...

Support Us

ވިލާތުބަށްޓަކީ ކޮން ކަހަލަ މޭވާއެއް ބާ!

ވިލާތު ބަށި (ނުވަތަ ޓޮމާޓޯ) އަކީ ވަރަށް ވަރުގަދަ ތާރީޚެއް ލިބިފައިވާ ތަރުކާރީއެކެވެ. ޢުޘްމާނީން އެ ތަރުކާރީ ކެއުން މަނާކުރިއެވެ. ޔޫރަޕް މީހުން އެ ތަރުކާރީ ދެކެ ބިރުން އުޅުނެވެ. ޝާމީން  އެއަށްދީފައިވާ ނަންތަކުގެ ތެރޭގައި "ޝައިޠާނާގެ ފޫކޮޅު" ވެއެވެ. އެ ކެއުން ޙަރާންވާނެ ކަމަށް ބުނާ ފަތުވާއެއް ވެސް ނެރެވިފައި ވެއެވެ.

އެހެނަސް މިއަދު ވިލާތުބަށްޓަކީ މީހުން އެންމެ ގިނައިން ކައިއުޅޭ ތަރުކާރީގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. ލަފާކުރެވޭ ގޮތުގައި ޓޮމާޓޯގެ އަޞްލު ވަޒަނަކީ ދެކުނު އެމެރިކާއެވެ. އަލުއްވާއި ދުންފަތާއި ބޮޑުމިރުހާއެކު މަޑުމަޑުން ޓޮމާޓޯ އުތުރު އެމެރިކާއަށް ދަތުރުކުރިއެވެ. އެންމެފަހުން ޓޮމާޓޯ ވަޒަންވެރިވެފައި ވަނީ މެކްސިކޯއާ ކޮސްޓާ ރިކާގެ އުތުރު ސަރަޙައްދާ ދެމެދުގެ ބިންތަކުގައެވެ.

ޓޮމާޓޯއާ ބެހޭ ޚުރާފާތުތަކުގެ ތެރެއިން

އަށާރަވަނަ ސައްތައިގެ ފަހުކޮޅުގައި ޔޫރަޕް މީހުންގެ ތެރެއިން ގިނަ ބަޔަކު ޓޮމާޓޯ ދެކެ ވަރަށް ބިރުގަނެއެވެ. އެމީހުން ޓޮމާޓޯއަށް ކިޔާފައިވަނި "ވިހަ އާފަލު" އެވެ. އެއީ ޔޫރަޕްގެ ޝާޙީ ވަރަށް ގިނަ ބޭފުޅުންތަކެއް ޓޮމާޓޯ ފަރިއްކުޅުއްވައިގެން އަވަހާރަވެފައިވާތީ އެއީ ބަލި ޖައްސުވާ އެއްޗެއް ކަމަށް ދެކެމުން ގޮސްފައިވާތީއެވެ. ހަގީގަތުގައި މި ބޭފުޅުން އަވަހާރަވެފައި ވަނީ ޓޮމާޓޯއާ ހެދިއެއް ނޫނެވެ. އެހެނެއް ކަމަކު ފަރިއްކުޅުއްވަން ގެންގުޅުއްވި ތަށީގެ ސަބަބުންނެވެ. އެ ޒަމާނުގައި މުއްސަނދީން ކައިބޮއި ހަދަނީ ތިމަރަ ތަށީގައެވެ. ޓޮމާޓޯގައި ހުންނަ ހުތުގެ ބާރުގަދަކަމުގެ ސަބަބުން ތިމަރައާ ގުޅުމުން އެ ތަށީގައި ހުންނަ ކާ އެއްޗެހި ވިހަވަނީއެވެ. އެމެރިކާގެ Smithsonian Magazine މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް މި ކަން ކަށަވަރުކޮށްދީފައި ވެއެވެ. އޭރުގެ މީހުންނަށް މި ކަން އެނގިފައި ނުވާތީ މި ފަދަ މަރުތައް ނިސްބަތްކޮށްފައި ވަނީ "މިސްކީނު" ޓޮމާޓޯ އަށެވެ.

ގިންތި ކުރެވިފައި ވަނީ ބަށި ޢާއިލާއަށް

  The Tomato in America: Early History, Culture, and Cookery ނަކަށް ކިޔާ ފޮތުގައި މި ފޮތުގެ މުޞަންނިފު އެންޑްރޫ ސްމިތު ވިދާޅުވެފައިވާ ގޮތުގައި އުތުރު އެމެރިކާއަށް މި މޭވާއަށް ދަތުރުކުރެވުމުގެ ކުރިން ޓޮމާޓޯ ސިފަކުރެވިފައި ވަނީ އެއީ ޤާތިލު ބަށްޓެއް ކަމުގައެވެ.

ކާބޯތަކެއްޗާ ބެހޭ ޔޫރަޕްގެ ޤަދީމީ މަރްޖިޢެއް ބުނާގޮތުގައި "ރަން އާފަލު"ގެ ނަމުން ސިފަކުރެވިފައިވާ ޓޮމާޓޯއަކީ  ބަށީގެ ބާވަތެކެވެ. އެ ނިސްބަތް ވަނީ މެންޑްރިކް ގިންތިއަށެވެ. އެއީ ބާހު ވަރުގަދަކޮށްދޭ އެއްޗެއް ކަމަށް މި މަރްޖިޢުގައި އައިސްފައިވެއެވެ.

ޔޫރަޕް މީހުން ވިލާތުބަށި ގެނެއީ ޒީނަތްތެރި ކުރަން  

ޔޫރަޕް މީހުން ޤަބޫލުކުރަމުން ދިޔަގޮތުގައި ވިލާތުބަށި ކެއުން ރަނގަޅީ ހޫނު ރަށްރަށުގައި އުޅޭ މީހުންނަށެވެ. މި މޭވާގެ އަޞްލު ވަޒަނަކީ މެދުތެރޭ އެމެރިކާއެވެ. އެޒްޓެކް ޤަބީލާގެ މީހުން މީލާދީން 700 ވަނަ އަހަރުން ފެށިގެން މި މޭވާ ކާ ކަމަށް ތާރީޚު ބުނެއެވެ. އެމީހުން މި މޭވާއަށް ކިޔާފައިވަނީ "ޓޮމާޓަލް" އެވެ. އިނގިރޭސިވިލާތަށް ވިލާތުބަށި ތަޢާރުފުވެފައިވަނީ 19 ވަނަ ސައްތައިގެ ނުވަ ދިހައިގެ އަހަރުތަކުގެތެރޭގައެވެ.

ބުނެވޭގޮތުގައި މެކްސިކޯއަށާއި މެދުތެރޭ އެމެރިކާއަށް ދިޔަ ސްޕޭން މީހުން ރަށަށް އެނބުރި އަންނައިރު މި މޭވާ ދެކުނު ޔޫރަޕަށް ގެނެސް ތަޢާރުފުކުރިއެވެ. އެއީ މީލާދީން 16 ވަނަ ސައްތައިގެ ތެރޭގައެވެ. ބައެއް ދިރާސާތައް ބުނާގޮތުގައި ޓޮމާޓޯގެ އޮށް 1519 ގައި ޔޫރަޕަށް ގެންނެވީ ސްޕޭންގެ އޮފިސަރެއް ކަމުގައިވާ އިރްނާން ކޮރްޓިސް އެވެ. ނަވާރަ ވަނަ ސައްތައިގެ ފަހުކޮޅާ ހަމައަށް ފިނި ސަރަޙައްދުތަކުގައި ޓޮމާޓޯ ހައްދާފައިވަނީ ބަގީޗާތަކުގައި ޒީނަތްތްތެރި ކަމަށް ޓަކައެވެ. ކާކަށްނޫނެވެ. އުތުރު އެމެރިކާގައި އިނގިރޭސީންގެ ކޮލޮނީތަކުގައި 1710ގައި ޓޮމާޓޯ ހައްދަން ވަނީ ފަށައިފައެވެ.

ޓޮމާޓޯ ބޭނުންކުރާ ކާބޯތަކެތީގެ ރެސިޕީތައް 1822 ގައި ނޫސްތަކުގައްޔާއި މަޖައްލާތަކުގައި ފާޅުވާން ފަށައިފިއެވެ. ނަމަވެސް އެ ދުވަސްވަރުގައި ވެސް ޓޮމާޓޯގެ ވިހަކަމުގެ ބިރު ފިލައިގެން ނުގޮސް އޮތެވެ.

ޓޮމާޓޯގައި އަޅާ ފެހި ފަނި ދެކެ އެމެރިކާ މީހުން ބިރުގަތުން

ނަވާރަ ވަނަ ސައްތައިގެ ތިރީހުގެ ތެރޭގައި ނިވްޔޯރކްގައި ވިލާތުބަށި ހެއްދުމުގެ މަސައްކަތް ފެށުމާ ވިދިގެން ފެހި ކުލައިގެ ފަންޏެއް އޭގައި އަޅަން ފެށިއެވެ. މިއީ ތިން ހަތަރު އިންޗީގެ ދިގު ފަންޏެކެވެ. އެމެރިކާގެ ހުރިހާ ސްޓޭޓްތަކެއްގެ ޓޮމާޓޯގައި މި ފަނި އެޅިއެވެ. އެމެރިކާ މީހުން ހީކުރިގޮތޮގައި މިއީ ވަރަށް ވިހަގަދަ ފަންޏެކެވެ. އޭތީގައި އަތްލެވިއްޖެނަމަ އެމީހަކު ވަގުތުން މަރުވާނެއެވެ. The Syracuse Standard ނަމަކަށް ކިޔާ ދުވަހު ނޫހެއް ރިޕޯޓްކުރި ގޮތުގައި ޑރ. ފޮލަރ ނަމަކަށް ކިޔާ ޑަކްޓަރަކު ވިދާޅުވެފައިވާ ގޮތުގައި އެއީ ވިހަގަދަ ހަރުފައަކަށްވުރެ ވިހަގަދަ ފަންޏެކެވެ. ނަމަވެސް ފަނިފަކުސައާ ބެހޭ ޢާލިމަކު އެއީ ވިހައެއްޗެއް ނޫންކަން ބަޔާންކޮށްދެއްވުމުން މި ބިރު ފިލައިގެންގޮސް ޓޮމާޓޯއަށް ރަނގަޅު ބާޒާރެއް ލިބިއްޖެއެވެ.

ޖޯޒިފް ކެމްބެލް ނަމަކަށް ކިޔާ ބޭފުޅަކު 1897 ގައި ސުރުވާގެ ގޮތުގައި ޓޮމާޓޯ ދަޅުދަޅުގައި ބާޒާރު ކުރައްވަން ފެށްޓެވިއެވެ.

ޢުޘްމާނީން ޓޮމާޓޯ ކެއުން މަނާކުރި

ޢުޘްމާނީ ދައުލަތަށް ޓޮމާޓޯ އައީ މުޙައްމަދުލް ފާތިޙު ކޮންސްޓޭންޓިނޯޕްލް (އިސްތަންބޯލު) ފަތަޙަ ކުރެއްވުމާ ވިދިގެން 15ވަނަ ސައްތައިގައެވެ. Steemit ވެބް ޞަފްޙާ ބުނާގޮތުގައި ޓޮޕްކާޕީ ގަނޑުވަރުން ފެނުނު ލިޔުންތަކެއް ބުނާގޮތުގައި ސުލްޠާން ފާތިޙަކީ ޓޮމާޓޯ ދެކެ ވަރަށް ބޮޑަށް ލޯބިފުޅުވި ރަސްކަލެކެވެ. މިހެންވެ ޢުޘްމާނީން ބޫރުޞާ ސްޓޭޓްގެ އިޒްނީކް ސަރަޙައްދުގައި ވިލާތުބަށި ހައްދަން ފެށިއެވެ. ބީޒަންޠީނުންނަށް ސުލްޠާނުލް ފާތިޙު ވިލާތުބަށި ދެކެ ލޯބިފުޅުވާ ކަން އެނގުމުން ވިހަ އަޅާފައިވާ ވިލާތުބަށިތަކެއް ރަސްގެފާނަށް ވެދުމަކަށް ފޮނުވިއެވެ. ސުލްޠާން ފާތިޙަށް މި ކަން އެނގިވަޑައިގަންނަވައިގެން  ޓޮމާޓޯ ކެއުން މަނާކުރެއްވިއެވެ. މުޙައްމަދުލް ފާތިޙުގެ އަމުރުފުޅަށް ޓޮމާޓޯ ކެއުން މަނާކޮށްފައި އޮތް އޮތުން 280 އަހަރުގެ ދިގު މުއްދަތަކަށް ދެމިގެން ގޮސްފައި ވެއެވެ.

ޝާމުކަރައިގައި ވިލާތުބަށީގެ ނަމަކީ "ޝައިޠާނާގެ ފޫކޮޅު"

ވިލާތުބަށި ޝާމުކަރައަށް ގޮސްފައި ވަނީ 19 ވަނަ ސައްތައިގައެވެ. އެ ކަރައިގެ މީހުންނަށް މި މޭވާ މާ މަޤްބޫލު އެއްޗަކަށް ނުވިއެވެ. އެމީހުން ވިލާތުބަށްޓަށް "ޝައިޠާނާގެ ފޫކޮޅު" ކިޔާ ނަން ދިނެވެ. ސޫރިޔާގެ ލިޔުންތެރިއެއް ކަމުގައިވާ ޖުރްޖު ޠަރާބީޝީ ވިދާޅުވެފައިވާ ގޮތުގައި ޙަލަބުގެ މުފްތީ އެ ކެއުން ޙަރާންވާނެ ކަމަށް ފަތުވާ ދެއްވާފައި ވެއެވެ. މި ފަތުވާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަޅުޖަހައި ވިލާތުބަށި ކެއުން ޝާމުކަރައިގައި ޢާއްމުވާން ފަށައިފިއެވެ. ޝާމުކަރައިގެ ގިނަ ބަޔަކު ވިލާތުބަށްޓަށް ކިޔަނީ ބަނަދޫރާ އެވެ. އެއީ އިޓަލީ ބަހުން އެއަށް Pomma Dora ކިޔާތީއެވެ. ޙަލަބުގައި އެއަށް ކިޔަނީ "ފަރަންޖީ" އެވެ. އެއީ ހުޅަނގުން އައި އެއްޗަކަށް ވާތީއެވެ. މިޞްރުގައި ވިލާތުބަށްޓަށް "އޫޠާ" ކިޔައެވެ. އަދި ބަނަދޫރާވެސް ކިޔައެވެ. ޢަރަބި ބަހުން ކިޔަނީ ޠަމާޠަމު އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *