...

Support Us

"އަނބޮއްފުޅާއި ދަނބޮއްފުޅު" މާޒީވެއްޖެ ދެއްތޯއެވެ!

އަޅުގަނޑުމެން ކުޑައިވަރު އިރު، އަޅުގަނޑުމެންގެ މައިންބަފައިން ނުވަތަ ގާތްތިމާގެ މީހުން އަޅުގަނޑުމެންނަށް ކިޔައިދީ އުޅުނު، ’އަނބޮއްފުޅާއި ދަނބޮއްފުޅު‘ ނަމަކަށް ކިޔާ ވާހަކައެއް އޮވެއެވެ. އެ ވާހަކައިގައި ވާގޮތް ޚުލާޞާކޮށް ދަންނަވާނަމަ، އަނބޮއްފުޅަށް ވީ ގޮތަކީ، ރަށްބޭރުގައި ހުރި ބޮޑު މިދިލި ގަހަކަށް އަރައިގެން އުޅެވުނު ގޮތަކުން ގަހުގެ ތޮފަޅައެއްގައި ފިސާރި ރަނގަޅަށް ތާށިވީއެވެ. ސަލާމަތް ނުވާވަރަށެވެ.  އެ ހިސާބުން އޭނާގެ ކޮއްކޮ ދަނބޮއްފުޅަށް ވިސްނުނީ، ބޭބެ ސަލާމަތްކުރަން ބޭނުންނަމަ މިދިލިގަސް ކަނޑައިލަން ޖެހޭނޭ ކަމެވެ. އެހެންކަމާއެކު، ދަނބޮއްފުޅު ދުވެފައި ދިޔައީ ގަސް ކަނޑައިލެވޭވަރުގެ ފުރޮޔެއް ގެންގުޅޭނޭ ކަން ޔަޤީންވާ މާވަޑިކަލޭގެ ގާތަށެވެ.

މާވަޑިކަލޭގެ އަތުގައި ފުރޯ އޮތެވެ. އެހެންނަމަވެސް، ގަސް ކަނޑައިލައިދޭން ބުނީމައި، އޭނާ ދަނބޮއްފުޅު ގާތު ބުނީ، އެ ބުނާ މިދިލި ގަހަކީ ބަންޑާރަ ބޮޑު މިދިލިގަހޭ، އެ ގަސް ކަނޑައިލާކަށް ނުކެރޭނެޔޭއެވެ.

ދަނބޮއްފުޅަކީ އެހައި ފަސޭހައިން އެކަހަލަ ކަންކަމުގައި ދޫކުރާ މީހަކަށް ނުވާތީ، އޭނާ ބޭނުންވީ ބޭބެ ސަލާމަތްކުރަން މާވަޑިކަލޭގެ ލައްވައި ކޮންމެ ގޮތަކުން ނަމަވެސް އެ ގަސް ކަނޑުވާށެވެ. އެހެންކަމުން، އޭނާ ވިސްނީ، މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ، މާވަޑިކަލޭގެޔަށް ’ކުޑަކޮށް ބާރެއް އަޅައިލައިދެވޭވަރުގެ‘ ނުފޫޒުވެރިޔަކު ގާތަށް ދާށެވެ. ގަސް ކަނޑައިނުދިނިއްޔާ މާވަޑިޔާގެ ފުރޯއިން ފަންވަރު ބޭލިދާނެކަމުގެ އިންޒާރެއް ދެވޭވަރުގެ މީހެއްގެ ގާތަށް ދާށެވެ. އެ ފަދަ މީހަކީ ކަނބުރު ކަމަށް ފެންނާތީ ކަނބުރުގެޔަށް ގޮސް އޭނާގާތު އެކަމަށް އެދުނީމައި ކަނބުރު ބުނިކަމަށް ވަނީ، މާވަޑިކަލޭގެޔަކީ ބަންޑާރަ ބޮޑު މާވަޑިކަލޭގެޔޭ، އޭނާޔަށް އިންޒާރެއް ދޭކަށް އެއްގޮތަކަށްވެސް ނުކެރޭނެޔޭއެވެ.

ކަނބުރު ލައްވައި ކުރުވަން އުޅުނު ކަންތައް ނުވީމައި، އަނބޮއްފުޅަށް ދެން ހިނގަަން ޖެހުނީ އެއް ނުފޫޒުވެރިޔާގެ ގާތުން އަނެއް ނުފޫޒުވެރިޔާ ގާތަށެވެ. އެކަކު ގާތު އާދޭސްކޮށްފައި އެދުނު ކަންތައް ކޮށްނުދިނީމައި، އަނެކާގެ ގާތަށެވެ. މިގޮތުން، މާވަޑި ގާތުން ކަނބުރު ގާތަށް، ކަނބުރު ގާތުން ވާރޭ ގާތަށް، ވާރޭ ގާތުން އެތް ގާތަށް، އެތް ގާތުން މާބުރު ގާތަށް، މާބުރު ގާތުން އިރުވައިހުދު ގާތަށް، އިރުވައިހުދު ގާތުން ފޭރު ގާތަށް، ފޭރު ގާތުން މީދާ ގާތަށް ހިނގިއެވެ. މިއިން ކޮންމެ  ’މީހަކު‘ ބުނީ ހަމަ އެކައްޗެކެވެ. މަށަކަށް ނުކެރޭނެޔޭ، ތިޔަ ދައްކަނީ ބަންޑާރަ މިވެނި މީހެއްގެ ވާހަކަޔޭއެވެ. ގޮތެއް ހަދާކަށް ހަަމަ އެއްގޮތަކަށްވެސް  ނުކެރޭނެޔޭއެވެ.

މިގޮތަށް އެކަކު ގާތުން އަނެކަކު ގާތަށް ދަމުން ދަމުން ގޮސް، މީދާ ގާތަށް ގޮސް ކަމެއް ނުވީމައި، ދަނބޮއްްފުޅު ދެން ދިޔަކަމަށްވަނީ ބުޅާ ގާތަށެވެ. އެއީ މީދާ ހިފައި މަދުކޮށްދޭން ކެރޭނެހޭ އަހާށެވެ. ވާހަކައިގެ ރާގު ބަދަލުވަނީ އެ ހިސާބުންނެވެ.

ވާހަކައިގައި އުޅޭ ބުޅަލަކީ އަންހެން ބުޅަލެކޯލައެވެ. ބުޅާ އެއިރު އޮތީ ވިހައިގެން ސާޅީހަށް ފެންވެސް ނުއަޅަޔޯލައެވެ. އެހެންނަމަވެސް، ދަނބޮއްފުޅުގެ އާދޭސް އަޑުއަހައިފައި، މިހައިރުގެ ބަހުރުވައިން ދަންނަވާކަމަށް ވަންޏާ، ބުޅާ ’ޙަރަކާތްތެރިވާން ފެށިއެވެ‘. އަދި ސާޅީހަށް ފެންއަޅައިގެން ނިކުމެ، މީދާ ފަހަތުން ދުއްވައިގަތެވެ. ބުޅާދެކެ ގަތްގަތް ބިރުން މީދާ ދުއްވައިގަތީ ފޭރުކަލޭގެ ފަހަތުންނެވެ. ފޭރު ދުއްވައިގަތީ އިރުވާހުދު ފަހަތުންނެވެ. މި ދެންނެވި ބީދައިން، ކުރިން ދެންނެވި ތަރުތީބުގެ އިދިކޮޅަށް، އެކަކު އަނެކަކު ފަހައިގަނެގެން ގޮސް މާވަޑިކަލޭގެޔާ ޖެހުމުން އޭނާ ބިރުން ދުވެގޮސް މިދިލިގަސް ކަނޑައިލައިފިއެވެ. އެހެންނަމަވެސް އެއިރު އަނބޮށްފުޅު އޮތީ މަރުވެފައެވެ! ވަގުތު ފާއިތުވީއެވެ. ވާހަކަ ނިމެނީ އެ ހިސާބުންނެވެ. އަނބޮއްފުޅުގެ ޖަނާޒާއިންނެވެ. އެކަމަކު އަޅުގަނޑުމެންގެ ވާހަކަ އަދި ކިރިޔާ މިފެށުނީއެވެ.

ޒަމާން ބަދަލުވެއްޖެއެވެ. އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަޔަކީ މިހައިރަކަށް އައިސް ގިނަ ގޭގޭގައި ކިޔައި އުޅޭ ވާހަކައެއް ނޫނެވެ. ރަށްބޭރު ބަންޑާރަ ބޮޑު މިދިލިގަސްވެސް  މާޒީގެ ތެރެޔަށް ވަދެ ނިވައިވެއްޖެއެވެ. ތޮފަޅަޔަކީ، ކަނބުރަކީ، ފޭރަކީ، އެތު ކަންފަތު ރީއެޅުމަކީ ކޮބައިކަން ދަންނަ މީހުން މަދުވެއްޖެއެވެ.

ދެން އޮތީ މިހައިރުގެ ޒަމާނީ ދަނބޮއްފުޅުގެ ވާހަކައެވެ. ދަނބޮއްފުޅު ޒަމާނީގޮތަށް ކަންކުރަން ޖެހޭ ގޮތުގެ ވާހަކައެެވެ. އައްސަވާށެވެ!

ތިމާގެ ބޭބެ އަނބޮއްފުޅު ދިރިއުޅުމުގެ މަޢުނަވީ ތޮފަޅައެއްގައި ތާށިވީމައި، ޒަމާނީ ބަހުންނަމަ ”ބޮނޑިއެއް ބުއިމައި“، އެކަމަކުން މިންޖުވޭތޯ އެހީޔަށް އެދި އާދޭސް ކުރަން މިޒަމާނުގައި ހުންނަނީ ބަންޑާރަ ފޯނު ނަންބަރުތަކެކެވެ. ޖަމުއިއްޔާ ތަކެވެ. އެހެންނަމަވެސް، އެއިން ނަންބަރަކާ ނުވަތަ ތާކާ ގުޅައިލަން ޖެހޭ ކަހަލަ ކަމެއް ކުރިމަތިވީމައި ކަން ކުރަން ލިޔެވިފައި އޮންނަ ގޮތަށް ބައެއް މީހުން ޢަމަލެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ މީހުން ކަން ކުރާ ގޮތަކީ، ނުފޫޒުގަދަ މިވެނި މީހަކާ ފޯނުން ގުޅައިލައިގެން، ނުވަތަ ބާރުވެރި މިވެނި މީހެއްގެ ގޭދޮށަށް ހުސްއަތާ ނޫންގޮތަކަށް ގޮސްލައިގެން، ނުފޫޒަކާ ލައިގެން މައްސަލަ ޙައްލުވޭތޯ މަސައްކަތް ކުރުމެވެ. އަދި ކިއެއްތޯއެވެ! ފަހުން މިދެންނެވި ގޮތަކީ އެވަގުތަކު ކުރިމަތިވެފައިވާ ނޭދެވޭ ޙާލަތަކުން ސަލާމަތްވާން، ނުވަތަ ތަޙައްމަލް ކުރަމުންދާ ތުރާލެއް ފިލުވަން އޮތް އެންމެ އަވަސް މަގު ކަމުގައި ދުށުން އެއީ ބައެއް ކަހަލަ މީހުންގެ މިހައިރުގެ އާދައެކެވެ. އަޅެ، މީ ފަހެ ދޮގެއްތޯއެވެ؟ ކޮންމެވެސް ބަޔަކު ކުރާ އަނިޔާޔަކުން ސަލާމަތްވާން ޢަދުލު އިންސާފުގެ ރަސްމީ ދޮރުތަކުގައި ޓަކި ޖެހުމުގެ ބަދަލުގައި، ނުރަސްމީ، އެކަމަކު މާ ބާރުހުރި ދޮރުތަކުގައި ޓަކިޖެހުންވެސް އެއީ ކަން ކުރަން ޖެހޭ ގޮތްކަމަށް މަދު ބަޔަކު ނަމަވެސް މިހައިރަކަށް އައިސް އެބަ ދެކޭ، ދެއްތޯއެވެ؟ ޤާނޫނުގެ އިންތަކާއި އިޖުތިމާޢީ ހަމަތަކާއި ޢަދުލު އިންޞާފުގެ މިންތަކުގެ ބޭރުން އެތައް އެތައް ކަމެއް ވަކި ވައްތަރެއް ނުވަތަ ގިންތީއެއްގެ ބަޔަކު ކުރަމުން  އެބަ ގެންދެޔޯލައޭ، ތިމާމެންނަށް އެނގެޔޭ، އެކަމަކު އެ ކަމާ ޢަމަލީ ގޮތުން ތިމާމެންނަށް ކުރެވޭނޭ ކަމެއް ނެތޭ، އެކަމާ އުޅެފިއްޔާ ހަލާކުވާނީ ތިމާމެންނޭ ބުނާ ބަޔަކުވެސް އެބަ އުޅެއެވެ.   ޙައްޤުބަސް ބުނަން ފަސްޖެހުމަކީ މިޒަމާނުގެ ބުއްދިވެރިކަމޭ ބުނާ ބަޔަކު އެ ބުނަނީ  ހަމަ ރަނގަޅު ވާހަކައެއް ތޯއެވެ؟ އަޅުގަނޑަކަށް އެކަން އެހައި ކަށަވަރެއް ނޫނެވެ. އެހެން ނަމަވެސް، މިހުރީ މިކަންކަމާ ވިސްނައިލަން ޖެހޭ ކަހަލަ ކަންކަމެވެ. ނޫންތޯއެވެ؟

މާލީ ގޮތުން ތަަނަވަސް، ނުވަތަ އެކި ގޮތްގޮތުން ނުފޫޒުގަދަ މީހުންގެ ތެރެއިން ކޮންމެ މީހަކީ މި ޒަމާނުގެ ’ބަންޑާރަ ބޮޑު މިދިލިގަހެއް‘ ކަމަށް ދެކެ، އެ ފަދަ ގަސްގަހުގެ ހިޔަލުގެ ދަށުގައި އުފާ ފާގަތިކަމާއެކު ދިރިއުޅުމަކީ ދުނިޔާދާރު ވިސްނުންތެެރީންގެ ގޮތް ކަމަށް ދެކޭ ކިތަންމެ ބަޔަކު މިހައިރު އެބައުޅޭ، ދެއްތޯއެވެ؟ އަދި އެ ފަދަ ހިޔާބޮޑު، ބޮޑެތި ގަސްގަހުގެ ތޮފަޅަ ތަކުގައި ތާށިވަނީ ޒަމާނުގެ ހަމަތަކާ އެއްގޮތަށް ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅަށް ދީލައިލައިގެން އުޅެން ނޭނގޭ މޮޔައިންނޭ، ތަނުގެ ’ކަލްޗަރަށް ފިޓުވާން ނުދަންނަ‘ މީހުންނޭ ބުނާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅޭ، އަޅެ އެހެން ނޫންތޯއެވެ؟ އެ ކަމުގެވެސް ސަބަބުތަކެއް ހުންނާނެ، ދެއްތޯއެވެ؟

އާދޭހެވެ!އަނބޮއްފުޅު ގަހަކު ތޮފަޅަ ތާށިވި ވާހަކަ އެއީ އެހެން ޒަމާނެއްގެ ވާހަކައެކެވެ. މިއަދު މިއީ މުޅިން އެހެން ޒަމާނެކެވެ. އަޅުގަނޑުމެން ފެތެން ވާނީ އަދުގެ މިޒަމާނަށް ނޫންތޯއެވެ! ޝައްކެއްވެސް ނެތް ގޮތުގައި، އަޅުގަނޑުމެންގެ މިޒަމާނަކީ ތަރައްޤީގެ އެންމެހައި ފައިދާތައް އެންމެނަށް ހަމަހަމަކޮށް ލިބިލިބި ހުންނަ ޒަމާނެކެވެ. ހޭލުންތެރިކަމުގެ ޚަޒާނާޔަކީ ވަކަރުގޭ އެތެރެޔަށްވެސް ތަންމިނަށް ހުޅުވިފައި ހުންނަ އެއްޗަކަށް ވާ ޒަމާނެކެވެ. ތަޢުލީމުގެ ނިޢުމަތަކީ ފަޅުރަށްރަށުގެ ހޭޅިފަށުންވެސް ލިބެން އޮންނަ، ހޭލުންތެރި އެއްޗަކަށް ވެއްޖެ ޒަމާނެކެވެ. އަޅެ، އެހެން ނޫންތޯއެވެ؟ އެހެން ވީއިރު، މިހައިރުގެ ކަންކަން ހުންނަންވާނީ ތަހުޒީބާއި، ތަމައްދުނާއި، ޢިލްމާއި، ސުލޫކާއި އަޚުލާޤުގެ އެންމެ އުސް ކުރިބޯށިތަކުގެ ރަން ދަޅަވެސް ހުރަހެއް ނެތި އެޅޭ ހިސާބުގައި ނޫންތޯއެވެ؟

އެހެން ނަމަވެސް، މިޒަމާނުގެ އަނބޮއްފުޅަށް ކޮއްކޮގެ ބަސްނޭހިގެން އުޅެން ހަދައިގެން ވާ ގޮތަކުން މިޒަމާނުގެ މަޢުނަވީ ޒާތުގެ ބަންޑާރަ ބޮޑު މިދިލި ގަހަކު ތޮފަޅަ ތާށިވީމައި، ކޮއްކޮ ދަނބޮއްފުޅަށްވެސް މި ދުވެވެނީ… ދުވަން މަޖުބޫރުވަނީ… ހަމަ އެއްކަލަ ޘަޤާފީ މަގުންނެވެ. މިޒަމާނުގެ މަޢުނަވީ މާވަޑިޔާޔަށް ހަދިޔާއެއް ދިއްކޮށްލުމުގެ ވަޞީލަތުން ބޭބެޔަށް ލިބިލިބިހުރި ތަކުލީފަށް ލުޔެއް ނުލިބުނީމައި، ކަނބުރުގޭ އުނދުނަށް ފުމެލައިދީގެން ކާމިޔާބެއް ލިބޭތޯ ބަލަނީއެވެ. އެ ތަނުންވެސް ކަމެއް ނުވީމައި، ވާރެޔަށް ދަންނަވަމުން، އެޔަށްފަހު ޙައިވާނު ބަގީޗާއިން ހޯދައިގެން ނަމަވެސް އެތަށްވެސް ކޮންމެވެސް ވަރެއްގެ ވެދުމެއް ކުރަމުން، ދެންވެސް ކަމެއް ހަމަ ނުވީމައި މާބުރު އަރިހުން، އިރުވާހުދަށް ތަޢުރީފުގެ ޖިޒީތައް ރައްދުކުރަމުން، މިޒަމާނުގެ އަނބޮއްފުޅު ބައެއް ފަހަރު ކޮޅުކޮޅަށް ދުވެފާނެއެވެ. ބައެއް ފަހަރޭ ތޯއެވެ؟ ޖަވާބުގައި އަޅުގަނޑު ވަކި އެއްޗެއް ނުދަންނަވާނަމެވެ. އެކަމަކު މިސާލެއް ދަންނަވައިފާނަމެވެ.

ބޭބެ ރޫމްބޯއީ ރިސޯޓުގެ ”ގަހަކު ތޮފަޅައެއްގައި“ ތާށިވީމައި، ސުޕަވައިޒަރުގެ ގާތަށް ގޮސް އާދޭސް ކުރަން ވީ އެވެ. އެކަން ކޮށްގެން ކަމުފޮޅާގޮތް ނުވީމައި، އެކިވަރުގެ މެނޭޖަރުންގެ ފައިދޮށަށް ހިނގައިގެން ދެންވެސް އިތުރު ގޮތެއް ޢަމުދުން ނުވީމައި، އެބުނާ ’ޖީ.އެމް‘ ގެ ފައިންޕުޅު ދެކެފައި، މަޢާފާއެކު އެވާހަކަ ދެންނެވެނީއެވެ. ’ޖީ.އެމް‘ ދެއްވާ ހަރުކަށި ޖަވާބުގައި އެހުންނަ މަލާމާތުން ފުރިގެންވާ ބަހުރުވަޔަށް ކެތްނުވީމައި، އެ ޝަކުވާ ރިސޯޓުގެ ޙަޤީޤީ ވެރިޔާޔާ ހަމަޔަށް އުފުލަން ޖެހެނީއެވެ. މިހެން މައްސަލަ ޙައްލުވަނީ އެ ހިސާބުން ކަމަށް ފެނުނީމައެވެ. ރިސޯޓުގެ ޙަޤީޤީ ވެރިޔާއަކީ އިޓަލީގައި ދިރިއުޅޭ، އިޓަލީވިލާތުގެ ރައްޔިތަކަށް އަދި ވިޔަސް، އޭނާ ’ސާޅީހަށް ފެންއަޅައިގެން‘ އެކަމާ އުޅެދިނީމައެވެ. އެކަމަކު ގިނަފަހަރަށް ވާގޮތަކީ، އެވަރުންވެސް ލިބެނީ ކޮންމެވެސް ވަރެއްގެ ބައިކުޅަބައި ޙައްލެކޯލަވެ. އަނެއްކާ އެ ވެސް މަދު ފަހަރަކުޔޯލައެވެ. އަޅުގަނޑަކަށް ނޭނގެއެވެ.

މިކަންކަން މިހެން މިވަނީ ރަސްމީ މަގުން ހިނގައިގެން ގޮތެއް ހަމަ ނުވާތީއޭ ބަޔަކު އެބަ ބުނެއެވެ. ފޯނުކުރަން ޖެހޭ ތަންތަނަށް ފޯނުކޮށްކޮށް ފޯނު ނުނެގީމައި، ހަދާނެ ގޮތް ހުސްވެގެންނޭ ބަޔަކު އެބަ ބުނެއެވެ. ނުވަތަ ފޯނު ކުރެވޭ ބައެއް އެހެން ތަންތަނުން ކޮންމެވެސް ބޭބެޔަކު ފޯނު ނަގައިފައި، ތަންކޮޅެއް ފޫހި ރާގަކަށް ”އަހުން ވަޅީގައި ތުނޑެއް ނެތޭ“ ބުނެފައި މައްސަލަ ބޮލުން ނައްޓައިލާތީއޭވެސް އެބަ ބުނެއެވެ. މިކަހަލަ ޙާލެއްގައި ހިކިފަހުގައި ބަކަތަޅަން، ހާކަނޑުގައި ލަބަރިތަޅަން އުޅެ، ގައިހަމުން ދެފަހަރަކު ހުޅުނބު ދިޔަ ފާނަޔަށް ވީވަރުވެސް ނުވެ، މުޅިން ގޮސްހުސްވާ މީހާ އެކަމާ ވާ ފޫއްސެއްގެ ބޮޑުކަމުން ދަނބޮއްފުޅު ހަނދާނަށް އަންނަނީއޭވެސް އެހެން ބަޔަކު އެބަ ބުނެެއެވެ.

ދެން އޮތީ ކުރިމަތިވާ ތުރާލެއް ފިލުވުމުގެ ނިޔަތުގައި މިޒަމާނުގައި ކުރެވިދާނެ އެހެން ކަމެއްގެ ވާހަކައެވެ. އެއީ އީމެއިލް އިން އާދޭސް ދެންނެވުމެވެ. މިގޮތަށް ފޮނުވާ އީމެއިލް މަތިމައްޗަށް ފޮނުވައިގެން ޖަވާބު ނުލިބުނީމައި، އީމެއިލް ގެ ޖަވާބު ދެން އަންނާނީ އިރުވައި މޫސުން ނިމޭތަނަށް ނުލެފިޔަސް ލަފާނެޔޭ ބުނާ ބަނގަލާބޯޓުގެ ދަތުރު ނިންމައިފައި ފެހިކަހާން އެހެލީމައި އޭގެ ފަހަތުން ދެން އަންނަ ސޯޅިޔާ ބައްތެލިން ދެއްތޯއޭ ބުނެވޭ ހިސާބަށް ކަންތައް ދިޔައިމަތޯއޭ، މިހެން އެ އަހަނީ މަލާމާތަކަށް ނޫންކަމަށްވެސް ވެދާނެއެވެ. އެކަމަކު އެހިސާބުންވެސް އަނބޮއްފުޅަށް ޖެހުނު ދަތުރު ބައެއް މީހުންގެ ކުޑައިރުގެ ހަނދާނުގެ ތެރެއިން ފުސްކޮށް ފެނިދާނެ، ދެއްތޯއެވެ!

ދެން އޮތީ ބަންޑާރަ ބޮޑު މިދިލިގަސް ކަނޑައިލައިދޭތޯ ބަލަން، ކަމާ ބެހޭ ކަމަށް ފެންނަ ކޮންމެ މީހަކު ގާތުން އެޕޮއިންޓުމެންޓެއް ހޯދުމެވެ. އެކަންވެސް ބައެއް ފަހަރު ނިމޭ ގޮތަކީ، ތިން ހަތަރު ދުވަސް ކުރިން ހަައްދާ ކޮންމެ އެޕޮއިންޓުމަންޓަކަށް ބަރާބަރަށް ގަޑިޔަށް ހާޒިރުވާއިރު، ބައްދަލުވާނެކަމަށް ހީކުރި މީހާޔާ ބައްދަލު ނުވުމެވެ. އެއިން ކޮންމެ މީހަކީ އެޕޮއިންޓުމެންޓު ހައްދައިފައި އޮންނަ ގަޑިޔަށް ހަމަ ކުއްލިޔަކަށް ކޮފީ ބޮވައިގަނެގެން، ނުވަތަ ދުފާ ހިތުން ކެތްނުވެގެން، ނުވަތަ ލިބެން އަންނަ ސައިފޮދަކަށް ދަހިވެގެން ނަމަވެސް، އޮފީހުން ބޭރަށް ޖެހިލަން މަޖުބޫރުވާ ޒާތުގެ މީހަކަށް ވެއްޖިއްޔާ، ދެން ވެދާނެ އެއް ގޮތް އަޅުގަނޑަށް އެބަ ވިސްނެއެވެ. އެއީ، ކުރި އިންތިޒާރު ތޮޅިޔަށްދިޔަ މީހާޔަށް ކޮންމެވެސް މީހަކު އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ ކިޔައިދިނުމެވެ.

އެކަމަކު މިޒަމާނަކީ ތަރައްޤީގެ އެންމެހައި ފައިދާތައް އެންމެނަށް ހަމަހަމަކޮށް ލިބިލިބި ހުންނަ، ހޭލުންތެރިކަމުގެ ޚަޒާނާޔަކީ ވަކަރުގޭ އެތެރެގެއިންވެސް ލިބެން ހުންނަ، ތަޢުލީމުގެ ނިޢުމަތް ފަޅުރަށްރަށުގެ ހޭޅިފަށުންވެސް ލިބެން އޮތް، ހޭލުންތެރި ޒަމާން  ކަމަށްވާތީ، އިހުގައި ދަނބޮއްފުޅު ހިިނގި ދިގުމަގުން ނުހިނގައި، އެއްކަލަ ’ސާޅީހަށް ފެންނުއަޅާ އޮތް ބުޅަލުގެ‘ މަޤާމުގައި ހުރީ ކާކުތޯޯ ބަލައި ހޯދައިގެން އެ މީހަކާ ދިމާޔަށް ދިޔުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް އެންމެނަށް ޤަބޫލު ކުރެވެން ފަށައިފިއްޔާ، ދެން ވާނީ ކިހިނެއް ތޯއެވެ؟ ބާއޮކަލޯ ގޭދޮށުގައި އޮންނަ ކިޔޫ…ނޫން! ޒަމާނީ ތޮފަޅަތަކުގައި ތާށިވާ ކޮންމެ އަނބޮއްފުޅެއް ދިރިހުއްޓައި ސަލާމަތް ކުރެވޭނެ   ހަމައެކަނި މަގަކީ އެއީ ކަމަށް އެންމެނަށް ފެންނަން ފަށައިފިއްޔާ…ނޫން! ދެން ވެދާނެ ގޮތެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އަދި ވަކިން ޚާއްޞަކޮށް، ބަސްނާހައިގެން ތާށިވާ އަނބޮއްފުޅާއި، އެހެން ގޮތްގޮތުން ކޮންމެހެން ތާށިވާން ޖެހިގެން ތާށިވާ އަނބޮއްފުޅުވެސް ހަމަ އެ މަގުން ސަލާމަތް ވާން ވެއްޖިއްޔާ، ނުވަތަ ސަލާމަތް ވާން ފަށައިފިއްޔާ، އެހިސާބުން އެކަން ފަހަރުގައި ބިރުވެރި ކަމަކަށްވެސް ވެދާނެ، ދެއްތޯއެވެ؟

އަދި އެޔަށްވުރެވެސް ބޮޑަށް އަޅުގަނޑު ބިރުގަންނަނީ، ކޮން މާވަޑިއެއްހޭ، ކޮން ބަންޑާރަ ބޮޑު މިދިލި ގަހެއްހޭ، ކޮން ކަނބުރެއްހޭ، ކޮން ބާއޮކަލޮޔެއްހޭ، އަހަރެންގެ އަނބޮއްފުޅު ބޭބެ މިންޖުކުރަން ގަސްކަނޑައިލާނީ ސީދާ އަހަރެންނޭ، މިއީ ތަރައްޤީ ޒަމާނޭ، ގޭގައި އޮންނާނޭ އެންމެ މިޒަމާނުގެ ކަރަންޓު ކީހެއް، އެބަ އަންނަމޭ އޭތި ހިފައިގެން، ބޭބެ މާބޮޑަށް ނުތެޅި އޮންނާށޭ… މިހެން ކިޔައިގެން ޒަމާންވީ ޘަޤާފީ ވާހަކައިގެ ދުވަސް ދުއްވައިލައި، ކޮންމެ ކަމެއްގައިވެސް އޮތީ އެމީހަކާ އެމީހެއްގެ އުޞޫލު އިސްކުރުމޭ ބުނާނޭ ބަޔަކު ވުޖޫދަށް އަތުވެދާނެތީ، އެކަމާއެވެ.

އިރާދަކުރެއްވިއްޔާ އެކަމެއް އަދި އެހެންނެއް ނުވާނެއެވެ. އަޅުގަނޑުމެންނަކީ އެއްބައިވަންތަ، އަޚުވަންތަ، ކުލުނުވެރި، ޚުލްޤު ހެއު، އެކަކު އަނެކާގެ އަސާސީ ޙައްޤުތަކަށް އަރައިނުގަންނަ، ދިވެހީންނެވެ. އަވަށްޓެރިޔާގެ ފުރާޅު ގައި ޖަހައިފައި ހުރީ އާދައިގެ ދެރަ ޓިނު ކަމަށް ބަލައިގެން، ތިމާގެ އުސް ޢިމާރާތުގެ ފުރާޅުގައި ޖަހައިފައި ހުރި މޮޅު ޓިނުން ފައިބާ ވާރޭ ފެން ދިޔަދޮތްވަކާވެސް ނުލައި އެގޭ ފުރާޅަށް ފައިބާފާނެކަމަށް އަބަދުމެ ވިސްނާ ޒާތުގެ ދިވެހީންނެވެ. ޖެހިގެން ހުރިގޭގޭގައި ދިރިއުޅޭ މީހުންނަކީ އާދައިގެ ވަޒީފާ އަދާކޮށްލައިގެން ކިރިޔާ ބަނޑުފުރާނަމުއްތި ކޮށްލައިގެން އުޅޭ މީހުން ކަމަށް ވާތީ، އެމީހުން ފަތިސް ނަމާދަށް ހޭލާގޮތަށް ދެން ނުނިދާނެތީ، ތިމާމީހާގެ ގޭގައި ނުފެންނަ ކަރުދާހުގައި ޗާޕުކޮށްފައި އޮންނަ ޒާތުގެ ’ވަލުދޮރޯށިހުއްދަ‘ޔަކާ ލައިގެން ހިންގާ ގަރާޖުގައި ރޭގަނޑު ބާރައިގެ ފަހުން ދަގަނޑު ގާނަން ނުޖައްސާ ކަހަލަ، ޙަލާލު އެއްޗެއް ނޫނީ ގޭދޮށަށް ގެންގޮސް އަނބިދަރީންނަށް ނުދޭ ޒާތުގެ ޢިއްޒަތްތެރި ދިވެހީންނެވެ. ތިމާ އުޅޭ ރަށަކީ މީހުން ގިނަ، ތޮއްޖެހިފައިވާ ރަށަކަށް ވަންޏާ، ރަށުގެ އެންމެ ބައިބޯ ހިސާބުގައި ހަވާދު ކާރުޚާނާއެއް ހިންގަން ނުފަށާ ޒާތުގެ، އަބުރުވެރި ދިވެހީންނެވެ. އަޅެ ނޫންތޯއެވެ؟

އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ މާކުރީން މާޒީވެ އެ ދިޔައީ އެހެންވެގެން، އަޅެ ނޫންތޯއެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
121

2 Responses

  1. މުޅިވާހަކައިންވެސް ދޭހަވާ އެއްޗަކީ މިޤައުމުގައި ކޮރަޕްޝަން އާންމުވެފައިވާކަމެވެ. ސަރުކާރުގެ އޮފީހަކަށް (ބައެއް އޮފީހަށް) (ގްރޭޓާމާލޭގައި ހުންނަ ބައެއްއޮފީހަށް) ފޯނުނަގާތޯ ގުޅުމަކީ މިހާރު ކުރުމަށްވުރެ ނުކުރުން އައުލާވެގެންވާ "ފަރުޟެ" ކެވެ. މިދެންނެވިހެން ފޯނު ނުނަގަންޏާ ދެން އާންމު ރައްޔިތުމީހާއަށް މަޖުބޫރުވަނީ ސަރާސަރު މަގުގެ ބަދަލުގައި "ހަނި" މަގު ޚިޔާރުކުރާށެވެ. މީގެ އިތުރުން މިހާރު ގިނަމީހުންނަކީ ވާހަކައިގައިވާ ގޮތަށް ޝޯޓް ކަޓުން ކަންނިންމާލާ މީހުންނެވެ. ސަބަބަކީ ތޯއެވެ. ކޮރަޕްޝަންގެ ވަބާ (ގަބޫލުކުރަން ނޭދުނަސް) މިގައުމުގައި ފެތުރިފައި އޮތް މިންވަރެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *