Support Us

އުތުރުތިލަފަޅު އިންޑިއާގެ ފަރާތުން ތަރައްގީކުރުމުގެ އެއްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސޮއިކުރައްވަނީ (21 ފެބްރުއަރީ 2021) -ފޮޓޯ: އެމް.އެން.ޑީ.އެފް 
އުތުރުތިލަފަޅުގެ އެއްބަސްވުމުގެ މައްސަލަ:

އެއީ ސައްޙަ ލިޔުމެއް، އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް: އުމަރު

އިންޑިއާގެ ކަނޑުގެ ލަޝްކަރު ހަތިޔާރާއެކު އުތުރު ތިލަފަޅުގައި 30 އަހަރު ދުވަހު ތިބެވޭ ގޮތަށް އިންޑިއާއާއެކު ރާއްޖެއިން ހަދައިފައިވާ އެއްބަސްވުމުގެ ޑްރާފްޓަކީ އޭނާ ލީކުކޮށްލި ސައްހަ ލިޔުމެއް ކަމަށާއި އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިސްތިއުމާރީ ގޮތުން އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ގަދަޔަށް އަޑު އުފުއްލަވާ އުމަރުގެ ފޭސްބުކްގައި މިއަދު ވަނީ އަށް ސަފުހާގެ ޑްރާފްޓް އެގްރިމަންޓުގެ ކޮޕީ ލީކުކޮށްލައްވައިފައެވެ. އުމަރު ލީކްކޮށްލައްވާފައި ވަނީ މާލޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން، ފޮރިން މިނިސްޓްރީ އަށް ކޮޕީކޮށް ޑިފެންސް މިނިސްޓްރީއަށް 22 ޖޫން 2020 ގައި ފޮނުވި ޑިޕްލޮމެޓިކް ކަވަރިން ނޯޓާވެސް އެކުގައެވެ. އެ ނޯޓު ބުނާ ގޮތުން އެގްރިމަންޓުގެ ކޮޕީ ފޮނުވީ ހަމައެކަނި ޑިފެންސް މިނިސްޓްރީއަށެވެ. ފޮރިން މިނިސްޓްރީ އަށް ފޮނުވީ ހަމައެކަނި ކަވަރިން ނޯޓެވެ.

އެއާއެކު ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނެ ދައުުރުވަމުންދާ ލިޔެކިއުންތަކަކީ ހަގީގަތާ ޚިލާފު، ދޮގު ކިޔެކިއުންތަކެއް" ކަމަށެވެ. އަދި "ދިވެހި ގައުމުގެ ސަލާމަތާއި ސިޔާދަތަށް ބުރޫއާނެ އެއްވެސް ކަމެއް އަސްކަރިއްޔާއިން ނުކުރާނެ" ކަމަށެވެ.

މި ކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ދިވެހި ސިފައިންގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ ވަރަށް ދަށުދަރަޖައިގެ، ފިނޑި އަމަލެއް" ކަމަށެވެ.

އުމަރު ލީކޮށްލައްވާފައިވާ ޑްރާފްޓް އެގްރިމަންޓަކީ "ފޭކް އެގްރިމަންޓެއް" ކަމަށް އިންޑިއާ ހައިކޮމިޝަންގެ އިސް އޮފިޝަލަކުވެސް މިއަދު ވިދާޅުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަ ދައްކަވަނީ -ފޮޓޯ: ޑީ.އެން.އޭ

ނަމަވެސް އުމަރު ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިއަދު އަޅުގަނޑު ލީކްކޮށްލި އެއްބަސްވުމަކީ ސައްޙަ ލިޔުމެއް" ކަމަށާއި "އެއީ އިންޑިޔާއިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް" ކަމަށެވެ. އަދި އޭގެ އިތުރު ތަފްސީލް މާދަމާ ހާމަކުރައްވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޭނުމަށްޓަކައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ޤާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައި އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ މިދިޔަ ފެބްރުއަރީ 21 ގައެވެ. އެ  އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީ އާއި ކުއްލިއަކަށް ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރެވެ. ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައި ވަނީ އިންޑިއާ އިން ހުށަހެޅި ޑްރާފްޓް އެގްރިމަންޓުގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ. މި އެއްބަސްވުމުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމައެއް ނުކުރިއެވެ. ނަމަވެސް، އިންޑިއާގެ ސިފައިން ހަތިޔާރާއެކު އުތުރުތިލަފަޅުގައި ނުތިބޭނެ ކަމަށް އެމް.އެން.ޑީ.އެފުން އޭރު ވަނީ ބުނެފައެވެ.

އިންޑިއާ ހައިކޮމިޝަނުން 22 ޖޫން 2020 ގައި ޑިފެންސް މިނިސްޓްރީ އަށް ފޮނުވި ޑްރާފްޓުގެ އެގްރިމަންޓުގެ ބައެއް

ލީކުކޮށްލާފައިވާ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާގެ މިލިޓަރީ ފައުޖު ހަތިޔާރާއި އެފަދަ އާލާތާއެކު ޑިއުޓީ އަދާކުރުމަށް އުތުރު ތިލަފަޅުގައި 30 އަހަރު ތިބެވެންޖެހޭނެއެވެ.

އިންޑިއާ ހައިކޮމިޝަނުން 22 ޖޫން 2020 ގައި ޑިފެންސް މިނިސްޓްރީ އަށް ފޮނުވި ޑްރާފްޓުގެ އެގްރިމަންޓުގެ ބައެއް

މީގެ އިތުރުން އެގްރިމަންޓުގައި ސޮއިކުރުމާއެކު އެއްބަސްވުމަށް އަމަލްކުރަން ފެށޭނެ ކަމަށާއި އެއްބަސްވުމުގެ 30 އަހަރުގެ މުއްދަތު ހަމަވުމުން، ދެ ފަރާތުން އެހެން ގޮތަކަށް އެއްބަސްނުވެވޭ ނަމަ، އިތުރު 30 އަހަރަށް އެގްރިމަންޓު އޮޓޮމެޓިކުން އާވާނެ ކަމަށް ވެސް، 12 މާއްދާގެ މައްޗަށް އެކުލެވޭ އެ އެގްރިމަންޓުގެ އެންމެފަހު މާއްދާއެއްގެ ގޮތުގައި ހިމަނައިފައިވެއެވެ.

މި ޑްރާފްޓް އެގްރިމަންޓް ލީކުވުމާ ގުޅިގެން، ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިިލިސްގެ މެމްބަރު އާދަމް ޝަރީފު އުމަރު ވަނީ، އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވައި، އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާ ފަދަ ކަންތައްތަކެއް ހުރިތޯ ބައްލަވައިދެއްވުން އެދިވަޑައިގެން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވައިފައެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިިލިސްގެ މެމްބަރު އާދަމް ޝަރީފު އުމަރު

"އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ވެފައިވާ އެއްބަސްވުންކަމަށް ބެލެވޭ ލިޔުމެއް މީޑިއާތަކަށްވަނީ ލީކުވެފައެވެ. ލީކުވެފައިވާ މިއެއްބަސްވުމަށް ބަލާއިރު ޤައުމީ ސަލާމަތަށް ނުރައްކާ ވާފަދަ އަދި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ގިނަގުނަ ކަންތައްތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިކަމާގުޅިގެން ރައްޔިތުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ. ވުމާއެކު، އުތުރުތިލަފަޅު ތަރައްޤީކުރުމަށް ދިވެހިސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެގޮތް ހައްދަވައިދެއްވައި، އުތުރު ތިލަފަޅު ތަރައްޤީކުރުމަށް ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ޤައުމީ ސަލާމަތާއި ޤައުމުގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަންތައްތަކެއް ހުރިތޯ ބައްލަވައިދެއްވުން އެދެމެވެ." އިދިކޮޅު ޕީ.އެން.ސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. ފޭކް އެއްޗެއް ކަމަށް ވާނަމަ، އަޞްލު އެގްރީމެންޓް، އެންމެ ކުޑަމިނުން 241 ކޮމިޓީއަށް ހުށަހަޅާން ނުކެރެނީ ކީއްވެ؟ އެއީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފު އެއްބްސްވުމެއް. ޢަމަލުކުރާން ނުޖެހޭނެ އެއްބސްވުމެއް. މިހާޜު މި ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފުވެފައިވާތީ ސަރުކާރުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް އަހުލިއްޔަތެއް ނެތް. މިހާޜު ވެރިކަމުގެ ބާރުތަކުގައި އެ ތިއްބަވަނީ ޚުދުމުޚުތާޜުކަމާއެކު މިޔަންމާރުގެ އަސްކަރީ ވެރީން ބާރުގައި ތިބި ގޮތަށް ބާރުގެ ބޭނުންކޮށްގެން. މިކަމަށް ސުޕްރީން ކޯޓުން ފިޔަވަޅު ނާޅާނަމަ އެ ކޯޓުގެ ފަނޑިޔާރުން ވެސް އެ ތިއްބެވީ ޤައުމަށް ޣައްދާރުވެގެން.

  2. މިއީ ވަރަށް ވިސްނަންޖެހޭ ކަމެއް، މިހާރު ފިޔަވަޅު ނާޅައިފިނަމަ ފޫބައްދަން އުނދަގޫ ވާނެކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *