...

Support Us

ކޮލަމް: ގާދޫކޮލުން ބޭރުން

މުންދުގެ ކޮލަމް: "ދެއްކުންތެރިކަމުގެ ރޮނގުން ޤައުމީ ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމު މިއަހަރު ލިބިފައިވަނީ.."

އަހަރުތަކަށްފަހު ހެނދުނު ހެނދުނާ ގަމީހާއި ޓައިގައި ސަރުކާރުގެ ރަސްމީ މަސައްކަތަކަށް ނުކުންނަންޖެހުނު ދުވަހެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މައި ދޮރާށިން އޮފީހަށް ވަދެގެން ދިޔައިރު، ދިހަވަރަކަށް އަހަރުގެ އުފާވެރި ހަނދާންތައް ފޯރިގަދަ ފުޓުބޯޅަ މެޗެއްގެ އުސްއަލިތައް ފަދައިން ދިޔައީ އާވަމުންނެވެ. އެހާތަނަށް ސަރުކާރުގައި ޚިދްމަތްކޮށްފައިވާ ހަމައެކަނި އޮފީހަށް، ތިން އަހަރާއި މަސްކޮޅަކަށްފަހު، އަލުން ވަދެވުނީ ވަގުތީ މަސައްކަތެއްގައެވެ. ދާއިމީ ޒިންމާއެއް ނުވަތަ މަޤާމެއް ހަވާލުވެގެން ކަރުގައި ފާސް އަޅުވައިގެންނެއް ނޫނެވެ. ދިވެހި ޖުމްހޫރިއްޔާގެ އާ ރައީސްގެ ޚާއްޞަ އެދިވަޑައިގަތުމަކަށް، އެންމެ ހެނދުނެއްގެ މަސައްކަތެއްގައެވެ.

ތާރީޚަކީ 2012 ގެ ފެބްރުއަރީ 8 ވީ ބުދަ ދުވަހެވެ. އޭގެ އެންމެ 24 ގަޑިއިރު ކުރިން އެ ސަރަޙައްދުގައި ހިނގައިދިޔަ ހަލަބޮލި ނަމަވެސް ތާރީޚީ ހާދިސާތަކާ ޚިލާފަށް އެދުވަހު ހެނދުނުގެ ހަމަހިމޭންކަން އަޅުގަނޑަށް އިޙްސާސްކުރެވުނެވެ.

އޮފީހަށް ވަނުމާއެކު ސަލާމަތީ ކަންތައްތައް ޙަވާލުވެގެން ތިއްބެވި ސިފައިންގެ ބޭކަލުންނާއި ރިސެޕްޝަން ޑިއުޓީގައި ތިބި ރައީސް އޮފީހުގެ ހީވާގި އަދި ރަޙްމަތްތެރި މުވައްޒަފުން ހިނިތުންވުމާއެކު އަޅުގަނޑަށް މަރްޙަބާ ކިޔާ، ސަލާންގަލާން ކުރިއެވެ.

އަޅުގަނޑުގެ އެދުވަހު ހެނދުނުގެ މަޤްސަދު އެބޭފުޅުންނަށް ދަންނަވާލީމެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރު ހިނގި އެމް.ޑީ.ޕީ އާއި ރައީސް މުޙައްމަދު ނަޝީދު އޮފީހުން ވަޒީފާ ދެއްވާފައިމތިބި 'ސިޔާސީ' އަދި 'ޕާޓީ އެކްޓިވިސްޓު' މުވައްޒަފުން އެހިނދުން ފެށިގެން ގޭގައި މަޑުކުރުމަށް އަންގައި، އާ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު އޮފީހަށް ވަޑައިގެން މަސައްކަތްޕުޅު ފެއްޓެވުމަށް ކަންކަން ހަމަޖެއްސުން އެކަނި ކަމަށް ދެންނެވީމެވެ. އެގޮތުން، އެ މުއްދަތުގައި ވަޒީފާއަށް ވައްދާފައިމތިބި އެންމެހާ ޕާޓީ އެކްޓިވިސްޓުން، ހައިލައިޓް މާކަރަކުން މުވައްޒަފުންގެ ދަފްތަރުން ވަކިވަކިން ފާހަގަކޮށް، އެތަނުން އެއްވެސް މީހަކު އޮފީހަށް ވަންނަން އަތުވެއްޖެ ނަމަ، 'ގޭގައި މަޑުކުރުމަށް އަންގާ' ލިޔުމެއް ހަވާލުކުރުމަށް އެންގީމެވެ. އަދި، އެފަދަ ލިއުމެއް ތައްޔާރުކޮށް ކޮޕީ ހަދާ، ޑިއުޓީގައި ތިއްބެވި ސިފައިންގެ ބޭކަލުންގެ އަތްޕުޅަށް އެރުވީމެވެ.

އެ ހިސާބުން އަޅުގަނޑު މިސްރާބުޖެހީ އެދުވަހު މެންދުރުކުރިއަށް ހަމަޖެހިފައި އޮތް ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމަށް ކަންކަން އިންތިޒާމުކުރުމަށްޓަކައި އެކަމަށް ޚާއްޞަކޮށްފައިވާ މާލަމަށް ވަދެލުމަށެވެ. ރިސެޕްޝަން ކޮޓަރިން އޮފީހުގެ ގޯތިއެތެރެއަށް ހިނގައިގަތުމާއެކު އަޅުގަނޑުގެ ސަމާލުކަން ހުއްޓުނީ ފާރުގައި ދިއްލިފައި ހުރި ބޮޑު އާލާތަށެވެ. ރައީސް އޮފީހުގެ އިމާރާތުގައި 2000 ވަނަ އަހަރު މަސައްކަތްފެށި ދުވަހުވެސް އެ އޮފީހުގައި އުޅުނު މުވައްޒަފެއްގެ ހައިސިއްޔަތުން، އިމާރާތުގައި 'ތަފާތު' ނުވަތަ 'އާ' އެއްވެސް އެއްޗެއް ހުރިނަމަ އަޅުގަނޑަށް އެކަން ވަރަށް ފަސޭހައިން ފާހަގަވާނެއެވެ. އެހެނީ، އޮފީހުގެ ކޮންމެ މާލަމެއް، ކޮޓަރިއެއް އަދި ވަކި ސަރަޙައްދެއްވިޔަސް، އެތަނަކަށް އެތަކެއް ފަހަރު ވަދެވި، ފަރިތަވެފައިވާ މީހަކަށް ވީތީއެވެ. އެހެންކަމުން، ފާރުގައި ހުރި އެއްޗަކީ ކޮބައިތޯ ރިސެޕްޝަންގައި ތިބި ކުދިންގެ ގާތުން އަހާލީމެވެ.

ރިސެޕްޝަނިސްޓް: މުންދު. މީގެ ދުވަސްތަކެއް ކުރިން ރައީސް ނަޝީދު ބޭރުގެ މީޑިޔާތަކާއި ހުޅަނގުގެ ބައެއް ސަފީރުން ގޮވައިގެން މިއޮފީހުގެ ފުރާޅަށް އެރުއްވި ދުވަސް ހަނދާން އެބަހުރި ދެއްތޯ؟

އަޅުގަނޑު: އާދެ! ސޯލާ ޕެނަލެއް ހަރުކުރައްވަން ނޫންތޯ؟

ރިސެޕްޝަނިސްޓް: އާދެ! ތިމާވެއްޓަށް އެމަނިކުފާނު ދެއްވާ ޚާއްޞަ ސަމާލުން ދެއްކެވުމަށް ކުރެއްވިކަމެއް ނޫންތޯ؟ ދުނިޔޭގެ ބޮޑެތި ނޫސްތަކަށް އެވާހަކަ އެރި، ދެއްތޯ؟

އަޅުގަނޑު: އެހެން! އެ ސޯލާ ޕެނަލް ހަރުކުރައްވަން ގައިގައި ކައްޕި ޖައްސަވައިގެން ތާކިހާ އަޅުއްވައިގެން ފުރާޅަށް އެރުއްވި މަންޒަރުތައް ބޭރުގައި ވަރަށް ހިނގި. އެއަށްވުރެ ބޮޑު ސަމާލުކަމެއް ލިބިވަޑައިގަތީ ކަނޑުއަޑީގައި ކެބިނެޓް ބޭއްވުމުގެ ޗަރުކޭހަށް އެކަނި.

ރިސެޕްޝަނިސްޓް: ތިޔަ ފެނިވަޑައިގަންނަވާ އެއްޗަކީ، އެ ޕެނަލްގެ މީޓަރު. އޭގެން ފެންނާނީ އެ ސޯލާ ޕެނަލުން އުފައްދާ ކަރަންޓުގެ މިންވަރު.

އަޅުގަނޑު: އެހެން ދެއްތޯ؟ ވަރަށް ރަނގަޅުކަމެއް. އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވި ފަދައިން މިއޮފީހުގެ ކަރަންޓުގެ 50 އިންސައްތަ، ތެޔޮ ނާންދާ، ސްޓެލްކޯގެ ގްރިޑުން ނޫނީ އޮފީހުގައި ހުންނަ ޖަނަރޭޓަރުން ނުނަގާ ފަރުޖެއްސުމަކީ ވަރަށްވެސް ރަނގަޅު ކަމެއް.

ރިސެޕްޝަނިސްޓް: ރަނގަޅު ވާނީ ނުވަތަ ފައިދާއެއްވެސް ވާނީ ތިޔަ އެއްޗެއް މަސައްކަތް ކުރާ ނަމަ ނޫންތޯ! ޑިސްޕްލޭއިން 'ސުމެއް' ތިޔަ ފެނިވަޑައިގަންނަވާ ސަބަބާމެދު ވިސްނެވިންތޯ؟ އެއީ، އެ ޕެނަލް އަދި ބެޓެރީއާ ނުގުޅާ ހުރީމައި. އެއީ، ފުރާޅުގައި އޮތް ބޮޑުސިންގާ ފައިދިގު މަކުނެއް ކަހަލަ އެއްޗެއް. އޭގެން ކޮން ކަރަންޓެއްތޯ އުފައްދާނީ. އެއީ ހަމައެކަނި ދެއްކުންތެރިކަމަށް ކުރެއްވި ކަމެއް. އިވެންޓް ނިމި، އިންޓަރވިއު ދެވި، ފޮޓޯ ނެގި، ސަފީރުންނާ ސަލާންކުރެވި، އެންމެން އޮފީހުން ނުކުތުމާއެކު އެ ސޯލާ ޕެނަލްގެ ކަންތައްވެސް އެ ނިމުނީ. އެ ޕެނަލް ގުޅަން ބޭނުންވާ ބެޓްރީ ގަނެގެން ބޭރުން ގެނައުމަށް ދާ ކުޑަ ޚަރަދު ހަމަނުޖެހިގެން ތަކުރާރުކޮށް އެންޖިނިއަރިންގް ސެކްޝަންގެ ބޭފުޅުން ދެންނެވި ކަމަށްވޭ. ޖަވާބުގައި ވިދާޅުވި ކަމަށްވަނީ، އޭގެ ބޭނުން މިހާރު ތިމަން މަނިކުފާނަށް ފުދިއްޖެ ކަމަށް. އެވިދާޅުވީ ނޫސްތަކުގެ ފަލަ ޞުރުޚީއަށް އެވާހަކަ އެރިކަން. އެހިސާބުން އެއޮތީ މަޤްސަދު ޙާޞިލުވެފައިކަން.

ސިޔާސީ މައިދާނުގައި ގިނަ ޒަމާންތަކެއް އުޅެވިފައިވާ މީހަކަށް ވީތީ، އަޅުގަނޑަށް ރައީސް ނަޝީދު އޮޅިފައެއް ނެތެވެ. އެހެންކަމުން، އިވުނު ވާހަކައާމެދު ހައިރާނެއް ނުވިއެވެ. ދެއްކުންތެރިކަމަށް ވަރަށް މޮޅުވާނެއެވެ. މީހުން ގުނބޯ ހައްދަން އެއަށްވުރެ ކުޅަދާނަވާނެއެވެ. ޚާއްޞަކޮށް އެއީ ބޭރު މީހުން ކަމަށްވާނަމަ، ގުނބޯ ހެއްދުމަށް ދުނިޔެއިންވެސް އެފަދަ ދެވަނަ ޝަޙްސިއްޔަތެއް ހޯދޭނީ ވަރަށްވެސް އުނދަގުލުންނެވެ. ހަމަ އެއާއެކު، އިޙްލާސްތެރި ޚިދްމަތެއް، އޮއްޓަރުހުރި ކަމެއް، ދެކޮޅުޖެހޭ މަސައްކަތެއް ނަމަ، ރައީސް ނަޝީދު އެކަމަކަށް ވަރަށްވެސް ނުފަރިތަވާނެއެވެ. ބީރައްޓެހި ވާނެއެވެ. މާބޮޑު ޝައުޤުވެރިކަމެއްވެސް ނުހުންނާނެއެވެ. ކެތްތެރިކަން ފިސާރި އަވަހަށް ކޮޅުންލާ، އެކަމަކާމެދު ފޫހިވެ، އެހެން ކަމެއް ހޯދަން އެނބުރޭނެއެވެ.

އޭގެ އަހަރުތަކެއް ފަހަށް ޖެހިލާނަމެވެ. ރާއްޖެއިން ސްރީލަންކާގައި ހުންނަ ސަފީރުގެ މަޤާމުގައި، ކޮޅުނބުގައި ހުރި ދުވަސްވަރަށެވެ. މީގެ ތިން އަހަރު ކުރިއެވެ. މަސައްކަތުގެ ތެރެއިން، އަޅުގަނޑާ ބައްދަލުވި ސްކެންޑިނޭވިއާ ޤައުމެއްގެ ސަފީރާއެކު ދެކެވުނު ވާހަކައެކެވެ. ތިމާވެށްޓަށް ވަރަށްވެސް ޝައުޤުވެރިކަން ހުންނަ ބޭފުޅެކެވެ.

ސަފީރު: ރައީސް ނަޝީދުގެ ޒަޢާމަތުގައި އެމަނިކުފާނު ފެއްޓެވި މުހިންމު މަސައްކަތްޕުޅުތައް، ތިޔަ ބޭފުޅުންގެ ސަރުކާރުން (ރައީސް ޔާމީންގެ ސަރުކާރުން) ކުރިއަށް ނުގެންދަވަންތޯ؟

އަޅުގަނޑު: ކޮން މަސައްކަތެއްގެ ވާހަކަތޯ ތިޔަ ވިދާޅުވަނީ؟

ސަފީރު: ކޯޕަންހޭގަން ކްލައިމެޓް ޖަލްސާ ދުވަސްވަރު، ރާއްޖޭގައި އިރުން ހަކަތަ އުފައްދަން ޤައުމީ ފެންވަރުގެ ބިޔަ ބޮޑު މަޝްރޫއެއް ރައީސް ނަޝީދު ފެއްޓެވި ނޫންތޯ؟ އެ މަޝްރޫއު އިފްތިތާޙު ކުރުމަށްޓަކައި، އެމަނިކުފާނުގެ އޮފީހުގައި ނޫންތޯ ފުރަތަމަ ސޯލާ ޕެނަލް ހަރުކުރެއްވީ؟ އެކަމަށް އަޅުގަނޑަށްވެސް ދައުވަތު ލިބުނު. އެރަސްމިއްޔާތަށް އޮފީހުގެ ފުރާޅަށް އަޅުގަނޑުވެސް އެމަނިކުފާނު އަރިހުގައި އެދުވަހު އެރިން. އެ މަސައްކަތަށް ބޮޑު އަދަދެއްގެ ހިލޭ އެހީއެއް ހަމަޖައްސަންވެސް އަޅުގަނޑުމެންގެ ސަރުކާރުން ވައުދުވީ. އެކަން ތިޔަ ބޭފުޅުން ހުއްޓަވާލެއްވީތޯ؟

އަޅުގަނޑު: ފެށި ކަމެއް ނަމަ ނޫންތޯ ހުއްޓާލާނީތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ވިސްނަން ޖެހޭނީ. މަނިކުފާނު އެ ފުރާޅަށް އަރާވަޑައިގަތުމަކީ ތިޔަ ވިދާޅުވާ ބިޔަ މަޝްރޫއުގެ ފެށުން. އެ ފުރާޅުން ފައިބާވަޑައިގަތުމަކީ އެ މަޝްރޫއުގެ ކާމިޔާބު ނިމުން، އިނގޭތޯ؟ ތިޔަ ވިދާޅުވާ ސޯލާ ޕެނަލްގެ ބެޓެރީވެސް ރައީސް ނަޝީދުގެ ދައުރުގައި ހަރެއް ނުކުރޭ. އެބެޓެރީ ގަނެ، އަޅުވާ، ޕެނަލްގެ ބޭނުންކުރަން ފެށީ އަޅުގަނޑުމެން ވެރިކަމާ ހަވާލުވެގެން. އެއީ ހަމަ ރައީސް ނަޝީދު ސަމާލުކަން ހޯއްދަވަން ކުރެއްވިކަމެއް. މަޝްހޫރުވެލަން ބޭއްވި އިވެންޓެއް. ތިޔަ ބޭފުޅުން ގުނބޯ ހައްދަން އެނބުރުއްވި ގޭސްގަނޑެއް.

ހައިރާންކަން މަތީ ހުންނެވި ސަފީރު އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ. ޗޮސް ކަނޑުއްވަމުން، އަޅުގަނޑާ ސަލާން ކުރައްވާ، ބައްދަލުވުން ނިންމާވާލައްވާފައި އެތަނުން ނުކުމެވަޑައިގަތީއެވެ.

(މި ހާދިސާ މިއަދު މި ދަންނަވާލީ، ލޯކަލް ކައުންސިލް އިންތިޚާބު ގާތްވަމުން އަންނަ އައުމާއެކު، ރައީސް ނަޝީދުގެ ޗަރުކޭސްތައް، އާދައިގެ މަތިން، އިތުރުވަމުން އަންނަކަން ފާހަގަވާތީއެވެ. އެއްކަލަ 'ރައްޔިތު މުޙައްމަދު' އަނެއްކާ ފާޅުވީތީއެވެ. 'ހިތްތިރި’، 'ނިޔަނެތި’، 'ފްލެޓު ދޮންބެ' އަނެއްކާވެސް ގޭގޭ ބަދިގެތަކަށް ވަދެ ފިޔާ ކޮށާތީއެވެ.

މަގުތަކުގައި ފިހިގަނޑު ހިއްޕަވައިގެން ގޭސް އަނބުރުއްވާތީއެވެ. އަޅުގަނޑަށް އެމަނިކުފާނުގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. ނިޔަތްވެސް އެހާމެ ރަނގަޅަށް އެނގެއެވެ. އެއިރުވެސް އަދި މިހާރުވެސް އެނގެއެވެ. އަޖާއިބުވަނީ ހޭލުންތެރި މި ދިވެހި މުޖްތަމައުގައި އެކެއްގެ އަތްދަށުން ގިނަ ބަޔަކު ތަކުރާރުކޮށް ބޮނޑިބޯތީއެވެ. އަބަދުމެ ގުނބޯ ހެދޭތީއެވެ. އަދިވެސް އެނގި، އޮޅުންފިލާ، ދަސްވެ، ފަރިތަވެ، ސަމާލުވާހާ ދުވަހެއް ނުވޭތޯއެވެ؟)

(ފޮޓޯތަކުގައި ރައީސް ނަޝީދުގެ އެކިއެކި ހަރަކާތްތައް/ ފޮޓޯތައް: ސޯޝަލް މީޑިއާ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11275

11 Responses

  1. Mundhu hus dhogu liyefa othee verikan vahtaalaa nasheedh fashaafa huri project thah veeraanaa kohlee yaaminu gath gandu beyru dhuniye ah saaf

  2. ވައްކަމުގެ ރޮގުން ގައުމީ ހިދުމަތުގެ އިނާމު މިދިއަ 7 އަހަރު ލިބިފައިވަނީ ޕީޕީ ވަގުޕާޓީއަށް

  3. މުންދު ސަރ! ވަރަށް ވެސް ސަޅި ވަރަށް ވެސް ސަޅި! ރާއްޖޭގެ އެންމެން ދަންނަ ހަގީގަތެއް. އެކަމަކު ލިޔުމަށް ތިރިކޮށްލަދެއްވީތީ ޝުކުރިއްޔާ!

  4. ދެއްކުންތެރިކަމުގެ ރޮނގަކުން ނޫން. ރަނގަޅު ގޮތަކީ ގޮތެއްފޮތެއް ނެތްކަމުގެ ރޮނގުން މިއަހަރުގެ ޤައުމީ ޝަރަފުވެރިކަމުގެ އިނާމު ހައްގުވަނީ.. މިހެން އޮތުން.

  5. ދޮންކަލޯ މޮންދޫ. ދެން ހުރޭ ހަބަރުލިޔަން. މިރާއްޖެޔަކުން އަދި ބޭރުގެ ގައުމަކުން ކަލޭ ކައުންޓެއް ނުކުރެ.

    1. ވޯޓަކުން ތި ރީނދޫ ޕާޓީއެއް ނުހޮވޭނެ. ޖެހޭނީ ވޯޓުން ވައްކަން ކުރަން.

  6. ރައްޔިތުންނަށް އޮޅުވަޢިލާ މަކަރުހަދާ ގުނބޯ ހައްދަން މި ވަރުގެ މީހަކު ނުހުންނާނެ ވަރަށްސާފް އިނގޭތޯ

  7. ތިއީ ޤަބޫލުކުރަން ވަރަށްވެސް ފަސޭޙަ ވާހަކަތަކެއް. އެހެންނަމަވެސް، މުންދުމެންގެ ވެރިކަން ފެނިއްޖެ. މުންދުމެން އިދިކޮޅުގައި ތިބިތަންވެސް ފެނިއްޖެ. އެހެންވީމައި، ތި ވާހަކަތަކަކީ ޙަޤީޤަތްތަކަކަށްވިއަސް މުންދު ތި ވާހަކަ ދެއްކުމުން ތީގެ ވަޒަން ގެއްލިއްޖެ. ބުރަދަން ގެއްލިއްޖެ.

  8. އެމް ޑީ ޕީ ވެރިކަން އަބަދުވެސް ފާހަގަވަނީ މުޅިގައުމަށް ވުރެ ބޮޑަށް ޕާޓި އަށް ވެރިކަން ކުރަން އުޅޭތަން!! ނުފުއްދޭ ވަރުގެ ވައުދު ވުމާއި، އިންކޭޕަބަލް މީހުން މުއައްސަސާތަކަށް ލައި އެތަންތަނުގެ ޕްރަޑަކްޓިވިޓީ ދަށްވެ ގައުމުގެ ޢުމްރާނީ ދުވެލި މަޑުވެ ދަރަނިވެރިކަން އިތުރު ވެގެންދާތަން!! އެމީހުންގެ ކޮންމެ މޫވް އެއްގެ ފަހަތުގައި ޤައުމުގެ މައްސަލަތައް ޙައްލު ކުރުމަށް ފެންނަން ޖެހޭ އިޚްލާސްތެރިކަން ނުފެނި ދެއްކުންތެރިކަން ފޮރުވިފާތަން! ވީމާ، މަޖްލިސްގެ ރައީސެއް ވިޔަސް އަދި ރައީސް މީހާވިޔަސް ބުނެލަން އޮތީ އަބަދު ތިޔަ ދެއްކުންތެރިކަން ބަލައެއް ނުގަނެވޭނޭ!! ޝުކުރިއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *