...

Support Us

އެޗް.ޑީ.ސީ އަށް 20 އަހަރު: ޚިދުމަތްތެރިންގެ އަގުވަޒަންކޮށްފި

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް 20 އަހަރު ފުރުން ފާހަގަކޮށް، އެ ކުންފުނީގެ ޚިދުމަތްތެރިންގެ އަގުވަޒަންކޮށްފިއެވެ.

"އެޗް.ޑީ.ސީގެ ޚިދުމަތުގެ 20 އަހަރު" ފާހަގަކުރުމަށް ވޭޗުއަލްކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި ކުންފުނި ފެށުނީއްސުރެއް މިއަދާ ހަމައަށް 20 އަހަރު ޚިދުމަތްކޮށްދީފައިވާ ނުވަ މުވައްޒަފެއްގެ އަގުވަޒަންކޮށް ޚާއްޞަ ހަނދާނީ ފިލައެއް ވަނީ ދީފައެވެ.

މީގެ އިތުރުން ވެސް އެޗް.ޑީ.ސީގެ 20 އަހަރުގެ ތާރީހުގައި އެކި ގޮތްގޮތުން އަގުނުކުރެވޭވަރުގެ ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހަތަރު ބޭފުޅަކަށް ވަނީ ސްޕެޝަލް ރެކޮގްނިޒިޝަން އެވޯޑެއް ދީފައެވެ. އެއީ އެޗް.ޑީ.ޔޫގެ ނަމުގައި އެ ކޯޕަރޭޝަންގެ މަސައްކަތްތައް ހިންގަމުންދިޔަ ދުވަސްތަކުގައި ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި މަޢުރޫފް ޖަމީލާއި އެޗް.ޑީ.ސީގެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރު މަހްޖޫބް ޝުޖާޢު އާއި އެޗް.ޑީ.ސީގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ފަޔާޒް މަންސޫރާއި މިހާރުގެ މެނޭޖިންގ ޑިރެކްޓަރު ސުހައިލް އަހްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސުހައިލް ވަނީ ޚިދުމަތުގައި 20 އަހަރު ހޭދަކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރައްވައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެންމެ ހަތަރު މުވައްޒަފުންނާ އެކު ފެށުނު މި މަސައްކަތުގައި މިހާރު ތިބި 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދެއްވައިފައެވެ.

އެ ކުންފުނީގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އެޗް.ޑީ.ޔޫ ޔުނިޓެއްގެ ގޮތުގައި ހިންގުމުގައި އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުން ހުންނެވި މައުރޫފު ޖަމީލް ވެސް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވިއެވެ. އޭރުގެ މަސައްކަތްތަކަށް އަލި އަޅުވާލައްވައި، މައުރޫފު ވަނީ ހިޔާލީ ފޮލޮއެއް ކަމަށް އޭރު ގިނަ ބަޔަކު ދުށް ހުޅުމާލެ ހަޤީގަތަކަށް ހެދުމަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަންކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ދުވަހުގެ މުނާސަބާތުގައި ބޭނުންކުރާނެ ޚާއްޞަ ލޯގޯއެއް ވަނީ އިފްތިތާޙްކޮށްފައެވެ. ރަސްމިއްޔާތު ނިންމާލީ ޙާއްޞަ ކޭކް ފެޅުމުގެ ހަރަކާތަކަށްފަހުއެވެ.

އެޗް.ޑީ.ސީއަށް 20 އަހަރު ފުރިގެން ދިއައިރު އެ ކުންފުންޏަށް ވަނީ އެތައް ބަދަލެއް އައިސްފައި ކަމަށާއި މިގޮތުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށި ތަރައްޤީކުރުން އެޗް.ޑީ.ސީގެ އިހްތިސާސްގައި ހިމެނި މަސައްކަތްތައް ވަނީ ފުޅާކުރެވިގެން ގޮސްފައި ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މާލޭގެ ވަކި އަވަށެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީކުރުމަށް ޕްލޭނެއް އެކުލަވާލައި، އެކަން ވިލަރެސްކޮށް ހިންގުމަށްޓަކައި ވަކި ޔުނިޓެއް އުފައްދަވައި މިއަދާ ހަމައަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި ކަމަށާއި ސަރުކާރު ޙިއްޞާވާ ކުންފުންޏަކަށް ބަދަލުކޮށް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވޭތުވެދިޔަ 20 އަހަރު އެޗް.ޑީ.ސީން އެކި ފެންވަރުގައި، އުމްރާނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ގިނަ މަސައްކަތަކެއް ކުރެވިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.