...

Support Us

މެޑަމް ނާއިލާ: "ހަވީރު" އާއިލާގެ "މަންމަ"ގެ ވަކިވުމުގެ ހިތާމަ

"ހަވީރު" ނޫހުގައި އަޅުގަނޑު މަސައްކަތްކުރި ވިއްސަކަށް އަހަރު އަބަދުވެސް އިންތިޒާރުކުރި އެއް ކަމެއް އޮންނާނެއެވެ؛ އެއީ ހ. ނީލްވިލާގައި ބާއްވާ ކެއުމެއްގެ ދައުވަތަށް ކުރެވޭ އިންތިޒާރެވެ. ދައުވަތު ދެއްވާނީ ސީދާ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިނެވެ. ނުވަތަ މެނޭޖަރު އަބްދުއްރަޝީދު (އަބުސީ) އެވެ. ރޭގަނޑުގެ ކެއުމުގެ ދައުވަތު، އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލިބިއްޖެ ނަމަ، މެންދުރު ކެއުމެއް، ހަވީރު ސަޔެއް ބުއިމެއް ނޯންނާނެއެވެ. އެންމެ ސަބަބަކަށްޓަކައެވެ؛ ރޭގަނޑުގެ ކެއުމަށް ތައްޔާރުވުމަށެވެ. ބަނޑުން ޖާގަ ހުސްކުރުމަށެވެ.

ހ. ނީލްވިލާގައި އޮންނަ ރޭގަނޑުގެ ކެއުމަށް ދުރާލައި ތައްޔާރުނުވާންވީ އެއްވެސް ސަބަބެއްނެތެވެ. އެރޭގެ ސުފުރާމަތީގައި މުޅީން ވެސް ހުންނާނީ ޗެއާމަން ޑރ. ޒާހިރުގެ އަނބިކަނބަލުން، މެޑަމް ނާއިލާ އިބްރާހީމް ކަލޭފާނު އަމިއްލަފުޅަށް ތައްޔާރުކުރައްވާފައި ހުންނަ އެކި ކަހަލަ ކާނާއެވެ. އެއީ ކުކުޅު ރިހަ ކަމަށް ވިޔަސް، ގެރި ރިހަ ކަމަށް ވިޔަސް، މުސަންމާ ކަމަށް ވިޔަސް، އަދި މުގުރިހަ ކަމަށްވިޔަސް، އެއީ މުޅިން ތަފާތު ރަހައެކެވެ. ހަމަ ޔަގީނުން ވެސް ދިވެހި އެހާ މީރު ރަހަތަކެއް އެހެން ސުފުރާމައްޗަކުން އަޅުގަނޑަށް ކެވިފައި ހުރި ހަނދާނެއް ނެތެވެ.

"ހަވީރު"ގެ އާއިލާ އަށް ހ. ނީލްވިލާގައި ކެއުންތައް އިންތިޒާމުކުރީ މީގެ ފަންސަވީހަކަށް އަހަރު ކުރީންނެވެ. އެންމެ ބޮޑު ކެއުމަކަށް އޮންނާނީ ކޮންމެ އަހަރެއްގެ ފުރަތަމަ ދުވަހު ބާއްވާ "ހަވީރު"ގެ އަހަރީ ކެއުމެވެ. ޖެނުއަރީ 1990 އިން ފެށިގެން 1997 އާ ދެމެދު ކޮންމެ އަހަރެއްގެ ޖެނުއަރީ 1، ނުވަތަ އެ މަހުގެ ފުރަތަމަ ހަފުތާގައި މެޑަމް ނާއިލާ ތައްޔާރުކުރައްވާ ކެއުންތައް "ހަވީރު"ގެ މުވައްޒަފުންނަށާއި މުވައްޒަފުންގެ އާއިލާއަށް ލިބެއެވެ. އެ ހަތް އަހަރު، އެ ނޫހުގެ އަހަރީ ދުވަސް ފާހަގަކުރުން އޮތީ ނީލްވިލާގައެވެ. އޭރު، ނޫހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އެހާ ގިނައެއްވެސް ނުވާނެއެވެ. އެހެންވެ، ނީލްވިލާ ގޯތިތެރޭގައި، މެޑަމް ނާއިލާ އިންދަވާފައި ހުންނަ ތަފާތު އެކި ވައްތަރުގެ މާގަސްތަކުގެ ބަގީޗާ ތެރޭގައި ގޮނޑި ޖަހާލައިގެން ތިބެ އެންމެނަށް ވެސް ކެއުމަށް އިންސާފުކޮށްލެވެއެވެ. ނޫހުގެ މުވައްޒަފުންގެ އަދަދު ގިނަވެ، އެ ގޭގައި ކެއުމެއް ބޭއްވޭ ވަރަށް ވުރެ އެ ހަފުލާ ފަހުން ބޮޑުވީއެވެ. އެހެން ނަމަވެސް، އޭގެ ފަހުން ވެސް ވަރަށް ޚާއްސަ ކެއުންތައް ނީލްވިލާގައި ތައްޔާރުކުރެވުނެވެ. އުފަންދުވަހާއި ވެޑިން އެނިވާސަރީ ފަދަ ޚާއްސަ ކެއުންތަކެވެ. އެ ކެއުންތަކުގެ ރަހަ، އަދިވެސް ފިލައިގެން ނުދާ ކަހަލައެވެ.

އެއީ ސެލްފީގެ ޒަމާނެއް ނޫނެވެ. ސްމާޓް ފޯނުގެ ޒަމާނެއް ވެސް ނުމެ ނޫންމެއެވެ. އެހެން ނޫން ނަމަ، "ހަވީރު" އާއިލާ އަށް ހ. ނީލްވިލާގައި، މެޑަމް ނާއިލާގެ އަތްޕުޅުން ތައްޔާރުކޮށްދެއްވި ޖައާފަތްތަކުގެ ފޮޓޯތައް ވަރަށް ގިނަވީހެވެ. އޭރު "ހަވީރު"ގެ ރަސްމީ ފޮޓޯގްރާފަރަކަށް ހުންނާނީ މުހައްމަދު ޒާހިރު (މީމުޒަވިޔަނި) އެކަންޏެވެ. އޭނާ ވެސް އެރޭ އެ ގެއަށް ދާނީ ދެވަނަ ދެ ކަމަކަށް ނޫނެވެ؛ މީރުކޮށް ކާށެވެ. އެހެންވެ ކެމެރާއެއްވެސް ނުގެންދާނެއެވެ.

ހ. ނީލްވިލާގެ ދޮރުމަތީގައި މިހާރު އެކި އިމާރާތްތައް ހުއްޓަސް، ހަގީގަތުގައި ކުރިން އެއީ ބޮޑު ބަގީޗާއެކެވެ. އެންމެ ބިޔަކޮށް ހެދި، މަގުމަތިންދާ އެންމެނަށް ފެންނަން ހުރީ ފިތުރޯނު ގަހަކާއި ބޯގަންވިލާ ގަހެއް ނަމަވެސް، އެގޭ ގޯތިތެރޭގައި ތަފާތު އެތައް ވައްތަރެއްގެ ގަސް ހައްދައިފައި ހުއްޓެވެ. މާލޭގެ ގޭގޭގެ ޓެރަހާއި ބެލްކަނީގައި މާގަސްތައް އިންދުން މިހާރު ކިތަންމެ އާންމުވެފައި ވިޔަސް، ނީލްވިލާގެ ގޯތިތެރެ މީގެ 25 އަހަރު ކުރިން ވެސް އެއީ ހިތްގައިމު ބަގީޗާއެކެވެ. އުނދޯއްޔަކާއެކުގައެވެ. ހަވީރު ވަގުތެއްގައި އެ ގެއަށް ވަދެވޭ ގިނަ ފަހަރު، ގަސްތަކަށް ފެން ދެއްވައި ބަގީޗާ ބަލަހައްޓަވަން އުޅުއްވާނީ މެޑަމް ނާއިލާ އާއި ޑރ. ޒާހިރެވެ. އެކަމުގައި އެހީތެރިއަކަށް އުޅޭނީ ޑްރައިވަރު މުހައްމަދު ރަޝީދެވެ.

ނުވަދިހައިގެ އަހަރުތަކުގައި "ހަވީރު" ނޫހުގައި މަސައްކަތްކުރި ބެޗު އެއީ މުޅިން ތަފާތު ބެޗެކެވެ. އެއީ "ހަވީރުގެ ރަން ޒަމާން"ގައި އުފެދިގެން އައި ރަން ބެޗެކެވެ. ހޯރަފުށީ މުހައްމަދު ސަލީމާއި މޫސާ ލަތީފާއި މުހައްމަދު ޒާހިރު (މީމުޒަވިޔަނި) އާއި މުހައްމަދު ބުޝްރީ އާއި ހިރިގާ އަހުމަދު ޒާހިރާއި އިމާދު ލަތީފު ފަދަ އެތައް ނޫސްވެރިންނެކެވެ. ޚަބަރު ލިއުމާއި ކެއުމާއި ކުޅުމާއި ދަތުރުދިއުންވެސް އޮންނަނީ އެންމެން އެއްކޮށެވެ. (އެ އުފާވެރި ހަނދާންތަކުގެ ތެރެއަށް ފީނާލެވޭހާ ހިތްވަރެއް ތަބީއަތުގައި މިވަގުތަކު ނެތެވެ. އަދި މިއީ އެ މުނާސަބަތެއް ވެސް ނުނޫނެވެ.)

"ހަވީރު" ނޫހުގައި އަޅުގަނޑުމެން އެންމެން މަސައްކަތްކުރީ ވަރަށް ގުޅިގެންނެވެ. (އެ ގުޅުމަކަށް އަދިވެސް ބަދަލެއް ނާދެއެވެ.) އެއް އާއިލާއެއްގެ ގޮތުގައެވެ. "ހަވީރު އާއިލާ"ގެ ގޮތުގައެވެ. "ހަވީރު އާއިލާ"ގެ ބައްޕަގެ މަގާމުގައި ޑރ. ޒާހިރު ހުންނެވިއިރު، ލޮބުވެތި މަންމައެއްގެ ރޯލް އާދާކުރެއްވީ މެޑަމް ނާއިލާއެވެ. ޑރ. ޒާހިރު އަރިހަށް ނުވަތަ ޑރ. ޒާހިރު އަރިހުގައި މެޑަމް ނާއިލާ "ހަވީރު" އޮފީހަށް ވަޑައިގަންނަވާނީ ވަރަށް މަދުންނެވެ. "ހަވީރު" މުވައްޒަފުންނާ މެޑަމް ނާއިލާއާ އެންމެ ގިނައިން ބައްދަލުވާނީ ނީލްވިލާއިންނެވެ. އެއީ ރަހަމީރު ކެއުމެއް ލިބޭނެ ރެއެކެވެ.

މެޑަމް ނާއިލާއަކީ ވަރަށް ހިތްތިރި، އޯގާތެރި އަދި އެހާމެ ސަމާސާ މިޒާޖެއްގެ ބޭފުޅަކަށް ވާތީ، ކޮންމެ މުވައްޒަފަކާ ވެސް ވާހަކަ ދައްކަވައި، އާއިލާގެ ހާލުއަހުވާލު އައްސަވައި ހައްދަވާނެއެވެ. ހުރިހާ މުވައްޒަފުންނާއި މުވައްޒަފުންގެ އަނބިން/ފިރިންގެ ނަން ވެސް އެނގިވަޑައިގަންނަވާނެއެވެ. ނީލްވިލާއަށް ކާންދާ ކޮންމެ ފަހަރަކު، ކާއެއްޗެތީގެ ރަހަ މީރު ވާހަކަ އަޅުގަނޑު ދައްކައި، އަނގަ ގަދަކުރާތީ، އެއް ރެއަކު އަޅުގަނޑަށް "ލަނޑެއް" ވެސް ލިބުނެވެ. އެއީ ގެއަށް ގެންދާން ޕާރުސަލެއް ދެއްވީއެވެ. ލަނޑެކޭ މި ދެންނެވީ ކާން ގޮސްފައި ގޭގެއިންނާއި ރެސްޓޯރަންޓްތަކުން ޕާރުސަލް ގެނައުމަކީ އޭރު މީހުން އެހާ ކުރާ ކަމެއް ނޫނެވެ. އެހެންވެ ހުރިހާ މުވައްޒަފުން ކުރިމަތީގައި އަޅުގަނޑަށް ޕާރުސަލެއް ދެއްވީމާ ކުޑަކޮށް އެރޭ ލަދުގަތީއެވެ. އެކަމަކު، ދެން ކެއުމެއް އޮންނަ ކޮންމެ ރެޔަކު ވެސް، ޕާރުސަލް ކޮބައިތޯ ޑްރައިވަރު ރަޝީދުކުރެން އަހާލަމެވެ. ފަހުންފަހުން އެހެން މީހުން ވެސް އެ ޕާރުސަލް ގެންދަން ފެށިއެވެ. ހީވާ ގޮތުން މެޑަމް ކައްކަވަނީ ވެސް އަޅުގަނޑުމެންގެޓޭކްއަވޭއަށް ވާވަރަށެވެ.

މެޑަމް ނާއިލާގެ ރަހަމީރުގެ ކެއްކުމުގެ ވާހަކަ ދެއްކުމުން ބައެއް މީހުން ކުޅުދިޔާވެދާނެއެވެ. އަމުދުން މި ރޯދަ މަހުއެވެ. އެކަމަކު މެޑަމް ނާއިލާގެ ސުފުރާއަކުން ރަހަ ބަލައިލުމުގެ ފުރުސަތު ލިބިފައި ނުވިޔަސް، އެކަމާ އެހާ ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މެޑަމް ނާއިލާގެ ކެއްކުމުގެ ތަފާތު ރަހަތައް ހިމެނޭ ފޮތެއް "ޒީނާރު"ގެ ނަމުގައި ވަނީ ނެރެދެއްވައިފައެވެ. އެއީ ދިވެހި ރަހަތައް އޭގެ އެންމެ މީރު ގޮތުގައި ހިމެނޭ ރެސިޕީތައް އެކުލެވޭ ވަރަށް ބޭނުންތެރި ފޮތެކެވެ. މީގެ ތިރީހަކަށް އަހަރު ކުރިން، ކެއްކުމާ ބެހޭ ފޮތްތަކާއި ޓީވީ ޕްރޮގްރާމުތައް ނެތް ދުވަސްވަރެއްގައި ނެރުއްވި "ޒީނާރު"އަކީ އަދިވެސް ގިނަ ބަޔަކު ޝައުގުވެރިވާ ފޮތެކެވެ. އެ ފޮތުގައި ބުނާ މިނަށް ސާމާނު އަޅައިގެން، ކައްކާލީމާ، ހަމަ އެ ރަހަ އަންނާނެކަން ޔަގީނެވެ. ކޮންމެ ރޯދަމަހަކާ ދިމާކޮށް އެ ފޮތް އަލުން ޗާޕުކުރެއެވެ.

މެޑަމް ނާއިލާގެ ހަޔާތްޕުޅުގައި 25 އަހަރު ހޭދަކުރެއްވީ ޓީޗަރަކަށް، އަމީނިއްޔާ ސްކޫލްގައެވެ. މެޑަމް ނާއިލާގެ އަރިހުން ދަރިވަރުވެފައިވާ ކިތަންމެ ބޭފުޅުންނެއް، އެކި މަގާމުތަކުގައި މިއަދުވެސް އެބަތިއްބެވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދަކީ ވެސް މެޑަމް ނާއިލާގެ ދަރިވަރެކެވެ.

މެޑަމް ފަޒުނާ އާއި، ފަޒުނާއާއެކު ކިޔަވައިވިދާޅުވާން އަމީނިއްޔާގައި އުޅުއްވި ބައެއް ބޭފުޅުން 2019 ގައި މެޑަމް ނާއިލާ އަރިހަށް، ހ. ނީލްވިލާއަށް ޒިޔާރަތް ކުރެއްވި ދުވަހުގެ ފޮޓޯތަކެއް މެޑަމް ފަޒުނާ މިއަދު ވަނީ ފޭސް ބުކްގައި ޕޯސްޓްކުރައްވައި، ހަނދާން އާކުރައްވައި، އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައެވެ.

އުމުރުފުޅުން 72 އަހަރުގައި މެޑަމް ނާއިލާ މިއަދު އަވަހާރަވިކަމުގެ ޚަބަރު އެހީ ފުން ހިތާމައާއި ހިތްދަތިކަމާއެކުގައެވެ. "ހަވީރު" އާއިލާ އަށް ލިބިފައިވާ ފުން ހިތާމައިގައި އަޅުގަނޑުވެސް ބައިވެރިވެ، އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުވަމެވެ.

މާތް ﷲ، މެޑަމް ނާއިލާގެ ފާފަ ފުއްސަވައި، ހެޔޮ ދަރުމަ އާއި ސަވާބު ދެއްވައި، ޖަންނަތުލް ފިރުދައުސްގައި މަރުހޫމާ ލައްވާށިއެވެ! މާތް ﷲ! ޑރ. ޒާހިރަށާއި، އާއިލާގެ ތިން ބޭފުޅުން ކަމަށްވާ ލުބުނާ، ލީނާ އަދި ވާއިލަށް ކެތްތެރިކަން ދެއްވާށިއެވެ! އާމީން! އާމީން!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *