Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: ހިމާރާއި ކުއްތާގެ ގުޅުން

ތަސްވީރުން ފެންނަނީ ހިމާރަކާއި ކުއްތާއެކެވެ. ހިމާރު އެއޮތީ ދިލަ ގަދަ އަވީގައި އަނދައަނދައެވެ. ކުއްތާ އެ އޮތީ ހިމާރުގެ ހިޔަނީގެ ހިޔަލުގައި އަރާމުކުރާށެވެ! ހަރަކާތެއް ނުކޮށް ހިމާރު އޮންނަހާ ނިދަކު، ކުއްތާ އަރާމުކުރަން އޮންނާނެއެވެ. ހިމާރު ހަރަކާތްކޮށް އަޑު ލައްވަން ފަށައިފި ނަމަ، ކުއްތާއަށް ޖެހޭނީ އޭގެ ފައިދާ ނެގޭނޭ ގޮތަށް އެއްޗެއް ނުބުނެ މަޑުން އޮންނާނޭ އެހެން ހިމާރެއް ހޯދާށެވެ.

މިކަހަލަ މިސާލުތައް އިންސާނުންގެ ދުނިޔެއިން ވެސް ފެނެއެވެ. ބައެއް ފަހަރު ބޮޑެތި ޒިންމާތައް އިންސާނީ ހިމާރުންނާ ހަވާލުކުރެވެއެވެ. އެ ބޮޑެތި ޒިންމާއިން ނިކުންނަ އަލިފާނުގައި އަނދައަނދައި އެމީހުން ބޭތިއްބުމަށެވެ. ދެން، ކުއްތާތައް ފަދައިން، އެހެން މީހުން އެ ފަދަ އިންސާނީ ހިމާރުންގެ ކިބައިން ފައިދާ ލިބިގަންނަމުން ދެއެވެ!

އެެހެން ގޮތަކަށް ވެސް މި ތަސްވީރު މާނަކުރެވިދާނެއެވެ. ހިމާރު ރަމްޒުކޮށްދެނީ ރައްޔިތުން ކަމުގައި ބަލާށެވެ. ހިމާރުގެ ފައިދާ ހޯދަން އެއޮތް ކުއްތާ ރަމްޒުކޮށްދެނީ ރައްޔިތުން ތަމްސީލު ކުރާ މެމްބަރުން ކަމުގައި ދެކޭށެވެ. ހިމާރު މަޑުން ވޭނުގައި އަނދައަނދައި އޮންނަހާ ހިނދަކު ކުއްތާ އަރާމުކުރަން އޮންނާނެއެވެ.

ޖެހިލުންވެ ހުރެވެސް، މި ތަސްވީރު ކިޔައިދޭ ވާހަކަ ދޭހަވެ ދިޔުމަށްޓަކައި މި ތަސްވީރާ ގުޅޭ އަދި އިތުރު ހިއްސީ މިސާލަކަށް އިޝާރަތްކޮށް ނުލާ ނުހުރެވުނެވެ. ހަނދާންކޮށްލަ ބަލާށެވެ! އެގުރީމެންޓު ހެދި މީހުން ހަދާފައި، އެކަމުގެ ވާހަކަ ފެންމަތިވުމުން އެ މީހުން ގެއްލިއްޖެއެވެ. ދެން ފެނުނީ މުޅިން އެހެން ބަޔަކު އެކަން ދިފާއުކުރަން ނެރުނު ތަނެވެ. އާދެ، އެކަމުގެ ދިލައިގައި ފިހެން އެ މީހުން ނިކުތްތަނެވެ. ނޫސްވެރިންނާ ބައްދަލުކޮށް އެމީހުންގެ ސުއާލުތަކަށް ޖަވާބުދޭށެވެ! ދެން، މި މީހުންގެ މި ކަންތައްގަނޑުގެ ދިލައިގައި ފިހެމުން ދިޔައިރު، އެމީހުންގެ ހިޔަނީގެ ހިޔަލުގައި އެއްކަލަ ގެއްލުނު މީހުންތައް އަރާމުކުރަމުން ދިޔައެވެ!