Support Us

ކޮލަމް: ހަވާސް

ޝަހީބުގެ ކޮލަމް: މިއީ އެންމެ މީހެއްގެ ގައުމެއްތަ؟ ނަޝީދު ކުސްތަޅާލީމާ ބަރުލަމާނީއަކަށް ވެސް ހަދަންވީތަ؟

"އިބޫ. ބަރުލަމާނީ ނިޒާމަށް ގައުމުގެ ހިންގުން ބަދަލުކުރުމުގެ ވާހަކަ ދައްކާލަން ބޭނުން. މިގޮތަށް ހަވާސާގައި އަބަދު ހުންނާކަށް އަހަރެން ބޭނުމެއް ނޫން. މި ގައުމު ހިންގުމުގައި ބައިވެރިވާން އަހަރެން ބޭނުން. އަހަރެން ބޭނުންވަނީ ބޮޑުވަޒީރަކަށްވާން،" މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ވަގުތެއްގައި ފޮނުއްވި މެސެޖެކެވެ.

އެ މެސެޖުގައި، ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމް.ޑީ.ޕީގެ ވެސް ރައީސް އަދިވެސް ވިދާޅުވެފައިވެއެވެ. "2023 ގެ ފެބްރުއަރީގައި ބަރުލަމާނީއަށް ބަދަލުކޮށް، މިހާރުގެ މަޖިލިސް އިން ސަރުކާރު އެކުލަވާލައި، އަދި 2023ގެ ރިޔާސީ އިންތިހާބު ނުބޭއްވުން، 2024 ގައި މަޖިލިސް އިންތިހާބަށް ދާއިރު ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގައިވާ ގޮތަށް މަޖިލިސް އިން ކަނޑައަޅާ މީހަކަށްވުން."

މިއީ ގައުމެކެވެ. ތަސައްރަފު ފުދި، ތައުލީމީ ގޮތުން ހުނަރުވެރި، ދުނިޔެއަށް ލޯހުޅުވިފައި ތިބި ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ގައުމެކެވެ. ގާނޫނު އާސާސީއެއްގެ ދަށުން، ތިން ބާރު ވަކިކޮށްފައިވާ ރިޔާސީ ނިޒާމަކުން ވެރިކަން ކުރަމުން އަންނަ ގައުމެކެވެ. ވީއިރު، ނަޝީދު ބޭނުންފުޅުވާއިރަށް، ރައީސް ސޯލިހަށް ދަންނަވާލައިގެން، ވެރިކަމުގެ ނިޒާމް ބަދަލުކޮށްލައި، ނަޝީދަށް ބޮޑުވަޒީރުކަން ދެވިދާނެހެއްޔެވެ؟

ބަރުލަމާނީ ނިޒާމަކީ ކޮބާ؟

ބަރުލަމާނީ ނިޒާމަކީ ރައްޔިތުންގެ މަޖިލީހަށް ހޮވޭ މެންބަރުން ސަރުކާރު ހިންގާ ނިޒާމެވެ. ބޮޑުވަޒީރަކަށް ހުންނަވާނީ ވެސް ކޮންމެވެސް އެއް ދާއިރާއަކުން ހޮވޭ މެންބަރެކެވެ. އިންޑިއާ ފަދަ ބައެއް ގައުމުތަކުގައި އޮންނަ ފަދައިންނެވެ. ވީމާ ބޮޑުވަޒީރަކަށް އައުމަށް މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ ވޯޓެއް ބޭނުމެއް ނުވާނެއެވެ. ކޮންމެވެސް އެއް ދާއިރާއަކުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ޕާޓީގެ ލީޑަރު ހޮވިފައި، ޕާޓީއަށް އަގުލަބިއްޔަތު ލިބިއްޖެއްޔާ ބޮޑުވަޒީރުކަން ލިބުނީއެވެ. އަދި މިނިސްޓަރުންގެ ގޮތުގައި ތިބޭނީ ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. ނަމަވެސް ބަރުލާމާނީއެއް ގެނައުމަށް އެންމެ ފުރަތަމަ ޖެހޭނީ ގާނޫނު އަސާސީ ބަދަލުކުރާށެވެ. ގާނޫނު އަސާސީ ބަދަލުކުރެވޭނީ ރައްޔިތުންގެ ރެފަރަންޑަމް އަކަށް ގޮސްގެން، ބަރުލަމާނީ އަކަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެކަންޏެވެ.

ރައްޔިތުން އަގުލަބިއްޔަތު ދިނީ ރިޔާސީ ނިޒާމަކަށް

ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ނިންމީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ހިންގާށެވެ. އެކަން ކަށަވަރުކުރީ އާ ގާނޫނު އަސާސީ ހެދުމުގެ މަރުހަލާގައި، 2007 ވަނަ އަހަރު ރައްޔިތުންގެ ވޯޓަކުން ނުވަތަ ޕަބްލިކް ރެފަރެންޑަމްއަކުންނެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ ނޫނީ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމުގެ އެ ރެފަރެންޑަމްގައި ވޯޓް ދިނުމުގެ ހައްގު 199،841 މީހަކަށް އޮތެވެ. އޭގެ ތެރެއިން 155،890 މީހުން ވޯޓްގައި ބައިވެރިވި އެވެ. ރެފަރެންޑަމްގައި ޕްރެޒިޑެންޝަލް/ ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދީފައެވެ. އެއީ ވޯޓްލީ މީހުންގެ 62.04 އިންސައްތައެވެ. ޕާލަމެންޓަރީ/ ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުުންނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 އިންސައްތައެވެ. ބާތިލު ވޯޓުގެ އަދަދަކީ 1،767 އެވެ.

ބަރުލަމާނީ: ނަޝީދުގެ އަބަދުގެވެސް ހުވަފެން

ބަރުލަމާނީ ނިޒާމަކީ ނަޝީދުގެ އަބަދުގެވެސް ހުވަފެންފުޅެކެވެ. ދެހާސް ހަތް ވަނަ އަހަރުގެ ރެފަރަންޑަމްގައި ރައީސް ނަޝީދާއި އެމް.ޑީ.ޕީ ތާއީދުކުރީ ވެސް ބަރުލަމާނީ ނިޒާމަށެވެ. ރައީސް މައުމޫނާއި އެހެނިހެން ސިޔާސީ ފިކުރު ތާއީދުކުރީ ރިޔާސީ ނިޒާމަށެވެ.

ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ވާހަކަތަކަކީ ވެސް މީގެ ކުރިން ތަފާތު ފަހަރުތަކުގައި ނަޝީދު ތަކުރާރު ކުރައްވާފައިވާ ވާހަކަފުޅެކެވެ. ބަރުލަމާނީ ނިޒާމުން ނޫން ގޮތަކަށް އެމްޑީޕީ އަށް ދެން ވެރިކަން ކާމިޔާބު ވެދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިސްގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއެކު، ނަޝީދުގެ އުންމީދުތައް ބޮޑުތަނުން އާވެ، ބަރުލަމާނީ ނިޒާމަށް ރާއްޖެ އަނބުރާލާނެ ވާހަކަ ނަޝީދު ވަނީ ތަކުރާރު ކުރައްވައިފައެވެ. އެެކަމަކު އެކަމަށް ޝައުގުވެރިކަން ހުއްޓަސް، އެކަން ބޭނުންފުޅު ނަމަ އެ ވާހަކަ އެންމެ ފުރަތަމަ ރައީސް ސޯލިހަށް ދަންނަވާނެ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިހާރު އެ އޮތީ އެ ވާހަކަ ރައީސް ސޯލިހަށް ދަންނަވައިފައެވެ. އެހެންވިއްޔާ އެކަން، ނަޝީދު ބޭނުންފުޅުވާ ގޮތަށް ފުރޮޅާލެވިދާނެހެއްޔެވެ؟

ރައީސް ނަޝީދާއި ރައީސް މައުމޫން 2013 ގައި

ވެރިކަމުގެ ނިޒާމު އިރުއިރުކޮޅަކުން ބަދަލެއް ނުކުރެވޭނެ: ރައީސް މައުމޫނު

ފެށުނީއްސުރެ ބަރުލަމާނީ ނިޒާމާ ދެކޮޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިއަދު ވަނީ ރައީސް ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ. ފަހަރުގައި އެއީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމަކަށް ކުރެއްވި ޓްވީޓެއް ކަމަށް ވެސް ވެދާނެއެވެ.

ރައީސް މައުމޫނަކީ ރައީސް ސޯލިހުގެ ކޯލީޝަން ޕާޓްނަރެކެވެ. ރައީސް ސޯލިހާއި އެމް.ޑީ.ޕީ ވެރިކަމަށް ގެނައުމަށް 2018 ގައި ތާއީދުކުރެއްވި ލީޑަރެކެވެ. ނަމަވެސް އެމް.ޑީ.ޕީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު ގެންދަވަނީ ލިބިވަޑައިގެންނެވި ކޮންމެ ފުރުސަތެއްގައި، ރައީސް މައުމޫނަށް ބަހުގެ ހޫނުު ހަމަލާތައް، ވަރަށް ހުތުރުކޮށް ވެސް ދެއްވަމުންނެވެ.

އެކަމަކު، އެކަމަށް ރައީސް މައުމޫން ރައްދެއް ނުދެއްވައެވެ.

ބަރުލަމާނީ އަށް ތާއީދެއް ނެތް

ބަރުލަމާނީ ނިޒާމަށް ތާއީދު ނެތް ކަމަށް، ރައީސް މައުމޫނުގެ އިތުރުން، ސިޔާސީ ތަފާތު ބޭފުޅުން ގެންދަވަނީ ޝުއޫރު ފާޅުކުރައްވަމުންނެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވިއެވެ. "ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީއެއް ނޫން. އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުނީމަ."

ވަރަށް ވެސް ތެދުފުޅެކެވެ. ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ، އެ މީހާއަށް ފުރުސަތު ތަނަވަސްކުރުމަށް ބަރުލަމާނީ ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުކުރާކަށް ނުޖެހޭނެއެވެ. ރައްޔިތުންގެ ބޮޑު ތާއީދަކާއެކު 2008 ގައި ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމުން ވެސް، ދައުރުގެ މެދުތެރެއިން ރައީސް ނަޝީދު ވަނީ ލައިވް ޓީވީގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ. އެއީ ގާނޫނާ ޚިލާފަށް ފަނޑިޔާރަކު ހައްޔަރުކުރުމުން އުފެދުނު ސިޔާސީ ހަމަނުޖެހުންގަނޑަކާ ގުޅިގެން، ރައްޔިތުން ކެކިއަރައިގަތުމުންނެވެ. (ނަމަވެސް ރައީސް ނަޝީދު ފަހުން ވިދާޅުވީ އެއީ ބަޣާވާތެއް ކަމަށެވެ.)

 ހަވާސާގައި ހުންނަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވާއިރު ރައީސް ނަޝީދަކީ މިހާރު ދައުލަތުން އެންމެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅާއެވެ. އެމަނިކުފާނުގެ މުސާރަ އާއި އިނާޔަތްތައް ރައީސުލްޖުމްހޫރިއްޔާ އަށްވުރެ ބޮޑެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މުސާރަ އާއި އިނާޔަތްތަކާއި ކުރީގެ ރައީސަކަށްވީތީ ލިބިވަޑައިގަންނަވާ ފައިސާގެ އިނާޔަތްތަކެވެ. އަނެއްކާ ރައްޔިތުންގެ މަޖިލިސްގެ ރިޔާސަތުގައި އިންނަވައިގެން ވެސް އެ މަނިކުފާނު ކަންތައްތައް ކުރައްވަނީ އެ މަނިކުފާނު ބޭނުންފުޅު ގޮތަކަށެވެ. ދައުލަތުގެ ހުރިހައި ބާރުތަކެއްހެން މަޖިލިސް ތެރެއަށް އެއްކުރައްވައިގެން، ރައީސް ސޯލިހަށްވުރެ ބޮޑަށް ސަރުކާރުގެ ކަންކަމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ވެސް ބަސް ވިދާޅުވެ، ބާރުގަދަކަން ދައްކަވަނީ ރައީސް ނަޝީދެވެ. ރައީސް ސޯލިހުގެ ކެބިނެޓަށް އައްޔަން ކުރައްވާ ވަޒީރުން ވެސް، ރައީސް ނަޝީދަށް ކަމުނުގޮސްފިނަމަ، އިތުބާރު ނެތް ކަމަށް ފާސްކޮށް ބޭރުކޮށްލައެވެ. އެހެންވެ ބައެއް މީހުން ބުނާ ގޮތުގައި ރަސްމީކޮށް ނޫނަސް، މިހާރު ވެސް ދައުލަތް ހިންގަނީ ބަރުލަމާނީ ނިޒާމަކުންނެވެ. ރައީސް ސޯލިހަކީ ހަމަ ނަމެއްގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއެކެވެ.


މަޝްހޫރު ގާނޫނީ ވަކީލް އަދި ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ "ވަކި މީހަކު ބޮޑުވަޒީރުކަން/ ރަސްކަންކުރަން ޖާގައެއް ނެތް" ކަމަށާއި "ރައްޔިތުން ނިންމި ނިޒާމްގައި ވެރިކަންކުރަން ލިބުނު ދެ ފުރުޞަތުގައި ވެސް އެމްޑީޕީ ފެއިލް" ކަމަށެވެ.

(ކ-ވ) ޑރ. ޖަމީލް، ރައީސް ނަޝީދު، އަމީން އިބްރާޙިމް އަދި އަލީ ވަހީދު

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ހުންނަވަނިކޮށް މަގާމުން ވަކިކުރި، އަދި ފަހުން ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުތް އިދިކޮޅު އިއްތިހާދު ނުވަތަ "ޔުނައިޓެޑް އޮޕޮޒިޝަން"ގެ އިސް މެމްބަރެއްގެ ގޮތުގައި ރައީސް ނަޝީދާއެކު މަސައްކަތް ކުރެއްވި އަމީން އިބްރާހިމް ވިދާޅުވީ "ގައުމީ މަޞްލަޙަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލްކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރު ހާމަވާ ކަމެއް" ކަމަށެވެ.

އާންމު ގޮތެއްގައި އަބަދުވެސް ރައީސް ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވަމުން ގެންދަވާ އެމް.ޑީ.ޕީގެ ކުރީގެ ރައީސް އިބްރާޙިމް އިސްމާއިލް (އިބުރާ)، ލިބިވަޑައިގެންނެވި ފުރުސަތުގައި މިއަދު ވަނީ އޭނާގެ ހަމަލާތައް ވަރުގަދަ ކުރައްވައިފައެވެ.

އިބުރާ އަދި ވަނީ ރައީސް ސޯލިހަށް ސަމާސާ ޓްވީޓެއް ވެސް ކުރައްވައިފައެވެ. އިބުރާ އަށް އެގޮތަށް ހައްދަވައިދެއްވުން އެއީ ރައީސަށް ކުރެއްވިދާނެ ކަމަކަށް ވިޔަސް، ނަޝީދަށްޓަކައި ބަރުލަމާނީ ގެނައުމަކީ ހަމައެކަނި ރައީސަށް ކުރެއްވޭނެ ކަމެއް ނޫނެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސްގެ މަރަދޫ ދާއިރާގެ އެމް.ޑީ.ޕީ މެމްބަރު އިބްރާޙިމް ޝަރީފު (މަވޯޓާ) ވެސް ވަނީ ބަރުލަމާނީއާ ދެކޮޅަށް ރައްދު ދެއްވައިފައެވެ. އޭނާ ވިދާޅުވީ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކަމަށާއި "އެއީ ރައީސަކަށް، ރައްޔިތުންގެ މަޖުލިސް އަކަށް ވެސް ނިންމޭނެ ކަމެއް ނޫން" ކަމަށެވެ.

ރައްޔިތުން އެކަމަކަށް ޖާގަ ނުދޭނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ރިޔާސީ ނިޒާމުގެ ތެރެއިން އިންތިހާބުވެފައިވާ ރައްޔިތުންގެ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުޞޫލުތަކާއި ޙުދޫދު ފަހަނައަޅައި ދިއުން ކަމަށާއި އެކަމަށް "ރައްޔިތުން އެކަމަކަށް ޖާގަ ނުދޭނެ!" ކަމަށެވެ. އަދި ނަޝީދު "ބޮޑުވަޒީރު ކަމަށް ޝައުޤުވެރިވިޔަސް ދެކަމެއް ފުރިހަމަވެގެން މެނުވީ އެކަމެއް ޙާޞިލު ނުވާނެ" ކަމަށެވެ.

1- ދުސްތޫރީ ހަމަތަކުގެ މަތިން ބަރްލަމާނީ ނިޒާމެއް ޤާއިމުވުން.

2- އަލަށް އުފެދޭ ބަރްލަމާނީ ނިޒާމުގެ ދަށުން ރައްޔިތުން އިންތިޚާބުކުރާ މަޖިލީހުގެ 50 އިންސައްތަ މެޖޯރިޓީ ލިބޭ ޕާޓީ/ކޯލިޝަންގެ ލީޑަރެއްގެ ގޮތުގައި މަޖިލީހަށް އިންތިޚާބުވުން. މިނޫން ގޮތަކަށް ވަކި ނިޒާމެއްގެ ދަށުން އިންތިޚާބުވެފައިވާ މަޖިލީހެއްގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރު އެކުލަވާލަން އުޅުމަކީ ދުސްތޫރީ އުޞޫލުތަކާއި ޙުދޫދު ފަހަނައަޅައި ދިއުން. ރައްޔިތުން އެކަމަކަށް ޖާގަ ނުދޭނެ!

މި މައްސަލައިގައި ޕްރޮފެސަރ ހަސަން އުގައިލް ވެސް ވަނީ ޓްވީޓެއް ކުރައްވައި އެމަނިކުފާނުގެ ޝުއޫރު ފާޅުކުރައްވައިފައެވެ. ރައީސް މައުމޫނުގެ ޓްވީޓަށް ތާއީދު ކުރައްވައި ޕްރޮފެސަރ އުގައިލް ވިދާޅުވީ "ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިން" ކަމަށެވެ.

އެއްޗެއް ވިދާޅުވާން ރައީސް ސޯލިހަށް ކެރިވަޑައިނުގަތް

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައި މިވާ މައްސަލައިގައި، އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތެއް އެ ބޭފުޅަކު ވިދާޅުވަމުން ގެންދަވާއިރު، އަދި އެކަމުގައި އެންމެ ފުރަތަމަ އެއްޗެއް ވިދާޅުވާން ޖެހޭ ބޭފުޅަކީ ވެސް ރައީސް ސޯލިހު ކަމަށް ވާއިރު، އެ އެމަނިކުފާނު ވަނީ އެކަމަށް ފަސްޖެހިވަޑައިގެންފައެވެ. "އަދިވެސް"ގެ ފަރާތުން ސުވާލު ދެންނެވުމުން ވެސް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. މިކަމާ ވިދިގެން ރައީސް ސޯލިހު ޓްވީޓެއް ވެސް ނުކުރެއްވިއެވެ. އަދި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒުވެސް ޓްވީޓެއް ކުރެއްވުމުގެ ބަދަލުގައި، ނޫސްވެރިން ހިމެނޭ ވަޓްސްއަޕް ގްރޫޕަށް ފޮނުވާލެއްވީ މެސެޖެކެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު (ކ) ބަރުލަމާނުގައި -ފޮޓޯ ރައީސް އޮފީސް

"ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި މެސެޖެއްް ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ލިބިވަޑައިގެންފަ. މިހާރު އަމަލުކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލުކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށް ވާތީ، މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ."


ތަރުޖަމާނު މެދުވެރިކުރައްވައި ނޫސްވެރިންނަށް މެސެޖު ދެއްވި ނަމަވެސް، ރައީސް ނަޝީދުގެ މެސެޖަށް ރައީސް ސޯލިހު ޖަވާބެެއް ދެއްވި ކަމެއް އަދި ނޭނގެއެވެ. އެހެންވެ ރައީސް ނަޝީދު ކެއްތެރިކަމެއް ނެތި އިންނަވާނީ އެ ޖަވާބުގެ އިންތިޒާރުގައިކަން ޔަގީނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

3 Responses

  1. މިއީ އަންނި ކުރާ ކަމެއް ކަމަށް ބަޔަކަށް ހީވިޔަސް މިއީ އިބޫއާއި އަންނިއާ ގުޅިގެން ކުޅޭ ކުޅިވަރެއް. އިބޫއަށް ކަމެއް ނުކޮށް ރައީސުލްޖުމްހޫރިއްޔާއޭ ކިޔައިފައި ހުރެވިއްޖިއްޔާ އޭނާއަށް ނިމުނީ. އެހެންވެ، އިބޫއަށް 2023 ގައި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީންވާތީ އަންނިއާއި އިބޫ ގުޅިގެން ބަރުލަމާނީ ގެންނާން މި އުޅެނީ. އަންނިއަށްވުރެ ހާސްބައި ނުބައި ނުލަފާ އިންސާނެއް އިބްރާހީމް މުޙަންމަދު ޞާލިޙަކީ؟

  2. އިބޫއަށް މިކަމާ އިދިކޮޅަކަށް އެއްޗެއް ވިދާޅެއް ނުވެވޭނެއެވެ. މިއީ ސިއްކަމެންގޭ ތެރޭގައި މަޝްވަރާކޮށް ނިމިގެން 2023 ގައި މި ނޫން ގޮތަކަށް އިބޫއަށް ރައީސްކަން ލިބިވަޑައިނުގަންނަވާނެކަމަށް ފެނިވަޑައިގެން ޕެސިވް (ކަންނެތް) ރައީސެއްގެ ގޮތުގައި ހުންނަވާށާއި ނަޝީދަށް ބޮޑުވަޒީރުކަން ދީ ޤައުމުގެ ޢަމަލީ ވެރިކަން ދޭން ދެ ބޭފުޅުން ރާއްވަވައިގެން ކުރައްވާ ކަމެކެވެ. މި މަޝްވަރާތައް އަޑުއެހި މީހަކު އަޅުގަނޑަށް މަޢުލޫމާތު ދިން ގޮތުގައި، އިންޑިއާގެ އިސްޓޭޓަކަށް ވެގެން ވެސް އެ ދެ މީހުންނަށް ރާއްޖޭގެ ދެ ސަރަހައްދެއްގައި ވެރިކަން (ގަވަރުނަރުކަން) ލިބިއްޖިއްޔާ އެ މީހުންނަށް އެ ނިމުނީއެވެ. ގައުމާ މެދު ކުޑަވެސް ކުލުނެއް، (ކުލުނުގެ ޒައްރެއް ވެސް) އެއިން ބޭފުޅެއްގެ ހިތްޕުޅަކު ނެތެވެ.

  3. ޝަހީބުމެން ތިޔަށްވުރެން ތަސައްރަފް ފުދެންވެއްޖެ. ބަރުލަމާނީ ނިޒާމާއި ބެހޭގޮތުން މާދަށް ނިޒާމެއްކަމަށް ތިޔަ ދައްކަނީ ކޮން ޢިލްމީ ދިރާސާއަކަށް ބުރަވެ؟ ތިކިޔަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިންގާ މިނިޒާމް ރަނގަޅެއްނޫނޭތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *