...

Support Us

ކޮލަމް: ދޭހަ

މިކުޅިގަނޑު ހުއްޓާލަންވެއްޖެ

ރައްޔިތުންގެ މަޖިލީހުން މިކުޅޭ ކުޅިގަނޑު ހުއްޓާލަންވެއްޖެއެވެ. ވަޒީރުންގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ ސިލްސިލާ ކުރިއަށްގެންދިއުމެވެ. ތެދުފުޅެކެވެ. ޤާނޫނުއަސާސީގައި މަޖިލީހަށް އެ ބާރުދީފައި އޮވެއެވެ. ބޭރުގެ ޤައުމު ތަކުގައި ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ގޮތާއި، ފަހަކަށް އައިސް ރާއްޖޭގައި ވަޒީރުންގެ އިތުބާރުނެތްކަމުގެ ވޯޓުނެގޭ ގޮތުގައި ތަފާތެއް އޮތްކަމަށް އަޅުގަނޑަށް ފާހަގަކުރެވެއެވެ. އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ ސަބަބު ދިނުމުގައެވެ.

އަޅުގަނޑަށް ފެނުނު ލިއުންތަކުން، ރާއްޖޭގައި ވަޒީރެއްގެ އިތުބާރުނެތްކަމުގެ ވޯޓެއް އެންމެ ފުރަތަމަ ނެގުނީ ރައީސް މައުމޫނުގެ ފުރަތަމަ ދައުރުގެ ކުރީކޮޅުގައެވެ. އެއިރު ހުންނެވި ޓުރާންސްޕޯޓު މިނިސްޓަރަށެވެ. އެ ވޯޓު ނެގުމުގެ މައިގަނޑު ސަބަބަކަށްވީ މިނިސްޓަރު ޔޫރަޕަށް ކުރެއްވި ދަތުރުފުޅަކާ ބެހޭގޮތުން މަޖިލީހުން ސުވާލު ކުރުމުން، މަޖިލީހުގައި އެވާހަކަ ވިދާޅުވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ދެކެވަޑައިނުގެންނެވުމެވެ. އެ ވޯޓު ނެގުނުއިރު ރައީސުލްޖުމްހޫރިއްޔާ ހުންނެވީވެސް ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

ބައެއް މީހުން ބުނާގޮތުގައި ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ އިތުބާރުނެތް ކަމުގެ ވޯޓު މިހާރު ނަގަނީ ވަކި ލަނޑުދަނޑިއެއް ޙާސިލްކުރަން ކަމަށް ޝައްކުކުރުމުގެ ޖާގަ އެބައޮތެވެ. އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅެނީ ވެރިކަން ކުރާ މައި ޕާޓީގައި މެމްބަރުންގެ ގޮތުގައި ނުހިމެނޭ ވަޒީރުންގެއެވެ. އެބޭފުޅުންނާ ހަވާލު ކުރެވިފައި ހުންނަ މަސައްކަތްތައް ނުކުރެއްވޭ ކަމުގައި ވަނީވެސް އެ ވަޒީރުންގެއެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށައަޅާ ފަރާތުން ވިދާޅުވަނީ، ވަޒީރާ ޙަވާލުކުރެވިފައި ހުންނަ މަސައްކަތްތައް ނުކުރައްވައިގެން މަޤާމުން ދުރުކުރަން ފެންނަނީ ކަމުގައެވެ. އެހެންގޮތަކަށް ދަންނަވަނީނަމަ ވަޒީރުކަމުގެ ޒިއްމާ އަދާކުރެވޭނެކަމުގެ އިތުބާރު ނުއޮންނަނީއެވެ. ވަކި ޕާޓީއެއްގެ ރަޖިސްޓުރީގައި އޮންނަ ވަޒީރުންނަށް މަސައްކަތުގެ ޒިއްމާ އުފުލިފައި، އެހެން ޕާޓީއެއްގެ ރަޖިސްޓުރީގައި އޮންނަ ވަޒީރުންނަށް، ޒިއްމާ ނުއުފުލޭ ކަމީ، އިއްތިފާޤެެއް ކަމުގައިވިޔަސް ޤަބޫލުކުރަން އުނދަގޫ ކަމެކެވެ.

ރިޔާސީ ނިޒާމުގައި މިނިސްޓަރަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު ރައީސް ޢައްޔަނު ކުރައްވާ ބޭފުޅެކެވެ. ރައީސް ބޭނުންފުޅުވާ ގޮތަކަށް މަސައްކަތް ކުރުމަށެވެ. އެބޭފުޅަކާއި ޙަވާލުކުރެވިފައި އޮތް މަސައްކަތެއް ރަނގަޅަށް ކުރައްވާތޯ ނުވަތަ ނޫންތޯ އެންމެ ރަގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ޚުދު ރައީސުލްޖުމްހޫރިއްޔާ އަށެވެ. ކޮންމެވެސް ސިޔާސީ ސަބަބަކާއި ހުރެ، އެބޭފުޅަކާއި ޙަވާލުކުރެވިފައި އޮތް މަސައްކަތެއް ލަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވިތޯ ނޫންތޯ ވެސް އެނގިވަޑައިގަންނަވާނީ ޚުދު ރައީސުލްޖުމްހޫރިއްޔާ އަށެވެ. ހަމަ ގައިމުވެސް މިނިސްޓަރު މަސައްކަތްކުރައްވަނީ ރަނގަޅަށްތޯ ނުވަތަ ނުބައިކޮށްތޯ ރައްޔިތުންގެ މަޖިލީހަށް ވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާނެއެވެ. މަސައްކަތެއް ކުރުމަށް ހަވާލުވެފައިވާ މީހާ އެ މަސައްކަތެއް ކުރަނީ ރަނގަޅަށްތޯ އެގޭނީ ދުވަހުން ދުވަހަށް އެމަސައްކަތެއް ކުރާގޮތް ބެލުމަށް ހަވާލުވެފައި ހުންނަ މީހާއަށެވެ. އެހެނެއް ނޫނެވެ. ވަޒީރަކު ވެސް ޤާނޫނާއި ޚިލާފަށް ކަމެއް ކުރައްވާފައި އޮވެއްޖެނަމަ އެކަމެއް ރައްޔިތުންގެ މަޖިލީހުން ނަގާނެއެވެ. އަބުރުގެއްލޭ ކަހަލަ ކަމެއް ކުރައްވައިފައި އޮވެއްޖެ ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ މައްސަލައެއް ނަގާނެއެވެ. މަޖިލީހުގެ ޖަލްސާއެއްގައި އިތުރުފުޅު ހައްދަވައި ޙަޤީޤަތާއި ޚިލާފު ވާހަކައެއް މަޖިލީހަށް މަޢުލޫމާތު ދެއްވުމުގައި ދައްކަވައިފިނަމަ ވެސް އިތުބާރުނެތްކަމުގެ ވޯޓަކާއި ހަމައަށް ހިގައިދާނެއެވެ. ފަތުރުވެރިކަމުގެ މިނިިސްޓުރީގައި މިނިސްޓަރު ހިންގެވިކަމަށް ބުނާފަދަ ކަންތައްތަކަކީ މިނިސްޓަރުގެ އިތުބާރުނެތްކަމުގެ ވޯޓާއި ހަމައަށް ގޮސްފާނެ ކަންތައްތަކެވެ. ރާއްޖޭގެ ސަރަހައްދުން ބައެއް ބޭރުގެ ޢަސްކަރިއްޔާއަކަށް ތިރީސް އަހަރަށް ދޭން އެއްބަސްވެ، މުއްދަތު ހަމަވުމުން އިތުރު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އޮޓޮމެޓިކުން އިތުރު ތިރީސް އަހަރު ދުވަހުގެ މުއްދަތު އިތުރުކުރުން ކަހަލަ ކަމަކަށް އެއްބަސްވެއްޖެނަމަ، މިނިސްޓަރު ކީއްކުރަންތޯއެވެ. ސަރުކާރުގެ އިތުބާރުނެތްކަމުގެ ވޯޓާއި ހަމައަށް ވެސް ގޮސްފާނެއެވެ. އެހެންނަމަވެސް މިނިސްޓަރާއި ޙަވާލު ކުރެވިފައި އޮތް މަސައްކަތެއް ނުކުރައްވައިގެން އިތުބާރުނެތްކަމުގެ ވޯޓަކާއި ހަމައަށް ދިއުމުގެ އުޞޫލު ބަލައިގަންނަން އުނދަގޫވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އެހެން އެއްވެސް ޕާޓީއެއްގެ އެހީއާ ނުލައި ބޭނުން އެއްޗެއް ފާސްކުރުމުގެ ބާރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ ޕާޓީއަށެވެ. ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނެވި ބޭފުޅަކީ ޕާޓީގެ އެންމެ އިސްފަރާތެވެ. މިހެންވުމާއި އެކު އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މިހާރުވެސް ޕާޓީގެ ވަޢުދުނާމާއާ އެއްގޮތަށް ކަންތައްތައް ނުކުރެވޭ ނުވަތަ ނުކުރާ މިނިސްޓަރުންގެ ވާހަކަ ރައްޔިތުންގެ މަޖިލުގައި ތިއްބަވާ ޕާޓީގެ މެމްބަރުންނަށް، ރައީސުލްޖުމްހޫރިއްޔާ އަށް ދެންނެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވިދާޅުވިކަމުގައި ވަނީ އެމަނިކުފާނު، ޕާޓީގެ ޕާލަމެންޓަރީ ގުރޫޕްގެ ލީޑަރަކަށް ހުންނެވިއިރުވެސް ބައެއް މިނިސްޓަރުންގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ބަައެއް މެމްބަރުން މަސައްކަތް ކުރައްވާފައި ވާކަމަށެވެ. ނަމަވެސް އެ މަނިކުފާނު ވާހަކަދައްކަވައިގެން އެ ހިސާބަށް ނުގޮސް އެ މައްސަލަ ހައްލު ކުރައްވަނީ ކަމަށެވެ. އެއިރުވެސް ވެރިކަމުގައި އޮތީ އެ މަނިކުފާނުގެ ޕާޓީ އެވެ.

ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުން ބައެއް ފަހަރު ކަންތައް ކުރާގޮތުން ސަރުކާރާއި މަޖިލީހާ ދެމެދު ޑެމޮކްރަސީގެ ހުސްކަމެއް އޮންނަހެން ހީވެއެވެ. އެެއީ ސަރުކާރުގެ ސިޔާސަތުތަކާއި ބެހޭގޮތުން ދައްކަވާ ވާހަކައިންނެވެ. ސަރުކާރުގެ މުހިއްމު ސިޔާސަތުތައް ބައްޓަން ކުރުމަކީ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ވެރިކަންކުރާ މައި ޕާޓީގެ މެމްބަރުންނާއި ނުވަތަ މުހިއްމު ބައެއް އެހެން މެންބަރުންނާއި ވާހަކަ ދައްކަވައިގެން ކުރެވޭނެ ކަންތައްތަކެވެ. މަޖިލީހަށް ބިލެއް ފޮނުވުމުގެ ކުރިން އެބިލެއްގެ ފައިދާ އާއި އަޑިގުނޑަންތައް ސާފުކޮށްދީ ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތެއް މައި ޕާޓީގެ މެމްބަރުންނަށް އޮވެއްޖެނަމަ މިހާރު މަޖިލީހުގެ ތެރެއިން އިވޭ އަޑުތައް އިވުން ފަނޑުވާނެ އެވެ. މިހާރު ވެސް ކުރިން ދެންނެވުނު ގޮތަށް ކަންތައް ހިނގާ ކަމުގައި ވަނީނަމަ، މަޖިލީހުގައި ވެރިކަންކުރާ މައި ޕާޓީގެ މެމްބަރުން، މިހާރު ވާހަކަ ދައްކަވާ ގޮތަށް ވާހަކަ ދެއްކެވުމުގެ މައްސަލައެއް އެބައޮތެވެ.

ކޮންމެވެސް ސަބަބަކާއި ހުރެ ވެރިކަންކުރާ މައި ޕާޓީގެ ރަޖިސްޓުރީގައި ނެތް ބޭފުޅުން ވަޒީރުކަމުގައި ތިއްބެވުން ނުފެންނަކަމުގައި ވަނީ ނަމަ ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިގެން އެކަން ހައްލުކުރެވިންވީއެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ނުވަތަ ބިރު ދައްކައިގެން އެބޭފުޅުން މަޤާމުން އެކަހެރިކުރުމަކީ އެންމެ ރީތި ގޮތެއް ނޫނެވެ. ކޮންމެ ބިރުދެއްކުމަކީ ޖިނާއީ ކުށެއްނޫނެވެ. އަޅުގަނޑުގެ ނަޒަރުގައި ޖާއިޒު ބިރުދެއްކުމާއި ނާޖާއިޒް ބިރުދެއްކުން އޮވެއެވެ. ވަޅިއެއް ހިފައިގެން އައިސް މަރާލާނެ ކަމަށް ބުނުމަކީ ޖިނާއީ ބިރުދެއްކުމެކެވެ. މިއަދުގެ މަސައްކަތް މިއަދަށް ނުނިންމާ ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް އޮފީހުގެ ވެރިއާ ބުނުމަކީ ވެސް ބިރު ދެއްކުމެވެ. ހުއްދަ ބިރުދެއްކުމެކެވެ. އެއީ ބިރުދެއްކުމެއްތޯ ނޫންތޯ ނިންމާނީ ވެސް އެކަމެއް ބަލައިގަންނަން ހުންނަ މީހާއެވެ. އެ އަމުރު އިއްވާ މީހާއެއް ނޫނެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.