...

Support Us

ރަމަޟާނުގެ ޝިކާޔަތު

މޭގެ ހުރިހައި ބަލިތަކާ ރޫޙާ ހިތަށް ފަރުވާ ކުރާން
މީގެ އެއް އަހަރުގެ ކުރިން އައިމޭ ތިބާ ޠާހިރު ކުރާން

ދެއްވި އިލްހާމާ ޝިފާ ބަރުތީލަކޮށް ތިޔަ ޙައްޤުގައި
އެއްމަހުގެ މުއްދަތު ނުދޭހޭ ފާއިތުވެ ޚިދުމަތް ކުރާން

ހިތްތަކާ ނިތްތައް އުޖާލާ ވާނެ ރަޙްމާނިއްޔަ ނޫރު
ބިތްތަކަށް ދުނިޔޭގެ ފެތުރީމޭ ޙަޔާތް ޒީނަތް ކުރާން

ކޮންކަމެއް ބާއޭ އެހެންނަމަވެސް އެއިން ޙާޞިލް މިވީ؟
ފުންކަނޑެއް ފަދަ ކަޅުކަމޭ މި އޮތީ މިއަދު ބައްދަލު ކުރާން

ހާދަ އުއްމީދެއް އޮތޭ މި ފަހަރު އަލުން އައި އައުމުގައި
އާދައެއް އެކަމަކު ނެތޭ އިޞްލާޙު ވެއްޖެ ކަމަށް ބުނާން

އެހެރަ ދާ މީހާ ދެކޭށޭ މަގުމަތީ ލައިހޫރެމުން
ޒަހަރު ބޮއިގެން ހޭ ދަނީ ކަށްވަޅު އަތުން ކޮނެ ތިލަ ކުރާން

މިހިރަ ދުއްކާނުގެ ތެރޭން ނޫން ހޭ ދިމާ ރޯމާ ދުވާލު
ޖެހިލުމެއް ނެތި ފޭރިގެން ޖެހުނީ ބަޔަކު ހައްޔަރު ކުރާން

އަންނަ މާތް ތަކުބީރު ފަސްވަގުތަށް އިވޭ ކަމުގައި ވިޔަސް،
ވަންނަމުން ވެސް މިސްކިތަށް ފަށަޔޭ ދެ ބަސްވެ ޖަދަލު ކުރާން

ޢިއްފަތާ އަބުރާ ކަރާމާތަށް ދެވޭހޭ ޙުރުމަތެއް؟
ޢިއްފަތުގެ ބާޒާރުގައި ޝަހުވަތު ވިކޭ އިރު ހުސް ކުރާން

މި ހިރަ ލޭ ތިކިތައް ދެކޭށޭ ފައިދަށަށް ދާ މަގުމަތީ،
މިހިރަ ހިލެނީ މުސްލިމެއްގެ ލެޔޭ ކޮށާލި ޤަތުލު ކުރާން

ކީއްވެގެން ހޭ މި ވަރު ފާސިދު ފާސިޤުން ކަމުގައި ވެގެން؟
ހީނލުމެއްގައި ނިމިދަނީ ބަރުޒަޚު ތިމާގެ އަނދިރި ކުރާން

ފާއިތުވި އަހަރުގެ ތެރޭ ހަނަފަސްވެ ގޮސް މުޅި ހިތުގެ ބިން
ހާދަ ބޮޑު ވީރާނަކަމެކޭ ތިޔަ ގެނައި ހިތް ފަޅު ކުރާން

ދެކި ބަލާށޭ މި ފުރުޞަތު ވެސް ގަނޑު ނުކޮށް ތިޔަ ޙިއްސުތައް
ވަކިވެގެން ނުދަނީސް މި އައި މެހުމާނު ރޫޙު ވަޒަން ކުރާން

ބަރަކަތުގެ ވާރޭގެ މޫސުމުގައި ނިކުމެ ފެންކުޅި ކުޅޭން
ދަރަ ހިލެންދެން މަޖަލުގައި ނުތިބޭށެ ނޫޅެ އެ ފެން ފުރާން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *