...

Support Us

ސްޓެތެސްކޯޕު އުފެއްދުމާ ވިދިގެން މެދުވެރިވި ގެއްލުމެއްގެ ވާހަކަ

ޑޮކްޓަރުން ބަލިބަލަން ގެންގުޅޭ ކަށިގަނޑު އުފެއްދީ ފަރަންސޭސި ވިލާތުގެ މީހެއް ކަމަށްވާ ރެނޭ ލައެނެކް އެވެ. މީލާދީ ސަނަތުން 1818 ހިސާބުގައެވެ. މިއަދު ފާހަގަކޮށްލަން ބޭުނުންވަނީ މިއުފެއްދުމާ ގުޅިގެން- ބައެއް މީހުންގެ ނަޒަރުގައި، އަދި އަދަށް ދާންދެންވެސް ކުރިމަތިވެފައި އޮތް ގެއްލުމެއްގެ ވާހަކައެކެވެ. އޭގެ ކުރީގައި ފަައިދާ ކުރަނިވި އެހެން ވާހަކައެއް ވެސް ލިޔެލާނަމެވެ.

ސްޓެތެސްކޯޕަަށް ނަންދިނީ ވެސް މި ނަންގަތް މުޚްތަރިއު، އިންވެންޓަރު، ރެނޭ އެވެ. ޔޫނާނީ ބަހުގެ ސްޓެތޮސް، 'މޭ' އާއި ސޮކޯޕްސް 'އިމްތިހާނުކުރުން' މި ދެލަފްޒު އެއްކޮށްލައި ގެންނެވެ. އާދެ، ސްޓެތެސްކޯޕަކީ 'މޭ އިމްތިހާނުކުރާ ކަށިގަނޑެވެ. ނުވަަތަ މޭ ބަލާ ކަށިގަނޑެވެ.

މި ކަށިގަނޑު އިޚްތިރާއުކުރަން ރެނޭ އަށް މެދުވެރިކުރިވި ސަަބަބެއް ވެއެވެ. މި ކަށިގަނޑު އިޚްތިރާއުކުރުމުގެ ކުރިން، ހިތުގެ ތެޅުން ބަލަނީ ބަލި މީހާގެ މޭގައި ޑޮކްޓަރު ކަންފަތް ޖައްސައިގެންނެވެ. އަންހެނެއްގެ މޭގައި ކަންފަތް ޖެއްސުން ރެނޭއަށްވީ ލަދުވެތި ކަމަކަށެވެ. އެހެންވެ، އެކަން ކުރަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ.

ދެން މިކަމާ ވިސްނަނިކޮށް ރެނޭއަށް ފެނުނީ ކުޑަކުދިން އެތެރެ ހޮއި އޮނު ފަދަ ދަނޑިކޮޅުން ކުޅެން އުޅެނިކޮށެވެ. އެ ފަދަ ދަނޑިކޮޅެއްގެ އެއްކޮޅުގައި ކަންފަތް ޖައްސާލާފައި އަނެއްކޮޅުން އަޑެއް ލައްވާލީމާ އެ އަޑު ގަދަވެގެން ކަންފަތަށް ވާސިލުވާކަމެވެ. ދެން ރެނޭ ކަރުދާސްކޮޅެއް އޮޅާލައި ހޮއި ދަނޑިކޮޅެއްހެން ހަދައި، އެއްކޮޅު ކަންފަތުގައި އަދި އަނެއްކޮޅު މީހެއްގެ މޭގައި ޖައްސާލުމުން ހިތުގެ މަސައްކަތްކުރުމުގެ އަޑު މާސާފުކޮށް އިވޭކަން ފާހަގަކުރިއެވެ. އާދެ، ރެނޭގެ ލަދުވެތިކަމާއި ދެން އެކަމާ ވިދިގެން ކުރެވުނު މި ތަޖުރިބާ ވެގެން ދިޔައީ ބަލިބަލާ ކަށިގަނޑު އުފައްދަން ދިމާވި ސަބަބަށެވެ!

ދެން މިކަމުން އޮތް ގެއްލުމަކީ ކޮބާހެއްޔެވެ؟ އެންމެންނަކީ ރެނޭ ފަދަ ލަދުވެތި މީހުން ނޫންކަން ހަނދާންކޮށްލަން ޖެހެއެވެ. ތަފާސްހިސާބު ބަލާ މީހުން ބުނާ ގޮތުގައި، ރެނޭ ބަލި ބަލާ ކަށިގަނޑު ނުއުފެއްދި ނަމަ، މަދުވެގެން ޒުވާން ފިރިހެން ކުދިންގެ 90 އިންސައްތަ ޑޮކްޓަރުންނަށް ވާން ބޭނުންވީހެވެ. މޭގައި ކަންފަތް ޖަހައިގެން ހިތުގެ ވިންދުގެ އަޑު އެހުމަށެވެ! ބަލި ބަލާ ކަށިގަނޑަށް ހަލާކުހުއްޓެވެ!