Support Us

ސޭލްސް އެޖެންޓުން ހޯދުމަށް އެޗް.ޑީ.ސީން ހުޅުވާލައިފި

ހުޅުމާލެ ތަރައްގީކުރާ އެޗް.ޑީ.ސީގެ ފަރާތުން އެކި ބޭނުންތަކަށް އިމާރާތްކޮށް ތަރައްޤީކުރާ ޔުނިޓްތައް އެ ކޯޕަރޭޝަނާ ގުޅިގެން މާކެޓްކޮށް ވިއްކުމަށް ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ހުޅުވާލައިފިއެވެ.

އެޗް.ޑީ.ސީން ބުނީ މިއަދު އިފްތިތާޙްކުރި ފުރުޞަތުގެ އެންމެ ބޮޑު އެއް ބޭނުމަކީ "މި ދާއިރާގައި ހަރަކާތްތެރިވާނެ ފަންނީ މީހުން އުފެއްދުމާއި، މިގޮތަށް މަސައްކަތް ކުރާނެ ފުރިހަމަ ޕްލެޓްފޯމެއް ޤާއިމުކޮށްދިނުން" ކަމަށެވެ.

"ސޭލްސް އެޖެންޓުންގެ ގޮތުގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް 28 މާރިޗު 2021 އިން ފެށިގެން 15 އޭޕްރީލް 2021 އަށް ވަނީ އެ ފުރުޞަތު ހުޅުވާލެވިފައެވެ. މިގޮތުން އަމިއްލަ ފަރާތްތަކަށާއި ކުންފުނިތަކުން ރަޖިސްޓްރީވުމަށް ފީއެއްގެ ގޮތުގައި 1000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ކުންފުނިތަކަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދިނުމުގެ ގޮތުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 500 ރުފިޔާއެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުނެފައިވެއެވެ.

އެޗް.ޑީ.ސީން އަދި ބުނީ މިފަހަރުގެ ޕްރޮގްރާމްގެ ދަށުން ހިންގޭ ތަމްރީންގައި ބައިވެރިވެ އެސެސްމެންޓްގެ އެންމެ މަތިން މާކްސް ހޯދާ 10 ފަރާތަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ތަމްރީންތަކުގެ އިތުރުން، އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކަށް ކޮމިޝަނެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެޗް.ޑީ.ސީގެ އަމާޒަކީ، އިމާރާތް ކުރުމުގެ ދާއިރާއަށް ހުނަރުވެރި ގިނަ ބަޔަކު ނެރި، ވިޔަފާރި ކުރުމަށް ފަހި ފުރުޞަތުތަކެއް ކުރިމަގުގައިވެސް ފަހިކޮށް ދިނުންކަމުގައި މިފުރުޞަތުގައި ފާހަގަކުރަމެވެ." އެޗް.ޑީ.ސީގެ ބަޔާނުގައި ވެއެވެ.