަލިކުރެއްވި ހުރާ ދަރިކޮޅުގެ ބާނީއެވެ. ކޮލީ ނަންފުޅަކީ ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. އެއީ މަޝްހޫރު ދޮން ބަންޑާރައިންނެވެ. އަދި އެއީ ހުރަވީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ބޭފުޅާއެވެ. އެ މަނިއްޕުޅުގެ ބައްޕާފުޅަކީ ހުރާ އަލް ވަޒީރު މުހައްމަދު ފާމުލަދޭރިމަނިކުފާނެވެ.

ދޮންބަންޑާރައިންގެ މަތިކޮޅު ގުޅެނީ ހުރާ ދޮންމަރުދުރު ފަޑިއައްތަކުރުފާނާއެވެ. އޭނާއަކީ ގޯވާއަށް ވަޑައިގެންނެވި 9 ވަނަ ހަސަން ރަސްގެފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެއް ކަމަށް ބުނެވެއެވެ. އަދި ދޮންބަންޑާރައިންގެ ކާފަ ހުރާ އަލްވަޒީރު ހުސައިން ދަހަރާ ތަކުރުފާނު ވަޑައިގެންނެވީ އެ ދަރިކޮޅުން ކަމަށް ވެސް ބުނެވެއެވެ. ބައެއް މުއައްރިޚުން ބުނާގޮތުން ދޮންމަރުދުރު ފަޑިއައް ތަކުރުފާނަކީ ޑޮމްލުއިސް ޑިސޯޒާގެ ބޭފުޅެކެވެ. އެއީ 9 ވަނަ ހަސަން ރަސްގެފާނުގެ ކާފަ ދަރިކަނބަލުން ޑޮނާ އިނޭޒްގެ ބޭފުޅެއެކެވެ. އެކަމަނާގެ މަންމައަކީ ޕޯރޗުގީޒު ރަސްމަތިފުޅުގެ ބޭފުޅެކެވެ.

މުލީގޭ ދޮން ހަސަން މަނިކުފާނު (ފަހުން ދޮން ބަންޑާރައިން) ގެ ޒުވާން ދުވަސްވަރުގައި، 20 ޑިސެމްބަރުގައި 1752 ގައި ހޮޅީން ރާއްޖެއަށް ހަމަލާދިނެވެ. އެ ލަޝްކަރު، ދެ ފުރެއްދެ އޮޑިއަށް ލައްވާފައި ފޮނުއްވީ ކަންނަންނޫރު އަލީ ރާޖާއެވެ. މިކަމުގެ ފަހަތުގައި ތިބީ ދިވެހި ދެ ޚާއިނުންނެވެ. އެއީ ހަސަން ތާޖުއްދީންގެ ދެ ދަރީންނެވެ. އެކަކީ އެއިރުގެ ފަނޑިޔާރު މުހައްމަދު ޝަމްސުއްދީނެވެ. އަނެކަކީ އޭނާގެ ކޮއްކޮ ޚަތީބު އަހުމަދު މުހުޔިއްދީނެވެ. ރާއްޖެ ހިފަން މާލެއަށް އައުމަށް މި ދެ މީހުން އަލީ ރާޖާއަށް ދައުވަތު ދިނީއެވެ.

އެއް ރެއެއްގެ ފުރަމެންދަމުގައި އެ ލަޝްކަރު މާލެއާ ކައިރިކުރިއެވެ. އަދި ކަނޑިންމަ ތަޅުނުލައި ހުއްޓާ އެތަނުން ލައިގެން ދިގު ދޯނިފަހަރުގައި އައިސް ފަޅަށް ވަދެ ރަށުތެރެއަށް ހަމަލާދިނެވެ. އެންމެ ވަރުގަދައަށް ހަމަލާދިނީ ގަނޑުވަރަށެވެ. އެ ވަޤުތު މާލޭ މީހުން ތިބީ ނިދާފައެވެ. ގަނޑުވަރު ބަލަހައްޓާ ފާރަވެރިން ވެސް ތިބީ ނިދާފައެވެ. ދަނޑިވަޅުގެ ބޭނުންކޮށްގެން އެ މީހުން އެތަނުގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު ޤަތުލު ކުރިއެވެ. އެއިރު ދިވެހި ތަޚުތުގައި އިންނެވީ މުކައްރަމް މުހައްމަދު އިމާދުއްދީނު (3 ވަނަ) ރަދުންނެވެ. ރަދުން ދުޝްމިނުންނާ ދުރަށް ވަޑައިގަންނަވަން ވެގެން އެ މަނިއްޕުޅުގެ މާފަންނު ގަނޑުވަރަށް ވަޑައިގަތެވެ. އަދި ލަޝްކަރީން ފޮނުއްވައިގެން ހޮޅީން އެތެރެކޮއިލުން ނެރުއްވިއެވެ.

އެތަނުން ނެރެލީމާ ރުޅިއައިސްގެން އެމީހުން ދިޔައީ ނާބުތުޚާނާގައި ހުޅުޖަހައިފައެވެ. އެ އަލިފާނުގައި އެތެރެކޮއިލުގެ ގިނަ ބިނާތަކާއި މާލޭގެ ދެބައިކުޅަ އެއްބައި ގެތައް އަނދައިގެންދިޔައެވެ. އަލިފާނުގައި އެތެރެކޮއިލުގައި ހުރި ފޮތްފޮތާއި ލިޔެކިޔުންތައް އަނދައިގެން ދިޔައީ އެވެ. މާލެއަށް ލިބެމުންދިޔަ ގެއްލުންތައް ހުއްޓުވުމަށްޓަކައި ރަދުން ހޮޅީންގެ ކިބައިން ސުލްހައަށް އެދިވަޑައިގަތެވެ. އަމާން ދިނުމަށް ހޮޅީން ކުރިމަތިކުރި ޝަރުތަކީ ރަދުން އެ މީހުންގެ ގާތަށް ޚުދު ވަޑައިގެން ވާހަކަފުޅު ދެއްކެވުމެވެ. ރަދުން އެމީހުން ކައިރިއަށް ވަޑައިގަތީ ވަލީއަހުދު ވެސް ގޮވައިގެންނެވެ. އެއީ ރަދުންގެ އަޚު އިބުރާހީމް އިސްކަންދަރުގެ ދަރިކަލުން މުހައްމަދު މަނިކުފާނެވެ. ރަދުންނާއެކު ބައެއް ވަޒީރުން ވެސް ވަޑައިގެންނެވިއެވެ.

ރަދުން ވަޑައިގަތުމުން ހޮޅީން އެ މަނިއްޕުޅާއި އަރިހުގައި ތިއްބެވި ބޭފުޅުން ހިފައި ހައްޔަރުކޮށްގެން އެމީހުންގެ އޮޑިއަށް ގެންދިޔައީއެވެ. އެ ބޭފުޅުން ގެންދިޔައީ ކަންނަންނޫރަށެވެ.

މިއަށްފަހު ހޮޅީން މާލޭގައި އެމީހުންގެ ވެރިކަން ޤާއިމުކުރިއެވެ. މިކަމުން، ރާއްޖެއަށް ޚިޔާނަތްތެރިވި ދެ ޚާއިނުން ކަމަށްވާ މުހައްމަދު ޝަމްސުއްދީނަށާއި އަހުމަދު މުހުޔިއްދީނަށް އެ މީހުން އުންމީދުކުރި މަންފާއެއް ނުލިބެއެވެ. އެއް ފުޅައްމަތިން ފުންމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާލާނެއޭ ބުނާ މިސާލުބަހާ އެއްގޮތަށް ވިސްނާފައި ހޮޅީން އެ ދެ ބެއިން ކަނޑުފެއްތީއެވެ.

ދޮންބަންޑާރައިންގެ މަހާނަކޮޅު

ހޮޅީންގެ މި އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރުމުގައި އިސް ނެންގެވީ ދޮން ހަސަން މަނިކުފާނެވެ. މި ކަމުގައި އޭނާއާ އެކު އޭނާގެ އެކުވެރިން ވެސް ތިއްބެވިއެވެ. އެއީ ބަނޑޭރި ހަސަން ހިރިހަމައިދި މަނިކުފާނާއި ހުސައިން ގަދަހަމައިދި ކަލޭގެފާނާއި މޭނާބަނޑޭރި ފަޑިއަތްތަކުރުފާނާއި އޭނާއާ އެއްބަފާ އުމަރު މަނިކާއިއެވެ. މި ބޭބޭފުޅުންނާއި އެ ބޭފުޅުންނަށް ތަބާވީ 200 ވަރަކަށް ޒުވާނުން 6 އެޕްރީލް 1753 ވީ އާދީއްތަ ވިލޭރޭގެ މެންދަމުގައި މަޝްވަރާކޮށް ރާއްޖެ ސަލާމަތް ކުރައްވަން އެއްބަސްވެވަޑައިގެންނެވިއެވެ.

އެރޭގެ ނުވަފުޅީގެ ވަޤުތުގައި މުނާޖާ ކިޔާ މީހާ ލައްވައި މުނާޖާ ވަޤުތު ނުވަނީސް މުނާޖާ ކިޔުއްވައި ހޮޅީން ނިދީމާ އެ މީހުންނަށް ހަމަލާ ދެއްވިއެވެ. އެއިރު އެމީހުން ތިބެނީ ވެޔޮދޮށު ގަނޑުވަރުގައެވެ. އެ ގަނޑުވަރުގެ ދޮރޯށި ހުޅުވައިދިނީ ހޮޅީން ކައިރީގައި އުޅޭ މީހެކެވެ. ދިވެހީންގެ ހަމަލާގައި ހޮޅީންގެ ގިނަ ބަޔަކު ޤަތުލުވިއެވެ. އަނެއް ބަޔަކު ފިލައިގެންދިޔައީއެވެ. އެހެނަސް އޭރު އޮތީ ދިވެހީންނަށް ކާމިޔާބު ލިބިފައެވެ.

އޭގެ ފަހުން ވެސް މަލާބާރީން ތަކުރާރުކޮށް ރާއްޖެއަށް ހަނގުރާމައިގެ ލަޝްކަރުތައް ފޮނުވިއެވެ. އެއީ 1753 ގައާއި 1755 ގައާއި 1761 ގައެވެ. މިއިން ކޮންމެ ފަހަރަކު ވެސް މާލޭގެ ބަނދަރުން ފެށިގެން ދޮނަކުޅިއާއި ދޭތެރޭގައި ހިގި ހަނގުރާމަތަކުން ދޮންބަންޑާރައިން ހޮޅިންގެ ލަޝްކަރުތައް ބަލިކުރެއްވިއެވެ.

މިކަމުގައި އެހީތެރިވުމަށް ރާއްޖެއަށް ފަރަންސޭސި ކުލީ ސިފައިންގެ ބަޔަކު ގެންނަވައި ދޮން ބަންޑާރައިން ބޭތިއްބެވިއެވެ. އެމީހުންގެ ވެރިޔަކަށް ހުރީ މޫޝް (މިޝެއޮ؟) ތިރިމިލީ ނަމަކަށް ކިޔާ ވިޔަފާރިވެރިއެވެ. ފަރަންސޭސީން ރާއްޖޭގައި ތިބީ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ގެއްލުންނުވާ ގޮތަށެވެ. އެގޮތުން، އެއިން މީހަކު ކުށެއް ކޮށްފިއްޔާ ދިވެހި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. އެ މީހުން ތިބީ ނާނޭ ބުރުޒުގައެވެ. އެ ބުރުޒުގައި ފަރަންސޭސި ދިދަ ނެގުމުގެ ހުއްދަ ދެއްވިއެވެ. ފަރަންސޭސި ސިފައިން ދިވެހީންނާއެކު ތިލަދުންމަތީ ހަނިމާދޫއަށް ގޮސް ދޮނަކުޅީގައި ޖަގަހަ ޖަހައިގެން ތިބި މަލާބާރީން އެތަނުން ފަހާލުމުގައި އެހީތެރިވެދިނެވެ.

ފަރަންސޭސީން ދިވެހީންނަށް އެހީތެރިވީ ވިޔަފާރި އުސޫލުންނެވެ. އެމީހުން ކުރި މަސައްކަތުގެ އުޖޫރަ އެމީހުންނަށް ލިބުނީމާ އެނބުރި ދިޔައީއެވެ. އޭގެ އަގަކަށް ނެގީ އަރިއަތޮޅު މާޅޮހަށް އެ ދުވަސްވަރާ ދިމާކޮށް ލެއްގި 337.5 ރާތާ ބަރުދަނުގައި ހުރި މާވަހަރެކެވެ.

މަލާބާރީންގެ ކިބައިން ރާއްޖެ ސަލާމަތް ކުރެއްވުމާ ގުޅިގެން ދޮން ހަސަން މަނިކުފާނަށް ދިވެހި ތަޚުތު ހައްޤުވިއެވެ. އަދި ތަޚުތައް އަރާވަޑައިގަތުމަށް ބޮޑުންނާއި އިލްމްވެރީން އެދުނެވެ. ނަމަވެސް އޭނާ ވިދާޅުވީ ރާއްޖޭގެ ރަދުން ދުނިޔޭގައި އެބަހުންނެވި ކަމަށެވެ. ދޮން ހަސަން މަނިކުފާނު ރަސްކަން ހިންގަވަމުން ފުރަތަމަ ގެންދެވީ އިބްރާހިމް އިސްކަންދަރު ރަދުންގެ ދަރިކަނބަލުން އައިމިނާ ކަނބާފާނުގެ ނަންފުޅުގައެވެ. ފަހުން މުހައްމަދު އިމާދުއްދީން ރަދުންގެ ތުއްޕުޅު ދަރިކަނބަލުން އައިމިނާ ރަނިކިލެގެފާނުގެ ނަންފުޅުގައެވެ.

ކަންނަންނޫރުގައި ތިއްބެވި ރަދުންނާއި ވަލީ އަހުދު ރާއްޖެއަށް ގެންނަވަން ދޮން ހަސަން މަނިކުފާނު ވަރަށް މަސައްކަތް ކުރެއްވިއެވެ. ފުރަތަމަ އެ ބޭފުޅުން ބަލައި ފޮނުއްވީ އެ ބޭފުޅުން ތިއްބެވި ލަކަދީބުގެ އަންދްރޮތަށާއި ކާވްރަތީއަށެވެ. ދެން ކަންނަންނޫރަށެވެ. މިއިން އެއްގޮތަކުން ވެސް ކާމިޔާބެއް ނުލިބުނެވެ. އެންމެ ފަހުން މަލިކުގައި އިމާދުއްދީން ރަދުން އަވަހާރަވީއެވެ.

ރަސްގެފާނު މަލިކުގައި އަވަހާރަވީ ޚަބަރު މާލެއަށް ލިބުމުން ދޮން ހަސަން މަނިކުފާނު ރަސްކަން ޤަބޫލުކުރެއްވިއެވެ. އޭނާ ރަސްކަމަށް އިސްކުރެވުނީ 6 ޑިސެމްބަރ 1759 ގައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކުރީގެ ވަލީއަހުދު މުހައްމަދު މަނިކުފާނު ރާއްޖެ ގެންނަވައި މާލެއަށް ރަސްމީ އިއްޒަތުގައި ބޭލުއްވިއެވެ. އަދި ވަރަށް އިހުތިރާމް ދެއްވިއެވެ.

ދޮންބަންޑާރައިންނަކީ ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. އޭނާގެ އެންމެ އިސްކަމަކަށް ދެކެވަޑައިގަތީ މަލާބާރީން އަންދާލި މާލޭގެ ތަންތަނާއި ގެދޮރު މަރާމާތު ކުރެއްވުމެވެ. އެ މަނިއްޕުޅުގެ ރަސްކަމުގައި އަދުލު އިންސާފުގެ ކަންކަން އިސްލާހުގެ މަގުގައި ކުރިއަށް ގެންދެވިއެވެ. ރާއްޖޭގެ ބޭރާ ބެހޭ ކަންކަން ހަމަޖެއްސެވިއެވެ. އައު ސިއްކަ ނެރުއްވައި ލާރިއާއި ބޮޑުލާރި އާއްމުކުރެއްވިއެވެ. މިސްކިތްތައް ބެލެހެއްޓޭނޭ ގޮތަށް އެ ތަންތަނުގެ ފަތްތައް އާކުރެއްވިއެވެ.

އައްސުލްޠާން ހަސަން ޢިއްޒައްދީން އަވަހާރަވީ 1 ފެބްރުއަރީ 1767 ގައެވެ. އަވަހާރަވީ، ކުރީ ރަދުންގެ ވަލީއަހުދު މުހައްމަދު މަނިކުފާނާ (މުހައްމަދު ޣިޔާސުއްދީނާ) ހަވާލުކުރައްވާފައެވެ. ދޮން ބަންޑާރައިން ފަސްދާނުލެވުނީ ހުކުރު މިސްކިތު ޤަބުރުސްތާނުގައި އިބްރާހިމް ރަސްގެފާނުގެ ޒިޔާރަތުގައެވެ.

ދޮންބަންޑާރައިންގެ 5 ބޭފުޅުން ތިއްބެވިއެވެ. އޭގެ ތެރެއިން ދެ ބޭފުޅުންނަށް ފަހުން ރަސްކަން ލިބިވަޑައިގަތެވެ. އެއީ މުހައްމަދު މަނިކުފާނު (ފަހުން އައްސުލްޠާން މުހައްމަދު މުޢިއްޒައްދީން) އާއި އަލިމަނިކުފާނު (ފަހުން އައްސުލްޠާން ހަސަން ނޫރައްދީނެވެ.

 

ރިފަރެންސް

  1. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2005) " އައް ސުލްޠާނުލް ޣާޒީ ހަސަން ޢިއްޒައްދީން 1 ވަނަ"
  2. ތާޖުއްދީން، އަލް ޤާޟީ ހަސަން (2020) "ތާރީޚު އިސްލާމި ދީބާ މަޙަލް،" ދިވެހިބަހުގެ އެކެޑެމީ، ޞ. 138 އިން 151 އަށް
  3. ވައްހާބު، މަޖީދު އަބްދުލް (…….) "މޯލްޑިވްސް ސޮވްރޭންސް ފްރޮމް އޭ.ޑީ. 1117،" މޯލްޑީވްސްރޯޔަލްފެމިލީ.ކޮމް، 20 އެޕްރީލް 2021 ގައި ނަގާފައި
  4. ޝާތިރު، މުހައްމަދު (2021) "ދޮން ބަންޑާރައިން،" މެސެންޖަރ މުއާޞަލާތު