Support Us

އުމުރުން 25 އަހަރުގެ ސަލްމާ: އަލަތު ދަރިފުޅު ވިހެއީ ކައިވެންޏަށް ދެ އަހަރު ވީފަހުން

އޭ.ޑީ.ކޭގައި ވިހެއުމަށްފަހު ސަލްމާ މަރުވި މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަނީ

އޭޑީކޭ ހޮސްޕިޓަލްގައި ވިހެއުމަށްފަހު ލޭ މަނާނުވެގެން ގއ. މާމެންދޫ، ސަލްމާ ނަސީރު މަރުވި ހާދިސާގައި އިހުމާލުވެފައިވާ ފަރާތެއް ވާނަމަ، އެފަރާތެއް ޒިންމާކުރުވުމުގެ ގޮތުން ޖިނާޢީ އަދި މަދަނީ ޤާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އާއިލާގެ ފަރާތުން ލޯފާމަކާ ހަވާލުކޮށްފިއެވެ.

އުމުރުން 25 އަހަރުގެ ސަލްމާ، މި އަހަރުގެ ފެބްރުއަރީ 3 ވަނަ ދުވަހު ވިހެއުމަށްފަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، އެ ހާދިސާ ހިނގައިދިޔުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލައި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަލްމާގެ އާއިލާގެ ފަރާތުން ހަވާލުކޮށްފައިވާ "އެޑްވޮކަސީ ޗެމްބާސް" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލައިގައި ލިބެން ހުރި ޙައްލުތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ "ސިއްޙީ ފަރުވާ ދޭ ޚިދުމަތްތެރިންނާއި އަދި ފަރުވާދޭ ތަންތަނުގެ އިހުމާލުން ބަލިމީހުންނަށް ލިބޭ ގެއްލުންތައް މަދުކުރުމުގެ ގޮތުން އެފަރާތްތަކާއި އެތަންތަން ޒިންމާކުރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި މަރުޙޫމާ ސަލްމާ ނަސީރުގެ އާއިލާއިންނާއި މި ލޯފާމްގެ ފަރާތުން ދެކޭ" ކަމަށެވެ.

"އެޑްވޮކަސީ ޗެމްބާސް" އިން ބުނީ ސަލްމާގެ މަރުގެ ޙާދިސާ ބަލައިދިނުމަށް އެދި އާއިލާގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެކަން ހިނގިގޮތް ބަލައި ކަން ހިނގި ގޮތުގެ ރިޕޯޓެއް އިހަށް ދުވަހު އާއިލާއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މިނިސްޓްރީން ބެލި ބެލުމުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ސަލްމާ އަށް ފަރުވާ ދިނުމުގައާއި ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި ހޮސްޕިޓަލުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބަޔާންކޮށްފައިވާ ކަމަށެވެ.

"އެގޮތުން ބަލިމީހާގެ ގަޔަށް ވަގުތުން ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސައިފައިނުވާ ކަމަށާއި އަދި ބަލިމީހާގެ ހަށިގަނޑުން ލޭ ފޭބި މިންވަރު ރަނގަޅަށް އަންދާޒާކުރެވިފައި ނުވާކަމާއި އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްތަކެއްވެފައިވާކަން މިނިސްޓްރީ އޮފް ހެލްތުން ބެލި ބެލުމުން ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ،" އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައިވެއެވެ. "މި ހުރިހާ ކަމެއް މިގޮތަށް ހުރުމުން، މި ޙާދިސާއާ ގުޅިގެން އިހުމާލުވެފައިވާ ފަރާތެއްވޭތޯ ބަލައި އިހުމާލުވެފައިވާ ފަރާތެއް ވާނަމަ، އެފަރާތްތައް ޒިންމާކުރުވުމުގެ ގޮތުން ޖިނާޢީ އަދި މަދަނީ ޤާނޫނީ ނިޒާމުގެ ތެރެއިން ލިބެން ހުރި ޙައްލުތައް ހޯދައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މިފާރމް އިން ވަނީ ނިންމައިފައެވެ. އަދި މިފަދައިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިއްޙީ ފަރުވާ ދޭ ޚިދުމަތްތެރިންނާއި އަދި ފަރުވާދޭ ތަންތަނުގެ އިހުމާލުން ބަލިމީހުންނަށް ލިބޭ ގެއްލުންތައް މަދުކުރުމުގެ ގޮތުން އެފަރާތްތަކާއި އެތަންތަން ޒިންމާކުރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި މަރުޙޫމާ ސަލްމާ ނަސީރުގެ އާއިލާއިންނާއި މި ލޯފާރމްގެ ފަރާތުން ދެކެމެވެ."

"އެޑްވޮކަސީ ޗެމްބާސް" އިން ބުނީ ސަލްމާގެ މަރުގައި އިހުމާލެއް ވޭތޯ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް، އިހުމާލުން ވީ ގެއްލުމުގެ ބަދަލު ހޯދަން ސިވިލް ކޯޓަށް އަދި މެޑިކަލް ނިގްލިޖެންސްގެ މައްސަލަ މެޑިކަލް ކައުންސިލަށް ހުށަހަޅާނެ ކަމަށެވެ.

ސަލްމާގެ ކުއްލި މަރުގެ މައްސަލަ ބެލުމަށްފަހު ހެލްތް މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް އެންޑް ރެގިއުލޭޝަންސް ޑިވިޝަނުން އާއިލާ އަށް ފޮނުވާފައި ރިޕޯޓުގައި 19 ނުކުތާއެއް ފާހަގަކޮށްފައިވެއެވެ. އެ ރިޕޯޓުގެ ކޮޕީއެއް "އަދިވެސް" އަށް ވެސް ވަނީ ލިބިފައެވެ.

ހެލްތް މިނިސްޓްރީން ފާހަގަކުރި ކަންތައްތައް

  1. 01 ފެބްރުއަރީ 2021 ވަނަ ދުވަހު ސަލްމާ ނަސީރު، 39 ހަފްތާ 4 ދުވަސް ވިއްސުމަށްޓަކައި ވޭންވަރު ގެނައުމަށް އެޑްމިޓްކުރިކަން.
  2. 02 ފެބްރުއަރީ 2021 ވަނަ ދުވަހު 9:45 ގައި ސަލްމާ ނަސީރު ވާރޑް އަށް ބަދަލުކުރިކަން، ބޭބީގެ ވިންދު ރަނގަޅުކަން، އަދި ކްރޮސްމެޗް ހަދަން ފޮނުވިކަން ލިޔެކިއުމުން ފެންނަން ހުރުން.
  3. 12:25 ގައި ބަލިމީހާ ލޭބަރ ރޫމް އަށް ގެންދެވުނުކަން، ބެލިބެލުމުން ވައިޓަލްސް ރަނގަޅުކަން، ސީ.ޓީ.ޖީ ހެދިކަން، އަދި ބަނޑުގައިވާ ދަރިފުޅުގެ ވިންދު ރަނގަޅުކަން.
  4. 12:43 ގައި މީސޯޕްރޮސްޓޯލް (ފުރަތަމަ) ޑޯޒް، ބަނޑުގެ ވޭންވަރު ގެންނަންވެގެން ދިންކަން، އަދި ހަތަރު ގަޑިން، 4 ޑޯޒް ހަމަވަންދެން ދެވިފައިވާކަން ލިޔެކިއުމުން ފެންނަންހުރުން.
  5. 03 ފެބްރުއަރީ 2021 ވަނަ ދުވަހު ހެދުނު 5:34 ގައި ބަލިމީހާ ލޭބަރ ރޫމް އަށް ގެންދެވުނުކަން.
  6. މީސޯޕްރޮސްޓޯލް (5 ވަނަ ޑޯޒް) ދެވުނުކަން، ބޭބީގެ ވިންދު ރަނގަޅުކަން، ބަނޑުގެ ވޭންވަރު އަންނަކަން. މީސޯޕްރޮސްޓޯލްގެ އެންމެ ފަހު ޑޯޒް ދިންތާ އެއްގަޑިއިރު ފަހުން ބަނޑުގެ ވޭންވަރު ގެންނަން (އިންޖެކްޝަން ސިންޓޯސިނޯން) ފެށިކަން ލިޔެކިއުންތަކުން ފެންނަން ހުރުން.
  7. ހެނދުނު 11:00 ގައި ބޭބީގެ ވިންދު 146/ މިނިޓް (ރަނގަޅުކަން)، ބަނޑުގެ ވޭންވަރު އަންނަކަން، 3 ސެންޓިމީޓަރ އަށް ރަހިމުގެ ދޮރު ހުޅުވިފައިވާކަން، އަދި އެއްގަޑި އިރު ފަހުން ބެލިއިރު ރަހިމުގެ ދޮރު އެއްކޮށް ހުޅުވިފައިވާކަން، އޭގެ 20 މިނިޓް ފަހުން ވެކިއުމްކޮށްގެން ބޭބީ ވިއްސިކަން ލިޔެކިއުމުން ފެންނަންހުރުން.
  8. ބަލިމީހާ ވިހެއިފަހުން ލޭ ފޭބިކަން، އެހެންނަމަވެސް ލޭ ފޭބީ ކިހާވަރަކަށްކަން ލިޔެކިއުމުން ފެންނަން ނެތްކަން.
  9. މެންދުރު 12:55 ގައި ލޭ ފައިބާތީ ބޭސް ފަށާފައިވާކަން، އަދި "ވެޖައިނަލް އެކްސްޕްލޮރޭޝަން" ހެދިކަން ލިޔެކިއުމުން ފެންނަންހުރުން.
  10. ސަލްމާ ނަސީރުގެ އެހީތެރިޔާގެ ބަޔާނުން، ވިހަންވެގެން އެޑްމިޓްކުރިއިރު 2 މީހަކަށް ކޮރޮސްމެޗް ހަދާފައިވާކަން، އެހެންނަމަވެސް ޑޯނާ ގެންނަން ބުނީ ވިހެއުމަށްފަހު އިރުތަކެއް ފަހުން ލޭމަނާނުވެގެންކަން.
  11. 13:35 ގައި ބަލިމީހާގެ ހާލަތު އަދި ބަލިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް ރަހިމު ނަގަން ޖެހިދާނެ ކަމަށް އާއިލާއަށް ކިޔައިދީފައިވާކަން ހޮސްޕިޓަލުގެ ލިޔެކިއުމުން ފެންނަންހުރުން.
  12. ބޭބީ ގެންދިޔައިރުވެސް ބަލީހާ ވަރަށް ހެވިފައި އޮތް ކަމަށް، އަދި އިރުކޮޅެއް ފަހުން ފުސްވާ ކަހަލަ ގޮތެއްވާ (މޫނުމައްޗަށް އަނދިރިވާން ފެށީ) ކަމަށް ބަލިމީހާ ބުނިކަން، އެހީތެރިޔާގެ ބަޔާނުން ފެންނަން ހުރުން.
  13. 13:40 ގައި ބަލިމީހާގެ ހާލަތު އެހީތެރިޔާއަށް ކިޔައިދީފައި ލޭ ގެންނަން ބުނިކަން، އަދި ބްލަޑް ބޭންކުން 2 ޕައިންޓް ލޭ ހަމަޖެއްސިކަން، އެއީ ވިހެއިތާ 1 ގަޑިއިރު ފަހުންކަން، އެހެން ނަމަވެސް ލޭބަރ ރޫމްގައި ބަލިމީހާއަށް ލޭ އަޅާފައި ނުވާކަން.
  14. 14:00 ގައި ބަލިމީހާ އޮޕަރޭޝަން ތިއޭޓަރ އަށް ގެންދެވުނު އިރު، ނޭވާލާން އުނދަގޫވާ ކަމަށް ބަލިމީހާ ބުނިކަން ހޮސްޕިޓަލުގެ ލިޔެކިއުމުން ފެންނަންހުރުން.
  15. ބަލިމީހާ ހެޔަށް ގޮތްވެފައިވާ ކަމާއި، "ރެސްޓްލެސް" ކަމަށް، އަދި މިގަޑީގައި ލޭގެ ޕްރެޝަރ ނުލިބޭކަން، ވިންދު 190/މިނިޓް (ހުންނަންޖެހޭ ވަރަށްވުރެ މަތިކޮށް) ކަން ލިޔެކިއުމުން ފެންނަން ހުރިކަން.
  16. 14:25 ގައި ބަލިމީހާ އަށް ލޯއަޅަން ފެށިކަން، ވިންދު 42/މިނިޓް ކަމާއި، އަދި އެގަޑީގައިވެސް ލޭގެ ޕްރެޝަރ ރިކޯޑް ނުކުރެވޭކަން، އެހެންކަމުން ބޭސް ފަށާފައިވާކަން.
  17. 14:30 ގައި ސަލްމާ ނަސީރުގެ "ހިސްޓެރެކްޓޮމީ" ހަދަން ފެށިކަން، އަދި އޮޕަރޭޝަނުގެ ތެރޭގައި ބަލިމީހާ "ކާޑިއެކް އެރެސްޓް" އަށް ދިޔުމުން "ސީ.ޕީ.އާރ" ހެދިކަން، ހޮސްޕިޓަލުގެ ލިޔެކިއުމުން ފެންނަން ހުރުން.
  18. 16:01 ގައި ބަލިމީހާ ނިޔާވިކަން ލިޔެކިއުމުން ފެންނަންހުރުން.
  19. 16:05 ގައި ޑޮކްޓަރުންގެ ޓީމެއް ބަލިމީހާ ނިޔާވި ސަބަބު އެހީތެރިންނަށް ކިޔައިދީފައިވާކަން، ހޮސްޕިޓަލުގެ ލިޔެކިއުމުން ފެންނަން ހުރުން.

 

ހެލްތު މިނިސްޓްރީގެ ނިންމުން

"މާބަނޑު މީހުންނަށް މަތީ މިންގަނޑަކަށް އަޅާލެވޭ އަދި އެކަމުގެ އެންމެހާ ވަސީލަތްތައް ފަހިވެފައިވާ ތަންތަނުގައި ވެސް، ވިހެއުމަށް ފަހު ގަދައަށް، އަދި މެދުކެނޑުމެއް ނެތި ލޭ އައިސް، ބަލިމީހާގެ ޙާލަތު ދަށްވަމުންދާ
ހިނދެއްގައި، ވިހެއުމުގެ ތެރޭގައި ހިނގާ މަރަކީ ބައެއް ޙާލަތްތަކުގައި، ދުރުކުރުވާނެ ކަމެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް ވިހެއުމުގެ ތެރޭގައި ދިމާވެދާނެ ހާލަތަކަށް ފުރިހަމައަށް ތައްޔާރުވެފައި އޮތުމަކީ ކޮންމެ ސިއްޙީ ފަރުވާދޭ ތަނަކުންވެސް ކުރަންޖެހޭނެ ކަމެކެވެ.

"މި ހާދިސާގައި ހިމެނުނު މުވައްޒަފުންނާއި ޑޮކްޓަރުން ވަކިވަކިން ދީފައިވާ ބަޔާންތަކަށް ބަލާއިރު، ހަށިގަނޑުން ފޭބި ލޭގެ މިންވަރު އަންދާޒާ ކުރެވިފައިވަނީ މަދުންކަން ފާހަގަކުރެވުނެވެ. އަދި ރިވިއުއިން ފެންނަ ގޮތުގައި، ވިހެއުމަށް ފަހު ހަށިގަނޑުން ފޭބި ލޭ ވަޒަންކުރެވިފައިވާ މިންވަރަށް ވުރެ ބޮޑަށް ލޭފައިބާފައިވާކަން އަންދާޒާ ކުރެވެއެވެ. ލޭ ދޭން ދެމީހެއްގެ ކްރޮސްމެޗު ހެދިފައި ވީ ނަމަވެސް، އެމީހުންގެ ގައިން ލޭ ނަގައި، ލޭ އެޅުމަށް ތައްޔާރުކުރެވިފައި ނުވާކަން ފާހަގަކުރެވުނެވެ.

"ވިހެއުމަށްފަހު މިގޮތަށް ވަރަށް ގިނައިން ލޭ ފޭބުމަކީ އެކަށީގެންވާ، އަދި ހިނގާފާނެ ކަމެއްކަމުން ވަގުތުން ލޭ އެޅޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމަކީ ބަލިމީހާ އަށް އެންމެ ރަނގަޅު ފަރުވާ ދިނުމުގައި، އަދި ފުރާނަ ސަލާމަތް ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. އަދި، ވީހާ ވެސް ކުރިއާލައި އެކަމަށް ތައްޔާރުވާން ޖެހޭނެއެވެ. ނަމަވެސް މި ކޭސްއިން ފާހަގަކުރެވުނީ ލޭ ދޭނެ ފަރާތެއް ހަމަޖައްސާފައި ވީނަމަވެސް ބަލިމީހާ އަށް ލޭ އެޅުމުގައި ލަސްވެފައިވާކަމެވެ."

ސަލްމާ އަށް ދޭންޖެހުނު ފަރުވާތައް ހުރިހާ ވަގުތެއްގައިވެސް، ފަރުވާތެރިކަމާއެކު ދީފައިވާނެ: އޭ.ޑީ.ކޭ

މި ކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަލްމާ އަށް ދޭންޖެހުނު ފަރުވާތައް ހުރިހާ ވަގުތެއްގައިވެސް، ފަރުވާތެރިކަމާއެކު ދީފައިވާނެ ކަމަށެވެ. ސަލްމާ ވިހަންވެގެން ހޮސްޕިޓަލަށް ދިޔައީ އާންމު ހާލަތުގައި ވިހެއުމަށް ދާ އެހެން މީހުންނެކޭ އެއްގޮތަށް ކަމަށާއި އަދި ވިހެއުމުގެ ކަންކަން ގޮސްފައިވަނީވެސް އާންމުކޮށް ވިހެއުމުގައި ބަލާ މިންގަނޑުތަކާ އެއްގޮތަށް ކަަމަށެވެ. ނަމަވެސް ވިހެއުމަށްފަހު އާންމުކޮށް ލޭ އަންނަ ވަަރަށްވުރެ ގިނައިން ލޭ އަންނަކަން ފާހަގަކުރެވިގެން އެކަމާ ގުޅޭ ފަރުވާތައް ވަގުތުން ފަށައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"…މި ގޮތުން ލޭ މަނާކުރުމަށް މިފަދަ ހާލަތްތަކުގައި ދެވޭ ބޭސް އަދި ގައިނަކޮލަޖިކަލް ފަރުވާތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފައިވާނެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލްނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަންޖެހޭ މަަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސްފައިވާނެ. ނަމަވެސް ލޭ ފޭބުން ކޮންޓްރޯލްނުވެ ކުރިއަށްދާތީ ލޭ އެޅުމަށް ކުރަަންޖެހޭ މަސައްކަތްތައް ފަށައި ކުރިއަށް ގެންގޮސް އަޅަން ބޭނުންވާ ލޭގެ ރައްކާތެރިކަން ކަށަވަރުވުމާއެކު ލޭ އަޅަން ވަނީ ފަށައިފައި،" އޭ.ޑީ.ކޭގެ ބަޔާނުގައިވެއެވެ.

އަދި ސަލްމާގެ ގަޔަށް ލޭ އެޅުން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާނެ ކަމަށާއި ނަމަވެސް އެ މަސައްކަތުންވެސް ލޭގެ ޕްރެޝަރު ނުހިފެހެއްޓި ދަށަށް ގޮސް ކާޑިއެކް އެރެސްޓަކަށް ދިޔަ ކަމަށާ އިއެކަމާ ގުޅިގެން ސީޕީއާރު ދެވުނު ނަމަވެސް ސަލްމާގެ ފުރާނަ ސަލާމަތް ކުރެވޭ ގޮތް ނުވީ ކަމަށް ވެސް އޭ.ޑީ.ކޭގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް