Support Us

މާމުއި ކުޅަނދުރާއި ގުއިވަޅު މެހީގެ ވާހަކަ

މާމުއި ކުޅަނދުރާއި ގުއިވަޅު މެއްސަކީ އިލްމީ ބައިކުރުންތަކުގައި އެ ގިންތިއެއްގެ ތެރޭގައި ހިމެނޭ ދެ ސޫއްޕެވެ. ދޭތި ވެސް ހިމެނެނީ ހަޝާރާތު، އާދެ، އިންސެކްޓްސްގެ ތެރޭގައެވެ. ނަމަވެސް ދޭތީގެ ތަފާތު ވަރަށް ބޮޑެވެ. އަދި، އެ ދޭތިން އިންސާނުންނަށް ކުރާ އަސަރުވެސް ވަރަށް ތަފާތެވެ.

މާމުއި ކުޅަނދުރަކީ މާތްރަސްކަލާނގެ ވަހީބަސްފުޅު އިއްވަވައި ޚާއްސަ ކަމެއް ހަވާލުކުރެވިފައިވާ މަޚުލޭގެކެވެ. އާދެ، އައްނަޙުލު ސޫރަތުގެ މި ދެ އާޔަތުގައި އެއަމުރުފުޅާއި، މާމުއި ކުޅަނދުރާ ހަވާލުވެފައިވާ ކަންތައް ބަޔާންކުރެވިފައި ވެއެވެ. وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ (68) ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ (69) [ކަލޭގެފާނުގެ (މުހައްމަދުގެފާނުގެ) ސާހިބުވަންތަ ރަސްކަލާނގެ މާމުއި ކުޅަނދުރަށް އިލްހާމުކުރައްވައި [އަމަރުފުޅު] އިއްވެވިއެވެ. ފަރުަބަދަ ފަރުބަދައިގައްޔާއި ގަސްގަހު ގައްޔާއި އަދި (މީސްތަކުން) ތިޔަ އެއްޗިއްސަށްޓަކައި ތައްޔާރުކުރާ ތަންތަނުގައި ހަތާތައް ހަދައި އުޅޭށެވެ. ދެން، އެކިއެކި މޭވާތަކުން [ފޮނިބޮއި] ކައިބޮއި އުޅޭށެވެ. އަދި ތިޔަ ކުޅަނދުރަށް، ތިޔަ ކުޅަނދުރުގެ ސާހިބުވަންތަ ރަސްކަލާނގެ ހަމަޖައްސަވައި ފަސޭހަކޮށްދެއްވައިފައިވާ މަގުމަގުން ހިނގާށެވެ. (މިފަދައިން އެކަލާނގެ ހަމަޖައްސަވައިފައި ވުމުން، ދެން) އެ މާމުއި ކުޅަނދުރުގެ ބަނޑުން، އޭގެ ކުލަ ތަފާތު ދިޔާ އެއްޗެއް (މާމުއި) ފައިބައި އާދެއެވެ. އޭގައި މީސްތަކުންނަށް އޮތް ފަރުވާއެއް އެކުލެވިގެން ވެއެވެ. މި ހުރިހާ ކަމެއްގައި، ވިސްނައި ފިކުރުކުރާ ބަޔަކަށް ހެެއްކެއް ވެއެވެ.]

ނަމަވެސް، ގުއިވަޅު މެހީ ހާލަކީ ކޮބައި ހެއްޔެވެ؟ މެހީގެ ވާހަކަ ވެސް ކީރިތި ގުރުނުގައި އައިސްފައި އޮވެއެވެ. މެއްސާ ބެހޭ ގޮތުން ކީރިތި ގުރުއާނުގައި އޮންނަނީ ކީކޭ ކަމަށްތޯއެވެ؟ އެއީ އެންމެ ދަށު ދަރަޖައިގެ އެއްޗެއް ކަމުގައެވެ. ޙައްޖު ސޫރަތުގައެވެ. يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ ۚ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ ۖ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ الطَّالِبُ وَالْمَطْلُوبُ (73) [އޭ މީސްތަކުންނޭވެ! (މި އޮތީ ތިޔަބައި މީހުންގެ ކުރިމައްޗަށް) މިސާލެއް ގެނެސްދެވިފައެވެ. އެ މިސާލުގެ ވާހަކަ ތިޔަބައި މީހުން ނިކަން އަޑުއަހައި ބަލާށެވެ! މާތްރަސްކަލާނގެ ފިޔަވައި، އެ އެއްޗިއްސަށް ދުއާކޮށް، އެއަށް އަޅުކަންކުރާ އެއްޗިއްސަކަށް، އެންމެ ކުޑަވެގެން [ދެރަ، ނިކަމެތި] މެއްސެއްހާ ހިސާބުވެސް، ދުވަހެއްގައިވެސް، ޚަލްގުކޮށް، ނުއުފެއްދޭނެއެވެ. އެންމެން އެކުވެ، އެކަން ކުރަން އުޅުނުކަމުގައި ވިޔަސް ވެހެވެ. އަދި، (އެ މީހުންނަށް އެމެހި ގެއްލުމެއްދީ،) އެމީހުން އަތުން އެ މެހި އެއްޗެއް ނިގުޅައިގެންފި ނަމަ، އެއްޗެއް ސަލާމަތް ވެސް އެމީހުންނަކަށް ނުކުރެވޭނެއެވެ. އެ އެއްޗިއްސަށް އަޅުކަން ކުރާ މީހާ ވެސް، އަދި އެ އަޅުކަން ކުރެވޭ އެތިވެސް (ނިކަމެތި) ބަލިކަށިވެގެން ވެއެވެ.

އާދެ، މެއްސަކީ އަދި ވަކިން ޚާއްސަކޮށް، ގުއިވަޅު މެއްސަކީ، މަތީގައިވާ އާޔަތުގައި ފާހަގަކުރެވިފައިވާ ގޮތުން ނިކަމެތި އެއްޗެކެވެ. މީހުންނަށް ގެއްލުންދޭ އެއްޗެކެވެ. މީހުންގެ ގަޔަށާއި ކާއެއްޗިއްސަށް ނަޖިހާއި ޖަރާސީމު ފޯރުކުރުވާ އެއްޗެކެވެ. ކިހިނެއް ހެއްޔެވެ؟ ހަޑި މުޑުދާރުވީމައެވެ. އެހެންވެ، އެއަށް މީރުވަނީ ނަޖިހެވެ. އޭގެ ބަނޑުން ނިކުންނަނީ ފުޅައެވެ. މިފަދަ ނަޖިހާއި ފުޅަ އެ ޖައްސާ ކޮންމެ ތަނަކަށް ބޭރުކޮށް، އެ ތަނުގައި ފަތުރާލައެވެ. މިއީ ހައިރާންވާންވީ ކަމެއް ނޫނެވެ. އެ އެއްޗަކުން ނިކުންނާނީ އެ އެއްޗަކަށް އެޅޭ އަދި އެ އެއްޗެއްގައި ހުރި އެއްޗެއް ނޫންހެއްޔެވެ؟

ދެން އޮތް ސުއާލަކީ، ގުއިވަޅު މެއްސެއްގެ ޖިސްމުގައި، މާމުއި ކުޅަނދުރެއްގެ ކުލަ ޖައްސާލައި، އެ މާމުއި ކުޅަނދުރެއްގެ ހެދުން އަޅުވައިފި ނަމަ، އެ މެހި، މާމުއި ކުޅަނދަރުކަށް ވާނެހެއްޔެވެ؟ ދެން، އެ ފަދަ، ގުއިވަޅު މެއްސަކަށް މާމުއި ނެރެވި، މީސްތަކުންނަށް ފައިދާ ކުރާނޭ ކަމެއް ކުރެވިދާނެ ހެއްޔެވެ؟ ޝައްކެއް ނެތެވެ. އެ ގޮތަށް ބޭރުފުށް ބަދަލުކޮށްލައިގެން ގުއިވަޅު މެހީގެ ހަގީގަތް ބަަދަލެއް ނުވާނެއެވެ.

މިކަމަކީ ހައިވާނުންގެ ދުނިޔެއިން ފެންނަ ކަމެވެ. އެނގި ޔަގީންވެފައި އޮންނަ ކަމެކެވެ. ބޭރުފުށަށް ގެންނަ ބަދަލަކުން އެ އެއްޗެއްގެ ތަބީއަތް ބަދަލުވެ، އޭގެ ހަގީގަތް ފުރޮޅިގެން ނުދާނޭ ކަމެވެ. ނަމަވެސް ހިތާމައަކީ، މި މިސާލުން އިބުރަތް ހާސިލުކޮށް، ފިލާވަޅު ލިބިނުގަނެވޭ ކަމެވެ. އިންސާނުންގެ ދުނިޔޭގައި، މިކަން އޮންނަނީ ތަފާތު ގޮތަކަށް ކަމަށް ބެލެވޭ ކަމެވެ. އިންސާނާގެ ބޭރުފުށް ބަދަލުކޮށްލުމުން އޭނާގެ ހަގީގަތް ބަދަލުވެގެންދާ ކަމަށް ބެލެވޭ ކަމެވެ. ގުއިވަޅު މެއްސަކާ އެއްފަދައިން، އޭނާގެ އަޚުލާގީ ސިފަތަކުގެ މައުދަނަކީ ގޮނޑު ކަމުގައިވާ މީހާ، ރީތި ހެދުމެއް އަޅުވާފައި ގަނޑުވަރަކަށް ވެއްދުމުން، އޭނާގެ ހަގީގަތް ބަދަލުވެގެންދާނޭ ކަމަށް ހީކުރެވުމެވެ!

މީގެ ހެކި ތިރީގައިވާ ވީޑިއޯ ކުލިޕުން ފެންނަން އޮންނާނެއެވެ. މި ކުލިޕު ބަލާފައި ވަރަށް ގިނަ ބަޔަކަށް އުނދަގޫވިހެން ހީވެއެވެ. އަދި، ގާތް ރައްޓެއްސަކު، މިއާ މެދު އެއްޗެއް ބުނަން އެދުމުން މި ވާހަކަ ލިޔެލަން ޖެހުނީއެވެ!

ވީޑިޔޯގައި ވާހަކަ ދައްކަނީ ކޮންތާކު ހެއްޔެވެ؟ ގައުމުގެ އެންމެ ގަދަރު ބޮޑު މަޖުލީހުގައެވެ. ރައްޔިތުންގެ މަޖިލީހުގައެވެ. އެތަނުގައި ތިބެންވާނީ އެ މަޖުލީހުގެ ގަދަރު އެނގެންޖެހޭ މީހުންނެވެ. މުޅި ގައުމުގެ އަޚުލާގިއްޔަތު ފެނި ފާޅުވެގެންދަނީ މި ގަދަރުވެރި މަޖުލީހުން ކަމުގައިވާތީއެވެ. އެހެންވެ އެތާ ތިބެން ޖެހޭނީ 'މާމުއި ކުޅަނދުރު ފަދަ އިލާހީ އިލްހާމުގެ ވެރިންނެވެ.' އާދެ، ޚަސީލަތް ހެޔޮ، ރިވެތި އަޚުލާގުގެ ވެރިންނެވެ. ރުޅި އަންނަ ވަގުތުތަކުގައި ވެސް، އެތަނުގެ ގަދަރާއި އެތާ ތިބޭ މީހުންގެ ގަދަރު ނުގެއްލޭ ގޮތަށް ވާހަކަ ދައްކަން އެނގޭ މީހުންނެވެ. މަސްތުވެ، ހަމަ ބުއްދި ގެއްލިފައިވާ މީސްމީހުންނެއް ނޫނެވެ. އާދެ، ގުއިވަޅު މެހި ފަދައިން، އެ މީހުންގެ އަނގައިން ޖަރާސީމާއި ނަޖިސް ނިކުންނަ މީހުންނެއް ނޫނެވެ!

މިކަމުގައި އެންމެ ހިތާމަ ހުރި ކަމަކީ، މިފަދަ ގުއިވަޅު މެހި ފަަދަ މީހުންނަކީ، އެމީހުން ކޯޓު ފަޓުލޫނެއް ލައްވައި، ދުވާލަކު އެއްފަހަރު، އެ ބަދަލުކުރުވައި، ކުލަ ތަފާތުކޮށްލުމުން، އެމީހުންގެ ހަގީގަތް ބަދަލުވެގެންދާނޭ ކަމަށް މީހުން ގަބޫލުކުރުމެވެ. އަދި، އެމީހުންގެ އަނގައިން، މީސްތަކުންނަށް ފައިދާ ކުރާނޭ ފަދަ ފޮނި، 'މާމުއި' އޮހިދާނޭ ކަމެވެ! ނަމަވެސް، އެ އެއްޗަކުން ނިކުންނާނީ އެ އެއްޗެއްގައި ހުރި އެއްޗެއް ނޫން ހެއްޔެވެ؟ ގުއިވަޅު މެއްސަކުން ނިކުންނާނީ ނަޖިހާއި ފުޅައެވެ. ހުސް ޖަރާސީމެވެ. އެހެންވެ، މިކަހަލަ ގުއިވަޅު މެހި ފަދަ މީސްމީހުން، އާންމު މީސްތަކުން ތަމްސީލުކުރުވަން އިންތިޚާބުކުރުން ހުއްޓެންވެއްޖެއެވެ. އެމީހުންގެ މުޑުދާރު ފުޅަ ފަދަ ބަސްތަކުން ގައުމުގެ އެންމެ ގަދަރު ބޮޑު މަޖުލީސް ނަޖިސްކޮށް، ތަޣައްޔަރު ކުރުން ހުއްޓަންވެއްޖެއެވެ. މިކަން އޮތީ އާންމުންގެ އަތްމަތީގައެވެ! ރައްޔިތުންގެ މެމްބަރު ކަމަށް ކުރިމަތިލާ ގުއިވަޅު މެހި، ފޮޅާލައި، އެ މަޖުލީހަށް އެކަށޭނަ މެމްބަރުން ހޮވުން އޮތީ އެމީހުންގެ އަތްމަތީގައި ކަމަށްވާތީއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
101

3 Responses

  1. Kee kuraany mamen Balanee vaguthee faidhaa ah. faisaa kolhe libuneema e meehakah vote dhenee. gaumuge faidhaa ah belumeh neh. majlis membarun nah ves thauleemee fenvareh kanda alhaafa onnan vejje

  2. ވަރަށް ރަނގަޅު ވާހަކަ އެއް އެކަމަކު ގުއިވަޅު މެހި ލިޔުނީމަ ވަރަށް ހުތުރު

    1. ވ. ރަނގަޅު. ބައެއް ފަހަރު އެކަހަލަ ލަފްޒު ލަފްޒު ވެސް ބޭނުން ކުރަން ޖެހޭ. މީހުންގެ އަމަލުތަކަށް ބަލާފައި، އެކަން ހުތުރުވެ، އެކަމުގައި ހައްދުފަހަނާއަޅައި ދިޔައިމާ. ކީރިތި ގުރުއާނުގައި ވެސް ބުއްދީގެ ރަނގަޅު ހަމަ ގެއްލުވާލައި، އަޚުލާގީ ގޮތުން ދަށުދަރަޖައަށް ވެއްޓުނީމައި، އެފަދަ މީސް މީހުންނަށް ނިސްބަތްކޮށް، އެފަދަ އިބާރަތްތައް ބޭނުންކުރެވިފައިވޭ. މިސާލަކަށް މިވެނި ބަޔަކީ ނައަމްސޫފި ފަދަ ޖަނަވާރުންނާ އެއްފަދަ ނުވަތަ އެއަށް ވުރެވެސް ބޮޑަށް މަގުއޮޅިފައިވާ ބައެކޭ (29:44) ނޫނީ މިވެނި ބަޔަކީ އޫރާއި ރާމާމަކުނު ފަދަ ބައެކޭ، (2:65؛ 5:60؛ 7:166) ފަދަ އިބާރަތްތައް ބޭނުންކުރެވިފައިވޭ. މިފަދަ އިބާރާތް ބޭނުންކުރުމުން، އެކަމާ އޭރުގެ އަރަބި މުޝްރިކުން ފާޑުކިޔުމުން، ކީރިތި ގުރުއާނުގައި، އެކަމަށް ވެސް ޖަވާބުދެވިފައިވޭ. އެއީ ތަމްސީލުކޮށްދިނުމެއް ކަމާއި އޭގައި، އެކުލެވޭ ފިލާވަޅު، އިބުރަތް މުއުމިނުންނަށް ވިސްނޭނެ ވާހަކަ ވެސް ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައިވޭ. (2:26)

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *