ރާޑަރަށް ނާރާގޮތަށް ކުރިޔަސް ކަމެއް ސިއްރެއް ނުވޭ
މާ މަތިން ﷲ އެކަމެއް ބައްލަވާ ވޮޑިގެން ވެޔޭ
ފޮރުވުމަށް މަކަރާ ދޮގާ ހީލަތުގެ ރޭވުން ރޭވިޔަސް،
އޮޅުވައެއް ނުލެވޭނެ، މާތް ﷲ ދެނެވޮޑިގެން ވެޔޭ
އަލިކަމެއްނެތް ކަނު އަނދިރި ރޭގަނޑުވިޔަސް އެކުރާ ކަމެއް،
އަލި ވިދާ ނޫރެއް ފަދައިން ﷲ ދެނެވޮޑިގެން ވެޔޭ
މޭކަޕުން ކުލައާއި ސިފަޔާ ބަދަލުކޮށް އޮޅުވާލިޔަސް
އޭގެ ސިއްރާ ފައުޅުވެސް ﷲ ދެނެ ވޮޑިގެން ވެޔޭ
އައްސަވާ އަދި ބައްލަވާ މިންވަރުކުރެއްވުން އެކަމަކަށް
ކަން ހިނގާ ނިމި ދާނެގޮތް ﷲ ދެނެވޮޑިގެން ވެޔޭ
ހިތުގެ ހިމަ ނާރުގެ ތެރޭވެސް ފޮރުވިފައިވާ ސިއްރުތައް
އިތުރަކަށް ސިއްރެއްނުވޭ ﷲ ދެނެ ވޮޑިގެން ވެޔޭ
މީހަކަށް ދެރައެއް މޮޅެއް ދޭން ރޭވިޔަސް ރާވާ ކަމެއް،
މީހަކަށް އަދި ނޭނގުނަސް ﷲ ދެނެވޮޑިގެން ވެޔޭ
"ވަމަކަރޫ ވަމަކަރަ ﷲ ވަ ޚައިރުލްމާކިރީން"
އަބަދުވެސް މި ވަޙީގެ ބަސްފުޅު ހަނދުމަ އާކޮށްލުން ވެޔޭ