Support Us

"އޭ ހިތުގެ ހުސްކަމާއެ!"

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email

ނޯޓު: މިފަހަރުގެ ލިޔުމުގެ ބާވަތާއި ރާގާއި ބަސްމަގާއި މައުޟޫޢު ކުޑައިކޮށް ތަފާތުުކޮށްލާނަމެވެ. އެކަމާ ހިތްޕުޅުކުޑައިނުކުރެއްވުން އެދި ދަންނަވަމެވެ.

ހުވަފެނެއްގައި ބުނާ އަޑު އިވުނެވެ.

މިހައިރަކަށް އައިސް އަހަރުމެންގެ ތެރެއިން ތަންކޮޅެއް ގިނައިން އިވޭ އަޑެއް އެބައޮތެވެ. ހާމަ ތަންތާނގައި، އަޑުގަދަކުރާ ބަހައްޓައިގެން ބާރަށް އަދި ނުގޮވިޔަސް، ރައްޓެހީންނަށްވުރެ ބޮޑަށް ރަޙުމަތްތެރީންގެ ކަންފަތްދޮށުގައި ވައިއަޑުން ނަމަވެސް ތަންކޮޅެއް ގިނައިން ބައެއް މީހުން ބުނެލާ އެއްޗެއް އެބައޮތެވެ. އެއީ އަނެއްކާ ކޮން ކަހަލަ އަޑެއް، ނުވަތަ ކޮން ކަހަލަ ވާހަކައެއްބާވައެވެ؟

”އަހަރެންނަކީ ހައުދަހައި ބޮޑު އެކަނިވެރިޔަކީމެވެ. އަހަރެންގެ ވަށައިގެން މީހުން އެބަ ތިއްބެވެ. އެކަމަކު...އާހް! ދިރިއުޅުމުގައި ކުރިމަތިލާންޖެހޭ ކޮންމެ ދައްޗަކާ ކުރިމަތިލުމަށްފަހު އަރާމުކޮށްލަން މަޑުކޮށްލާ ކޮންމެ ތަނެއްގައި ލައްކައިން ގުނައިލެވޭނޭ ޢަދަދަކަށް ދެކެފަރިތަ އިންސާނުންވެސް އެބަ ތިއްބެވެ. އެކަމަކު...އާހް! ޙަޔާތުގެ ދަތުރުގައި ދިމާވާ އުސްފަރުބަދަތަކުން ފައިބައިގެން އައިސް މަންޒިލްކޮށްލާ ކޮންމެ ވާދީއެއްގައި ދުރުތާ ތިމާގެމީހުންނަމަވެސް އެބައުޅެއެވެ. އެކަމަކު...އާހް! އަހަރެންނަކީ ހައުދަހައި ނިކަމެތި އެކަނިވެރިޔަކީމެވެ. އަހަރެންގެ ހިތުގެ އިޙްސާސް ތައް އެ މީހަކަށް ކިޔައިލައިދޭނެ މީހަކު އެއިން އެއްވެސް ތާކު ނެތެވެ. އަހަރެންގެ ޙަޔާތުގައި، އަހަރެންނާ އެއްހަމައެއްގައި، އަހަރެންނާ އަތުގުޅައިލައިގެން، އެއް މަންޒަރެއް ބަލަމުން، އެއް ރާގެއް ކިޔަމުން ހިނގައިލާނޭ ހަމްދަރުދުގާރަކު ނެތެވެ. އަހަރެންގެ ހިތުގެ ހުސްކަމާއެވެ! އަހަރެންގެ ރޫޙު ހިނގަން އޮތް މަގުގެ ހަނަފަސްކަމާއެވެ!“

ހައުދަހައި ގިނައިން އިވޭ އަޑެކެވެ. ޒުވާނުންނާއި ދެވަންފުރައިގެ މީހުންގެ ފަރާތުުންނެވެ. މަދުމަދުން ނަމަވެސް މުސްކުޅިފުރައިގެ މީހުންގެ ފަރާތުން މެއެވެ. އަޑެއް ކިއްޔާ ރެނދެއްލާނެޔޭ ބުނެވޭ ބީދައިން އަޑެއް އިވޭނީ ރެނދުތަކެއް ލައިފައި ހުރީމާތާއޭ ހިތަށް އަރައެވެ.

އަހަރެންގެ ހިތުގެ ހުސްކަމާއޭ، އަހަރެންގެ ރޫޙު ހިނގަން އޮތް މަގުގެ ހަނަފަސްކަމާއޭ، މިކަހަލަ އެއްޗިހި ހިތާހިތާ ނަމަވެސް ކިޔައިއުޅޭ ހަމަ ކޮންމެ މީހެއްހެން، ތިމާގެ ހިތާއި ރޫޙުގެ ޔާރެއް ފެނޭތޯ ބަލައި ހޯދަން ނުކުރާކަށް ކަމެއްވެސް މިހައިރަކަށް އައިސް ނޯވެއެވެ. އެފަދަ ޚަޒާނާއެއް ލިބޭތޯ ބަލަން ނުކުރާކަށް ހޭދައެއްވެސް ހަމަ ނޯވެއެވެ. އެބުނާ ކަހަލަ ޖަވާހިރެއް އަތުޖެހޭތޯ ބަލަން މަކަރުވެރި ފަންޑިތަވެރީންގެ އަނދިރި ދޮރޯށިތައް ދޮރުގައި މުގޯލި އަޅާ މީހުންވެސް މަދުމަދުން އުޅެޔޭ ބުނާ އަޑުވެސް އަހަރެންނަށް އިވެއެވެ. ޙަޔާތުގެ ދަތުރުގެ ހަމްސަފަރު ’ސޯލްމޭޓް‘ އެއް ނެތިއްޔާ ޙަޔާތުގެ ކޮންމެ ކަމެއްމެ، ހަށިފުރައި ނޭވާއެއް ލައިފައި ޖައްވުގެ ތެރެޔަށް ދޫކޮށްލާ އާހަކާ އެކީ ނޫނީ، ނުކުރެވޭ މީހުން ހަމަގައިމުވެސް އެހައި މަދެއްނޫނެވެ.

އަހަރެންވެސް ޤަބޫލުކުރަމެވެ. އިންސާނުންނަކީ އެކަނި އުޅުމަށްވުރެ ’ދެކަނި‘ ވެގެން އުޅުމާ ދޯޅުބައެކެވެ. އެހެންނަމަވެސް... ހަށިފުރައި ނޭވާއެއް ލައިފައި، އާހަކާ އެކީނަމަވެސް ބުނެލަން މި ޖެހެނީ، ކޮންމެ އިންސާނަކީ ޙަޔާތުގެ ދަތުރުގައި ދާއިމީ ’ހަމްސަފަރް‘ އެއް ލިބުމުގެ ނަސީބު ލިބޭ މީހަކަށް ނުވެ ހިނގައިދާނެޔޭއެވެ. ޙަޔާތުގެ ސަރާސަރު ދިގު މަގު އެއްކޮޅުން އަނެއްކޮޅަށް އެކަނި މާއެކަނި ހިނގަން ޖެހިދާނެ މީހަކަށް ވެދާނެއޭއެވެ. ބައެއް މީހުންނަށް އެ ކަން ޤަބޫލުކުރަން ދަތިވިޔަސް، ޙަޤީޤަތަކީ އެކި މީހުންނަށް އެކި ގޮތަށް އޮންނަ އެއްޗެކެވެ. މީހަކަށް ދުއްވަން ލިބޭ ސައިކަލުގެ މަޑީގެ އެއްބަޔަށް ކުރީސީޓު، އަަދި ފަހަތުބަޔަށް ފަހަތުސީޓު ކިޔަސް، އެ ސައިކަލަކީ އެންމެ މީހަކު އެކަނި ދުއްވައި ބައުވެގެން ދަބަރަށްވާން  މާކުރިން ހަމަޖެހި ނިމިފައިވާ ސައިކަލަކަށް ވެސް ވެދާނެއެވެ. މިއީ، މިޒަމާނުގެ ބަހުރުވައިން ނަމަ، ވަރަށް ވާހަކައެވެ. މިކަން ޤަބޫލު ކުރަންވާނެއެވެ.

ޙަޔާތުގެ ދަތުރުގެ ބޮޑުބައި ތިމާޔަށް ކަޑައްތު ކުރަން މި ޖެހެނީ ފަހުން މިބުނި ކަހަލަ ސައިކަލެއްގައި ތާއޭ ހިތަށް އަރާ ކޮންމެ އަންހެނަކަށާއި ފިރިހެނަކަށް، މުސްކުޅިޔަކަށާއި ޒުވާނަކަށް، އަހަރެން ހުށައަޅާ ހުށައެޅުމެއް އެބައޮތެވެ. ރަނގަޅަށް އަޑުއަހާށެވެ!

ޙަޔާތުގެ މަގުމަތީގައި އެކަނި ދުއްވާތާ ދުވަސްކޮޅެއް ވާއިރަށް، ކުރިން މިބުނި ކަހަލަ ހިތި އެކަނިވެރިކަމެއް އަބަދުމެ އިޙުސާސް ކުރެވޭ ކޮންމެ މީހަކަށް ދޭން ކަމަށް ފޮތެއްގައި ލިޔެގެން ގެންގުޅޭ ނަސޭހަތެއް އަހަރެން އަތުގައި އެބައޮތެެވެ! އަޑުއަހާށެވެ!

އެންމެ ފުރަތަމަ ކަމަކަށް ކުރާންވީ ކަމަކީ، އަހަރެން ދެކެ އިޚްލާޞްތެރި ލޯތްބަކުން ލޯބިވާނެ މީހަކު ހަމަ ނެތޭ، ހަމްދަރުދުގާރަކު ނެތޭ، ހިތުގެ ހުސްކަމާއޭ، ރޫޙު ހިނގަން އޮތް މަގުގެ ހަނަފަސްކަމާއޭ، މިކަހަލަ އެއްޗިހި ހިތަށް އެރުވުން މިހިސާބުން ހުއްޓައިލުމެވެ. އެޔަށް ފަހު، ސާދަވިލޭރޭގެ ހަނދުވަރުވެސް އެތަންތަނަށް ފުރަގަސްދީފައި ދާ ކަހަލަ އެކަނިވެރި އަނދިރި ގޮނޑުދޮށްތަކުގައި ކޮންމެ ރެޔަކު އެކަނިމާއެކަނި ދެން ނީންނާށެވެ. ބޮޑެތި ރަށްރަށުގެ އަތިރިމަތީ ތޮށިގަނޑުމަތީގައި ރާޅު ގުނަން އެންމެރެޔަކުވެސް މެންދަމުން އަލިވަންދެން ނުއިންނާށެވެ. އަދި ކޮންމެވެސް ޚާއްޞަ ރެއެއްގެ މާމުއި ހަނދާނެއްގެ ހިޔަންޏެއް އެޅުނު އުނިގަހެއްގެ ހިޔަލުގައި ޕާކުކުރި ސައިކަލު އެތަނުން ނަގައިގެން މުޅިން އެހެން ދަތުރެއް ފަށާށެވެ.

ކޮންކަހަލަ ދަތުރެއްހެވެ؟ އަޑުއަހާށެވެ!

ދުއްވަން ތިޔަ ގެންގުޅޭ ސައިކަލުގެ މަޑީގައި ކުރީބަޔަކާއި ފަހަތުބައެއް ހުއްޓަސް، އެއީ އޭގެ ޒާތުގައިވެސް، އުފެދުމުގައިވެސް، ފަރުދީ ހަމަ އެކަކަށް ހުރި މަޑިއެއްކަން ޤަބޫލުކުރާށެވެ. އަދި ނަސީބުވެރީންކަމަށް ތިޔަ ދެކޭ ’ރޫޙުގެ ދެކަނި‘ ނަސީބުވެރީން އެ މަގެއްގައި އެ ދުއްވާ ހަލިމަގަށް އޮޅިގެންވެސް ނާރާށެވެ. އެރިފައި އޮތަސް އަވަަހަށް ފައިބާށެވެ!

ދިރިއުޅުމުގައި ގިނަ މީހުން އެމަގެއްގެ މަތީގައި އެ ދުއްވާ ހަލިމަގަކީ ބަލައިލަން ކިތަންމެ ރީތި މަގެއް ކަމަށް ވިޔަސް، އެ މަގުގެ ނަން ކިތަންމެ ’ހަލި‘ވިޔަސް، މަގަކީ ނުރައްކަލުން ފުރިގެންވާ މަގެއްކަން ކޮންމެ ދުވަހެއްގެ ނޫސްތަކުން އެ ހުންނަނީ ފެނިފެނިއެވެ. އިންޖީނަށް އަޅާ ޒާތްޒާތުގެ ތެޔޮ އެނދީމައި އެ އަރާ ހޫނު ދުންތަކާއި ވިހަ މާއްދާތަކާ އެކު ނޭވާލާން މަޖުބޫރުވުމަކީ އެ މަގުގެ ރޫޙެވެ. އެ ދުމާއި ހޫނުގެ ތެރެއިން އެ އިވޭ ބަރުގޮނުތަކުގެ ރާގެއްނެތް އަޑަކީ އެ މަގުގެ އުފަލެއްނެތް މިޔުޒިކެވެ. މަގަށް އަރާ ކޮންމެ މީހަކީ މަގުން ލައިގަންނަ އެހެން މީހުންނަށް ރަޙުމެއް، ކުލުނެއް، އަގަލެއް ހުންނާނެ މީހެއް ނޫނެވެ.އެ މަގަށް އަރާ ކޮންމެ މީހެއްގެ މަޤްޞަދަކަށް ވަނީ އެންމެ ކަމެކެވެ. އަނެކާގެ މޫނަށް ކަނދުރާޔަށް ނުބަލައި،ވީހައިވެސް ބާރަކަށް ދުއްވައިފައި ގޮސް އެމަގުން ފޭބުމެވެ. އަދި ތިމާގެ މަންޒިލް މަޤްޞޫދަށް ދާން އޮންނަ ކޮންމެވެސް ހަނި ގޯޅިޔެއް އެޅުމެވެ. އެހެންކަމުން، އެ މަގަށް އަރައިގެން އެ އުޅޭ އެންމެންގެ ކިބައިން ސަލާމަތްވާށެވެ. އާނއެކެވެ! އަހަރެން މިދައްކަނީ މަޖާޒީ މަގެއްގެ ވާހަކައެވެ. އެ މަގަށް މަޖާޒީ ގޮތުން އަރާ މީހުންގެ ކިބައިން މަޖާޒީ ގޮތުން ސަލާމަތްވާ ވާހަކައެވެ.

ކުރިޔަށް ދަމާ ހިނގާށެވެ! ހަލިމަގުގެ ކާރޫބާރޫ މާޒީގެ ތެރެޔަށް ދޫކޮށްލާށެވެ. ތަންކޮޅެއް ކުރީގައި އެއްތަނުން އަނެއްތަނަށް ދާން ހަދައިފައި އެ ހުންނަ ކަހަލަ، އާދައިގެ ކުދި މަގުތަކާއި ގޯޅިތަކުން މަޑު ދުވެއްޔެއްގައި ޙަޔާތުގެ ސައިކަލު ދުއްވަން އަލުން ދަސްކުރާށެވެ. އެއިން މަގެއްގައި ދުއްވައިފާ ދާއިރު، މަގު އޮތީ އެހައި ތެދަކަށް ނޫނޭ ހީވާ ކޮންމެ ފަހަރަކު، އެއީވެސް މަގުގެ ރީތިކަމުގެ ބަޔެކޭ ހީކޮށްލައިފައި ކުރިޔަށް ދާން އާދަކުރާށެވެ. އެއް ދިމާޔަކުން ފުނަޔާއި ހިރުނދާއި ކާނި ފެނިފައި، ކުރިމަތީގައި އޮތް ލެނބުމުން ލަނބައިލާއިރު ކުރިމަތިން ކުއްލިޔަކަށް އެ ފެންނަނީ ދެޔޯދާރާއި ޞުނޫބަރު ކަމަށް ވެފައި، މަގުގެ އަރިމަތީގައި އެ އޮތީ ފެން މީރު ކޯރެއްހެން ހީވީމައި، ތަނާއި މާޙައުލަށް އައި ބަދަލަށް ނުސިހި، އެ ކަމާ ދޭތެރޭ ފިކުރު ނުކޮށް، އެ ކަންވެސް ހެޔޮހިތުން ބަލައިގަންނާށެވެ. އެކި ގަސްގަހުން ގޮވައިލާ ދޭސީ ކޮވެއްޔާއި މައިނާގެ އަޑު،  ހުޅިރީތި ގުރަޔާއި ޢަޞްފޫރުގެ އަޖުނަބީ ލަވަތަކަށް ބަދަލުވިޔަސް، އެ ދޫނިތަކުގެ ލަވައިންވެސް ހިތަށް އެލިބޭ އުފާވެރިކަމަށްޓަކައި ޝުކުރުވެރިވާށެވެ. ދުނިޔޭގައި ލައްވައިފައިވާ، މިކަހަލަ އެތައް އެތައް ނިޢުމަތެއްގެ ސާފު ރާޙަތާއި ލައްޒަތު ސާފު މަގުން ރިވެތި ގޮތުގައި ލިބިގަންނަ ޙާލު، އެކަންކަމަށް ފުރަގަސްނުދޭށެވެ. މަޖާޒީ ގޮތުން ނޫނީ މަޢުނަވީ ގޮތުން ވިއްޔާ އަދި މާ ރަނގަޅެވެ.

ދައްކަން ހުރި ވާހަކަ އެ ހިސާބުން އެ ނިމުނީހެވެ؟ ނޫނެކެވެ.

ދެންމެ އެކުރެވުނު ސުވާލު ކުރުމާ ހަމަޔަށް މިބުނި މަގުން ދަތުރުކުރި މީހާޔަށް ރިވެތި ގޮތުގައި މިހައި ހިސާބަށް އާދެވިއްޖެނަމަ، ދެން ކުރިމަތީގައި އޮންނާނީ ދަތުރުގެ އެންމެ މުހިންމު މަރުޙަލާއެވެ. އެއީ، އެހައިތަނަށް ދުއްވަން ގެންގުޅުނު ސައިކަލުވެސް ކޮންމެވެސް އުނިގަހެއްގެ ދަށަށް ދޫކޮށްލުމުގެ މަރުޙަލާއެވެ. ދެބަޔަށް ހުރި މަޑިއާއި، ޖަހައިފައި ހުރި ދަބަރަކާވެސް އެކުގައެވެ. މީހާޔަށް އެއިރު ހުންނާނީ ހިތާއި ނަފުސުގެ ވަރުގަދަކަމަކީ ކޮބައިކަން ފިސާރި ރަނގަޅަށް އެނގި، ދަސްވެފައެވެ. އަމިއްލަ ނަފުސަށް ކުރާ އިރުބާރަކީ ތިމާ އަތުގައި އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރުކަން އަދި މާ ރަނގަޅަށް އެނގިފައެވެ. ތިމާގެ ކެރިފޯރުންތެރިކަން ހުރި މިންވަރާ އަރައިއަރަފޯދިގެންވާ އުޅަނދެއްގެ ހުންގާނުގައި ހިފުމަށް ތައްޔާރުވެސް ވެވިފައެވެ.

އަހަރެން މިބުނާ އުޅަނދަކީ ރަމްޒީގޮތުން ކުޑަވަރެއްގެ މަތިންދާބޯޓެއް ކަމުގައި ހީކޮށްލާށެވެ. ސައިކަލު ދޫކޮށްލާ ހިސާބަށް އާދެވޭ ކޮންމެ މީހަކު ހުންނާނީ މިބުނާ މަތިންދާބޯޓުގައި އެކަނި ދަތުރުކުރަން ތަޞައްރަފު ފުދި، ފުރިހަމަޔަށް ތައްޔާރުވެވިފައެވެ. އޭނާ ހުންނާނީ، ކުދި މަތިންދާބޯޓު ބިމާ މާކައިރިން ދުއްވީމައި، ނުފެންނަ އަތަކުން ބޯޓު ނަގަހައްޓައިގެން އުޅޭހެން އެ ހީވާ ހީވުމުން ވީއްލޭ ހިސާބަށް ބޯޓައިގެން އަވަހަށް މައްޗަށް އަރައިގެން ދިޔުން އެއީ ކުރާ ކޮންމެ ދަތުރެއްގެ އާދަޔަކަށް ވާހައި ފަރިތަކަމާއެކު އުދުހެން އާދަވެފައެވެ.  ހޫނުގަދަ ދުވަސް ދުވަހު ހަލިމަގުމަގާ މާ ގާތްވީމައި، ލޮލަށް ނުފެންނަ ވަރުގަދަ އަތަކުން ބޯޓު އެ ތަޅުވައިގަންނަ ތަޅުވައިގަތުންތަކަށްވެސް ދުރާލާ ތައްޔާރުވެ، ތިރީގައި އެވަގުތަކު އޮތް ހަލިމަގެއްގެ ދުމާއި އަޑާއި ހޫނާއި ކޯޅުންތަކުގެ އަސަރެއް ޢަމުދުން ނުކުރާ ހިސާބު މަތީގައި އުޅެން އަބަދުމެ ބޭނުންވެސްވެފައެވެ. ފިނިފިނި ސާފު ވައިގެ ތެރެއިން ދާންވީ ތަނަށް ސީދާ ދިޔުމުގެ ޤާބިލް ކަން ލިބިފައެވެ. ބައިވެރިޔެއް، އެކުވެރިޔެއް، ހަމްސަފަރެއް، ނުވަތަ ’ސޯލްމޭޓެއް‘ ގެ ޞަރޫރަތްތެރިކަން އެއީ މާޒީގެ ތެރެއިން ފެނުނު ހެއްވާ ހުވަފެނެއްކަން އެނގި ދަސްވެފައެވެ. އަނދިރި ގޮނޑުދޮށްތަކާއި، އެކަނިވެރި ތޮށިގަނޑުތަކާއި، އެއްކަލަ ކަހަލަ އުނިގަހާ ދިމާޔަށް ނޭނގި ދެވުމަކީ ވިސްނުމުގައި ހުރި އުނިކަމެއްގެ ސަބަބުން ކުރެވުނު އިސްރާފެއް ކަން މާ ރަނގަޅަށް އެނގި ނިމިފައެވެ. ޙަޔާތުގެ ޙަޤީޤީ މާނަޔާއި ފޮނިމީރުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޝުކުރުވެރިކަމާއެކު ލިބިގަނެ، އޭގެ ފައިދާ އެހެން މީހުންނަށްވެސް ފޯރުކޮށްދޭނޭ އެތައް އެތައް ގޮތެއް އެނގި ނިމިފައެވެ.

މިހުރިހައި ވާހަކައެއް އިވުނީ ހުވަފެނެއްގައި އިވޭ އަޑެއްގެ ސިފައިގައި ކަމަށް ވިޔަސް، އެކަނިވެރި ޙަޔާތެއްގެ ފިކުރާއި ޚިޔާލަކީ ވޭނަކަށް ނުހަދައި، އެއީ ލިބޭ ފުރުޞަތެއް ކަމުގައި ބަލަން ބުނެދޭން ހުވަފެނަކީވެސް ހައުދަހައި މޮޅު އުސްތާޒެއްތާއެވެ! އަދި ނަސޭހަތް ދިނުމުގެ މަގުގައި އެހައިމެ މޮޅު އެދުރެއްވެސް ތާއެވެ! އޭ ހިތުގެ ހުސްކަމާއޭ، ރޫޙު ހިނގަން އޮތް މަގުގެ ހަނަފަސްކަމާއޭ ގޮވާ ބައެއް މީހުން ހަމަ މަގަށް އަނބުރައި އެޅުވުމުގެ މެދުވެރި މޭސްތިރިޔެއްތާއެވެ! ވައިއަޑުން ބުނަންހެވެ؟ އެ އެދުރަށް ކިޔާ ނަމަކީ ހުވަފެނެއް ނޫނެވެ. އެދުރަށް ކިޔަނީ އަަދި އެހެން ނަމެކެވެ.