...

Support Us

މާމަގެ ފޮޓޯއަށް ބަލައިގެން އައިޝް ކުރަހަނީ

އާއިޝް ކުރަހާލަދިން މާމަގެ ކުލަ ހިނިތުންވުން

ކުލާހުގައި ދޭ ފިލާވަޅުތައް ދަސްކުރުން އެއީ އޭނާ އަށް އެހާ ފަސޭހަ ކަމަކަށް ނުވިޔަސް، ކްލާސް ޑެސްކުގައި ވިޔަސް، އެއްޗެއް ކުރަހާލުން އެއީ އާއިޝް އަޝްރަފަށް އެއްވެސް ކަމެއް ނޫނެވެ. އަމުދުން ފަންސުރެއް ލިބިއްޖެއްޔާ އޭނާ އަބަދުވެސް އިންނާނީ ކޮންމެވެސް އެއްޗެއް ކުރަހާށެވެ.

"ކްލާހުގައި އިންނައިރު ވެސް ވަގުތެއް ލިބިއްޖެއްޔާ ޑެސްކުގައި ނަމަވެސް (ފަންސުރުން) އެއްޗެއް ކުރަހާލަން. ވަށައިގެން ފެންނަ މަންޒަރު ކުރަހަނީ. ކުރިމަތީ އިން ކުއްޖާ ވެސް ލައިގެން ކުރަހަނީ. އެހެން ކުރަހަނިކޮށް މިސް އަށް ފެނިގެން ބުނާއިރަށް އަވަހަށް ފޮހެލަނީ،" ކަލާފާނާއި ގާޒީ ސްކޫލްގައި އުޅުމަށްފަހު މިހާރު ރެހެންދި ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ އުމުރުން 16 އަހަރުގެ އާއިޝް ބުންޏެވެ.

އާއިޝް ކުރެހި މާމަގެ ފޮޓޯ ހިފައިގެން މާމަ އާއި އާއިޝް

ރެހެންދި ސްކޫލްގެ ސައިންސް ސްޓްރީމުގައި ކިޔެވި ނަމަވެސް ހަގީގަތުގައި އާއިޝް ބޭނުންވަނީ މޮޅު ކުރެހުންތެރިއަކަށް ވާށެވެ. ސްކޫލްގައި އާޓް އެންޑް ޑިޒައިން މާއްދާ ކިޔަވަމުންދިޔަ ނަމަވެސް، ކުރެހުމުގެ ފަންނުވެރިކަން އާއިޝް ކުރިއަރުވަނީ އޭނާގެ އަމިއްލަ ޝައުގުވެރިކަމާއެކު ކުރާ މަސައްކަތުންނެވެ.

ވަރަށް ކުޑަ އިރުއްސުރެ ވެސް އާއިޝް ކުރެހުމަށް ޝައުގުވެރިކަން ހުރެއެވެ. ވަރަށް ބައިވަރު އެއްޗެތި އޭނާ ކުރަހައެވެ. ނަމަވެސް އާއިޝްގެ ހުނަރު ކުއްލިއަކަށް ފެނިގެން މިދިޔައީ ދުވަސްވީ މާމައެއްގެ ފޮޓޯއެއް، ކުރެހުމެއްހެން ހީވެސްނުވާހާ މޮޅަށް އާއިޝް ކުރަހައިފައި ފޭސްބުކަށާއި އިންސްޓަގްރާމަށްލުމާ ގުޅިގެންނެވެ. ކަރުދާހެއްގައި ކުލަ ފަންސުރުން މާމަގެ އެ ލޯބިލޯބި ހިނިތުންވުން ކުރަހާލުމަށް އާއިޝް ހޭދަކުރީ އެންމެ ތިން ދުވަހެވެ.

މާމަގެ ފޮޓޯއަށް ބަލައިގެން އައިޝް ކުރަހަނީ

"މި ކުރެހުމުގެ ހުރިހާ ކްރެޑިޓެއް ދޭނީ ދޮންތިއަށާއި ޝޫއަށް. ދޮންތި ބުނީ ފުރަތަމަ ޝޫގެ މާމަ ކުރަހާށޭ. ވަރަށް ފަސޭހައިން ކުރެހޭ ގޮތަށް (މާމަގެ) މޫނުގައި ރޫތަކާ އެއްޗެހި ހުރީ. ނުލާހިކު ސާފު ފޮޓޯއެއް އެއީ،" "އަދިވެސް" އަށް ދިން އިންޓަވިއުއެއްގައި އާއިޝް ރޭ ބުންޏެވެ. "އާއިޝް އަށް އެހާ އުނދަގުލެއް ނޫން ކުރަހާކަށް."

ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ ޝޫ އަބްދުއްސައްތާރު ނަގައިފައިވާ އޭނާގެ މާމަގެ ފޮޓޯ، އާއިޝް ކުރަހާލިލެއް މޮޅުކަމުން ޝޫވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ.

"ބުނާނެ އެއްޗެއްވެސް އަހަންނަކަށް ނޭނގޭ. އާއިޝްގެ ތިން ދުވަހުގެ މަސައްކަތް މިއީ. (މާމަގެ މޫނުގެ) ރޫތައް ގެނެސްފައި ހުރިލެއް ތަފްސީލުކަމުން ހަމަ އަޖައިބުވެއްޖެ. އަހަރުމެންގެ މާމަގެ ފޮޓޯއެއް ކުރެހީތީ (އާއިޝްއަށް) ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ އަބަދަށްޓަކައި ރައްކާކުރެވިގެންދާނެ ހަނދާނެއް،" ފޭސްބުކްގައި ޝޫ ލިޔެފައިވެއެވެ. އޭގެ އިތުރުން ވެސް އެތައް ބަޔަކު އަންނަނީ އާއިޝްގެ އެ ހުނަރަށް ތައުރީފު އޮއްސަމުންނެވެ.

"ވަރަށް އުފާވޭ އެންމެންގެ ހިތްވަރު ލިބޭތީ. ކުރެހުން ވަރަށް މޮޅޭ އެންމެންވެސް ބުނާތީ،" އާއިޝް ބުންޏެވެ.

އާއިޝް އެންމެ ގިނައިން ކުރަހަނީ އާދައިގެ ފަންސުރުންނެވެ. އެކަމަކު ކުލަ ފަންސުރުން ވިޔަސް، ފިހިން ވިޔަސް އަދި ތެޔޮ ކުލައިން ވިޔަސް، ކޮފީން ވިޔަސް އޭނާ އަށް ކުރަހާކަށް އުނދަގުލެއް ނެތެވެ.

އާއިޝް ކޮފީން ކުރަހާފައިވާ ކުރެހުމެއް

"ފަންސުރުން އެންމެ ގިނައިން ކުރަހަނީ. އެއީ އަތުގައި ގިނައިން އޮންނާނީ ފަންސުރުވިއްޔަ. ކޮފީން ކުރަހަން ފެށީ ވަރަށް ފަހުން. އަލަށް މި ފެށީ. ކޮފީން ކުރަހާއިރު ތަންކޮޅެއް ވަގުތު ނަގާނެ. ފަންސުރުން ވެއްޖިއްޔާ ވަރަށް އަވަސްވާނެ،" އާއިޝް ބުންޏެވެ.

އައިޝް ކުރަހަން ދަސްކުރަނީ މޮޅެތި ކުރެހުންތެރިން ކުރަހާތަން ޔޫޓިއުބުން ބަލައިގެންނެވެ.

"ޔޫޓިއުބުން ބަލައިގެން ދަސްކުރަން ވަރަށް ފަސޭހަ. އައިޝް ގިނައިން ބަލަނީ ބޮބް ރޮސް ކުރަހާތަން."

ދުނިޔޭގެ މަޝްހޫރު ކުރެހުންތެރިންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ބޮބް ރޮސް ވަނީ 30 ހާހަށް ވުރެ ގިނަ ކުރެހުން ކުރަހައިފައެވެ. އުމުރުން 53 އަހަރުގައި، 1995 ގައި މަރުވުމުގެ ކުރިން އޭނާ ވަނީ ކުރެހުމުގެ ވަރަށް ގިނަ ސިލްސިލާ ޓީވީ ޝޯތައް ވެސް ހުށަހަޅައިދީފައެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މިއީއެވެ. އާއިޝް އަށް ކުރެހުމުގެ ހުނަރު ލިބުނީ ކިހިނެއްހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ލިބިއްޖެ ނަމަ، އަނެއްކާ ވެސް މާ ބޮޑު ސުވާލެއް އުފެދޭނެކަން ޔަގީނެވެ.

އާއިޝްގެ ބައްޕަ ޑރ. އަޝްރަފު އަބްދުއްރަހީމަކީ ވެސް ކުރެހުންތެރިއެކެވެ. އެކަމަކު މޮޅު ކުރެހުންތެރިއަކަށްވުރެ ބޮޑަށް ޑރ. އަޝްރަފު މަޝްހޫރުވެ، އޭނާގެ ހުނަރުވެރިކަން ފެނިފައި ވަނީ ދިވެހި އަދަބިއްޔާތާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުންނެވެ. ޑރ. އަޝްރަފާ އެއްވަރަށް ދޫހެލޭ އިލްމީ ބޭފުޅުން އެ ދާއިރާގައި ވަރަށް މަދުވާނެއެވެ. އެހެންވިއްޔާ އަޝްރަފަށް ލިބިވަޑައިގެންފައިވާ ތިން ބޭފުޅުންގެ ތެރެއިން، ދެ ވަނަ ދަރިކަލުން ވާހަކަ ދެއްކުމާއި އަދަބިއްޔާތުގެ ސްޓޭޖުން ނުފެނި، ކުރެހުންތެރިއެއްގެ ގޮތުގައި ފިހި ނެގީ ކީއްވެބާވައެވެ؟

"ނޫން ނޫން. އާއިޝްގެވެސް އެބައި އެބަހުރި. އެކަމަކު އޭނާ އެންމެ ކުރާހިތްވާ ކަމަކީ ކުރެހުން،" ޑރ. އަޝްރަފު ވިދާޅުވިއެވެ. "މި ދާއިރާގައި ކުރިއަށްދާން އާއިޝްމެން ފަދަ ކުދިންނަށް އޮތް ފުރުސަތުތައް ގިނަ. އެހެންވެ އެކަމުގައި އާއިޝް ކުރިއަށްދާން ބައްޕައެއްގެ ހައިސިއްޔަތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން."

އަޝްރަފު ފާހަގަކުރެއްވި ގޮތުގައި، ކުރެހުންތެރިންނާއި ހުނަރުވެރިން އެ ދާއިރާތަކުން ކުރިއަށްދާން، އިތުރު މަގުތައް ހުޅުވައިދީ، ފުރުސަތުތައް ތަނަވަސްކޮށްދޭންޖެހެއެވެ. އެކަމުގައި ސަރުކާރާއި އަމިއްލަ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ވެސް ބޮޑަށް ފުޅާކުރާންޖެހެއެވެ.

އަޝްރަފާއެކު އާއިޝް ފޮޓޯއަކަށް މަޑުކޮށްލައިގެން

އަޝްރަފުގެ ދޮށީ ދަރިކަނބަލުން (އާއިޝްގެ ދޮންތި) އަކީ ކޭކު އެޅުމުގެ ހުނަރުވެރިއެކެވެ. އެކިއެކި މުނާސަބަތުތަކަށް ތަފާތު ޑިޒައިންތަކުގެ ކޭކު އޭނާ އަޅައެވެ. އެހެންވެ އާއިޝް ވިސްނަމުން ދަނީ "ދޮންތި އަޅާ ކޭކުގައި ތަފާތު ކުލައެއް ޖެއްސުމަ"ށެވެ.

"ދޮންތި އަޅާ ކޭކުގައި އާއިޝްއަށް ކުރެހިދާނެ. އޭރުން ވަރަށް ތަފާތު ކަމެއް ފެނިގެންދާނެ،" އާއިޝް ބުންޏެވެ. ނަމަވެސް އެކަމާ ދޮންތި ގަބޫލްވާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އާއިޝްއަކަށް އަދި ނޭނގެއެވެ.

 

View this post on Instagram

 

A post shared by 🐍 (@_aaish.____)

އާއިޝްއާ ކޮށްލާ ކޮންމެ ސުވާލަކަށް ޖަވާބު ދީފައި ވެސް އޭނާ މަޑުމަޑުން އަހާލައެވެ. އިތުރު ސުވާލެއް އެބައޮތްހެއްޔެވެ؟ އޭނާ އިނީ އިންޓަވިއު ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. އެހެންވެ އެންމެ ފަހު ސުވާލު ކޮށްލީމެވެ.

"އާއިޝް ބޮޑުވެގެން އެންމެ ބޭނުންވަނީ ކޮން ކަހަލަ ކުއްޖަކަށްވާން؟"

"އާއިޝް އެންމެ ވާން ބޭނުންވަނީ ރާއްޖޭގައި ނަން ވިދާލާ އާޓިސްޓަކަށް. އާއިޝްގެ ހުނަރަކީ އެއީ ދޯ؟ އެހެން މާއްދާތަކަށް އެހާ މޮޅެއް ނުވާނެ."

"އެހެން ކުދިންނަށް އާއިޝް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟"

"އާއިޝް ދޭން ބޭނުންވާ މެސެޖަކީ މަސައްކަތްކޮށްފިއްޔާ އެކަމެއް ވާނޭ. ކުރާ ހިތުން އެކަމެއް ކޮށްފިއްޔާ އެކަމެއް ވާނޭ."

މޯލްޑީވިއަން އާޓިސްޓްސް ކޮމިއުނިޓީގެ ފަރާތުން މިދިޔަ އަހަރު ބޭއްވި ކުރެހުމުގެ މުބާރާތުގައި އާއިޝް އަށް ވާދަނުކުރެވުނީ އޭރު އޭނާ އަށް 16 އަހަރު ނުފުރޭތީއެވެ. އެހެންވެ، މި އަހަރު ސެޕްޓެމްބަރު ހިސާބުގައި ބާއްވާ "އަންވީލިން ވިޝަންސް" ކުރެހުމުގެ މުބާރާތަކީ އާއިޝްގެ ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެތީ، އެ މުބާރާތަށް އޭނާ އަންނަނީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ. އެކަމަކު އެ މުބާރާތާ ބެހޭ ގޮތުން އޭނާ ބުނަން އޮތީ އެހެން ވާހަކައެކެވެ.

"އެ މުބާރާތުގެ ވާހަކަ އަދި ބާއްވާނީ ސިއްރެއްގެ ގޮތުގައި،" އާއިޝް ބުންޏެވެ.

އެންމެ ރަނގަޅެވެ. ސިއްރު، ސިއްރެއްގެ ގޮތުގައި އަދި ބާއްވާށެވެ. އާއިޝްގެ ތަފާތު ކުރެހުންތަކަށް އެންމެން މި ތިބީ އިންތިޒާރުކޮށްގެންނެވެ. އެކަމަކު ކްލާހުގެ ޑެސްކުމަތީގައި އާއިޝް ކުރަހާ ކުރެހުމަކަށް ނޫނެވެ. އެއަށްވުރެ މާ ތަފާތު ކުރެހުންތަކަކަށެވެ.

ހުރިހާ ހެޔޮ އެދުމެއް ވަނީ އާއިޝްއާ އެކުގައެވެ. އިންޓަވިއު ވެސް މި ހިސާބުން ނިމުނީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
341
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *